ބަރުދަން ލުއިކުރުމަށް ނުވަތަ ހިކުމަށް މަސައްކަތްކުރާ މީހުން ލައްކަ ގިނަ މަސައްކަތް ކުރެއެވެ. ދުވެ، ކަސްރަތުކުރެއެވެ. މޫދު ކަސްރަތު ކުރެއެވެ. ފަތައެވެ. އަދުނާނު ސާމީ ޑައިޓް ޖައްސައެެވެ. ބިސް ޑައިޓް ޖައްސައެވެ. ހިކޭ ސައިފަތް ބޭނުންކުރެއެވެ. މިހެން ގޮސް މި ލިސްޓު ނިންމާލަންވެސް ދައްޗެވެ.

އަޖުމަ ބަލައިލަން އަނެއްކާވެސް މިއޮތީ އެހެން އެއްޗެކެވެ. މިއީ ވަރަށް އަވަހަށް ބަރުދަން ލުއިކޮށްދޭ އެއްޗެކެވެ. ވަކިން ޚާއްޞަކޮށް، ބަނޑުގައި ޖަހާފައި ހުންނަ ލޮކި މަސްތައް ނިކަން އަވަހަށް ވިރުވައިލަދޭ އެއްޗެކެވެ. ބަނޑުގައި މަސްޖެހުމަކީ ހިތުގެ ބަލިތައް ޖެހުމާއި ހަކުރުބަލި ޖެހުމުގެ ފުރުޞަތު ބޮޑުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ބައެއް ވައްތަރުގެ ކެންސަރަށް ވެސް މަގުފަހިކުރުވާ ކަމެކެވެ. އެހެން ނަމަވެސް މާމުއިއާއި ފޮނިތޮށްޓަކީ ބަނޑުގައި ޖަހާފައިވާ ސަރުބީތައް ވިރުވައިލުމަށާއި އަވަހަށް ބަރުދަން ލުއިކޮށްލުމަށް ވަރަށް ރަނގަޅު އެއްޗެކެވެ.

އެމެރިކަން ކޮލެޖް އޮފް ނިއުޓްރިޝަން ޖާރނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާގޮތުން، މާމުއި އަކީ ކާހިތްވުން ކަނޑުވައިލާ އެއްޗެކެވެ. ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން މާމުއި ބޭނުންކުރުމުން ނިދުމުގައި ހޭދަކުރާ ފުރަތަމަ ގަޑިއިރުތަކުގެ ތެރޭގައި ވަރަށް މަތީ މިންވަރަކަށް ސަރުބީ އަންދައިދެއެވެ. މީގެ އިތުރުން ފޮނިތޮށްޓަކީ އޭގައި މުހިންމު ވިޓަމިންސް، މިނަރަލްސް އަދި ސިއްހަތަށް ފައިދާހުރި ފެޓްސް އެކުލެވޭ އެއްޗެކެވެ. މާމުއި ގައި ހުންނަ މުހިންމު ހޯމޯންސްތަކުގެ ސަބަބުން ކާހިތްވުން ކަނޑުވައިލައި ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ.

ހަމަ އެހެންމެ، ފޮނިތޮށި ކެއުމުން ‘ވިސަރަލް ފެޓްސް’ ދުއްވައިލުމަށް އެހީތެރިވެދީ ބަރުދަން ލުއިކޮށްދިނުމަށް ތާއިދުކޮށްދެއެވެ. ފޮނިތޮށީގައި އެކުލެވޭ އެންޓިމައިކްރޯބިއަލް، އެންޓިޕެރަސެޓިކްގެ ޚާއްޞަ ސިފަތަކުގެ ސަބަބުން ފޮނިތޮށި ވެފައިވަނީ ހަވާދުގެ ބާވަތްތަކުގައި ހިމެނޭ ޞިއްހަތަށް އެންމެ ފައިދާހުރި ބާވަތް ކަމުގައެވެ. ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި ކޮލެސްޓްރޯލް ދަށްކޮށްދިނުމުގައި އެހީތެރިވެދެއެވެ. އިންސިއުލިންގެ ޒިންމާތައް އަދާކުރުމަށް އިތުރު ހަލުވިކަމެއް ގެނެސްދެއެވެ.

މާމުއި އަދި ފޮނިތޮށި ބޭނުންކޮށްގެން ކައްކާ ސަރުބަތަކީ ތައްޔާރުކޮށްލަން ފަސޭހަ އެއްޗެކެވެ. ބޭނުންކުރަން ޖެހެނީ ރޭގަނޑު ނިދުމުގެ ކުރިންނާއި ފަތިހު ނުވަތަ ހެނދުނު ހޭލައިގެން ހުސްބަނޑާ ހުރެއެވެ.

މާމުއި-ފޮނިތޮށި ސަރުބަތު ތައްޔާރުކުރާނެ ގޮތް:

1- ޖޯޑެއްގެ ފެން ކައްކާށެވެ. އޭގެ ތެރެއަށް ބައި ސައިސަމުސާ މުގުރި ފޮނިތޮށި އަޅާށެވެ.

2- އިތުރަށް ފަސްވަރަކަށް މިނެޓް ކައްކާލާށެވެ.

3- އުނދުން މަތިން ބާލައި ހިހޫކުރަން ބަހައްޓާށެވެ.

4- ފެން އެތި ރަނގަޅަށް ހިހޫވުމުން، އޭގެ ތެރެއަށް ސައިސަމުސަލެއްގެ މާމުއި އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

މާމުއި-ފޮނިތޮށި ސަރުބަތު ބޭނުންކުރާނީ މަތީގައި ބުނެފައިވާ ގޮތަށެވެ. ބޭނުން ނަމަ، މެންދުރު ފަހުގެ ވަގުތެއްގައިވެސް އިތުރު ތަށްޓެއްގެ ސަރުބަތު ބޭނުންކޮށްލެވިދާނެއެވެ. އޭރުން، ރޭގަނޑު ކެއުމާއި ދެމެދު އެ އޮންނަ ވަގުތުތަކުގައި ކަވައިގަނެގެން އުޅޭކަށް ނުޖެހޭނެއެވެ.

 

ސަމާލުކަމަށް: މިފަދަ ކޮންމެ އެއްޗެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަންވާނެއެވެ. މި މައުޟޫގައި ލިޔެފައިވާ ހުންނަ ލިޔުންތައް ކިޔައި އިތުރަސް ދިރާސާކޮށް ބެލުމަށްފަހު މެނުވީ މިފަދަ އެއްޗެހި ބޭނުންކުރުމަށް މުނިއަވަސް އަކުން ހިތްވަރެއް ނުދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.