ވަރަށް ކުރީ ޒަމާނުއްސުރެ އިންޑިޔާ ކަނޑުގެ ސަރަހައްދުގެ މައްޗަށް އެންމެ ބާރުގަދަކޮށްފައިވާ ގައުމަކީ އިންޑިޔާ ނުވަތަ އެ ޒަމާނުގައި ދިވެހީން ކިޔައި އުޅުނު ނަމުން ދަންނަވާ ނަމަ، އުތުރު ކަރައެވެ. މިގޮތުން މީލާދީގެ އަހަރުތަކުގެ ކުރީގައި ވެސް އުތުރު ކަރައިގެ ނައުފަހަރާއި މީހުން ދިވެހިރާއްޖެ އަށް އައިސް ގޮސް އުޅުނެވެ.

ޚާއްޞަކޮށް ފާހަގަކޮށްލެވޭ ގޮތުގައި މީލާދީގެ ކުރީގެ ގާތްގަނޑަކަށް ތިން ވަނަ ޤަރުނުގެ ތެރޭގައި، މި ސަރަހައްދުގެ ހުރިހާ ރަށްތަކަށް،

އިންޑިޔާގެ ރަސްގެފާނު އަޝޯކާ ބުޑިޒަމް ފެތުރުއްވި އިރު، ދިވެހިރާއްޖެ އަށް ވެސް މިދީން ފެތުރުމަށް މީހުން ފޮނުއްވިއެވެ. އެ ދީން އުފެދުނު ފަހުން އެއިރު ވެފައި އަދި ވަނީ ތިން ސަތޭކަ ވަރަކަށް އަހަރެވެ. އެނގިފައިވާ ގޮތުގައި ބުޑިޒަމް ފެތުރުއްވުމުގެ މި މަސައްކަތްކުރެއްވީ އިންޑިޔާގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަދި މުޅި މި ސަރަޙައްދުގައި އެ ނަންފުޅު ފާހަގަކުރެވުނު ރަސްކަލެއް ކަމުގައިވާ އަޝޯކާ ރަސްގެފާނެވެ. މިގޮތުން އޭރު އިންޑިޔާގެ ރަސްރަސްކަލުންގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ ބާރުގަދަ އެއް ރަސްކަލަކީ، މޯރިޔާ ދަރިކޮޅުން ވަޑައިގެންނެވި އަޝޯކާ ރަސްގެފާނެވެ.

އަޝޯކާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޕަތާލިޕުތްރަ ކިޔާ ރަށުގައި، (މިހާރުގެ ޕަޓްނާގައި) 304 ބީ.ސީ.އީ. (މީލާދީގެ ކުރިން) ނެވެ. މިގޮތުން މީލާދީގެ ކުރީގެ 269 ވަނަ އަހަރުން ފެށިގެން 232 ވަނަ އަހަރު މި ރަދުންގެ ރަސްކަން ނިމުމަކަށް އަންނަންދެން، ގާތްގަނޑަކަށް މުޅި އިންޑިޔާގެ ބައްރުގެ މައްޗަށް އޮތީ މި ރަސްގެފާނުގެ ވެރިކަމެވެ.

އަޝޯކާ ރަސްގެފާނުގެ ހަޔާތްޕުޅު
އަޝޯކާގެ ބައްޕާފުޅަކީ މޯރިޔާ ދަރިކޮޅުގެ ބިންދުސާރާ ކިޔުނު ރަސްގެފާނެވެ. ބިންދުސާރާގެ ބައްޕާފުޅަކީ މޯރިޔާ ދަރިކޮޅުގެ ބާނީ، ޗަންދުރަގުޕްތާ މޯރިޔާއެވެ. އަޝޯކާގެ މަންމާފުޅަކީ ރާނީ ދަރްމާ، ނުވަތަ ސުބަދްރަންގީ ކިޔުނު، ތެލަންގާނާގެ މާތް ބޭފުޅެކެވެ. ނަމަވެސް ގަނޑުވަރުގައި އޮތް ސިއްރު ރޭވުންގަނޑެއްގެ ސަބަބުން މި ދެކަނބަލުންގެ ކައިވެނިފުޅުގެ ފަހުން ދުވަސްތަކެއް ވަންދެން މި ބޭފުޅުންނަށް އުޅުއްވަން ޖެހިވަޑައިގަތީ ވަކީންނެވެ.

