މޮޑެލްކުރުމާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން ދިޔަ ބޮލީވުޑްގެ ތަރި ސަނާ ޚާން އެ ދާއިރާ ދޫކޮށްލައި ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ތަބާވެ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ދެމިހުރުމަށް ނިންމިކަން އިއުލާނުކުރިތާ މަހެއްހައި ދުވަސް ފަހުން އޭނާ ކައިވެނިކުރިކަން މިވަނީ ހާމަކޮށްފައެވެ. ސަނާ ކައިވެނިކުރީ އިންޑިއާގެ މުފްތީއެއް ކަމަށްވާ އަނަސް ސަޢީދު އާއެވެ.

ސަނާ ޚާން އާއި މުފްތީ އަނަސް ކައިވެނިކުރީ މިދިޔަ ހަފުތާ ބަންދުގައި ގުޖްރާތުގައެވެ. މުފްތީ އަނަސް އަކީ އިންޑިއާގެ ގުޖްރާތަށް މަޝްހޫރު މުފްތީއެކެވެ. މި ދެމީހުންގެ ކައިވެނީގެ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލްވެފައި ވެއެވެ. އެ ވީޑިއޯ އިން ފެންނަނީ ދެމީހުން އެކުގައި އަތާއަތް ގުޅާލައިގެން ސިޑިއަކުން ފައިބައިގެން އަންނަ ތަނެވެ. ކައިވެނީގެ ކޭކް ފަޅާތަންވެސް އެ ވީޑިއޯއިން ފެނެއެވެ.

https://www.youtube.com/watch?v=leEMOQAPYx0

ސަނާގެ އިންސްޓަގްރާމް ޕޭޖްގައިވެސް ކައިވެނީގެ ފޮޓޯ ހިއްސާކޮށްފައި ވެއެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ؛ “މާތްﷲ އަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާށެވެ. ﷲ އަށްޓަކައި އެކަކުއަނެކަކާ ކައިވެނިކުރާށެވެ. އަހަރުމެންގެ މި ގުޅުން މި ދުނިޔޭގައި ލަހައްޓަވައި، ސުވަރުގެއިން ދެމީހުން ގުޅުމުގެ ތަޢުފީޤް ދެއްވާށި! فَبِأَيِّ آلاءِ رَبِّكُمَا تُكَذِّبَانِ “އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟”

ރިއަލިޓީ ޝޯ ’ބިގް ބޮސް‘ ގައި ވެސް ހަރަކާތްތެރިވި ސަނާ، ފިލްމީ ދާއިރާ ދޫކޮށްލިކަން ހާމަކުރަމުން އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ބުނީ މިހާރު އޭނާ ބޭނުންވަނީ އިންސާނިއްޔަތަށް ޚިދުމަތްކުރުމަށާއި ޚަލްޤުކުރެއްވި ފަރާތުގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލަނބައި އަމަލުކުރުން ކަމަށެވެ.

”މިއަދުން ފެށިގެން މުނިފޫހި ފިލުވުމުގެ ދާއިރާ އެއްކޮށް ދޫކޮށްލައި، އިންސާނިއްޔަތަށް ޚިދުމަތްކޮށް، އަހަރެން ޚަލްޤުކުރެއްވި އިލާހުގެ އަމުރުފުޅުތަކަށް ތަބާވާން ނިންމައިފިން.“ ސަނާ ހިއްސާކުރި މެސެޖްގައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.