ސަލްޓަން ޕާކުގެ އިރު ދެކުނު ކަންމަތީގައި ހުއްޓައި، 2016 ވަނަ އަހަރު ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އަލުން ރާވައި، ޗާންދަނީމަގު، މެދުޒިޔާރަތްމަގު ގުޅޭކަންމަތީގައި ބެހެއްޓި މިސްކިތް މިއަދު ހުޅުވައިފިއެވެ. މިސްކިތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެވެ.

މި މިސްކިތް ހުޅުވާފައި ވަނީ އާންމުންނަށް ނަމާދު ކުރެވޭނެގޮތަށެވެ. މިސްކިތް ވަށައިގެންވާ ސަރަޙައްދު ވަނީ ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ތަރައްޤީކޮށްފައެވެ.

މިސްކިތް ހުޅުވުމާއި ގުޅިގެން މިއަދުގެ މެންދުރު 14:00އިން ފެށިގެން އާންމުންނަށް މިސްކިތާއި މިސްކިތް
ވަށައިގެންވާ މައިޒާން ބޭނުންކުރެވޭނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ހާމަކުރައްވައެވެ. މިސްކިތާއި މައިޒާން އާއްމުންނަށް ހުޅުވާލެވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު 5:00ން ރޭގަނޑު 21:00 އަށެވެ.

ކަޅުވަކަރު މިސްކިތާއި މައިޒާން ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް، ކޮވިޑް19 އަށް ރިއާޔަތްކޮށް ހެލްތު
ޕްރޮޓެކްޝަން އޭޖެންސީން މިސްކިތްތަކާއި މައިޒާންތައް ބޭނުންކުރުމާއި ގުޅޭގޮތުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ސަމާލުވުމަށް ވެސް އެ މަރުކަޒުން އިލްތިމާސް ކުރެެއެވެ. އަދި ކަޅުވަކަރު މިސްކިތަކީ ދިވެހިރާއްޖޭގެ އަސާރީ ތަރިކައެއްކަމުން، މިސްކިތާއި މައިޒާން ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް މިސްކިތަށް ހުރުމަތްތެރިކޮށް ހިތައި، މިސްކިތަށް ގެއްލުމެއް ނުލިބޭނެހެން މިސްކިތާއި މައިޒާން ބޭނުން ކުރެއްވުމަށް
ވެސް އެ މަރުކަޒުން އެދިލައްވައެވެ.

ކަޅުވަކަރު މިސްކިތާ ގުޅުންހުރި ބައެއް މަޢުލޫމާތު

ކަޅުވަކަރު މިސްކިތަކީ ހިރިގަލުން ބިނާކުރެވިފައިވާ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ރީތި މިސްކިތެކެވެ. ހިރިގަލާއި ކަޅުވަކަރުގައި ކުރެހުންތައް ކަނޑާނެގިފައިވާ އަދި މިސްކިތުގެ އެތެރޭގެ ބައިތައް ލާފެންކުރެވިފައިވާ ފުރިހަމަ މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގެ ނަމުން މި މިސްކިތަށް ނަން ދެވިފައިވަނީ މިސްކިތުގެ މަސައްކަތްތަކުގައި ކަޅުވަކަރު ބޭނުންކޮށްފައިވާތީއެވެ. ކަޅުވަކަރު ބޭނުންކޮށްގެން “ކަޅުވަކަރު މިސްކިތް” ކިޔާ ނަން ދެވިގެން ބިނާކުރެވިފައިވަނީ އެކު ޖުމްލަ 2 މިސްކިތް ކަމުގައި ތާރީޚީ ހޯދުންތަކުން އެނގެއެވެ. އެއީ ހުވަދު އަތޮޅު މަގުއްދޫ ގައި ހުރި ދެއްވަދޫ ރަސްގެފާނު ބެހެއްޓެވި ކަޅުވަކަރު މިސްކިތާއި އަދި މާލޭގައި ހުރާގޭ މުޙައްމަދު ފާށަނާ ކިލެގެފާނު ބަހައްޓަވަން ފެއްޓެވި މާލޭ ކަޅުވަކަރު މިސްކިތެވެ. މީގެ ތެރެއިން މިއަދާއި ހަމައަށް ފެންނަން ހުރީ މާލޭގައި ބެހެއްޓުނު ކަޅުވަކަރު މިސްކިތެވެ.

ތާރީޚުން ފެންނަން ހުރި މައުލޫމާތުން އެނގޭގޮތުގައި ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފައްޓަވާފައިވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ބޮޑު ފާށަނާކިލެގެފާނުގެ ރަސްކަމުގައެވެ. ކަޅުވަކަރު މިސްކިތުގެ މަސައްކަތް ނިމިފައި ވަނީ ޝަމްސުއްދީން 2 ގެ ރަސްކަމަށް ފަހު ރަސްކަންކުރެއްވި ދޮންބަންޑާރައިންގެ ދޮށީދަރިކަލުން އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ސިރީ ކުލަ ސުންދުރަ ބަވަނަ މަހާރަދުން (ކަޅުބަންޑާރައިން) ގެ ރަސްކަމަށްފަހު ރަސްކަން ކުރެއްވި އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ސިރީ ކުލަ ސުންދުރަ ބަވަނަ މަހާރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުއެވެ.

ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވީ، ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައި އެ ގަނޑުވަރު ހުރި ބިމުގައެވެ.

