ފެށުން
އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެ ދީނުގައި ހަޔާތުގެ ހުރިހާ ކަމެއް ބައްޓަން ކުރަންވީ އެންމެ ފުރިހަމަ ގޮތް ބަޔާން ކުރައްވާފައި ވެއެވެ. މުދާ ހޯދާނޭގޮތާއި އެ މުދާ ހެޔޮގޮތުގައި ހޭދަ ކުރާނޭ ގޮތްވެސް ބަޔާންކުރައްވާފައި ވެއެވެ. އަދި ހަމަ އެހެންމެ ދަރިން ތަރުބިއްޔަތުކުރާނެ އެންމެ ފުރިހަމަ ރަނގަޅު ގޮތް ވެސް ވަނީ ބަޔާން ކުރައްވާފައެވެ. މި މަޒުމޫނުގައި އަލި އަޅުވާލާނީ އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތު ކުރުން މި މަޢުޟޫއަށެވެ.

އިސްލާމް ދީނުގައި ދަރިން ތަރުބިއްޔަތުކުރުމަށް ދޭ އަހަންމިއްޔަތު
އިސްލާމް ދީނުގައި ދަރިން ތަރުބިއްޔަތުކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވެއެވެ. އެގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ (یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ قُوۤا۟ أَنفُسَكُمۡ وَأَهۡلِیكُمۡ نَارࣰا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ) (ސޫރަތުއްތަޙްރީމް 6)
މާނަ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ.“

އާޔަތުގެ މުރާދަކީ: އެބައިމީހުންނަށް ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމެވެ. އަދި އެބައިމީހުންނަށް އުނގަންނައިދިނުމާއެކު އަދަބުވެރިކުރުވުމެވެ. އަދި (އެ ޢިލްމުގެ ސަބަބުން) ނަރަކައިގެ އަޒާބަށް ބިރުވެތި ކުރުވުމެވެ.
(ޙުސައިނު, 2020)

މި އާޔަތުންވެސް އެނގި ހާމަ ވެގެންދަނީ އިސްލާމްދީނުގައި އިސްލާމީ ރިވެތި ތަރުބިއްޔަތަކުން ތަރުބިއްޔަތު ކުރުމަށް ބާރުއަޅާ މިންވަރެވެ. ނުވަތަ ދޭ އަހަންމިއްޔަތެވެ.

ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިން އަދާކޮށްދިނުމަށް ހުރި ކަންތައްތައް
ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިންވެސް އެ ދަރިފުޅުގެ މައިންބަފައިން އަދާކޮއްދޭންޖެހޭ ހައްގުތަކެއް ނުވަތަ ކަންތައްތަކެއް ވެއެވެ. ދަރިފުޅަށްޓަކައި ޞާލިހު މަންމައެއް އިޚްތިޔާރުކުން ވަރަށް މުހިންމެވެ. އެހެނީ ދަރިފުޅު ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ ހެޔޮލަފާ މަންމައެއް ހުރެގެންނެވެ. ސަބަބަކީ ދަރިފުޅު ބަލާނީ މަންމަ އާއި ބައްޕަ އުޅޭ ގޮތް ކޮޕީ ކުރާށެވެ. މާނައަކީ އެ ކުދިން މައިންބަފައިންގެ އުޅުން ނަކަލު ކުރަން ވަރަށް މަސައްކަތް ކުރާނެއެވެ. ވީމާ ދަރިފުޅަށްޓަކައި ޞާލިހު މަންމައެއް ހޯދުން މުހިންމެވެ.

މައިމީހާގެ ބަނޑުގައި ދަރިފުޅު ޣަރުބަގަތުމުން ލިބެން އުޅޭ ދަރިފުޅަށްޓަކައި އަބަދުވެސް ހެޔޮ ދުޢާކޮއްދޭން ވާނެއެވެ. މައިންބަފައިން ދަރިންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ ޞާލިހު ދަރިންތަކެއް ބޮޑުކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

