ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުން އެންމެ ވިދާލި އެއް ބަތަލާއަކީ ކާޖޮލްކަން ގައިމެވެ. އޭނާގެ ކޮންމެ ފިލްމެއްގައި މޮޅު އެކްޓިންގއެއް ދައްކަމުން އޭނާ ވަނީ ބެލުންތެރިންނާއި ޕްރޮޑިއުސަރުންގެ ހިތްތަކުން ޖާގަ ހޯދާފައެވެ. މިފަހަރު ދައްކަން މި އުޅެނީ ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައިވާ ކާޖޮލްގެ ފިލްމުތަކުގެ ވާހަކައެއް ނޫނެވެ. އޭނާގެ ޒާތީ ދިރިއުޅުމާ ގުޅޭ ވާހަކައެކެވެ.

އެކްޓަރު އަޖޭ ދޭވްގަންއާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ކާޖޮލް އޮން-ސްކްރީންގައި އެންމެ މަޤުބޫލީ ޝާހް ރުކް ޚާންއާ އެކުގައެވެ. އެ ދެމީހުންގެ ކެމިސްޓްރީ މާބޮޑަށްވެސް ދިމާވަނީއެވެ. ނަމަވެސް ކާޖޮލްގެ އެންމެ ބޮޑު ކްރަޝްއަކީ ޝާހެއްވެސް ނޫނެވެ. އެއީ “ކިލާޅީ ކިންގް”ގެ ނަމުން މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރެވެ. މިކަން ހާމަކޮށްފައިވަނީ ކާޖޮލްގެ އެންމެ ގާތް އެކުވެރިޔާ ކަރަން ޖޯހަރް، ކަޕިލް ޝަރްމާ ޝޯވގައެވެ.

ކަރަން ހާމަކުރި ގޮތުގައި 1991 ވަނަ އަހަރު ރިޝީ ކަޕޫރްގެ ފިލްމު “ހީނާ”ގެ ޕްރިމިއާއަށް އޭނާއާއި ކާޖޮލްވެސް ދިޔައެވެ. އަދި އެ ހަފުލާއިން ކާޖޮލްގެ އެންމެ ބޮޑު ކްރަޝް ކަމަށްވާ އަކްޝޭއާއި ދިމާނުވުމުން ކާޖޮލް ހުރީ ދެރަވެފައިކަމަށާއި އޭނާއާއި ކާޖޮލް ދިމާވީ އެ ހަފުލާއިން ކަމަށެވެ. އަދި އެ ދެމީހުންގެ އަބަދަށްފަހި ރަހުމަތްތެރިކަން ފެށުނީ އެ ހަފުލާއިން ކަމަށް ކަރަން ބުނެފައިވެއެވެ.

ފަހުން، 1994 ވަނަ އަހަރު ކާޖޮލް ވަނީ އަކްޝޭއާއެކު ސްކްރީން ހިއްސާކޮށްފައެވެ. އެއީ ސައިފް އަލީ ޚާންވެސް ލީޑް ރޯލުން ފެނުނު ޔާޝް ރާޖް ފިލްމްސްގެ “ޔޭ ދިއްލަގީ” އިންނެވެ. އެއީ ކާޖޮލްގެ 28 އަހަރުވީ ފިލްމީ ކެރިއަރުގައި އަކްޝޭއާއެކު ކުޅުނު ހަމައެކަނި ފިލްމެވެ. އޭގެ ކަރަން ޖޯހަރުގެ ގިނަ ފިލްމުތަކެއްގެ ލީޑް ރޯލް ކުޅެފައިވަނީ ކާޖޮލްއެވެ. “ކުޗް ކުޗް ހޯތާ ހޭ”، ކަބީ ޚުޝީ ކަބީ ޣަމް..” އަދި “މައި ނޭމް އިޒް ޚާން” ފާހަގަކޮށްލެވެއެވެ. މި 3 ފިލްމުންވެސް ކާޖޮލް ވަނީ ފިލްމްފެއަރ ބެސްޓް އެކްޓްރެސްގެ އެވޯޑް ހޯދާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.