ބައިސްކަލަކީ ދަތުރުފަތުރު ކުރުމަށާއި ފޫހިފިލުވައިލުމަށް އާއްމުކޮށް ބޭނުންކުރާ ވާހަނައެކެވެ. ޒަމާނަށް އަންނަ ބަދަލާއެކު ބައިސްކަލުތަކަށް ވެސް ބަދަލުތައް އާދެއެވެ. ރެލީ ބައިސްކަލާ، ޝޮޕަރު ބައިސްކަލާއި ހޮންޑާ ބައިސްކަލަކީ އަހަރުމެން އެންމެންވެސް ދަންނަ ބައިސްކަލު ބުރޭންޑުތަކެކެވެ. ނަމަވެސް ޓްރެޑްމިލް އީ-ބައިކް ނުވަތަ ލޮޕިފިޓް ވޯކިންގ ބައިސިކަލް މިއީ ހަމަ ގައިމުވެސް އެހާ އާއްމު ބައިސްކަލެއް ނޫނެވެ.

ޓްރެޑްމިލް އީ-ބައިކް އުފެއްދުމުގެ އައިޑިއާއަކީ ބައިސްކަލު ދުއްވުމަށް ފިޔަވަޅު އަނބުރާއިރު ޓްރެޑްމިލް އެއް ހަރަކާތްތެރިވާ ގޮތް ހެދުމެވެ. މިއީ ކަރަންޓު ބޭނުންކުރާ ބައިސްކަލެއް ނަމަވެސް، މި ބައިސްކަލު ދުއްވުމަށް، ދުއްވާ މީހާއަށް ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކުރަން ޖެހެއެވެ.

ޗައިނާގެ މީސް މީޑިއާއިން ފެންނަ ބައެއް ބައިސްކަލުތައް ދުއްވާއިރު، ފެންނަނީ ދުއްވާ މީހާ ޓްރެޑްމިލް އެއް މަތީގައި ހުރެ ހިނގާތަނެވެ. މި ބައިސްކަލު ވައްތަރީ ތަންކޮޅެއް ބޮޑު ސައިޒެއްގެ އިސްކޫޓަރު ސައިކަލަކާއެވެ.

މި ވައްތަރުގެ ބައިސްކަލުގެ މަޢުލޫމާތުތައް ހޯދައިލުމުން އަހަރުމެންނަށް އިތުރަށް އެނގުނީ މިއީ 2016 ވަނަ އަހަރު ޑަޗް މީހަކު އުފައްދާފައިވާ ބައިސްކަލެއް ކަމެވެ. ބައިސްކަލު ފަރުމާކުރީ ބްރޫން ބާރގްމީސްޓަރ އެވެ. މި ބައިސްކަލަށް ދީފައިވާ ނަމަކީ “ލޮޕިފިޓް” އެވެ.

މި ބައިސްކަލު އުފެއްދުމުގެ ޚިޔާލު ބްރޫން ބާރގްމީސްޓަރ އަށް ލިބުނީ އޭނާ ޖިމްގައި ހުއްޓައެވެ.

“ގެއިން ބޭރުގަ ޓްރެޑްމިލް ބޭނުންކުރާނީ ކިހިނެއްބާ؟ ފުރޮޅުލީ ވާހަނައެއްގައި ޓްރެޑްމިލް އެއް ބެހެއްޓުން ކިހިނެއްވާނެބާ؟” ބްރޫން ބާރގްމީސްޓަރ ހިތަށް އެރި އެއްޗެހި ހިއްސާކުރަމުން ބުންޏެވެ.

“ލޮޕިފިޓް”ގެ ނަމުން ބައިސްކަލަށް ނަން ދިނީ “ލޮޕޭން lopan” (ޑަޗް ބަހުން މާނައަކީ ހިނގުން) މި ލަފުޒާއި “ފިޓް fit” ލަފުޒު އެއްކޮށްލައިގެންނެވެ. މިތަނުގައި ފިޓްގެ މާނައަކީ ޞިއްހަތު ރަނގަޅު، މި މާނައެވެ. މީގެ ބައިސްކަލެއްގެ އަގަކީ 2500 އެމެރިކާ ޑޮލަރެވެ. އެހެން ނަމަވެސް، ކޮންމެ މޮޅު އުފެއްދުމެއް ނަކަލުކޮށްލައިގެން އުފައްދާ އަގުހެޔޮކޮށް ވިއްކަމުން އަންނަ ޗައިނާ މީހުން މިވަނީ މި ބައިސްކަލުގެ ފަންނިއްޔާތުވެސް ނަކަލުކޮށް އެމީހުންގެ އުފެއްދުމެއް ބާޒާރަށް ނެރެ އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ. ޗައިނާގެ އުފެއްދުން ވިއްކަނީ އެންމެ 600 އެމެރިކާ ޑޮލަރަށެވެ. ކަސްޓަމަރުންނަށް ރަނގަޅުތާދޯ އެވެ.

ލޮޕިފިޓް ބައިސްކަލު މަސައްކަތްކުރާ ގޮތް މި ހިއްސާކޮށްލާ ވީޑިއޯތަކުން އެނގޭނެއެވެ.

https://www.youtube.com/watch?v=yRAEnnZLQgc

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.