އަދި ހަމަ އެހެންމެ މަންމަ އާއި ބައްޕަ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަކީވެސް ދަރިފުޅަށްޓަކައި އަދާކޮއްދޭން ޖެހޭ ހައްގެކެވެ. ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވޭނީ މަންމަ އާއި ބައްޕަ ވެސް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރެގެންނެވެ. ނަފްސާނީ ނުވަތަ ޖިސްމާނީ ގޮތުން ސިއްހަތު އެހާ ރަނގަޅު ނޫންނަމަ ދަރިން ތަރުބިއްޔަތު ކުރުމުގައި ދަތިތަކެއް ކުރިމަތި ވެދާނެއެވެ. ނަމަވެސް އެއީ އުފެދުމުގައި ހުންނަ ކަމެއް ނަމަ ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އެ ހުރި ކަމެއް ރަނގަޅު ކުރަން ފަރުވާ ކުރެވިދާނެއެވެ. އެ ފަދަ މީހުންގެ ދަރިންގެ މައްޗަށް އޮތީ މައިންބަފައިންގެ ކަންތައްތައް ވަރަށް ގާތުން ބަލައި އެމީހުންނަށް އޯގާތެރިވުމެވެ. ވީމާ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި މަންމަ އާއި ބައްޕަ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު އަދާކޮށްދޭންޖެހޭ ހައްގުތައް
ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިންނާއި ފަހުންވެސް އިސްލާމްދީނުގައި މައިންބަފައިން އެ ދަރިންނަށް އަދާކޮށްދޭންޖެހޭ ހައްގުތަކެއް ވެއެވެ. އިސްވެ މި ބަލާލީ ދުނިޔެއަށް އުފަން ވުމުގެ ކުރިން ދަރިންނަށް އަދާކޮށްދޭންޖެހޭ ހައްގު ތަކެވެ. ދެން މި ބަލާލަނީ ދަރިފުޅު ދުނިޔެއަށް އުފަންވުމަށް ފަހު މައިންބަފައިން ދަރިންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކުގެ މައްޗަށެވެ.

ދަރިފުޅު އުފަންވުމުން އެ ދަރިފުޅަށް އަދާކޮށްދޭންޖެހޭ ހައްގުތައް ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލުމާއެކު ފެށޭނެއެވެ. އެ ގޮތުން ދަރިފުޅު އުފަން ވުމާއެކު ދަރިފުޅުގެ ކަންފަތް ދޮށުގައި ބަންގި ދޭން ޖެހޭނެއެވެ. އެއީ އެންމެ ފުރަތަމަ އެ ދަރިފުޅަށް ﷲ ގެ މަތިވެރި ކަލިމަފުޅު އިއްވުމަށްޓަކައެވެ. އެއަށްފަހުގައި ދެން ކުރަންޖެހޭނެ ކަމަކީ ތަޙްނީކުކުރުމެވެ. ތަޙުނީކުކުރުމަކީ ކަދުރު ފަދަ ފޮނި އެއްޗެއް ކުއްޖާގެ އަނގަޔަށް ލެވުމެވެ.

ދެން ކުރަންޖެހޭނެ ކަމަކީ ހަތް ދުވަސް ވާ ދުވަހު ބޯބެލުމާއި ބޭލި އިސްތަށީގެ ބަރުދަނުން ޞަދަގާތް ކުރުމެވެ. އަދި ހަމަ އެހެންމެ ހަތްދުވަސް ވާ ދުވަހު ދަރިފުޅަށް ރީތި ނަމެއް ކިޔަންވާނެއެވެ. ނަން ކިޔާއިރު ރީތި މާނައެއް ހިމެނޭ ނަމެއް ކިޔުމަށް ސަމާލުކަންދޭން ޖެހޭނެއެވެ. އަދި ހަމަ އެހެންމެ އަގީގާ ކަތިލަން ވާނެއެވެ. އަގީގާއަކީ ކުއްޖާ ދުނިޔެއަށް އައުމާ ގުޅިގެން އެ ކުއްޖާއަށްޓަކައި ﷲ އަށް ކުރެވޭ ގުރުބާނެކެވެ. އެއީ މިއުންމަތަށް އިތުރުވާ މުއުމިނަކަށްޓަކައި ފާޅުކުރެވޭ އުފަލެކެވެ. އަދި އެއީ މުޖުތަމައުގެ ފަޤީރުންނާއި މިސްކީނުންގެ ހެޔޮ ދުއާ އެ ކުއްޖާއަށް ލިބޭ ކަމެކެވެ.

