މިޢީ މުޖުތަމައުގައި ހިނގާ އެކްސިޑެންޓްތަކަށް ބިނާކޮށް ލިޔެފައިވާ ހަޤީޤީ ވާހަކަތަކެކެވެ. މި ވާހަކަތަކުގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެއެވެ.

”އަހަރެން ސައިކަލުގައި ބުރިޖުމަތިން ދުއްވާފައިދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އޭރުވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުންދެއެވެ. ސައިކަލު ދުއްވަމުން ދިޔައިރު ކޮންމެވެސް ވަރަކަށް ކަނޑުމައްޗަށް ބަލާލެވުނެވެ. ހީވަނީ މުޅި ކަނޑު ކެކި އުތުރިއަރާ ހެންނެވެ. އެއީ ދަން ގަނޑިއެއްކަމުން ސައިކަލް ދުއްވަމުން ދިޔައީ ވަރަށް ބިރުން ހުރެއެވެ. ގާތްގަނޑަކަށް ދިހަވަރަަކަށް މިނެޓްގެ ކުރު ދަތުރަކަށްފަހު އަހަރެންނަށް ހުޅުމާލެ ހޮސްޕިޓަލާ ހަމައަށް ދެވުނެވެ. އޭރު ހޮސްޕިޓަލުގެ ދޮރުމަތީގައި އާދަޔައި ޚިލާފަށް މީހުން ގިނައެވެ. ސައިކަލުން ފޭބުމާއެކު ވަރަށް ބާރަށް ހިނގާފައިގޮސް ހުޅުމާލެ ހޮސްޕިޓަލު ތެރެއަށް އަހަރެން ވަނީމެވެ. އޭރު ހޮސްޕިޓަލުގެތެރޭގައި މީހުންތައް ކޮޅުކޮޅުމައްޗަށް ރޮއެ ހޭރެމުން ދުވެނަގަނީއެވެ. ރޯ މީހުން ރޮނީ އެެވެ. ގިސްލާ މީހުން ގިސްލަނީއެވެ. އެމީހުންގެ އާއިލާގެ މީހެއްގެ ފުރާނަ ސަަލާމަތް ކުރެވޭތޯއެވެ. އޭގެތެރޭގައި އަހަރެންގެ އާއިލާގެ މީހުންވެސް އުޅެއެވެ. އެހެންވެ އަހަރެންގެ ތިމާގެ މީހެއް ކައިރިން ވެގެން އުޅޭގޮތެއް ސާފުކޮށްލީމެވެ. އަނިޔާވެގެން ހޮސްޕިޓަލަށް ގެނެސްފައިވަނީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްކަން ރޭކާލީ ދެނެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ޤިޔާމަތްވީ ކަހަލައެވެ. އަހަރެން ހިތް ބާރަށް ތެޅިގަތެވެ.

ޖީބުން ފޯނު ނަގައި އަހަރެންގެ އަންހެނުންނަށް ފޯނު ކުރަން އުޅެނިކޮށް މީހަކު ވަރަށް ބާރަށް އަަހަންނަށް ގޮވާލިއެވެ.

”ކޮއްކޯ! އެސޮރު މަރުވެއްޖެ…” އެވަގުތު އަހަރެންގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ފެންކަޅިވެ ރޮވުނެވެ. ގިސްލެވޭ ހާލުގައެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. އިންނާލިﷲ ވައިންނާ ޢިލައިހި ރާޖިޢޫން.

އަހަރެންގެ ކޮއްކޮ ނިޔާވެގެން ދިޔައީ ކީއްވެގެންކަން މިއަދު އަހަރެންނަށް އިޙްސާސް ކުރެވެއެވެ. އެދުވަހު ހޮސްޕިޓަލުގައި ތުންތުން މަތިން ދެކެވެމުން ދިޔަ ވާހަކައަކީ ކޮއްކޮ ސައިކަލުގައި ހުޅުލޭ ހައިވޭއިން ހުޅުމާލެއަށް ދަނިކޮށް ޖިންނިއެއް ފެނިގެން ބާރަށް ދުއްވާލިތަނުން ފަހަތުން އައި ކާރަކުން ޖެހި އެކްސިޑެންޓް ވެގެން މަރުވީ ކަމަށެވެ. ނަމަވެސް މިއީ ހަޤީޤަތެއް ނޫންކަން މިއަދު އަހަރެންނަށް އިހްސާސް ކުރެވިއްޖެއެވެ. ”މިއީ ރައްޓެހިންގެ ކިބައިން އަޑުއިވިއިވި ހުންނަ ވާހަކަތަކެވެ.