މިއީ މިތާނގައި މިސްކިތެއް ބިނާކުރެއްވުމަށް މި ޝަމްސުއްދީން ރަދުން ނަދުރުފުޅެއް ވިދާޅުވެފައިވާތީ ފެއްޓެވި މަސައްކަތެއް ކަމަށް ބުނެވެއެވެ.

ސަބަބަށްޓަކައި މި މިސްކިތުގައި ބޭނުންކުރެވިފައިވާ ކަޅުވަކަރަކީ މިސްކިތައްވުރެ ދޮށީ އެއްޗެއްކަމުގައި ބެލެވިދާނެއެވެ.

ކަޅުވަކަރު މިސްކިތުގައިވާ މުސްކުޅި ތާނަ ލިޔުމުގައިވަނީ “އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ދިހަވަނަ އަވެރުދު މިދަނާރު ދަނާވަތި ބިނާކުރައްވާފައި” މިފަދައިންނެވެ. މިއީ ކަޅުވަކަރު މިސްކިތުގެ މަސައްކަތް އެކި ދުވަސްވަރު ކުރެވެމުން ގޮސް މިސްކިތުގެ މަސައްކަތް ނިންމި ވާހަކަ ކަމުގައި ބެލެވެއެވެ.

މަޖީދީމަގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ކަމުގައި އިބްރާހިމް ޝިހާބު ލިޔުއްވާފައިވެއެވެ.

ނަމަވެސް އިމާދުއްދީން ރަދުން އެތަނަށް މިސްކިތް ބަދަލު ކުރެއްވުމުގެ ކުރީގައި އެމިސްކިތް ހުރީ ކޮންތަނެއްގައިކަން މާ މުއުތަބަރު ގޮތެއްގައި އެނގި ހާމަވާކަށް ނެތެވެ.

އިމާދުއްދީން ރަދުންގެ ފަހަށް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ކަޅުވަކަރު މިސްކިތް ފުރަނަފުށީގެ ރިސޯޓު ހިންގި ފަރާތަށް ވިއްކަވާ ލެއްވިއެވެ. ކަޅުވަކަރު މިސްކިތް އުވާލެވުނީ 7 އޯގަސްޓް 1978ގައެވެ. 1 އޮކްޓޯބަރ 1978ގައި ނީލަން ކިޔައިގެން ކަޅުވަކަރު މިސްކިތް އެ ރިސޯޓުން މިސްކިތް ގަތީ 9715 ރުފިޔާ 26 ލާރި އަށެވެ.

15 ޖެނުއަރީ 1979ގައި ރައީސް މައުމޫންގެ ސަރުކާރުން މިސްކިތް ނީލަން ކިއުމަކީ ހަމަޖެހޭ ކަމަށް ނުވާތީއާއި އަދި ކަޅުވަކަރު މިސްކިތަކީ އާޘާރީ ތަނެއްކަމުގައި ވާތީ އެ މިސްކިތް ސަރުކާރަށް ނަންގަވަން ނިންމެވިއެވެ. މިހެންވުމުން ފުރަނަ ޓުއަރިސްޓް ރިސޯޓް ހިންގަވާ ފަރާތެއް ކަމަށްވާ ޓްރެޝަރ އައިލެންޑް އެންޓަރ ޕްރައިޒަސްގެ ފަރާތުން އެކުންފުނީގެ ޗެއަރމަން މިސްޓަރ ވޭން.ވީ.ރީޑް މިސްކިތް އަނބުރާ ދިވެހި ސަރުކާރާ ހަދިޔާކުރެއްވީއެވެ. ފުރަނަފުށިން ސަލްޓަން ޕާރކް ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވުމަށް ފަހު އަލުން ހުޅުއްވައި ދެއްވީ 5 ނޮވެމްބަރ 1980 ގައި ރައީސް މައުމޫނެވެ.

2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެތެރޭގައި ސަލްޓަން ޕާރކްގެ އިރު ދެކުނު ކަނުގައި ބެހެއްޓިފައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލެވި އެތަނުން ނެގުނެވެ. އޭގެ ފަހުގައި ކަޅުވަކަރު މިސްކިތް ގދ. ތިނަދޫއަށް ބަދަލުކުރުމުގެ ވާހަކައެއް ދެކެވުނެވެ. އަދި ހުޅުމާލޭގައި މިސްކިތް ރާވާ ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމި ވާހަކަވެސް އިވުނެވެ. ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (މިހާރު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު) ގެ ބެލުމުގެ ދަށުގައި ރައްކާތެރިކަމާއި އެކު މިސްކިތުގެ ބައިތައް ބެހެއްޓިފައިވާކަމަށް އެފަރާތުން ހާމަކުރި ނަމަވެސް ކަޅުވަކަރު މިސްކިތަށް ދެން ވާނެ ގޮތެއް އެއިރު އޮތީ ނޭނގުމުގެ ތެރޭގައެވެ. އަދި އެކަމާއި ގުޅިގެން މުޙައްމަދު ޠާރިޤް (މިހާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް) އާއި ޑރ. ޙުސައިން ރަޝީދު (މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރ) ކޯޓަށް މައްސަލަ އެއްވެސް ހުށަހެޅުއްވިއެވެ. ހަމަ މިކަމާއި ގުޅިގެން އެއިރު ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެގެ ވެރިޔަކަށް ހުންނެވި ނާއިބު ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫން (މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް) އިސްތިއުފާ ދެއްވިއެވެ.

ކަޅުވަކަރު މިސްކިތް ހުޅުއްވަައިދެއްވުމަށްފަހު ރައީސް ވާހަކަފުޅު ދައްކަވަނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.