މީގެ އިތުރުން ދެން އޮތް ހައްގަކީ ހިތާނުކުރުމެވެ. ހިތާނުކުރުމަކީ އިސްލާމީ ޝިއާރެކެވެ. އަދި ހަމައެހެންމެ އެއީ ފިތުރަތުގެ ތެރެއިންވާ ކަމެކެވެ. ހިތާނުކުރުމުން މުސްލިމުންނާއި ޣައިރު މުސްލިމުން ވަކިވެއެވެ. އަދި ހަމަ އެހެންމެ ހިތާނުކުރުމުން ޝަހުވަތްތައް މެދުމިންވެ ވަރަށް ގިނަގުނަ ބަލިތަކުން ސަލާމަތްވެއެވެ.

ދީނީ ކަންކަން ދަސްކޮށްދިނުމާއި ދީނީކަންކަމަށް ބާރުއެޅުވުމަކީ އެންމެ މުހިންމު އެއް ހައްގެވެ. ސަބަބަކީ ދީނީ ކަންކަމަށް ބާރު ނާޅައި ނުވީތާކަށް ދަސްކޮށް ނުދީ ހުރެއްޖެ ނަމަ އެ ކުއްޖާ ހެޔޮގޮތުގައި އިސްލާމީ ރިވެތި ގޮތުގެ މަތިން ތަރުބިއްޔަތު ކުރާކަމަކަށް ނުވާނެއެވެ. ނުވީތާކަށް އެ ކުއްޖާއަށް ކުޑަމިނުން އިސްލާމީ ޝިއާރުތަކެއްވެސް ނޭނގޭނެއެވެ. ވީމާ ދީނީ ކަންކަން ދަސްކޮށްދީ އެކަންކަމަށް ބާރުއެޅުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެކެވެ.

އަދި ހަމައެހެންމެ ހަތްއަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި ދިހަ އަހަރުވުމުން އަދަބުދީގެންވެސް ނަމާދު ކުރުމަށް ބާރުއެޅުމަކީވެސް މައިންބަފައިން ދަރިންނަށް އަދާކޮށްދޭންޖެހޭ ހައްގެކެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ދަރިންނަށް ހަތް އަހަރު ވުމުން ނަމާދުކުރުމަށް އަމުރުކުރާށެވެ! ދިހަ އަހަރު ވުމުން ކުދިން ނަމާދު ނުކުރާނަމަ އަދަބުދޭށެވެ! 10 އަހަރު ވުމުން އަންހެން ދަރިންނާއި ފިރިހެން ދަރިން ނިދާތަން ވަކިކުރާށެވެ!” (އިސްލާމް ދީނުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މަގު, 11) މި ހަދީޘް ބަސްފުޅުންވެސް ނަމާދަށް ބާރު އަޅާ މިންވަރު ހާމަ ވެއެވެ.

ނަބީބޭކަލުންނަށް ލޯބި ޖެއްސުމާއި، ސަލާމުގެ އަދަބު ތަކާއި، ކެއިން ބުއިމުގެ އަދަބުތަކާއި، ވާހަކަ ދެއްކުމުގެ އަދަބުތައް ކުދިންނަށް ދަސްކޮށްދިނުމަކީ އެކުދިންގެ މައިންބަފައިން އެ ކުދިންނަށް އަދާކޮށްދޭންޖެހޭ ހައްގެކެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ އާންމު ގޯސްތައް

ކުރިން އަލި އަޅުވާލީ މައިންބަފައިން އަދާކޮށްދޭންޖެހޭ ދަރިންގެ ހައްގުތަކެވެ. މި ހައްގުތައް އަދާކުރުމުގައި ގޯސް ވެސް ހެދެއެވެ. ދެން މި ބަލާލަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ އާންމު ގޯސްތަކަށެވެ.

