މެޓަލް ވޯރސް މޯލްޑިވްސް (އެމްޑަބަލިޔުއެމް) އިން ރާއްޖޭގައި ބޭއްވި ހެވީ މެޓަލް މުބާރާތުގެ ފަޚުރުވެރި އެއްވަނަ “ޒެންނިއާ” އިން ކާމިޔާބުކޮށްފިއެވެ. މި މުބާރާތުގައި ރާއްޖޭގެ 07 ބޭންޑުން ބައިވެރިވިއެވެ.

މި މުބާރާތުން ފަޚުރުވެރި އެއްވަނަ ލިބުނު “ޒެންނިއާ” އަށް ގިނަ ފުރުޞަތުތަކެއްގެ އިތުރުން 10000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިވެއެވެ. އެ ބޭންޑަށް ލިބޭ އިނާމުތަކުގެ ތެރޭގައި:-

– 10000 ރުފިޔާގެ އަގުހުރި މާކެޓިން، މެނޭޖްމެންޓް އަދި ފައިނޭންޝަލް ކޮންޓްރެކްޓެއް
– 10000 ރުފިޔާގެ އަގުހުރި ސްޓޫޑިއޯ ޓައިމް ތިން މަހުގެ މުއްދަތަށް
– 6000 ރުފިޔާގެ ޕްރޮޑަކްޝަން ޑީލެއް (ރެކޯޑިން، މިކްސިންގ އަދި މާސްޓަރިން ހިމެނޭގޮތަށް)
– 2000 ރުފިޔާގެ އަގުހުރި ވީޑިއޯ ޕްލޭތުރޫ ޕްރޮޑަކްޝަންއެއް
– 10000 ރުފިޔާގެ ފައިސާގެ އިނާމެއް

މި މުބާރާތުގައި އާއްމުންގެ ވޯޓުން އެއްވަނަ ލިބިފައިވަނީ ‘ދަ މޮނޮކްރޮމެސީ ޕްރޮޖެކްޓް’ އަށެވެ. އެ ބޭންޑުގެ އުފެއްދުންތަކުގެ މިކްސިން އާއި މާސްޓަރިން ހިލޭ ހަދައިދިނުމުގެ ފުރުޞަތު ދިނުމަށް، މެޓަލް ވޯރސް މޯލްޑިވްސް އިން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ ނަތީޖާ މެޓަލް ވޯރސް މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ ވީޑިއޯއެއްގެ ޒަރީއާއިން މިއަދު ހާމަކޮށްފައިވެއެވެ. މެޓަލް ވޯރސް މޯލްޑިވްސް އިން ބުނީ މި ދުވަސްކޮޅުގެ ގޮތުން 07 ބޭންޑުވެސް ބައިވެރިވާނެ ކަމަށް ހީނުކުރާ ކަމަށާ ނަމަވެސް އެވަރަށް ވެސް ބައިވެރިވުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. މުބާރާތުގައި ބައިވެރިވި 07 ބޭންޑުންވެސް ކުރިއަށް އޮތް ތަނުގައި މެޓަލް ލަވަ ކުޅުން ކުރިއަށް ގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެމްޑަބަލިޔުއެމް އިން ބުނެއެވެ.

މުބާރާތުގައި ބައިވެރިވި 07 ބޭންޑަށް އެމްޑަބަލިޔުއެމްގެ ލޯގޯ ޖެހި ޓީޝާޓް ހަދިޔާކުރުމުގެ އިތުރުން، އެތަނުން އިންތިޒާމުކުރާ ބޮޑު ޝޯއެއްގައި ހުރިހައި ބޭންޑަކުން ބައިވެރި ޕާފޯމްކުރުމުގެ ފުރުޞަތު ދޭނެކަމަށް ވެސް މެޓަލް ވޯރސް މޯލްޑިވްސް އިން ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.