ކޮންމެއަކަސް ހުޅުމާލެއަކީ ހިތް ފަސޭހަ މާހައުލެކެވެ. މާލެއާއި ހުޅުމާލެ ބުރިޖުން ގުޅުވާލުމުގެ ކުރިން ހުޅުމާލެއަށް މީހުން ދަނީ ފެރީ ގައެވެ. ނަމަވެސް އެންމެންގެ ލާބަޔާއި މަންފާއަށް މިއަދު މިވަނީ ސިނަމާލެ ބުރިޖެއް އަޅައި މާލެ އާއި ހުޅުމާލެ ގުޅުވާލަ ދީފައެވެ. އެހެންނަމަވެސް މި ލުއިފަސޭހަކަން މިއަދު މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ބުރިޖުމަތިން ހުޅުލޭ ހައިވޭއަށް އަރާ ލޭގެ ކޯރެއް ބަންޑުން ކޮށްލާފައެވެ. 2018 ވަނަ އަހަރު ސިނަމާލެ ބުރި ހުޅުވައި އެއްގަނމު މަގުން ދަތުރުފަތުރު ކުރެވޭނެގޮތް ހެދުމާއެކު ކުށެއް ނެތް އެތައް ފުރާނައެއް މި ދުނިޔެ އާއި އަލްވަދާއު ކިޔަން ޖެހޭ ތަނަކަށް ސިނަމާލެ ބުރިޖާއި ގުޅިފައިވާ މި ހައިވޭ ވެއްޖެއެވެ.

މިއީ ބުރިޖުގެ މައްސަލައެއް ތޯއެވެ. ނުވަތަ ކަނޑުން އަރާ ފުރޭތައެއްގެ ސަބަބުން ބުރިޖުމަތިން ހުޅުލޭ ހައިވޭގައި ދުއްވާ އެއްގަމު އުޅަނދު ތަކަށް ކުރާ ޖެއްސުމެއްތޯ؟ އަޅުގަނޑުގެ ހިތާ ސުވާލުކުރެވެއެވެ.

އެއްވެސް ޝައްކެތްނެތެވެ. މިއީ އަޅުގަނޑުމެންގެ އިންސާނުންގެ ތެރެއިން އެފަދަ އުދުހޭ ފުރޭތަތަކެއްގެ ލަގަބު އަމިއްލައަށް ލިބިގަނެގެން ތިބެ އެއްގަމު އުޅަނދުފަހަރު ދުއްވާ މަދު ބައެއްގެ ސަބަބުން މުޅި ދިވެހި އުންމަތަށް ލިބިގެންދާ ބިރުވެރި ކަމެކެވެ. ހިތާމައެކެވެ. އެހެނީ ،ތިމަންނާއަކީ ވަރަށް މޮޅަށް ސައިކަލް ދުއްވާ މީހެކޭ، ބޭރުގައުމު ތަކުގައި މިފަދަ ހައިވޭތަކުގައި ދުއްވާ އެއްޗެހި ދުއްވަނީ ވަރަށް ބާރަށޭ” ބުނެ ތިމާގެ މޮޅުކަން ދައްކަން ހަދައިގެން އަނެކާއަށް ލިބޭ ދެރަކަމެވެ. ދިވެހި ކުށެއް ނެތް އާއިލާތަކަށް ލިބޭ ހިތާމަތަކެވެ.

