ހިނިތުންވެލަމުން ޒާޔާ ބަނޑުގައި ފިރުމާލީ ދެލޯ މަރާލަމުންނެވެ. އާނއެކެވެ. ޝާރިފްގެ ފަރާތުން ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ މިއަދު ޒާޔާއަށް ލިބުނީމައެވެ. މުޅި އުމުރު ދުވަހަށް ޝާރިފްގެ ހަނދާނެއް ޒާޔާ ކައިރީގައި ހުންނާނެތީއެވެ. ޔަޤީނެވެ. ޝާރިފް އުފަލުން ޒާޔާ އުރާލާނެވެ. އެ ޚިޔާލު ހިތަށް އައުމާއިއެކު ޒާޔާ ލަދުގަތެވެ. ޝާރިފް ޒާޔާ އުރާލާނެ ގޮތް ހިތަށް ސިފަކުރަމުންނެވެ. އަވަސް އަވަހަށް ޒާޔާ ފާހާނާއިން ނިކުތީ ޝާރިފްއަށް ގުޅާ އެ ޚަބަރު ދޭންވެގެންނެވެ. ފޯނާއި ދިމާއަށް ވެސް ޒާޔާއަށް ދެވުނީ ދުވެފައެވެ.

ނަމަވެސް ފޯނު ހުޅުވާލުމާއެކު ފުރަތަމަވެސް ޒާޔާގެ ލޮލުގައި އަޅައިގަތީ ރާއިދުގެ މިސްވެފަ އިން ކޯލެވެ. ރާއިދު މަތިން ޒާޔާ ހަނދާންވެސް ވީ ދެނެވެ. ރާއިދުއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ރާއިދު އޮޅުވާލުމެއްގައި ބަހައްޓަންވީ ހެއްޔެވެ؟ އެކަން ސިއްރު ކުރެވޭނެ ހެއްޔެވެ؟ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
ޒާޔާ އަކީ ރާއިދުގެ ހައްޤެކެވެ. ޒާޔާގެ ސިކުނޑި ހާސްވަމުން ދިޔައީ އެކި ގޮތްގޮތަށް ވިސްނަން ފެށީމައެވެ. ސިކުނޑިއާއި ހިތް މުޅިން ޚިލާފެވެ. ޒާޔާގެ ހިތް ޒާޔާއަށް ވިސްނައިދެނީ ޒާޔާ އަކީ ހަމައެކަނި ޝާރިފްގެ މީހެއްކަމަށެވެ. އަދި ޝާރިފް އަކީވެސް ޒާޔާގެ މީހެކެވެ. ހަމައެކަނި ޒާޔާގެ އެވެ.
ފޯނު ނެގި ގޮތަށް ޒާޔާ ޝާރިފްގެ ނަމްބަރަށް ގުޅައިލިއެވެ. އެތައް ފަހަރަކު ގުޅި އިރުވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. ނިދާ ނުހޭލަނީ އޭ ހިތާ ޒާޔާ ފަހުން ގުޅަން މަޑުކޮށްލީއެވެ.

“މަންމީ.” ނިދާފައި އޮތް ޒިޔަލް ހޭލައިގެން ރޮއެގަތެވެ. ޒާޔާ ޒިޔަލް ކައިރީގައި އޮށޯވެލިއެވެ. އުފަލުން ހުރެއެވެ. ޔަޤީނެވެ. ޒާޔާ ބަނޑުބޮޑުކަން އެނގޭ އިރަށް ޝާރިފް އަދި ވަކިން ޒާޔާ ދެކެ ލޯބިވާނެއެވެ. މާބޮޑަށް އަޅައިލާނެ އެވެ. މިހާ އަވަހަށް ޒާޔާ ހޭލާ ހުރެ ހުވަފެން ބަލަން ފެށީއެވެ.
“ދަރިފުޅަށް ދޮންބެ ކިޔާނެ ކުޑަ ކުޑަ ދޫންޏެއް އަންނަން އުޅެނީނު.” ޒާޔާގެ ހެވި ދިލިފައި ހުރި މޫނަށް ޒިޔަލް ބަލަހައްޓައިގެން އޮތީ ކަޅިވެސް ޖަހައިނުލައެވެ.
