މާލޭގައި މިވަގުތު އޮތް އެންމެ ހިތްގައިމު ޕާކް، “ލޮނުޒިޔާރަތް ޕާކް” މިއަދު ހުޅުވައިފިއެވެ. މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރެވެ.

ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުޙައްމަދު ޞާލިހް ވާހަކަފަޅު ދައްކަވަމުން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަސްއޫލިއްޔަތާ މި ސަރުކާރުން ހަވާލުވުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް ކަމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއިން ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުން ކަމަށާއި, މިއަދު ހުޅުވި ޕާކަކީ، މި މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފަދަ ޕާކެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މި ގޮތުން މާލެ ފަދަ ކުޑަ ރަށެއްގައި ގިނަ އަދަދެއްގެ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ، ޢާންމު ޞިއްޙަތަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް ނޭދެވޭ އަސަރުތައް ފޯރާ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މާލޭގައި ހުސްބިންތައް އުފައްދައި، ޢާއިލާތަކުގެ މެންބަރުން އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅެވޭނެ މައިޒާންތަކާއި ޕާކުތައް ހުރުމަކީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ވެސް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ގެ މިހާލަތަށް ރިޢާޔަތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ޕާކުތަކުގެ ބޭނުން ހިފުމުގައި ވީވަރަކުން ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދީގެން މިފަދަ ޕާކުތަކުގެ ބޭނުން ހިފުމަށް ނަޞޭހަތްތެރިވެ ވަޑައިގަންނަވާފައެވެ. އަދި ކޯވިޑް-19 ގެ ސަބަބުން، މުޅި ދުނިޔޭގައި ވެސް، ނަފްސާނީ ބަލީގެ އަސަރުކުރާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންކަމަށާއި, މިފަދަ ޕާކުތަކާއި ހުސް ބިންތަކަށް ނުކުމެ ވަގުތު ހޭދަކުރުމަކީ، ގިނަ ވަގުތު ގޭތެރޭގައި ތިބެންޖެހުމުން ކުރިމަތިވާ ހާސްކަމާއި ކަންބޮޑުވުންތަކަށް ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށް ވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ, މާލެއަކީ ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމުގައެވެ. އެ ގޮތުން މާލެއަށް އުފަން ރައްޔިތުންނަށް މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީ ވެސް، މާލޭގެ މައްސަލަތަކަށް ބޭނުންވާ ވަރަށް އަވަސް ޙައްލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

އެހެންކަމާއެކު, އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫޢުތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އެންމެ އިސްކަން ދީގެން ކުރާނެ އެއް ކަމަކީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް, އަންނަ އަހަރުގެ ތެރޭގައި މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ އިތުރު މަސައްކަތްތައް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުން ފާހަގަކުރެއްވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.