މައިންބަފައިންގެ މެދުގައި ދެކޮޅުވެރިކަން އުފެދުމަކީ ދަރިންތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހެދޭ ވަރަށް އާންމު ގޯހެކެވެ. ކުޑަ ކުޑަ މިސާލެއް ދަންނަވާލާނަމެވެ. މަންމަ މަނާ ކުރާ ކަމެއް މިސާލަކަށް ނުކިޔަވައި ފިލާވަޅުތައް ނުނިންމައި ޓީވީބެލުން ކުއްޖާގެ ބައްޕަ ހުއްދަ ދިނުންވެސް ބެލެވިދާނެއެވެ. މައިންބަފައިން ދަރިންގެ ކުރިމަތީގައި ޒުވާބުކޮށް އަތް އިސްކުރުންވެސް ހަމަ މި ކެޓަގަރީގައި ހިމެނޭނެއެވެ.

Little girl crying while parents quarrel. Closing the ears, 5-10 years old, vintage tone.

މައިންބަފައިން ދަރިންނަށް އިތުބާރުކުރަން ޖެހޭނެއެވެ. އެއްގޮތަކަށްވެސް އޭގެ މާނަ އަކީ މާ ބޮޑަށް އިތުބާރު ކުރާށެކޭ އެއްވެސް ނޫނެވެ. މާ ބޮޑަށް އިތުބާރުކުރުން ނުވަތަ އެއްވެސް ވަރަކަށް އިތުބާރު ނުކުރުމަކީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ދަރިންނަށް ކޮންމެވެސް ވަރަކަށް އިތުބާރު ކުރަންޖެހޭނެއެވެ. އިތުބާރު ކުރަންޏާ އެކަން ބަހާއި އަމަލުން ދައްކަންވާނެއެވެ. މީގެ މާނައަކީ އެއްގޮތަކަށްވެސް މާބޮޑަށް ދޫކޮށްލާށެކޭ އެއްނޫނެވެ.

ދަރިން ބޭނުންވާ އެއްޗެހި ހޯދައިދޭންވާނެއެވެ. ނަމަވެސް ބުނި ކޮންމެ އެއްޗެއް ހޯދައިދީ އިސްރާފުކުރުމަކީ ގޯހެކެވެ. ދަރިފުޅަށް ނޫނެކޭ ވެސް ބުނަންޖެހޭ ފަހަރު އަންނާނެއެވެ. ދަރިންނަށް ހަރަދު އިސްރާފު ކޮއްގެން ނުވާނެއެވެ. އެހެން ކަންތައް ކޮށްފިނަމަ އެ ދަރިފުޅު ނުވަތަ އެ ކުއްޖާ ތިޔަ ކުރަނީ ހަލާކެވެ. ވީމާ މިއީ ބެލެނިވެރިން ވަރަށް ފަރުވާވެ ހޭލައި ތިބެގެން ކުރާން ޖެހޭ ކަމެކެވެ. އަދިވެސް އެއްފަހަރު ބުނެލާނަމެވެ. އިސްރާފަކަށް ވާހެން ތިބާގެ ދަރިފުޅަށް ތިބާ އެއްޗެހި ހޯދައި ނުދޭށެވެ. އެއީ އެކުދިންގެ ހަލާކެވެ.

އެއްކުއްޖަކަށް ވުރެ ގިނަ ކުދިން ގިނަ މީހުންގެ ތިބެއެވެ. ކިތަންމެ އެއްގޮތަކަށް ކަންތައް ކޮށްދޭން މަސައްކަތް ކުރިނަމަވެސް އޮންނާނީ ތަފާތު ކުރެވިފައެވެ. ތަފާތު ސަބަބު ތަކާއި ހެދިއެވެ. އެއްކުއްޖަކަށް ވުރެ އަނެއް ކުއްޖަކު ކިޔެވުމަށާއި ހުރިހާ ގޮތަކުން މޮޅު ވީމައެވެ. ނޫނީ ބުރުސޫރަ ރީތިވެފައި ރޫފަ ރަނގަޅުވީމައެވެ. ނޫނީ ފުރަތަމަ ދަރިފުޅު ނޫނީ އެންމެ ހަނގު ދަރިފުޅަށް ވީމައެވެ. ނޫނީ މެދު ދަރި ފުޅަށް ވީމައެވެ. ނަމަވެސް ހަނދާންކުރާށެވެ. މިފަދަ ސަބަބަކާއި ލައިގެން ވިޔަސް ތަފާތު ކުރާނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. މިކަމުން ނިކުމެދާނެ އާޚިރު ނަތީޖާ އަންދާޒާކޮށްލަން ވެސް ދައްޗެވެ. ހަސަދަވެރިކަން އުފެދި އެއްބަނޑު އެއްބަފާ ކުދިންގެ މެދުގައި ހަސަދަ ވެރިކަން އުފެދި އެއްކުއްޖެއް އަނެއްކުއްޖެއް މަރާ ހިސާބަށް ވެސް ގޮސްދާނެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ބެލެނިވެރިންނޭވެ. އަދިވެސް ހޭލާކަށް ނުވޭތޯއެވެ. ދަރިންގެ މެދުގައި ތަފާތު ކުރުމަކީ މިހާރުން މިހާރަށް ހުއްޓަންވެއްޖެ ކަމެކެވެ. ތިބާ އެންމެ ފޫހިވާ ދަރިއަކީ ތިބާ ދެކެ އެންމެ ލޯބިވާ ކުއްޖާއަށް ވެދާނެއެވެ.