އެހެންނަމަވެސް އެއަށް ފަހުގައި، ރާނީ ސުބަދްރަންގީއަށް ބިންދުސާރާގެ އަނބިކަނބަލުންގެ ގޮތުގައި އުޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އެއަށް ފަހުގައި އެ ކަމަނާ އަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. މި ދަރިކަލުން ލިބިވަޑައިގަތުމުން، “މިހާރު އަޅުގަނޑުގެ ހިތާމައެއް ނެތް” މިހެން ސުބަދުރަންގީ ވިދާޅުވި ކަމަށް ވެއެވެ.

އަޝޯކާ”ގެ ނަންފުޅު އެރުވުނީ، މަންމާފުޅުގެ މި ބަސްފުޅުން ކަމަށް ބުނެވެއެވެ. އެހެނީ “އަޝޯކާ” މި ސާންސްކިރިތު ނަންފުޅުގެ މާނައަކީ “މޮޅިކަން ނެތް” ކަމަށް ބުނެވެއެވެ. އަދި އަޝޯކާގެ ދޮށްޓަށް އެތައް ފިރިހެން ބޭފުޅުންނެއް ތިއްބެވިއެވެ. މި އެންމެ ބޭފުޅުންނަކީ އެއް ބައްޕާފުޅު، ނަމަވެސް ތަފާތު އެކި ބަނޑުފުޅުގެ ބޭފުޅުންނެވެ.

އަޝޯކާ ބޮޑުފުޅުވަމުން އައި އިރު، އެ ޒަމާނުގެ އިންޑިޔާގެ ރަސްދަރިކޮޅުތަކުގެ ބޭފުޅުންގެ ތަރުބިއްޔަތާ އެއްގޮތަށް ހަނގުރާމައިގެ ހުނަރުތައް އޭނާއަށް ދަސްފުޅުކޮށް އެރުވިއެވެ. އަދި އެއީ ވަރަށް ކުޅަދާނަ ޝިކާރަވެރިއެއް ކަމަށް ވެސް ބުނެވެއެވެ.

މި ކަމާ ގުޅޭ ގޮތުން، އެއްފަހަރަކު ޝިކާރަ ކުރެއްވުމެއްގެ ތެރޭގައި، ދަނޑިބުރިއަކުން ސިންގާއަކަށް ޙަމަލާދެއްވައި އެސޮރު މަރުއްވާލެއްވި ކަމަށް ވެސް ބުނެވެއެވެ. އެ ރަސްގެފާނަކީ ހަނގުރާމައިގައި ވަރަށް ރަޙުމްކުޑަ ބިރުވެރި ޖެނެރަލްއެއް ކަމަށް ވެސް ތާރީޚުގައި ލިޔެވިފައިވެއެވެ. މި ސަބަބަށްޓަކައި މޯރިޔާ ރަސްކަމުގެ ތެރޭގައި ގަޑުބަޑު އުފެދި ނުރައްކާތެރިވެފައިވާ ސަރަޙައްދުތައް ހަމަޖައްސަވަން، އެ ހިސާބުތަކަށް އަޝޯކާ ފޮނުއްވާފައިވެއެވެ.

އަޝޯކާ ރަސްގެފާނުގެ ރަސްކަން
މި ރަސްގެފާނު ރަސްކަން ކުރެއްވީ މީލާދީގެ ކުރީގެ 304 ވަނަ އަހަރުން ފެށިގެން 232 ވަނަ އަހަރާ ހަމައަށެވެ. މި ރަސްގެފާނުގެ ރަސްކަމުގެ ކުރީކޮޅަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ފުރިފައިވާ ޒަމާނެއްގައެވެ. މި ކަންތައްތައް ފެށުނީ، 273 ބީ.ސީ.އީ. ގައި ބައްޕާފުޅު ބިންދުސަރާ އަވަހާރަވުމުން އެއިރު ތިއްބެވި ވާރިސުންގެ މެދުގައި ތަޚުތު އަތުލެއްވުމަށް ފެށުނު ހަނގުރާމަތަކުންނެވެ. ބުނެވޭ ގޮތުގައި ބިންދުސާރާ ބޭނުންފުޅުވެފައިވަނީ އޭނާ އަވަހާރަވުމުން، ސުޝިމް ކިޔުނު ދަރިކަލުން ތަޚުތަށް އިސްވެވަޑައިގަތުމަށެވެ. ނަމަވެސް އޭނާގެ ބައްޕާފުޅުގެ ވަޒީރުންގެ އެހީއާ އެކު، ތަޚުތު އަތުލެއްވީ އަޝޯކާއެވެ.