ޒާޔާ ކިހާ މޮޔަ ހެއްޔެވެ؟ ޒިޔަލް އަށް އަދި އެކަހަލަ އެއްވެސް ވާހަކައެއް ނުވިސްނޭނެ ނޫން ހެއްޔެވެ؟ އެކަމަކު ޒާޔާގެ އެ އުފާ ހިއްސާކުރާނެ ކޮންމެވެސް މީހަކު ހުންނަން ޖެހޭނެ ނޫން ހެއްޔެވެ؟

“ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ؟” ކޮޓަރި ދޮރުހުޅުވާލާފައި ރާއިދު ވަތް ކަން ވެސް ޒާޔާއަށް އެނގުނީ ރާއިދުގެ އަޑުޖެހުނީމައެވެ.
ރާއިދުގެ ނުރުހިފައިވާ މޫނު ފެނިފައި ޒާޔާ އަވަސް އަވަހަށް އެނދުން ތެދުވިއެވެ.
“ކިހިނެއްތަ ވީ؟” ޒާޔާ ހިނގާފައި އައިސް ރާއިދުގެ ކުރިމައްޗަށް ހުއްޓުނެވެ.
“ކީއްވެތަ ޒާޔާ އެހާ ބަދަލުވެފަ ތިހުރީ؟ އަބަދުވެސް ޒާޔާގެ ފޯނު ބިޒީ. މިހާ ދުރުގަ ގޮއްސަ ހުންނަ އިރުވެސް ޒާޔާ އެންމެ ފަހަރަކުވެސް ގުޅާވެސް ނުލާ. ގުޅިޔަސް ފޯނު ނަގަނީ މަދުފަހަރަކު.” ހަޤީޤަތުގައިވެސް ރާއިދު ހުރީ ވަރަށް ދެރަވެފައެވެ. ޒާޔާއަށް ހުރެވުނީއެވެ. އިސްޖަހައިލައިގެންނެވެ. ދޭނެ ޖަވާބެއްވެސް ނޭނގިފައެވެ. ޒާޔާ ގަސްތުގައި ކުރާ ކަމެއް ނޫންކަން ރާއިދުއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ހިތަށް ބާރެއްނެތެވެ.
“ސޮރީ. ދެން އެހެން ނުވާނެ.” ޒާޔާ މާފަށްއެދުނެވެ. ރާއިދުގެ އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއްވެސް ނެތީއެވެ. ހަޤީޤަތް ހާމަކުރާނީ ކިހިނެއް ހެއްޔެވެ؟ ޒާޔާގެ ހިތުން އެހެން މީހަކަށް ޖާގައެއް ދެވުނު ވާހަކަ ބުނާނީވެސް ކޮން ލަފްޒަކުން ހެއްޔެވެ؟
“ހިނގާ މާލެ ބަދަލުވާން.” ރާއިދު ޒާޔާގެ އަތުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ.
“ކުއްލިއަކަށް ކީއްވެ ތިހެން ތިބުނީ؟” ޒާޔާ ރާއިދުގެ އަތު ތެރޭން އަތް މަޑުމަޑުން ދަމައިގަތެވެ.
“ޒާޔާ އާއި ޒިޔަލް މާލޭގަ އުޅޭނީ ދެން. އަހަރެން ދޭތެރެއިން ވިޒިޓް ކޮށްލާނަން.” ރާއިދު ޒާޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ރާއިދު ބަލަން ހުރި ގޮތުން ރާއިދު އުޅުނީ ކީއްކުރަން ކަން ޒާޔާ ދެނެގަތެވެ.
“ރާއިދު. ޒިޔަލް އަށް ފެންނާނޭ. ހޭލައޭ އެ އޮތީ.” ރާއިދުގެ ބީހުމުން ޒާޔާ އަށް އެހާ އުނދަގޫވީ ކީއްވެބާއެވެ.
