އަބަދު އެއްގޮތަކަށް ފެންނަމުންދާ ޖިންނިއެއްގެ ވާހަކަ

މިއީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

އަހަރެންނަކީ ރިސޯޓެއްގެ އާދައިގެ ވަޒީފާއެއް އަދާކުރަމުން އަންނަ މީހެކެވެ. އެންމެ ފުރަތަމަ އެ ރިސޯޓަށް ވަޒީފާއަށް ދިޔަ ދުވަހެވެ. އެ ރިސޯޓަކީ އަހަރެން އެހާ ދެކެފަރިތަ މީހުން އުޅޭ ރިސޯޓެއް ނޫނެވެ. އެހެންކަމުން ރޭގަނޑު ލިބޭ ހުސްވަގުތުތަކުގައި ރިސޯޓުގައި ނިދުމަށް ހާއްޞަ ކުރެވިފައިވާ ކޮޓަރިން ބޭރަށް ނިކުމެ ކޮޓަރިން ބޭރުގައި މަގުމައްޗަށްވާގޮތަށް ހުންނަ ޖޯލިފައްޗެއްގައި އެކަނި ވަރަށް ގިނައިން އިންނަމެވެ. އަހަރެން ނިދާކޮޓަރި ހުންނަ ބުލޮކްގައި އެ ރިސޯޓްގެ ވަރަށް ގިނަ މުވައްޒަފުން އުޅެއެވެ. މި ކޮޓަރި ހުންނަނީ އެ ރިސޯޓުގެ ފުޓުބޯޅަ ދަނޑާއި ވަރަށް ކައިރީގައެވެ. މިގޮތުން އެއްރެއަކު ހަތެއް ޖަހާކަން ހާއިރު، މަސައްކަތް ނިންމާލުމަށްފަހު ފެންވަރާލައިގެން އައިސް ޖޯލީގައި ޖައްސާލީމެވެ. އެވަގުތު ފުޓުބޯޅަ ދަނޑުތެރެއިން އަހަރެންނަށް ފެނުނީ ހުދު ހެދުމެއްގައި އަހަރެންނާއި ފުރަގަސް ދީގެން ހުރި އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު އޮންނަނީ ހާވާލާފައެވެ. އެހެންކަމުން އެއީ ކާކުތޯ ބަލާލަން ޖޯލިން ތެދުވީމެވެ. ޖޯލިން ތެދުވި ތަނާ ކުއްލިއަކަށް އަހަރެންނަށް ފެނުނީ ހަމަ އެ ކުއްޖާ އަހަރެން އިން ޖޯލީގެ ކުރިމަތިން އަހަަންނަށް ފުރަސް ދީގެން ހުރި މަންޒަރެވެ. އަހަރެން ބިރުގަތެވެ. ނަމަވެސް އެއީ ކާކުތޯ ބަލަންވެސް ބޭނުންވިއެވެ. އެހެންނަމަވެސް އެ އަންހެން ކުއްޖާ ހުރީ ފުރަގަސްދީގެން ކަމުން މާބޮޑަށް އެކަމާ އަޅާނުލައި، ބިރުން ހުރެ ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަނުމަށްފަހު އެރޭ އަހަރެން އެކަމާމެދު ހައިރާންވެ ވަރަށް ވިސްނީމެވެ. އަދި އެއީ ރިސޯޓްގައި އުޅޭ އަންހެން ކުއްޖަކަށް ވެދާނެކަމަށް އަހަރެން ހީކުރީމެވެ. އެހެންކަމުން މިވާހަކަ ރިސޯޓުގެ އެހެން މުވައްޒަފެއް ގާތު އަހާކަށް ނުކެރުނެވެ.