ބައެއް ފޮތްފޮތުގައި ލިޔެފައިވާ ގޮތުގައި، އަޝޯކާގެ އެއް ބައްޕާފުޅު މަނިއްޕުޅުންގެ ތެރެއިން 99 ބޭފުޅުން އޭނާ ޤަތުލުކުރެއްވިއެވެ. ޤަތުލުނުކުރައްވާ ދޫކޮށްލެއްވީ ހަމައެކަނި ތިއްސާ ކިޔުނު އަޚކެވެ. މި ޙާދިސާ ހިނގާފައިވާ ކަމާ މެދު، ސާފު ހެކިތަކެއް ހުރި ކަމަކަށް ނުވެއެވެ.

އަޝޯކާގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖުކޮޅު ބެހެއްޓުމުގެ ރަސްމިއްޔާތު އޮތީ، ތަޚުތައް އިސްވެވަޑައިގަތުމުގެ ހަތަރު އަހަރު ފަހުންނެވެ.ރަސްކަމުގެ ކުރީކޮޅުގައި އަޝޯކާ އަކީ ވަރަށް ކޯފާގަދަ، އަނިޔާވެރި ރަސްކަލެއް ކަމަށް ބުނެވެއެވެ. އެއްފަހަރަކު، އޭރު ތިއްބެވި ހުރިހާ ވަޒީރުންނަކީ އޭނާއަށް ތެދުވެރި ބޭފުޅުންތޯ ބެއްލެވުމަށް ކުރެއްވި އިމްތިޙާނެއްގައި، 500 ބޭފުޅުން ޤަތުލުކުރެއްވި ކަމަށް ބުނެވެއެވެ. އެ ރަސްގެފާނުގެ ޒަނާނާގައި 500 ވަރަކަށް ޖާރިޔާ އިން ގެންގުޅުއްވިއެވެ. ނަމަވެސް އަޝޯކާއާ ދިމާއަށް އެތަނުން އެއް ބޭކަނބަލަކު މަލާމާތުގެ ބަހެއް ބުނުމުން، އެ ހުރިހާ ބޭކަނބަލުން ގައިގައި އަލިފާން ރޯކުރައްވައި އެންމެން މަރުއްވާލެއްވިއެވެ. އެ ޒަމާނުގައި އަޝޯކާގެ ގަނޑުވަރުގައި، މީހުންނަށް އަނިޔާކުރައްވާ ޚާއްޞަ ކޮޓަރިއެއް ތައްޔާރުކުރައްވާފައި ހުރި ކަމަށް ވެސް ބުނެވެއެވެ.