“ބޭބީ. ބަލާލަބަލަ ޒިޔަލް އަށް. އެ އޮތީ ނިދާފައި. ޒިޔަލް އަށް ވެސް އެނގޭނެއެއްނު ޒިޔަލްގެ ޑެޑީ މަންމިއާއި ދުރަގަ އެތައް ދުވަހަކު ހުރެފަކަން މިއައީ.” އެނދަށް އިޝާރާތްކޮށްލަމުން ރާއިދު ޒާޔާގެ މޫނާއި އިހުނަށްވުރެވެސް ކައިރިވެލިއެވެ. އެކަކުގެ ހޫނު ނޭވާ އަނެކަކަށް އިޙްސާސް ކުރެވޭހާ ކައިރިއަށެވެ.
ރާއިދު ހުއްޓުވަން ޒާޔާގެ ހިތް އެދެމުން ދިޔައިރުވެސް ޒާޔާއަށް ހުރެވުނީއެވެ. އަތްބެއްގެ ވާޖިބު އަދާކުރަން މަޖުބޫރެވެ.
ރާއިދުގެ މޫނަށް ޒާޔާ ބަލާލި ވަގުތު ރާއިދު އޭނާގެ ތުންފަތް ޒާޔާގެ ތުންފަތުގައި ޖައްސާލިއެވެ. އަދި ރާއިދުގެ ދެއަތުން ޒާޔާގެ ކޮލުގައި ބާރަށް ހިފަހައްޓާލިއެވެ. ދެލޯ މަރާލައިގެން ޒާޔާ ހުރީއެވެ. ލޯމައްޗަށް ސިފަވަމުން ދިޔައީ ޝާރިފްގެ ރީތި ސޫރައެވެ. އެ ހިތްގައިމު ތޫނު ބެލުމެވެ. ރާއިދުގެ ބީހުންތައް ޒާޔާގެ މުޅި ހަށިގަނޑު ހޫނުކޮށްލިއެވެ.
“ޒާޔާ.” ރާއިދު ގޮވާލިއެވެ. އަދި ޒާޔާ ލައިގެން ހުރި ޓީޝާޓްގެ ޒިބު ކަހާލަމުން ޒާޔާ ދެކޮނޑުން އެ ޓީޝާޓް ވައްޓާލުމާއެކު ޒާޔާ ރާއިދުގެ ދެއަތުގައި ހިފަހައްޓާލިއެވެ. ނަމަވެސް ރާއިދު ޒާޔާ ކޮނޑުގައި ހިފާ ކޮށްޕާލަމުން އެނދު މައްޗަށް ވައްޓާލިއެވެ.

“ރާއިދު. އަސްލުވެސް އަހަރެމެން މާލެ ފޮނުވާލަނީތަ؟ ކިހާ އެކަނިވާނެ.!” ޒާޔާ ބޯ އަޅާލައިގެން އޮތީ ރާއިދުގެ އަތްމަތީގައެވެ.
“އާން. ޒާޔާ ބުނަމެއްނު މިތާގައި ހުންނަ ހިތެއް ނުވެޔޭ.” ރާއިދު ޒާޔާގެ އިސްތަށިކޮޅާއި ކުޅެލަ ކުޅެލައި އޮތެވެ. ހަށިގަނޑަށް ލިބުނު ވަރުބަލިކަމާއިއެކު ރާއިދު އަދިވެސް އޮތީ މާނޭވާ ލެވިފައެވެ.
“މަންމަ މެން ބަދަލުވެއްޖެ މާލެއަށް އަނެއްކާވެސް. ޒާޔާ ހުންނާނީ މަންމައާއި ބައްޕަ ކައިރީގައި.” ޒާޔާ އެއްވެސް އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދެއްކީ ރާއިދުއެވެ.
“އެކަމަކު.” ރާއިދު ޒާޔާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ޒާޔާ ހިމޭންކޮށްލިއެވެ.
“މީ މަގޭ ފަހުގެ ނިންމުން..” ރާއިދުގެ ހަރުކަށި ރާގުން ޒާޔާ އަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.