ފަސްއެނބުރި މާޒީއަށް ބަލާލާއިރު، ހައިވޭއަށް އަރާ މިފަދަ ކަނޑު ފުރޭތަތަކެއްގެ ސަބަބުން މިއަދު އެތައް ހިތާމައެއް ދިވެހި އެތައް އާއިލާއަކުން ތަހަންމަލު ކުރަމުން ދެއެވެ. މިގޮތުން ހައިވޭގައި ދުއްވަން ކަނޑައަޅާފައި އޮންނަ މިންގަނޑަށްވުރެ ބާރު ސްޕީޑްގައި ސައިކަލާއި ކާރު ދުއްވުމުގެ ސަބަބުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުށެއް ނެތް އެތައް ފުރާނައެއް މިވަނީ ދުނިޔެޢާއި އަލްވަދާއު ކިޔާފައެވެ. ކުޅެދޭ އެތައް ބައެއް މިވަނީ ނުކުޅެދޭ ބަޔަކަށް ވެފައެވެ. މިކަން މިހެން ދިމާވާން މެދުވެރިވާ ސަބަބުތަކަކީވެސް ހުދު އަޅުގަނޑުމެން ދިވެހިންގެ ތެރެއިން މަދު ބައެއްގެ ސަބަބުންކަން ޔަޤީނެވެ. ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކަށް ބޯނުލެމުގެ ސަބަބުންނެވެ.

މިގޮތުން ހައިވޭއަށް އަރާ ކަނޑު ފުރޭތައެއްގެ ސިފަ ފެންނަ އާލާމާތްތަކުގެތެރޭގައި، ސިނަމާލެ ބުރިޖުމަތީގައާއި ހުޅުލެއިން ހުޅުމާލެއަށްދާ ހައިވޭގައި ދުއްވަން ކަނޑައަޅާފައިވާ މިންގަނޑުތަކަށްވުރެ ބާރު ސްޕީޑްގައި ބައެއް ފަރާތްތަކުން ކާރާއި ސައިކަލު ދުއްވަމުން ދިއުން ފާހަގަކުރެވެއެވެ. ޓްރެފިކް ޤަވާއިދުގައި ދުއްވަން ކަނޑައަޅާފައިވާ މިންގަނޑު ތަކުގެތެރޭގައި ބުރިޖުމަތީގައި އާއި ހުޅުލޭ ރިންގު ރޯޑު ނުވަތަ ހައިވޭގައި އެންމެ ބާރަށް ދުއްވޭނީ 50 ކިލޯ މީޓަރުގައި ކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެންމެ މަޑުން ދުއްވޭނި 30 ކިލޯ މީޓަރުގައެވެ. ނަމަވެސް ”ބޫން، ބޫން” ލާފައި އުދުހޭ ރޮބަޓެއް ފަދައިން އެތައް ކިލޯ މީޓަރުގެ ބާރު މިނުގައި ސައިކަލާއި ކާރު ދުއްވަމުން މި ކަނޑު ފުރޭތައިގެ މުސީބާތުގައި ޖެހޭތަން ފެނެއެވެ. މިއީ ސަޅި ކަމެއް ނޫނެވެ. ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން ތިބާ އާއި އަނެކާގެ ފުރާނައަށް ނުރައްކާވެއެވެ. އަބަދުވެސް ބަލަން ވާނީ ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަކަމަށެވެ.