އެރޭގެ ފަހުން އަހަރެން އެ ޖޯލީގައި އޮންނަ ކޮންމެ ރެއަކުވެސް ހުދުހެދުމުގައި ހުންނަ އެ އަންހެން ކުއްޖާ ފަސްދީ ހިނގާފައި ދާތަން ފެނެއެވެ. ފެންނަ ކޮންމެ ފަހަރަކުވެސް އެ ކުއްޖާ ހުންނަނީ އަހަރެންނަށް ފުރަގަސް ދީގެންނެވެ. އެއީ ކާކުކަމެއް ނޭގެއެވެ. މިހެން އުޅުމުގެ ތެރޭގައި އެއްރެއަކު ގާތްގަނޑަކަށް ބާރަ ޖަހާކަން ހާއިރު އަހަރެންގެ އަންހެނުންގެ ފޯނު ކޯލެއް އައުމުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ކޮޓަރިން ނިކުމެގެން އެ ރިސޯޓުގެ ޖެޓީއާއި އަށް ދިޔައީމެވެ. އޭރު އެތަނުން މީހެއްގެ ހިލަމެއްވެސް އެތާކު ނުވެއެވެ. ރަށުތެރެ އޮތީ ވަރަށް އަމާންކޮށެވެ. ފަނޑު ހަނދުވަރެއް ދެއެވެ. އެހެންކަމުން އަހަރެން ޖެޓީމަތީ ޖައްސާލައިގެން އިނދެ ފޯނުން އަންހެނުންނާއި ވާހަކަދައްކަމުން ދަނިކޮށް ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އެއްކަލަ ހުދު ހެދުމުގައި ހުރި އަންހެން ކުއްޖާ ޖެޓީއާއި ދިމާ ރާޅުޖަހާ ފަށުގައި އަހަރެންނާއި ފުރަގަސްދީގެން ހުރި މަންޒަރެވެ. މިމަންޒަރު ފެނުމުން އެހެންރޭރެއާއި ޚިލާފަށް ވަރަށް ބިރުގަތެވެ. އެއީ އެހާ ދަންވަރު ރިސޯޓްގެ މުވައްޒަފެއް އެކަނި އެހެން ހުރުމުންނެވެ. އަދި އެހެން ރޭރެއާއި ހިލާފަށް މިރޭ ފެނުނު އިރު ބިރުވެރި ސިފައަކަށް ފެނުމުންނެވެ. އަދި ފެންނަ ކޮންމެ ފަހަރަކު މުޅިންވެސް އެއް ހެދުމެއްގައި އެއްގޮތަކަށް ފެންނާތީ ހިތުގައި އިހުނަށްވުރެ ބިރުވެރިކަން އެުފެދި ތުރުތުޅު އަޅަން ފެށިއެވެ. ބިރުން ހުރެ އެނބުރި ކޮޓަރިއާއި ދިމާލަށް ދާން ހިނގައި ގަތީމެވެ. ނަމަވެސް ކުއްލިއަކަށް އެ ކުއްޖާ ދެން ފެނުނީ އަހަރެންގެ ކުރިމަތިންނެވެ. އެ ހިސާބުން އަހަންނަށް ހުއްޓެވުނެވެ. ނަމަވެސް އެ ކުއްޖާ މިފަހަރުވެސް ހުރީ ފުރަގަސް ދީގެންނެވެ. ނަމަވެސް ކުއްލިއަކަށް ކުރިމަތިން ފެނުމުން މީ އިންސާނެއް ނޫންކަން އަހަރެންނަށް ޔަޤީންކުރެވުނެވެ. އެހެންކަމުން ވަރަށް ބިރުން ހުރެ ކިޔުނުހައި ހެޔޮއެއްޗެއް ކިޔައިގެން ފަސްއެނބުރި ބަލާނުލައި ކޮޓަރިއަށް އައީމެވެ. އަދި އެ ކޮޓަރީގައި އުޅޭ އަހަރެންގެ ރޫމްމޭޓަށް މިވާހަކަތައް ކިޔައިދިނީމެވެ. މި ވާހަކަތައް ކިޔާދިނުމުން އެ ރޫމްމޭޓް ހައިރާނެއް ނުވެއެވެ. އަދި ވަރަށް ހަމަޖެހިލާފައި އަހަރެންނާއި ދިމާލަށް ބުންޏެވެ. އެ އަންހެން ކުއްޖަކީ މި ރަށުގައި އުޅޭ ޖިންނި އަންހެން ކުއްޖާއެވެ. މިރަށަށް އަލަށް އަންނަ މީހަކަށް ނޭނގިދާނެއެވެ. ނަމަވެސް ކުރިން މިރަށުގައި މަސައްކަތްކޮށްފައިވާ މީހަކަށް އެކަން އެނގޭނެއެވެ.

އަހަރެންނަށް ފަހުން އެނގުނު ގޮތުގައި ހުދުހެދުމުގައި މި ރިސޯޓުން ފެންނަ ޖިންނި އަންހެން ކުއްޖާއަކީ މީހުންނަށް ގެއްލުންދޭ ކުއްޖެއް ނޫނެވެ. ނަމަވެސް އެ ޖިންނި ކުއްޖާއަށް ބަޔަކު ގެއްލުންދޭނަމަ އެ ޖިންނިގެ ފަރާތުން އެ ބަޔަކަށް އުނދަގޫކުރާނެއެވެ. އެ ގޮތުން އެ ރިސޯޓުގައި އުޅުނު ބިދޭސީ މީހަކު އެ ޖިންނިއަށް ޖެއްސުން ކުރުމުން އެ ބިދޭސީ މީހާ ޖިންނި އަވަލައިގެން އެންމެ ފަހުން ޖިންނި މޮޔަވެ ބާރުހުރި ހަތަރު މީހުންނަށް ހިފަހައްޓާ ނުލެވުނު ކަމަށްވެސް މި ރޫމްމޭޓް އަހަރެންގާތު ބުންޏެވެ.

ރޫމްމޭޓުގެ އެ ވާހަކަތައް އަޑުއަހާފައި އޭގެފަހުން އަހަރެން ރޭގަނޑު އެކަނި ބޭރަށް ނިކުމެ ނޫޅެމެވެ. އަދި އޭގެ ފަހުން އަހަރެންނަކަށް އެ ހުދު ޖިންނި އެއް ނުފެނެއެވެ.
…………………………………………………………………

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.