ދިވެހި މިއުޒިކީ އުފެއްދުންތަކަށް ބޮޑު އިންޤިލާބީ ބަދަލެއް ގެނައި ލަވަތަކަކާއެކު މަޝްހޫރުވެގެން ދިޔަ ލަވަކިޔުންތެރިޔާ މޭނާ ހައްސާނުގެ މުޅިން އައު ދިވެހިވަންތަ އަލްބަމެއް ބައިސްކޯފުން ނެރެފިއެވެ. “އެވޭލާ ޒަމާން”ގެ ނަމުގައި ބައިސްކޯފުގެ ދެވަނަ އަހަރީ ދުވަހަށް ޚާއްޞަކޮށްގެން ނެރެފައިވާ ބޮޑުބެރާއި އިންސްޓްރޫމެންޓަލް މިއުޒިކް ހިމެނޭ އަލްބަމަކީ އިހުގެ ބޮޑުބެރު ފީލްއާއި ޒަމާނީގޮތްތައް ހިމެނޭ ހިތްގައިމު އަލްބަމެކެވެ.

ދިވެހިން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ މޭނާ ހައްސާނުގެ “އެވޭލާ ޒަމާން” އަލްބަމު ބައިސްކޯފު އެޕުން މިހާރު އަޑުއަހައިލެވޭނެއެވެ. މި އަލްބަމުގައި ޖުމްލަ ހަތަރުލަވަ ހިމެނޭ އިރު، އިހު ޒަމާނުއްސުރެން ކިޔަމުން އަންނަ ނާނާ ‘ބޮޑު ބުޅަލާ ނާދޭ’ ހިމަނައިގެން އުފައްދާފައިވާ ލަވައެއް ހިމެނެއެވެ. މީގެ އިތުރުން، ބޮޑުބެރު ލަވަތަކުން މަޝްހޫރު ‘ނޫ މި ބިއްލޫރި’ ވެސް ހިމެނެއެވެ.

އަލްބަމުގައި ހިމެނޭ ހަތަރު ލަވައަކީ:-

– ބޮޑު ބުޅަލާ ނާދޭ
– އީސަ ބުންޏޭ
– ޖަލިޔާ
– ނޫ މި ބިއްލޫރި

‘ޖަލިޔާ’ ލަވައިގައި ޖޭމު ދޮންކަމަނަގެ ކޮއްޓާ ފޮށީގެ ރާގުކޮޅެއް ހިމަނާފައިވެއެވެ. ލަވައިގެ ލިރިކްސް ޚާއްޞަވެފައިވަނީ ހޮޅުދޫ ވަށައިގެން ފަލިޖަހަމުން ދުއްވާ ޖަލިޔާއެއްގެ ވާހަކައެވެ.

“އެވާލާ ޒަމާން” މި އަލްބަމަކީ ހައްސާނުގެ ރަންޒަމާނުގެ ރަން ލަވަތައް ކަމުގައިވާ ‘ކަނބިއްޔާ ކަނބިއްޔާ’، ‘ކެޔޮޅު ކިތަންމެ މޮޅަސް’ ފަދަ ލަވަތަކުން ގެނުވާ އިހުސާސް ވަރަށް ރަނގަޅަށް ސިފަވެގެންދާ އަލްބަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.