ޒިޔަލް އަތުގައި ހިފައިގެން މެންދުރުގެ ގަދަ ހޫނުގައި ޒާޔާ ހިނގައިގަތީ ގޭގެ ކުރިމަތީގައި އޮންނަ ބީޗާއި ދިމާއަށެވެ. އެވަގުތު ޝާރިފްވެސް ސައިކަލްގައި އެހާ ހިސާބަށް އަރާ ހަމަވަނީއެވެ. ޝާރިފް ހަދިޔާ ކޮށްލި ހިތްގައިމު ހިނިތުންވުމާއެކު ޒާޔާއަށް އިސްޖަހައިލެވުނެވެ.
ނޭނގެނީ ސަބަބެވެ. އެކަނި ތިބޭއިރު ޒާޔާ އަށް ޝާރިފް އާއި ވާހަކަ ދައްކާ ބަލަހައްޓައިގެން ހުންނަންވެސް ކެރެއެވެ. އެކަމަކު މީހުންގެ ކުރިމަތީގައި ޒާޔާއަށް އިސްޖަހައިލެވެނީއެވެ.
“ހީލާފާ ހިތް މަގޭ ހިފައިގެން ތިދަނީ.” ސިއްރު ސިއްރުން ހިތުގައި ހުރި ލަފްޒުތައް ޒާޔާ ދުލާއި ހަމައަށް ގެނައެވެ. ޖެހެމުންދާ ހިތްގައިމު ވައިރޯޅި މެދުވެރިކޮށް ޝާރިފްއަށް އެ މެސެޖް ރައްދު ކޮށްދޭން ޒާޔާ ބޭނުންވާ ކަހަލައެވެ.
އިރުކޮޅެއްވެސް ނުވެއެވެ. ޝާރިފް ޒާޔާގެ ފޯނަށް ގުޅައިފިއެވެ. އެންމެ ރިންގަކުން ޒާޔާ ފޯނަށް ޖަވާބު ދިނެވެ.
“ހާދަ ޓައިމިން ރަނގަޅޭ ދޯ. ކިހިނެއް ޝާރިފްއަށް އެނގުނީ އަހަރެން މިގަޑީގަ ނިކުންނާނެ ކަމެއް.” ޒާޔާ ވާހަކަ ދެއްކީ އުފަލުން ހުރެއެވެ.
“އެއީ ލޯބިވާތީ.” އަބަދުވެސް ޝާރިފްގެ ދުލުކުރީގައި އިންނަނީ އެއް ޖަވާބެކެވެ.
“އަހަރެން ބަނޑުބޮޑު.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޒާޔާ ބުނެލިއެވެ.
“ކީކޭ؟” ޝާރިފްއަށް ލިބުނީ ޝޮކެކެވެ.
“ޝާރިފްގެ މި ހަނދާން އަހަރެން ބޭނުން.” ޒާޔާ ހުރީ މާކުރިން ގޮތް ނިންމައިގެންނެވެ.
“ޒާޔާ ބޭނުންގޮތެއް. އެކަމަކު މަށަށް މައްސަލައަކީ މަގޭ ދަރިއަކަށް މަށަށް ލޯބި ނުދެވޭނެތީ. އެހެން ވާކަށް މަށެއް ބޭނުމެއް ނޫން.” ޝާރިފްގެ ޖަވާބުން ޒާޔާ ހިތްހަމަނުޖެހުނެވެ.
“ތީ ކޮންކަހަލަ ޖަވާބެއްތަ؟ ޝާރިފް ތިބުނީ ދިލާ ދޫކޮށެއް ނުލެވޭނޭތަ؟ މި ދަރި ބޭނުމެއް ނޫނޭތަ؟” ޒާޔާ ދެރަވީ ޝާރިފްގެ ޖަވާބު އިވިފައެވެ.
