އަބަދުވެސް ދައްކަނީ ނުވަމަހާ ދިހަ ދުވަސް ވަންދެން މަންމަގެ ބަނޑު ތެރޭގައި އަހަރެމެން ހޭދަކުރި ވާހަކައެވެ. މަންމަވީ އަގުހުރި ގުރްބާނީގެ ވާހަކައެވެ. ގިނައިން ޝުކުރު ކުރެވެނީ ވެސް މަންމައަށެވެ. އެއީ އެކަން އޮންނަން ޖެހޭ ގޮތެވެ. ނަމަވެސް މައިމީހާގެ ބަނޑުގަައި ދަރިފުޅު ގަރުބަ ގަތްކަން އެނގޭ ހިސާބުން ފެށިގެން ވެސް ބައްޕަ ވަމުންދާ ގުރުބާނީ އަކީވެސް އެވާހަކަ ދެއްކުން ލާޒިމު، ޝުކުރާއި ލޯބި ހައްގު ގުރުބާނީއެކެވެ.

ބައްޕަގެ ގުރުބާނީގެ ވާހަކައަކީވެސް ދައްކާ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ.

ލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ. މަންމަގެ ބަނޑުގައި އަހަރެން އަށަގަތީންސުރެ އަހަރެންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަަށް ތިޔަ ކުރާ ބުރަމަސައްކަތަށެވެ. މާބަނޑު އިރު މަންމައަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހޯދަދިނީ ތިޔަ ގުދާރު ބިންދަައިގެންނެވެ. މަންމަ އަހަންނަށް ބަނޑުބޮޑު އިރު މަންމައަށް އަޅަމުންދިޔަ ވޭން ކުޑަކޮށްދިނުމަށް ނުނިދާ އުނަގަނޑު މޮޑެދިނީ ތިޔަ ދެއަތުންނެވެ. ދުޅަވެފައިވާ އެދެފައިގައި ތެޔޮދަމައިދިނީ ތިޔަ ދެއަތުންނެވެ.

ވިހެއުމުގެ ވޭންވަރު މަންމަ ގައިގައި އަޅަމުން ދިޔައިރު ފެންކަޅިވެ އަހަންނާ މަންމަ ހެޔޮހާލުގައި ލެއްވުމަށް އެދި ދުއާ ކޮށްކޮށް ހުރީ ތިޔަ ބައްޕައެވެ. ލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ. އެންމެ ދުވަހެއްވެސް ވައްޓައިނުލައި އާއިލާގެ ބޭނުންތައް ފުރިހަމަކޮށްދިނުމުގައި ހުރީތީއެވެ. ބައެއްފަހަރު ލޯބިވާ އަނބިމީހާއާއި ދަރިންނާ ދުރުގައެވެ. މަސައްކަތުގައި ދުވާލު ހަތަރުދަމު ތެޅިތެޅިފައި އަންނައިރު ދަރިން ތިބެނީ ނިދާފައެވެ. އެހެންނަމަވެސް އަހަރެންގެ ބޮލުގައި ފިރުމާނުލައި އެންމެ ރެޔެއް ވެސް ތިޔަ ދެލޮލަށް ނިދިނައީތީއެވެ. ގެއަށް އައުމަށްފަހު އަހަންނާ އާއިލާއާއި ގެއަށް، ޖެހިގެން އަންނަ ދުވަހު ބޭނުންޖެހޭނެ އެއްޗެހި ހަމަޔަށް ހުރިތޯބަލައި ހެދީތީއެވެ. ނެތް އެއްޗެއް ހޯދަން ބޭނުންވާނެ ފައިސާ ހޯދަން އަތްވާއި ވާރޭގައި ތިޔަ ނާޒުކު ހަށިގަނޑުން އެތައް ދަލެއް އޮހޮރުވީތީއެވެ.

ލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ. ސުކޫލު ފީ، ޓިއުޝަން ފީ، ކަރަންޓު ފީ، ބަރާބަރަށް ދައްކައި އަހަރެންމެންގެ ކޮންމެ ދުވަހެއްގެ ހަމަޖެހުން ގެނެސްދިނީތީއެވެ. ކޮންމެ މުނާސަބަތަކަށް ބޭނުންވާނެ ހުރިހާ އެއްޗެއް އެއްވެސް ޝަކުވާއެއް ނެތި ހޯދައި ދިނީތީއެވެ. ތިޔަ ހަށިގަނޑަށް ވާ ބުރަ، ތިޔަ ހަށިގަނޑުގައި އަޅާވޭން އެންމެ ފަހަރަކުވެސް އަހަރުމެންނަށް ނުދައްކާ، އިހުސާސް ވިޔަނުދީ އަބަދުވެސް ލޯތްބާއި ހިނިތުން ވުމާއެކު އަހަރުމެންނާ ބައްދަލު ކުރާތީއެވެ. ބައްޕަމެންގެ ތިޔަ ޚިދުމަތަކީ ދުލަކުން ގަލަމަކުން ބަޔާންކޮށްދެވޭނެ އެއްޗެއްނޫނެވެ. އުމުރު ހުސްކޮށްލިޔަސް ބަދަލު ދެވޭނެ އެއްޗެއްވެސް ނުމެނޫނެވެ. އެހެންނަމަވެސް ލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.