އަޝޯކާ ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު، ދެން އައި އަށް އަހަރުގެ ތެރޭގައި، މޯރިޔާ ރަސްކަމުގެ ސަރަހައްދުގެ އިރުމަތިން މިހާރު އޮންނަ ބަރުމާ އާއި ބަނގްލާދޭޝް އާއި އަސާމްގެ ސަރަޙައްދުން ފެށިގެން އައިސް، ހުޅަނގުގައި އޮންނަ މިޒަމާނުގެ އީރާނާއި އަފްޣާނިސްތާންގެ ސަރަޙައްދާ ހަމައަށާއި، އުތުރުގައިވާ ޕާމީރު ފަރުބަދަތަކުން ފެށިގެން އައިސް ގާތްގަނޑަކަށް ދެކުނު އިންޑިޔާގެ ދެކުނު ކޮޅާ ހަމައަށް ހިއްޕެވިއެވެ. މިގޮތުން އަޝޯކާގެ ރަސްކަމުގެ ކުރީކޮޅުގައި އޭނާ ނުހަނު އަނިޔާވެރި ކަންތައްތައް ކުރައްވާފައި ވީ ނަމަވެސް، އިންޑިޔާގެ އިރުމަތީގައި އޮންނަ ކާލިންގާ ކިޔުނު ސަރަޙައްދު ހިއްޕަވަން ކުރެއްވި ހަނގުރާމަ އަށް ފަހުގައި، އޭރު އިންޑިޔާގައި ފެތުރެމުން އައި ބުޑިޒަމްގެ ފަލްސަފާ ޤަބޫލުފުޅު ކުރައްވަން ފެއްޓެވިއެވެ. ކާލިންގާ އަކީ އެ ގައުމުގައި އޭރު އޮތް ސިޔާދަތާއި ދިމިޤްރާތީ އުސޫލުތަކާ މެދު ފަޚުރުވެރިވީ ޤައުމެކެވެ. މިފަދަ ކަންކަމަކީ އެޒަމާނުގެ އިންޑިޔާގައި އާދައާ ޚިލާފު ކަންކަމެވެ.

ކާލިންގާގެ ހަނގުރާމަ
ކާލިންގާގެ ހަނގުރާމަ ހިނގީ އަޝޯކާ ރަސްކަމަށް އިސްވެވަޑައިގެންނެވިތާ އަށް އަހަރު ފަހުންނެވެ. އަޝޯކާގެ ވެރިކަމުގައި، ވަރަށް ތާރީޚީ ލިޔުންތަކެއް ހިލައިގައި ލިޔުއްވާފައި، އެރަދުންގެ ރަސްކަން އޮތް އެކި ހިސާބުގައި ބެހެއްޓެވިއެވެ. މި ގޮތުން އެ ރަސްގެފާނު ބެހެއްޓެވި 13 ވަނަ ލިޔުއްވުމުން އެނގޭ ގޮތުގައި، ކާލިންގާގެ ހަނގުރާމަ އަކީ ވަރަށް ގެއްލުން ދެނިވި ހަނގުރާމައެކެވެ. މި ހަނގުރާމައިގައި ސަތޭކަ ހާސް ސިފައިން މަރުވިއެވެ. އަދި ހަނގުރާމައިގައި ބައިވެރިވާން ހަތިޔާރު ހިފި ސަތޭކަ ފަންސާސް ހާސް ރުފިޔާ އާންމުން އެހެނިހެން ސަރަޙައްދުތަކަށް ފޮނުވާލެވުނެވެ.

އެ ހަނގުރާމަ ކުރެވުނު މައިދާނުގެ ތެރެއިން، ލިބިވަޑައިގެންނެވި މަތިވެރި ކާމިޔާބީގެ މައްޗަށް އުފާފުޅު ކުރައްވަމުން، އަޝޯކާ ހިންގަވާފައި ވަޑައިގެންނެވި އިރު، މަރުވެފައިވާ މީހުންގެ ފުރާނަ ނެތް ހަށިތައް ފެނިވަޑައިގަތުމުންނާއި، އެ މީހުންގެ ޢާއިލާތަކުގެ ރުއިމުގެ އަޑު އިވިވަޑައިގަތުމުން ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ.

މި ވާހަކަ ކިޔައިދޭ ގޮތުގައި، ހަނގުރާމައިގެ ފަހުން އެއް ދުވަހަކު އަޝޯކާ އެ ނަގަރުގެ ތެރޭގައި ހިންގަވާލެއްވި އިރު ފެނިވަޑައިގަތީ ހަމައެކަނި އަނދާފައިވާ ގެތަކާއި، މަރުވެފައި އެތަންމިތަނަށް ވެއްޓިފައިވާ ގަބުރުތަކެވެ. މި ތަންތަން ފެނިވަޑައިގަތުމުން އަޝޯކާ ވަރަށް ބޮޑަށް ހިތާމަފުޅުކުރައްވާފައި ބަސްފުޅުތައް ވިދާޅުވިއެވެ.