“އެހެނެއް ނުބުނަމެއްނު. މި ބުނީ ދިލާގެ ކުށެއްނެތި ދޫކޮށެއް ނުލެވޭނޭ.” ޝާރިފް މަސައްކަތް ކުރީ ޒާޔާ އަށް ވިސްނައިދޭށެވެ. އެކަމަކު ޒާޔާއަށް މިހާރު ވިސްނެން ހުރި ވަރަކަށް ވިސްނި ނިމިއްޖެއެވެ. ޝާރިފްއަށް މުހިއްމުވީ ދިލާ އެވެ. ޒާޔާ އެއް ނޫނެވެ. ޝާރިފްގެ ނުއުފުންނަ ދަރިއެއްވެސް ނޫނެވެ. ޒާޔާ ފޯނު ކަނޑާލީ އިންތިހާއަށް ދެރަވެގެންނެވެ. އެތައް ފަހަރަކު ޝާރިފް ގުޅިއިރުވެސް ޒާޔާ ފޯނަކަށް ޖަވާބެއް ނުދިނެވެ.
ޒާޔާ ދެން ޝާރިފް އާ ދުރަށް ދާނީއެވެ. މުޅި އުމުރަށެވެ. ޒާޔާ ޝާރިފް އަށް ދިން ލޯބީގެ އެއްވެސް އަގެއްނެތެވެ.

ފަތިހުގެ ފިިނި ރޯޅިއެއް ޒާޔާގެ އުދާސްވެފައިވާ މޫނުގައި ފިރުމާލިއެވެ. ކޮނޑުގައި ދަބަސް އަޅުވާލައިގެން ޒިޔަލްގެ އަތުގައި ހިފައިގެން ޒާޔާ ފުރީ އެއާޕޯޓަށެވެ. ޖެޓީ އިން ލޯންޗް ނައްޓައިލުމާއެކު ޒާޔާ އަމިއްލަ ރަށާއި ދިމާއަށް އެންމެ ފަހު ފަހަރަށް ބަލައިލިއެވެ. އެވަގުތުވެސް ދެލޯ މަރާލުމާއެކު ޒާޔާގެ ލޮލަށް ސިފަވެގެން ދިޔައީ ޝާރިފް އެވެ. އެ ލޯބި ފިރުމުންތަކެވެ. އެކުގައި ހޭދަކޮށްފައިވާ އުފާވެރި ވަގުތުތަކެވެ.
“ޝާރިފް.” ޝާރިފްގެ ނަން ދުލާއި ހަމައަށް އައީ ބޭއިޚްތިޔާރުގައެވެ. ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކުންނެވެ. ޝާރިފްއަށް ޒާޔާ ދާކަން ނުވެސް އެނގޭނެއެވެ. އެކަމަކުވެސް ކީއް ހެއްޔެވެ؟ ޒާޔާ ދިޔަޔަސް ޝާރިފް އަށް މައްސަލައަކަށް ނުވާނެއެވެ. ޒާޔާ އަކީ ހަމައެކަނި ކުޑަ ވަގުތުކޮޅަކަށް ޝާރިފްގެ ހަޔާތަށް އައި މެހެމާނެކެވެ. މިއަދު ޒާޔާއަށް ޝާރިފް ގެ އަޅާލުމާއި ލޯބި ނުލިބުނީ ކައިވެނީގެ ސެޓްފިކެޓް ނެތީމައެވެ. ލޯބިވާނަމަ ޝާރިފް ޒާޔާ އާއި ޝާރިފްގެ ދަރިފުޅަށް އަމިއްލަ ނަން ދޭނެއެވެ. ޒާޔާ އާ ނުލާ ނޫޅެވޭނަމަ ޝާރިފް އަށް އެންމެންނަށް ވުރެ ޒާޔާ މުހިއްމު ވާނެއެވެ.
ފްލައިޓް ނައްޓައިލުމާއެކު ދެލޮލުގައި ހިފަހައްޓާފައި ހުރި ކަރުނަތައް އޮހިގަތީ ޒާޔާގެ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ޒިޔަލްގެ އަތުގައި ޒާޔާއަށް ބާރަށް ހިފަހައްޓާލެވުނެވެ. މުޅި އުމުރަށް ހިތާމަ ކުރަން ޝާރިފް ޒާޔާއަށް ޖައްސައިފިއެވެ. ޒާޔާގެ ހިތް ފިސްފިސް ކުރަމުންނެވެ.