މިހާރަކަށް އައިސް ފޯނާއި ޓެބްލެޓާއި ޓީވީ ނުވަތަ މިނޫންވެސް ސްކްރީނެއް ކައިރީ ކުދިން ބައިތިއްބައިފައި ވަރަށް ގިނައިން ތިބެއެވެ. ބެލެނިވެރިން ކައްކައި ކުނިކެހުމުގައެވެ. ތަށިތައް ދޮވުމުގައެވެ. ނުވަތަ މިނޫންވެސް މަސައްކަތެއްގައެވެ. ކޮންމެވެސް ކަހަލަ ސްކިރީން ޑިވައިސެއްގެ ބެލެނިވެރިކަމުގައި ދަރިން ބައިތިއްބާފައެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. ސަބަބަކީ މިކަމުގެ ސަބަބުން ކުދިންގެ ލޯ ހަލާކުވެ ދީނާއި ދުރުވެ ނަފްސާނީ ގޮތުން އެތައް އަސަރުތަކެއްކޮށް ކުދިން މަޑުމަޑުން ހަލާކުވެއެވެ. ވީމާ ބެލެނިވެރިންނޭވެ. އެފަދަ ޑިވައިސެއް ދިނުމުން ބޮޑާނުހާކާ ރީތިކޮށް ތިބި ނަމަވެސް އެކުދިންނަށް އެފަދަ ތަކެތި ނުދޭށެވެ!.

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް
ކުރިން އަލިއަޅުވާލީ ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ގޯސްތަކަށެވެ. އަހަރުމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި އަހަރެމެންނަށް ވަރަށް ގިނަ ކަންތައްތައް ކުރެވޭނެއެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަށް އަލިއަޅުވާލަމާހެއްޔެވެ؟

އެންމެ ފުރަތަމަ ވަގުތުން ވަގުތައް ތަބާވާންޖެހޭ އަމުރުތައް ކުރާށެވެ. މިފަދަ އަމުރުތައް ކުރަންވާނީ ވަރަށް ސީރިޔަސް ރާގުގައި ވަރަށް އަވަހަށް އެ ވަގުތުން ވަގުތަށް އެ ކަމެއް ބޭނުންވާ ފަދައަކުންނެވެ. މިސާލަކަށް ގޭތެރެ ކުނިކެހުން ވަރަށް ސީރިޔަސްކޮށް އެދޭށެވެ. ނުކޮއްފި ނަމަ ތަކުރާރުކޮށް އެދޭށެވެ. އަދި އަމިއްލައަށް ކުނި ކުހަށާވެ. އޭރުން އެކުދިން ކުރާނެއެވެ. ފަހަރުގައި މިކަމަށް ގިނަ ވަގުތު ނަގާފާނެއެވެ.