މީގެ އިތުރުން ކަނޑު ފުރޭތައެއްގެ އަވައިގައި ޖެހުމުން ދިމާވާ އެހެނިހެން މައްސަލަތަކުގެ ތެރޭގައި ލައިސަންސު ނެތި ސައިކަލު ދުއްވުމާއި، އެއް އުޅަނދު އަނެއް އުޅަނދަށް އޮންނަ ދުރުމިން ނުބަހައްޓައި ދުއްވުމާއި، ދުއްވަން ކަނޑައަޅާފައިވާ ލޭނު ނޫން އެހެން ލޭނެއްގައި ދުއްވުން ފާހަގަ ކުރެވެއެވެ. އަދި ދުއްވާއިރު އެއް އުޅަނދަށްވުރެ އަނެއް އުޅަނދު ކުރިއަރައިގެންދާން މަސައްކަތް ކުރުމާއި، މޯބައިލް ފޯނުން ވާހަކަދައްކަމުންނާއި މެސެޖު ކުރަމުން ދުއްވުމާއި، ހައިވޭ އަދި ބުރިޖު މަތީގައި މަޑުކޮށް ސެލްފީ ނަގަމުން ދުއްވުމާއި، ހައިވޭގައި ނުބައި ފަޅިން އޯވަރޓޭކް ކުރުމާއި، ބުރިޖުމަތިން ސައިކަލުގައި ދަތުރުކުރާއިރު ތޮފި އަޅައިގެން ދުއްވުމުން ދިމާވާ ހާދިސާތައް ހިމެނެއެވެ. ވަކިން ޚާއްޞަކޮށް ދުއްވަން އޮންނަ މިންގަނޑަށްވުރެ ބާރު ސްޕީޑްގައި ދުއްވުމުން ސައިކަލް ކޮންޓްރޯ ނުކުރެވި ކައްސާލައިގެން ވެއްޓި ފުރާނައަށް ނުރައްކާވާ ހާލަތުވެސް މެދުވެރިވެއެވެ.

މީގެއިތުރުން ވަކިން ޚާއްޞަކޮށް ޓްރާންޕޯޓް މިނިސްޓްރީން ހެލްމެޓް އެޅުމަށް ހަދާފައިވާ ޤަވާއިދާ ޚިލާފަށް ތަފާތު އެކިއެކި ހެލްމެޓްތައް ބޭނުން ކުރުމުން ތިމާއަށާއި އަނެކުންނަށް މި ކަނޑު ފުރޭތަގެ ހިތާމަތަކާއި ކުރިމަތިލާން ޖެހެއެވެ. ވަކިން ޚާއްޞަކޮށް ކާކުކަން ނޭނގޭގޮތަށް (މޫނު ނުފެންނަ ގޮތަށް) ހެލުމެޓް އެޅުމުން ކަނޑު ފުރޭތައިގެ ކިބައިން ރައްކާތެރިވުމަށްވުރެ، ބިރުވެރިކަމަކަށް ބަދަލުވުން ގާތެވެ.

މިއީ އަޅުގަނޑުމެން މިއަދު ވިސްނާ ފިކުރުކަރަން ވެއްޖެ ކަންކަމެވެ. ކޮންމެ ދިމާލެއްގައި ޓްރެފިކް ފުލުހެއް ނެތް ނަމަވެސް އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި މިފަދަ މައްސަލަތައް ހައްލުކުރަން ޖެހެއެވެ. އެހެނީ، ކުރިން އިވެނީ ހައިވޭއިން ޖިންނި ފެންނާތީ ބާރަށް ދުއްވާ ވާހަކައެވެ. މިހާރު އެ ޖިންނި ކޮބައިބާއެވެ. ހެލްމެޓް އެޅުމުން އެ ޖިންނި ބިރުން ފިލީ ބާއެވެ. ނޫނީ އެ ޖިންނިތައް އަންދާލާ ވަރުގެ ކަނޑު ފުރޭތައެއް ބޯ ނިވާކޮށްގެން ހައިވޭއަށް އެރީ ބާއެވެ. މިއީ ހައްތަހާވެސް ސުވާލެވެ. މި ގޮތަށް ކިތަންމެ ސުވާލެއް ކުރެވިދާނެއެވެ. ނަމަވެސް ޖަވާބަކީ އަޅުގަނޑުމެން އިންސާނުންގެ ތެރެއިން ”ދުން ޖަހާ” ބުރިޖު ހުރަސްކޮށް ހައިވޭއަށް އަރާ މަދު ބައެއްގެ ކިބައިން އިންސާނީ ވަންތަކަން ފެނިގެން ނޫނީ މި ކަނޑު ފުރޭތައެއް ހައިވޭއަކުން ނުބޭލޭނެކަމެވެ. އެހެނީ މިއީ، ބައެއް އިންސާނުންގެ ކަށީގައި ހިފާފައިވާ ކަނޑު ފުރޭތައަކަށް ވާކަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.