“އަހަރެން މި ކުރީ ކީއް ހެއްޔެވެ؟ މިއީ ކާމިޔާބީ ކަމަށް ވާ ނަމަ، ނާކާމިޔާބަކީ ކޮބައި ހެއްޔެވެ؟ މިއީ ފަހެ ކަމިޔާބެއް ހެއްޔެވެ؟ ނުވަތަ ނާކާމިޔާބެއް ހެއްޔެވެ؟ މިއީ އިންސާފު ހެއްޔެވެ؟ ނުވަތަ ނާއިންސާފު ހެއްޔެވެ؟…. މަޢުޞޫމު ކުޑަކުދިންނާއި އަންހެނުން މަރާލުމަކީ ހިތްވަރުގަދަކަން ހެއްޔެވެ؟ އަހަރެން މިކަންމި ކުރަނީ މި ވެރިކަން ފަތުރައި ބާރުގަދަކުރުމަށް ހެއްޔެވެ؟ ނުވަތަ އެހެން މީހެއްގެ ރަސްކަން ހަލާކުކޮށްލައި އޭނާގެ ކީރިތިކަމާއި ޢިއްޒަތް ނައްތާލުމަށް ހެއްޔެވެ؟ އެއް އިންސާނަކަށް އޭނާގެ ފިރިމީހާ ގެއްލިއްޖެ. އަނެކެއްގެ ބައްޕަ، އަދި އަނެކެއްގެ ދަރިއެއް، އަދި އަމަ އެފަދައިން އެހެން މީހަކަށް އެ ނެތިދަނީ ނުއުފަންނަ ދަރިއެއް! މިއީ މަރުވެފައި ތިބި އިންސާނުންގެ ޤަބުރުތަކަކުން އުފެދިފައިވާ ކުނިބުނި ހެއްޔެވެ؟”

ކާލިންގާގެ ހަނގުރާމައިގައި ހިންގެވުނު އަނިޔާވެރިކަމުގެ ހިތާމަފުޅުގައި، އަޝޯކާ ބުޑިޒަމް ޚިޔާރުކުރައްވަން ނިންމެވިއެވެ. އަދި ގައުމަށް ލިބިވަޑައިގެންނެވި ބާރު ބޭނުންފުޅުކުރެއްވީ، ބުޑިޒަމް ފެތުރުއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގައެވެ. އެގޮތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ވެސް މީހުން ފޮނުވިއެވެ.

ދީން ބަދަލުކުރެއްވުމަށް ފަހުގައި އަޝޯކާގެ ޝަޚުޞިއްޔަތަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. ރަސްކަމުގެ ކަންތައް ކުރެއްވުމުގައި އޯގާވެރިކަމާއި ހިތްޕުޅުހެޔޮކަން ފާޅުކުރެއްވިއެވެ. ހަނގުރާމަ ނުކުރުމަށް ނަސޭޙަތްތެރި ވެވަޑައިގަތެވެ. ރައްޔިތުންނަށް ދިރިއުޅުން ފަސޭހަވާނޭ ގޮތްތައް ހޯއްދަވައިދެއްވިއެވެ. އަދި މި ރަސްގެފާނުގެ ރަސްކަމުގައި ތަފާތު ދީންތަކުގެ މީހުންނަށް އެކީގައި ދިރިއުޅެވެނޭ ގޮތްތައް ހަމަޖައްސަވައިދެއްވިއެވެ.

ދިވެހިރާއްޖެއަށް ބުޑިސްޓްދީން އައިގޮތް
ދިވެހިރާއްޖެއަށް ބުޑިސްޓުދީން ގެނައި ކަމަށް ބެލެވެނީީ މީލާދުގެ ކުރީގެ ދެވަނަ ޤަރުނުގައެވެ. އިންޑިޔާގެ މަޝްހޫރު މޯރިޔާ ރަސްގެފާނު އަޝޯކާގެ ވެރިކަމުގައި ދެކުނު އޭޝިޔާ ސަރަހައްދުގެ ހުރިހާ ޤައުމުތަކަށް އެދީން ފެތުރުއްވުމުގެ ތެރޭގައި ދިވެހިރާއްޖެއަށް ވެސް އެދީނުގެ އިސްބަޔަކު ފޮނުއްވިއެވެ. މި މީހުން އައީ އަޝޯކާ ރަސްގެފާނު ވެރިކަން ކުރެއްވި ރަށް، ޕަތާލިފުތުރާގެ ހުޅަނގުގައި އޮތް ރަށެއް ކަމަށްވާ ބައިރާތުންނެވެ. މިގޮތުން މާލެ އަތޮޅު ކާށިދޫ ކުރުހިންނަ ތަރާގަނޑުން މިލާދީގެ ސަތޭކަވަރަކަށް އަހަރު ކުރީގެ ސަންގެއްގެ ތަންކޮޅެއް ފެނިފައިވެއެވެ. އެހެންކަމުން ރާއްޖެއަށް ބުޑިސްޓުދީން ގެނައުމުގެ ސަތޭކަވަރަކަށް އަހަރުފަހުން ކާށިދޫގައި އެދީނުގެ ބިނާ ހަދާފައިހުރި ކަމަށް ލަފާކުރެވެއެވެ.