“ގޭގަތަ؟” ނިދިފައި އޮތް ޒާޔާ އަށް ހޭލެވުނީ ރާއިދު ގުޅީމައެވެ.
“ގަޑިން ކިހާއިރެއްތަ؟” ޒާޔާ އަށް ފުރަތަމަވެސް އަހާލެވުނެވެ.
“އިރުއޮއްސެނީ. ކޮބާތަ ޒިޔަލް.؟” ރާއިދު ހުރީ ޒާޔާ ދިޔައިމަ ދެރަވެފައި ކަން ރާއިދުގެ އަޑުންވެސް އެނގެއެވެ.
“މަންމަ ކައިރީގައި. ފަހުން ގުޅާނަން.” ޒާޔާ ފޯނު ބޭއްވީ ޝާރިފްގެ ކޯލެއް އަންނާތީއެވެ.
ނަމަވެސް ޒާޔާ އެފޯނަކަށް ޖަވާބުދޭކަށް ބޭނުމެއްނޫނެވެ. މިހާރު ޝާރިފް ޒާޔާ އާ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެއެވެ. ފިކުރު ތަކުން ފޯވުމާއެކު ޒާޔާގެ ދެލޯ އަނެއްކާވެސް ފެންކަޅި ވެއްޖެއެވެ.

މާބަލް ހޮޓެލްގެ ހިތްގައިމު މާހައުލެވެ. އިވެމުންދިޔަ މަޑު މިޔުޒިކުން މުޅި ތަނަށް އިތުރު ހިތްގައިމު ކަމެއް ގެނެސްދެމުން ދިޔައެވެ.
“ޒާޔާ. ތިހެން ނުވިސްނަބަލަ އެހާވަރަށް. ހަނދާންނައްތާލަބަލަ އެކަންތައްތައް.” ޒާޔާ އާއި ޒާޔާގެ އެންމެ ގާތް އެކުވެރި ސަމާ ތިބީ މާބަލް ހޮޓެލްގެ ޓެރަސްގައެވެ.
“ސަމާ. ތިކަމެއް ނުވާނެ. އޭނަ މަތިން ދުވަހަކުވެސް.-” ޒާޔާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވީއެވެ.
“ސަޕްރައިޒް ވެއްޖެދޯ. އަހަރެން ހަމަ ޖެއްސީ. އިނގޭ ޒާޔާއަށް މިވަގުތަށް މުހިއްމު ވާނެކަން.”. ސަމާ ހިނިތުންވެލަމުން ޒާޔާގެ އަތްމަތީގައި އަތް ބާއްވާލިއެވެ.
“އެކަމަކު އައިމަން ކީއްވެ؟” ޒާޔާ ހެވިފައި ހުރި އައިމަންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
“ރާއިދުއާ އިނދެގެން އުޅުނަސް މަށަށް އިނގޭ އަދިވެސް ޒާޔާ އައިމަން ދެކެ ލޯބިވާކަން.”
ސަމާ ހަނދާން ކުރީ ޒާޔާގެ މާޒީއެވެ.
ޒާޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. އިސްޖަހާލައިގެން ހުރީއެވެ.
“އޯކޭ. ސޮރީ. އައިމަން އަށް ޓްރަސްޓް ކުރާތީ އެއްޗެއް ހިފައިގެން އޭނަ މިތަނަށް މިގެނައީ.” ޒާޔާގެ މޫޑް ހުރިގޮތުން ޒާޔާ ހިތްހަމަ ނުޖެހުނީކަން ސަމާ ދެނެގަތެވެ.
ސީ. ވިސްކީ. ޒާޔާގެ ފެވަރިޓް.” ސަމާ އައިމަން އަތުން ފުޅި އަތުލައިގެން ޒާޔާގެ ކުރިމަތީގައި ބެހެއްޓިއެވެ.
އޭރުވެސް އައިމަން ކަޅި ޖަހާނުލާ ބަލަމުންދިޔައީ ޒާޔާގެ މޫނަށެވެ.
