ޑާކް ރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯ ގެ 2017 ވަނަ އަހަރުގެ އަހަރީ މުރާޖައާ އެއް އެ ސްޓޫޑިއޯ އިން ނެރެފި އެވެ. އެ ސްޓޫޑިއޯ ގެ ފަރާތުން ޕްރޮޑިއުސަރ މުޙައްމަދު ޢަލީ ގެ ފޭސްބްކް ގައި އާއްމުކޮށްފައިވާ މުރާޖަޢާގައި ވަނީ 2017 ވަނަ އަހަރަކީ އެ ސްޓޫޑިއޯ އަށް ވަރަށް ކާމިޔާާބު އަހަރެއްކަން ފާހަގަ ކޮށްފަ އެވެ.

އަށްވަނަ ދިވެހި ފިލްމު އެވޯޑްސް ގެ 70 އިންސައްތަ އެވޯޑް ހާޞިލްކުރި ޑާކް ރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯ އިން ކާމިޔާބު އަހަރެއް ހޭދަކޮށް މިހާރު ތައްޔާރު ވަމުން އަންނަނީ 05 މާޗް 2018 ގައި އެ ސްޓޫޑިއޯ ގެ ފިލްމު ‘ވަކިން ލޯބިން’ ނެރުމަށެވެ. އެ ސްޓޫޑިއޯ ގެ އެންމެ ކާމިޔާބު އަހަރުގެ ރިވިއުއެއް ނެރެމުން މުޙަައްމަދު ޢަލީ (މޮގަރ) ބުނީ ޑާކް ރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯ އިން 2017 ވަނަ އަހަރާއި ބައްދަލުކުރީ އެ ސްޓޫޑިއޯ އިން ނެރުނު އެންމެ ހިޓް ފިލްމު ކަމަށްވާ ‘ވާާށޭ މަށާ އެކީ’ އަށް ލިބުނު ކާމިޔާބީ އިން ވަރަށް ބޮޑު އުއްމީދަކާއި ޕޮޒިޓިވް ކަމެއް ލިބިގެން ކަމަށެވެ.

އެ ސްޓޫޑިއޯ އިން މިހާތަނަށް އުފެއްދި އެންމެ ބޮޑު ފިލްމު ކަމަށްވާ ‘މީ ލޯތްބަކީ’ ރިލީޒް ކުރީ 05 އޭޭޕްރީލް 2017 ގައެވެ. އެ ފިލްމަށް ވަރަށް އެދެވޭ އިޖާބައެއް އޯޑިއަންސް ގެ ފަރާތުން ލިބުނު ކަން ފާހަގަ ކުރަމުން މޮގަރ ބުނީ ފިލްމު އެޅުވިތާ ހަފުތާއެއް ތެރޭގައި މަޖީދީމަގު (މުއިއްޒު ކޮށްފި) ކަމަށެވެ. މޮގަރ އެ އިޝާރާތް ކުރަނީ އެދުވަސްވަރާއި ދިމާކޮށް އޮލިމްޕަސް ހިމެނޭ ސަރަހައްދުގެ މަގު ހެދުމަށް މުޅި މަގުގެ ގާތަށް ހައުސިންގ މިނިސްޓްރީ އިން ނަގައި މަސައްކަތް ކުރިއަށް ގެންދަން ފެށި ވާހަކަ ކަމަށް ބެލެވެއެވެ. 

ޑާކް ރެއިން އެންޓަޓެއިންމެންޓް ގެ 10 ވަނަ ފީޗަރ ފިލްމު ‘ވަކިން ލޯބިން’ ގެ ޝޫޓިން ފަށާފައިވަނީ 10 އޮގަސްޓް 2017 ގަ އެވެ. އެ ފިލްމުގެ ޝޫޓިން ނިމިފައިވަނީ 18 ނޮވެމްބަރު 2017 ގައި ކަމަށްވެސް މޮގަރ ގެ ރިވިއުގައި ވެއެވެ. އަދި އެ ސްޓޫޑިއޯގެ 11 ވަނަ ފީޗަރ ފިލްމު ކަމަށްވާ ‘ގޮށްރާޅު’ ގެ ޕްރިންސިޕަލް ފޮޓޯގްރަފީ ފަށާފައިވަނީ 20 ނޮވެމްބަރު 2017 ގައި ކަމަށްވެސް މޮގަރ ބުނެއެވެ.

19 ޑިސެމްބަރު 2017 އަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ތާރީޚްގެ ތެރެއަށް ޑާކް ރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯ ވަން ދުވަސްކަން ފާހަގަ ކުރަމުން މޮގަރ ގެ ރިވިއުގައި ވަނީ އަށްވަނަ ދިވެހި ފިލްމު އެވޯޑްސް ގެ 70 އިންސައްތަ އެވޯޑް އެ ސްޓޫޑިއޯ އަށް ކާމިޔާބު ކުރެވުނު ކަން ފާހަގަކޮށްފަ އެވެ. އަދި އުއްމީދު ކުރި ގޮތަށް ‘ވާށޭ މަށާއެކީ’ އަށް އެންމެ މޮޅު ފީޗަރ ފިލްމު އެވޯޑް ލިބުނުކަންވެސް މޮގަރ ވަނީ ފާހަގަކޮށްފައެވެ.

މޮގަރ ގެ ރިވިއު ނިންމާލަމުން ވަނީ ފިލްމު ބެލުންތެރިން ދެމުން އަންނަ ސަޕޯޓަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު މާޗް މަހުގެ 05 ވަނަ ދުވަހު އެ ސްޓޫޑިއޯގެ ފީޗަރ ފިލްމު ‘ވަކިން ލޯބިން’ އާއި އެކީގައި ބައްދަލުކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.