ރެކޯޑުކުރެވިފައިވާ ކެރެލާގެ ތާރީޚަކަށް ފެންނަން އޮތީ މީލާދުގެ ކުރިން އިންޑިޔާގައި ރަސްކަންކުރި މައްޝޫރު މައޫރިޔަން ދަރިކޮޅުގެ އަޝޯކާގެ ރަސްކަމުގައި (232–269) ލިޔެވިފައިވާ ލިޔުމެކެވެ. އޭގައިވަނީ އަޝޯކާގެ ރަސްކަން އޮތް ސަރަހައްދުން (އަޝޯކާގެ ބާރުނުފޯރާ ސަރަހައްދެއް) ދެކުނުގައި މިނިވަން ހަތަރު ރަސްކަމެއް ހިނގަމުންދިޔަ ކަމެެވެ. މި ރަސްކަންތަކަކީ ޗޭރާސް ރަސްކަމާއި ޕަންޑިޔަސް ރަސްކަމާއި ކެރެލާޕުތްރަސަންޑް ރަސްކަމާއި ސަތިޔާޕުތްރާސް ރަސްކަމެކެވެ.

ޗެރާސްއެކޭ އެއްގޮތަށް ދެކުނު އިންޑިޔާގައި އޮތް އަނެތް ތިން ރަސްކަމުން އަޝޯކާއާއެކު އެއްބަސްވުންތަކެއް އެއްބަސްވެ ރަހުމަތްތެރިކަން ޤާއިމްކޮށްފައިވެއެވެ. އެގޮތަށް އެކަން ނުކުރެވުނު ނަމަ ބާރުގަދަ އަޝޯކާގެ ލަޝްކަރުގެ ފަރާތުން ނުރައްކާތަކެއް ކުރިމަތިވީސްކަމަށް ބެލެވެއެވެ. އެހެނީ، އޭރު އަޝޯކާގެ ބާރު ވަނީ އިންޑިޔާގެ ބޮޑު ސަރަހައްދަކަށް ފޯރައި، އެސަރަހައްދުތައް އަޝޯކާގެ ބާރުގެދަށަށް ގެންދެވިފައެވެ.

އަޝޯކާ ރަސްގެފާނު އަވަހާރަވީ 232 ބީ.ސީ.އީ. ގައެވެ. އަވަހާރު ވުމަށްފަހު އާދަކާދައިގައިވާ ގޮތުގެ މަތިން، ހަށިކޮޅު އަންދާލާފައި އަޅިތައް ގަންގާ ކޯރަށް އަޅައިލިއެވެ.

ރިފަރެންސް
ނަސީމާ މުހައްމަދު (14 ޖުލައި 2012). އިންޑިޔާގެ މަޝްހޫރު މޯރިޔާ ރަސްގެފާނު – އަޝޯކާ. ނެގީ: http://www.haveeru.com.mv/dhivehi/maldivian_kings/124188 ން.
ނަސީމާ މުޙަންމަދު (2004). ފަތްތޫރަ (306). ދިވެހިބަހާއި، ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު،މާލެ.
ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ.ތާރީޚުގެ ތެރެއިން އިންޑިޔާގެ ކެރެލާ. ނެގީ:http://abdullaimran.blogspot.in/2011/08/blog-post.html
……………………………..

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.