“ޒާޔާ. މަށާ ރުޅިތަ؟ މިހާ ދުވަސްކޮށްފަ ދިމާވީމަވެސް ހާލުވެސް އަހާނުލާނަންތަ؟” އައިމަން ޒާޔާއާއި ޖެހިގެން ހުރި ގޮޑީގައި އިށީނެވެ.
“މަގޭ ނަމްބަރުވެސް ބްލޮކް ކޮށްފަ ދޯ އިންނަނީ.” އައިމަން އެތައް ވާހަކައެއް ދެއްކި ކަމުގައި ވިޔަސް ޒާޔާ އައިމަން އަށް ބަލައިވެސް ނުލިއެވެ.
“ސަމާ. ޒިޔަލް ހޭލަން އުޅޭނެ. ތޭންކްސް ތިވަރަށް މަށާއި ދޭތެރޭ ވިސްނީތީ. މީގެއިން މަށަށް ދީބަލަ.” ޒާޔާ ވާހަކަ ދެއްކީ އަތް ދަބަސް ހާވަމުންނެވެ.
އައިމަން ދިއްކޮށްލީ ކުޑަ ފެން ފުޅިއެކެވެ. ޒާޔާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“މަށަށް ޒާޔާ އިނގެޔޭ. މީ ޒާޔާއަށް. ހަމަ ވިސްކީ.” އައިމަން ހިނިތުންވެލިއެވެ. އައިމަން އަށް އިނގެއެވެ. ޒާޔާ ދުވަހަކުވެސް ޕަބްލިކްގައި އެކަހަލަ ކަމެއް ނުކުރާނެކަމެވެ. އަދި މީހަކާއެކީ ވެސް ނުކުރާނެއެވެ. އަދި ޚާއްސަކޮށް އައިމަން އެތާ ހުއްޓައެވެ.
ސަމާ ކައިރީ ދަނީއޭ ބުނަމުން ޒާޔާ ތެދުވިއެވެ. ލިފްޓާއި ހަމައަށް ގޮސްފައި ޒާޔާ ފަހަތަށް އެނބުރިލީ ފަހަތުން އައިމަން އަންނަކަން އެނގޭތީއެވެ.
ޒާޔާ އެނބުރުނީ ރުޅި އައިސްފައި ހުރެއެވެ.
ނަމަވެސް ޒާޔާ އަށް ސިހިފައި ފަހަތަށް ޖެހެވުނީ އައިމަން ހުރީ ވަރަށް ކައިރީގައި ކަމަށްވާތީއެވެ. ފަހަތަށް ޖެހެމުން ގޮސް ޒާޔާ ލައްވީ ފާރުގައެވެ.
“ތި ދެން ކޮން ކަމެއް؟” ޒާޔާ ރުޅިއައެވެ. އައިމަން އުޅޭގޮތުންނެވެ.
“އިނގޭ މީހެއްގެ ހައްޤެއްކަން. އެކަމަކު ތި މޫނުމަތީގައި އުފާވެރިކަމެއް ނެތެއްނު.” އައިމަން ވާހަކަ ދެއްކީ ސީދާ ޒާޔާގެ ލޮލަށް ބަލަން ހުރެއެވެ.
“ކާކު ބުނީ؟ އަހަރެން ހަމަ ހެޕީ.” ޒާޔާ އިސްޖަހައިލިއެވެ.
“އެއީ ކާކު؟ މަށަށް ހަތަރުއަހަރުން ނުވިކަމެއް ކުޑަ ދުވަސްކޮޅެއް ތެރޭގައި ކުރީ.” އައިމަން ފުން ނޭވާއެއް ދޫކޮށްލަމުން ޒާޔާ އަށް ފުރަގަސްދިނެވެ.
ޒާޔާއަށް ޔަޤީންވެއްޖެއެވެ. ސަމާ އައިމަން ކައިރީގައި ހުރިހާ ވާހަކަތަކެއް ކިޔާދިނީއެވެ. ސަމާ ދެކެ ޒާޔާ ހިތްހަމަ ނުޖެހުނެވެ. އައިމަން އަކީ ސަމާގެ ބޭބެ ކަމުގައި ވިޔަސް ޒާޔާގެ ސިއްރު ސަމާ ހިފަހައްޓަން ޖެހޭނެއެއްނޫން ހެއްޔެވެ.
