ޕާފޯމިން އާޓްސްގައި ރާއްޖެއިން އެންމެ ހުނރުވެރި މުޙައްމަދު މުންތަސިރު (މުންކޮ) އާއި ސްކްރީން ރައިޓިންއަށް ދެވަނައެއް ނެތް މަހްދީ އަޙްމަދުގެ ހުނަރުން މޮޑެލާފައިވާ ހެއްވާ މަޖާ ސިޓްކޮމް “ކަރުހަރުކު” ސީޒަން ތިނެއްގެ ފަސްވަނަ އެޕިސޯޑް ރޭގައި ވަނީ ދައްކާފައެވެ. މިފަހަރުގެ ސީޒަން ފެށުނު ހިސާބުން، ބެލުންތެރިންގެ ކެތްތެރިކަމާ ކުޅެލާފައިވަނީ ސީރީޒްގައި އުޅޭ ކުޑޭ (ދިވެހި ޗެނަލްގެ ނޫސްވެރިޔާ އަފްރާހް) އާއި ސީރީޒްގެ ބަޠަލު ނާއިފު (ރައުފަތު ޞާދިޤު)ގެ ކޮއްކޮ ނާފިޢު ފެންނާނެ ވަގުތަކަށް އިންތިޒާރުކުރަން ޖައްސާފައެވެ.

ސީޒަން 3ގައި ކޮވިޑް-19ގެ ހާލަތު ދައްކަމުން އަންނައިރު، އޮބްސެސިވް ކޮމްޕަލްސިވް ޑިސޯޑަރ (އޯސީޑީ) އިން ޝައްކުބަލި ޖެހިފައިވާ ނާއިފު ހުންނަނީ އަބަދުވެސް ޕީޕީއީ ގައެވެ. ސެނިޓައިޒްކުރުމާއި ގަައިދުރުކަން ކަށަވަރުކުރުމަށް ފޫޓުފީތާ ހިފައިގެން، އަތަށް އަންގި ލައްވައިގެންނެވެ. މިހެން އުޅެއުޅެ ހުއްޓާ ރޭގެ އެޕިސޯޑުން ނާއިފުގެ ކޮއްކޮ ނާފިޢު ކަރަންޓީނު ނިންމާފައި ގެއަށް އައިސްފިއެވެ. ނާފިޢުގެ ކެރެކްޓަރ އަށް، މި ސީރީޒް އުފައްދާ މީހުން ހޮވާފައިވަނީ ހަމަ އަސްލުވެސް ރައުފަތު ޞާދިޤުގެ ކޮއްކޮއެއްބާއޭ ހިތަށް އަރާހާ އެއްގޮތް ފަންނާނެކެވެ. އިތުރު ތަޢާރަފަކަށް ބޭނުން ނުވާނެ ހުނަރުވެރިއެވެ.

ރާއްޖޭގެ ހުނަރުވެެރި ސެކްސަފޯނިސްޓް އަކްޘަމް މަޢުމޫން އަކީ މި ސީރީޒަށް އިތުރުކުރި ފަންނާނެވެ. ނާއިފު (ރައުފަތު ޞާދިޤު)ގެ ކޮއްކޮގެ ގޮތުގައެވެ. ރައުފަތުގެ އިސްކޮޅާ، ރޫފަޔާ، އަޑާއި މިޒާޖާވެސް ހަމަ މުޅިން އެއްގޮތް ފަންނާނެކެވެ.

ސެކްސަފޯނިސްޓް އަކްޘަމް މަޢުމޫން މި ސީރީޒްގައި ދައްކުވައިދެނީވެސް ސެކްސަފޯނިސްޓް އާޓިސްޓެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އަކްޘަމް މަޢުމޫން އަކީ ސެކްސަފޯނިސްޓެއްގެ އިތުރުން، ހުނަރުން ފުރިފައިވާ އެކްޓަރެއްކަން އެންމެ އެޕިސޯޑަކުންވެސް އެނގި ސާފުވެއްޖެއެވެ.

ކުރިއަށް ހުރި އެޕިސޯޑްތަކަށް ކެތްމަދުވެ، ބެލުންތެރިން ތިބެން ޖެހިފައިވަނީ ‘ރަޝީދަކީ ޒުވާން، ދެބެންގެ ބައްޕައޭ، ބުނެ މި ގޮވާ ދެބެންގެ ތެރެއިން ނާފިޢު އައިސް އެ އާއިލާއާ ގުޅުމުންނެވެ. އަނެއްކޮޅުން ކުޑޭ ވީ ކޮން ހިސާބެއްގައިކަން ވެސް އެނގެން އެބަ ބޭނުންވެއެވެ. ކުޑޭ އައި އިރަކުން ‘ކުޑޭ ނޮޅާ ކުދިކުދި ކޮށްލަން’ އައިޝަތު ޢަލީ ހުރީ ދަތްކުނޑި ވިކައިގެން ތައްޔާރަށެވެ.


ފަސްވަނަ އެޕިސޯޑުން ފެނިގެންދިޔަ މަންޒަރުތަކުން ޒެކް (ދޮން އައްޔަ) އަށް ވާނީ ކިހިނެއްތޯ ބަލަންވެސް ބެލުންތެރިން ތިބޭނީ ކެތްމަދުވެފައެވެ. ވީ ނައްސިތޯ ނުވަތަ ފައްސިތޯ ބަލަން ތިބެމާ ހިނގާށެވެ.

އަކްޘަމްގެ ފުރަތަމަ އިންސްޓްރޫމެންޓަލް ކަވަރވެސް ޑީބީ ރެކޯޑްސް އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.