ދެވަނަ ކަމަކަށް ކުދިންނަށް އަޑުލައި އަނިޔާވާ ފަދަ ކަމެއް ނުކުރާށެވެ. ކުދިން އިސްލާހު ނުވެގެން ހަރުކަށިކަން އިސްނުކުރާށެވެ. ހަރުކަށިވެ އަޑުލައި ހަދާނަމަ އެ ކުދިން އެއަށް ވުރެ ގޯސް މަގަކުން ހިނގައިދާނެއެވެ. ކުދިން އިސްލާހު ވާނީ ނޫނީ ރަނގަޅު މަގުގައި ހިފެހެއްޓޭނީ މަޑުމައިތިރިކަމާއެކު ކެތްތެރިކަން އިސްކޮށްގެންނެވެ. އަދި ވާހަކަ ދައްކައި ކަންކަން ކިޔައި ދީގެންނެވެ. ހަމަ ހުރެފައި ކަމެއް މަނާ ކުރިޔަސް ކުދިންނަކަށް ކަމަކު ނުދާނެއެވެ. ވީމާ ކަމެއް މަނާ ކުރާއިރު އެ މަނާކުރަނީ ކީއްވެކަން ކިޔައިދޭށެވެ. އޭރުން އަޑުލާކަށް ވެސް ނުޖެހޭނެއެވެ.

ތިންވަނަ ކަމަކަށް އަބަދުވެސް ތަބާވާންޖެހޭ ގަވައިދުތަކެއް ހަދާށެވެ. މިސާލަކަށް ކިޔެވުމަށާއި ޓީވީ ބެލުމަށާއި ދީނީ ކަންކަމަށް ވަކި ވަގުތުތަކެއް ކަނޑައަޅާށެވެ. މި ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާނަމަ ޓީވީ ބެލުމާއި ކުޅުން ފަދަ ކަމެއް މަނާ ކުރާށެވެ. އަދި ހުއްދަ ދެވޭނީ އެ ތާވަލު ނޫނީ ގަވައިދުގައިވާ ކަންތައްތައް ފުރިހަމަ ކުރުމުން ކަމަށް ބުނާށެވެ. އޭރުން ކުދިންނަށް ވަގުތުގެ މުހިންމު ކަމާއި ދީނީ ކަންކަމަށް ފަރުވާތެރިވުމުގެ މުހިންމުކަން އިހުސާސްވެ އެ ގޮތަށް އެ ކުދިން ހޭނޭނެއެވެ.

ތިން ވަނަ ކަމަކީ މައިންބަފައިން އެކުދިން ގާތު ދޮގު ނުހެދުމެވެ. އެ ކުދިން ގާތު ކިތަންމެ ކުޑަ ނަމަވެސް ދޮގެއް ނުހަދާށެވެ. މިސާލަކަށް މިވެނި ފިލާވަޅެއް ދަސްކުރުމުން މިވެނި ކަމެއް ކޮށްދޭނަމޭ ކިޔާފައި އެ ކަމެއް ނުކޮށްދިނުމުން އެވާނީ ދޮގުހެދީކަމަށެވެ. މިފަދަ ދޮގުތައް ތަކުރާރު ވާނަމަ އިސާހިތަކު އެކުދިންވެސް ދޮގުހަދަން ފަށާފާނެއެވެ. ވީމާ އެ ކުދިން ކައިރީ ކިތަންމެ ކުޑަނަމަވެސް ދޮގެއް ނުހަދާށެވެ.

ނިންމުން
މި ލިޔުމުގައި އިސްލާމްދީނުގައި މައިންބަފައިން ދަރިންނަށް އަދާކޮށްދޭންޖެހޭ ހައްގުތައް (ދަރިފުޅު ލިބުމުގެ ކުރިންނާއި ފަހުން) ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެއެވެ. އަދި ހަމަ އެހެންމެ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހެދޭ ގޯސްތައްވެސް ބަޔާން ކޮށްފައި ވާނެއެވެ. މީގެ އިތުރުން އަހަރުމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ހިމެނިފައި ވާނެއެވެ. އަޅުގަނޑުގެ އުންމީދަކީ މި ލިޔުން ކިޔާ ކިޔުންތެރިންނަށް ފައިދާހުރި މައުލޫމާތު ލިބުމެވެ. މި ލިޔުން މިހާ ކާމިޔާބުކޮށް ފުރިހަމައަށް ނިންމާލެވުނީތީ ﷲ ސުބުހާނަހޫ ވަތަޢާލާ އަށް ހަމްދާއި ޝުކުރުކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ޖަނާ ސަމީރު
ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.