ދަނޑުވެރިކަމުގެ ޒަމާނީ ވަޞީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ކުރިއަށް ގެންދާ ކުދި ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދީ ކަމާގުޅޭ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް މ. މުލީގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގެ ދަށުން މުލީގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމުކޮށްދީ އެފަރާތްތަކަށް ކަމާއި ގުޅޭ ތަމްރީނު ދެވިފައި ވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމަށް އެކަށީގެންވާ ބިން ލިބެން ނެތް ރަށްރަށުގައި ވެސް، އެރަށަކާއި އެންމެ އެކަށީގެންވާ ގޮތަކަށް ދަނޑުވެރިކަމުގެ މަސައްކަތެއް ކޮށްގެން އާމްދަދީއެއް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމާއި ޒުވާނުން ދަނޑުވެރިކަމުގެ މަސައްކަތުގައި ޝާމިލުވާ މިންވަރު އިތުރުކުރުން ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަހުގެ 3 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނު މި ޕްރޮގްރާމްގައި ތަޢާރަފްކޮށްދީފައިވަނީ ޑީޕް ފްލޯ ޓެކްނިކްގެ އެހީގައި ކިޔުކަންބާ އަދި ނިއުޓްރިއެންޓް ފިލްމް ޓެކްނިކްގެ އެހީގައި ޗައިނީޒް ކެބެޖް / ލެޓިއުސް ފަދަ ފަތްތަރުކާރީގެ ބާވަތްތައް އިންދާ ހެއްދުމެވެ. މި ސިސްޓަމްތަކުގައި ހައްދާފައިވާ ބާވަތްތައް ފުރަތަމަ ފަހަރަށް ކަނޑަން ލިބޭނެކަމަށް ލަފާ ކުރާ ތާރީޚަކީ 15 ޖެނުއަރީ 2021 ކަމަށް މަޢުލޫމާތު ދެއްވައެވެ.

މިޕްރޮގްރާމްގެ ދަށުން ޤާއިމްކޮށްދޭ ސިސްޓަމްތައް ބޭނުންކުރަމުން ގެންދާ ގޮތް ބަލާ މޮނީޓަރ ކުރަމުން ގެންދާނީ މުލީ ކައުންސިލްގެ ފަރާތުންނެވެ. ސިސްޓަމް ބޭނުންކޮށްގެން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުގެންދަވާ ފަރާތްތަކުގެ ބެލުމުގެ ދަށުން ސިސްޓަމްތައް ނަގައި ރަށުގެ ރައްޔިތުންގެ ތެރެއިން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އެހެން ފަރާތަކާއި ޙަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވާކަމަށް ވެސް މިނިސްޓްރީން ހާމަކުރައްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.