“އެ މީހަކު ޒާޔާދެކެ ލޯބި ނުވިޔަސް އަހަރެން ޒާޔާ ދެކެ ލޯބިވެޔޭ. އަދިވެސް” އައިމަން މަސައްކަތް ކުރީ ޒާޔާގެ އަތުގައި ހިފާށެވެ. ނަމަވެސް ޒާޔާ ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ކަމުން ޒާޔާ އެއްކައިރިއަށް ޖެހިލީ ހުޝިޔާރުކަމާއި އެކީގައެވެ.
ދެލޯ އަޅާލަމުން ޒާޔާ ލިފްޓް ތެރެއަށް ދެމިގަތެވެ. އައިމަން ދެކެ ޒާޔާ ވާ ފޫހިންނެވެ.

އިރުއަރައިގެން ގޮސް އޮއްސުންވެސް މިހާރު ޒާޔާ އަށް ލަހެވެ. އެއްދުވަސް ވެސް ހީވަނީ އެއް އަހަރު ދުވަސް ހެންނެވެ.

އެއް ރެއެވެ. ޒާޔާ ފޭސްބްކް ނިއުސްފީޑް ބަލަމުން ދިޔައީ ކުރާނެ މާބޮޑު ކަމެއް ނެތީމައެވެ. ޒިޔަލްވެސް އެހެން ރޭ ރެޔާއި ޚިލާފަށް ވަރަށް އަވަހަށް ނިދައިފިއެވެ. އެއްއަތުގައި ފޯނު އޮތް އިރު ޒާޔާގެ އަނެއް އަތުން ހިފަހައްޓައިގެން އިން ވިސްކީ ތައްޓަކީ ޝާރިފްއާއި ދުރުގަ ހުރުމަށް ޒާޔާ ބޭނުން ކުރާ ހަތިޔާރެވެ.
ދިލާއާއި ޝާރިފް އެކުގައި އެހާ ގާތުގައި ނަގާފައި އިން ދިލާގެ ޕްރޮފައިލް ފޮޓޯ ޒާޔާގެ ލޮލުގައި އަޅައިގަތެވެ. މިހާ އުފަލުގައި އުޅޭއިރު މަށަށް ގުޅަނީ ކީއްކުރަން ހެއްޔެވެ؟
ކޮންފަދަ ދެއްކުންތެރިކަމެއް ހެއްޔެވެ؟
ދޮރުގައި މީހަކު ޓަކި ޖަހާލީ އެވަގުތުއެވެ. ޒާޔާ ހުރީ ދޮރު ހުޅުވަން ފަސްޖެހިފައެވެ. ޚުދު އަމިއްލަ މީހާ މަސްތުގެ ހާލަތުގައި ހުރީމައެވެ.
ހަދާނެ ގޮތަކާއި މެދު ވިސްނަން ހުއްޓާ ފޯނަށް އައީ މެސެޖްއެކެވެ. ސަމާ ގެ އެވެ.
ޒާޔާ ބާރުބާރަށް ގޮސް ދޮރު ހުޅުވިއެވެ.
“ކޮބާ ބޭސްތައް؟” ޒާޔާ އަހާލީ ސިއްރު ސިއްރުންނެވެ.
“އިންޖެކްޝަންއޭ ގެނައީ.” ސަމާ ޒާޔާއަށް ދިއްކޮށްލީ ކަރުދާސް ކޮތަޅެކެވެ.
“އަޅޭ.” ޒާޔާ އެކޮތަޅުގައި ހިފީ ފަސްޖެހިފައި ހުރެއެވެ.
ސަމާ ދިޔުމުން ޒާޔާ ދޮރުތަޅުލިއެވެ. ކޮތަޅުން އިންޖެކްޝަން ނަގަމުން ޒާޔާ ދެލޯ މަރާލިއިރު މުޅި މީހާ ހުރީ ހާސްވެ ދާހިތްލާ ފޯވެފައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް