އަހަރެންނަކީ ފަސްގަނޑު ކަޅު، ގަސްކަރަ ފެހި އަދި ފެންމީރު ފުރަމާލެއަށް އުފަން ޒުވާން ހިތެއްގެ ވެރިއެކެވެ. ޢުމުރަކީ ހަމަ އެންމެ ގަރުނެކެވެ. ބަލާބެލުމަށް އަހަރެންނަކީ އިސްކޮޅުން ދިގު އޮޅަލި މީހެކެވެ. އަންހެން ކުދިން ދޯޅަ ވާހަކަލަ ފަހުލަވާނެކެވެ. ގައިގެ ހަން ރޫޖެހި އަޑު މުސްކުޅިއެއްކަމަކު އެއްވެސް އުނދަގުލަކާއި ނުލާ ވާހަކަދައްކާލުމަކީ އަހަރެންނަށް އަދި އެހާ އުނދަގޫކަމެއް ނޫނެވެ. އަހަރެންގެ ޒުވާންކަމުގެ ބައްތީގެ ހުޅުކޮޅު މިއަދު ނިވިފައިވީ ނަމަވެސް އަހަރެން ދަތްހުރި ދުވަހު ކާށި ކެވޭތޯ ކުރިމަސައްކަތް އޭގެ އެންމެ ޅަފަތުގެ ދުވަސްވަރުހެން ކަންފަތުގައި އަބަދުހެން އާވެއާވެ ހުރެއެވެ. އަހަރެން މިހާރު މި ވޭތުކުރަމުން މިދަނީ ރޫޙާނީ ހަޔާތެކެވެ.

ލަތީފް އެވެ. އަޑުއަހާށެވެ. މިއީ އަހަރެންގެ ގަލަމުން ލިޔެލާ ޚިޔާލީ ފޮލާއެކެވެ. ޒުވާންކަމުގެ ފޮނުން ބޯ ހުދުވެފައި ހުރި މުސްކުޅި ފުރައިގެ މޫސަބެ އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ކިޔައިދޭން ފެށިއެވެ. އަދި އޭނާ މުޅި އުމުރުގައިވެސް މީހަކާ އިންނަން ބޭނުންނުވި ސަބަބު އޭނާގެ އަމިއްލަ އަތުން ލިޔެ ހާމަކުރަން ފެށިއެވެ.

އެއީ ރަންގު ލޯބީގެ ދުވަސްވަރެވެ. އަހަރެންވެސް އަހަރެންގެ ޒުވާން ދުވަސްވަރު ނަޔާ ޗާލު މަލެއްފަދަ ގޮއްޔެއެއް ދުށީމެވެ. އެ ގޮއްޔެ މިއަދު ކިތަންމެ ދުރުގައި ވީނަމަވެސް އަދިވެސް އެ އެ ގޮއްޔެއަށްޓަކައި އަހަރެން އިންތިޒާރު ކުރަމެވެ. ކަނުލާ އަޑު އަހާށެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އެކަމަކު އަހަރެންނަށް އެއީ ވަރަށް ބޮޑު އެއްޗެކެވެ.

އެއްދުވަހަކު ފަތިހު ގޮވާހާލާއެކު އަހަރެން ތެވުދެ ބޮޑު ގިފިލި ކުރުމަށްޓަކައި އަތިރިއަށް ދިޔައީމެވެ. އެވަގުތު އަހަރެންނަށް ބުނަން ނޭގޭފަދަ ގޮއްޔެއެއް އަތިރިން އަރައިގެން އަންނަތަން އަހަރެންނަށް ފެނުނެވެ. އަހަރެން ހިތާހިތުން ކިޔުނެވެ. އަހަރެންނަށް މިގޮއްޔެ ލިބޭނަމައެވެ. ހާދަ ރީއްޗެވެ. ހާދަ ފުރިހަމަ ހަނދެކެވެ. އިރުކޮޅަކު އެގޮއްޔެ އާއި ދިމާއަށް ބަލަން ހުރެފައި އަހަރެން އަތިރިއަށް ދިއުމަށް އަވަސްވެ ގަތީމެވެ. އެދުވަސްވަރު މާލެ އަކީ މިހާރު މިފެންނަ ގޮތަށް އާގުބޯޓެއް ނޫނެވެ. އަދި ތޮއްޖެހިފައިވާ ކޮތަރު ކޮށްޓެއްވެސް ނޫނެވެ. ރުއްގަހުން ބިމުގެ މުއްސަނދިކަން ލިބިގެންވާ ވެށި ފަހި މާލެއެވެ. ގިނަ އަދަދެއްގެ ގޯތި ގެދޮރު ބިނާކޮށްފައި ހުންނަނީ ދިވެހި ރުކުގެ ބާވަތްތަކުންނެވެ. ފެންވަރާ އުޅެނީ ވަޅު ގިފިލިންނެވެ. އޭރު މާލޭގައި އެކަކު އަނެކަށް ދެނެގަތުމަކީ ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

އެހެންކަމުން އަހަރެން އެގޮއްޔެ ހޯދުމުގެ މަސައްކަތް ފެށީމެވެ. ދުވަހަކީ ބޮޑު އީދުގެ ހިތްގައިމު ހަވީރުގެ ވަގުތެކެވެ. މިގޮތުން އަހަރެން އަހަރެންގެ ރައްޓެއްސަކާއެކު ގުޅަ ކުޅޭތަން ބެލުމަށްޓަކައި ގުޅަކުޅޭ ފަސްގަނޑަށް ދިއުމަށްޓަކައި މިސްރާބުޖެހީމެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން އެއްކަލަ ގޮއްޔެ އަހަރެންނަށް ފެނުނެވެ. ޒުވާން ފުރައިގެ ޖިންސްލަތީފުންނާއެކު ރަށުގެ ބޮޑު މަގުގައި ފަން ކުޅެން ހުއްޓައެވެ. އަހަރެންނަށް އެގޮއްޔެ ފެނުމާއެކު އެގޮއްޔެ ހުރި ދިމާއަށް މިސްރާބު ބަދަލުކޮށްލެވުނެވެ. އެވަގުތު ފަހަތުން އައި ޒުވާން އަންހެން ކުއްޖެއް އަހަރެންގެ ބޮލަށް ގޮންޖެއްސެވެ. ގޮންޖެހުމާއެކު ހުރިހާ އަންހެން ކުދިންތައް އެއްފަހަރާ ހޭންފެށިއެވެ. އެގޮއްޔެވެސް ހެމުން ދިޔައެވެ. އެގޮއްޔެ ހީލާގޮތުން އަހަރެންގެ ހިތް ބާރަށް ތެޅެން ފަށައެވެ. އެވަގުތު އަހަރެންގެ ރަހްމަތްތެރިޔާ ބުންޏެވެ.

”ދެންވެސް ބަލަން ނުހުރެ އެގޮއްޔެ މޫދަށްލާ!” މިހެން ބުނުމާއެކު އަހަރެން ދުވެފައިގޮސް އެގޮއްޔެގެ އަތުގައި ހިފީމެވެ. އެވަގުތު އެެހެން ގޮއްޔެއެއް ބުންޏެވެ. ތީ ނުބައެކެވެ. ކަލޭގެ ބޮލުގައި ގޮންޖެހީ މިހިރަ ގޮއްޔެއެވެ. އަހަރެން ވަރަށް ލަދުގަތެވެ. އަދި ވަރަށް މަޢާފޭ ބުނެ އަހަރެން ހިނގައިގަތީމެވެ. އެވަގުތު ގޮއްޔެ އެއްކޮލުން ހީނލިއެވެ. ހީލުމާއެކު އަހަރެން ވީ އަމަށަކު އުފަލެއް ނޫނެވެ. އަދި ވަރަށް ކެރިގެން އެނބުރި ގޮއްޔެގެ ގާތަށް ގޮސް ބައްދަލުކުރަން އެދުނީމެވެ. އެވަގުތު އެގޮއްޔެ ވަރަށް ރަކިގޮތަކަށް ބޯޖަހާލިއެވެ. އަދި މިރޭ 9 ޖަހާއިރު މިތަނުން ބައްދަލުކޮށްދިނުމަށް އެދި ގަޑި ބުނުމުންވެސް އެގޮއްޔެ އަގައިން އެއްޗެކޭ ނުބުނެ ހީލައި ބޯޖަހާލުމުން އަހަރެން ހީކުރީ އެގޮއްޔެ ލަދުން ވާހަކަ ދައްކަން ނުކެރެނީ ކަމަށެވެ. މިލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން އަހަރެން ހިފަން ބޭނުން ވިއެވެ. އަދި އަހަރެންގެ މިލޯބި ހާޞިލްކުރުމަށް އަޒުމް ކަނަޑައެޅީމެވެ.

ދުވަހުގެ އިރު އޮއްސި ރަތްވިލާ އޮބައިފިއެވެ. އަހަރެން ވަރަށް ރީތި މުންޑެއް އަދެލީމެވެ. އަދި ގައިގައި އަތަރު ސެންޓްގެ މީރުވަސް ދުއްވާލުމަށްފަހު އެގޮއްޔެއާއި ބައްދަލުކުރުމަށް ދިޔައީމެވެ. އޭރު އަހަރެންނަކީ ހެދިހުރި ނޫކަށި ފުރައިގެ ޒުވާނެކެވެ. އަދި އެގޮއްޔެ އަކީވެސް ފަސްމީރު ކުރިރުކެއް ފަދަ ޒުވާން ޖިންސްލަތީފެކެވެ. މުޅި މާލޭގައި އަތްފުނާ އަޅައިގެންވެސް އަހަރެންނަކަށް އެވަރުގެ ރީތި އަންހެނަކު ނުފެނުނެވެ. އަހަރެން އެގޮއްޔެ އާއި ބައްދަލުކުރަން ދިޔައިރު އެގޮއްޔެ އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. އަހަރެން ދިއުމާއެކު ގޮއްޔެ ހީނލިއެވެ. އަހަރެން ހައިރާންކަމާއެކު ގޮއްޔެއަށް ބަލަން ހުރީމެވެ. ހިތަށް އެރިއެވެ. ހާދަ ބުރުސޫރަ ރީއްޗެވެ. ކުލަ އައްޔެވެ. ގޮއްޔެގެ ބުރަސޫރަ ރިވެތި މޫނާއި، ކުލަފަތިކަން ފެނި ހީލާ ގޮތުން ހީވަނީ ގަހެއްގައި ފޮޅިލާފައި އިން ރަތް ފިނިފެން މަލެއް ހެނެވެ. އެހާމެ ހިތްގައިމެވެ.

އަހަރެން ގޮއްޔެގެ އަތުގައި ހިފާލީމެވެ. އެވަގުތު ގޮއްޔެ އަހަރެންނާއި ގާތްވެލިއެވެ. އަދި ވަރަށް އަސަރުން ފުރިފައިވާ ރާގަކަށް އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަހަރެންގެ ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ. ގޮއްޔެ ދެކެ ލޯބިވާ ވާހަކަ އާއި ގޮއްޔެގެ ލޯބީގައި މުޅި އުމުރު ހޭދަކުރަން ޖެހުނަސް ހެޔޮކަމަށް ބުނީމެވެ. ނަމަވެސް އަހަރެން ދައްކާ ވާހަކައަކަށް ގޮއްޔެ މުޅިންވެސް ޖަހަނީ ބޮލެވެ. ވާހަކައެއް ނުދައްކައެވެ. އަހަރެން ލޯބިން ވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް ގޮއްޔެ ވަރަށް ލޯބިން އަހަރެންގެ ގައިގައި ބައްދާލައެވެ. ނަމަވެސް ގޮއްޔެ ވާހަކަ ނުދައްކާ ހުންނާތީ އަހަރެން ވަރަށް ހައިރާންވިއެވެ. އަދި ލަދުން ނުހުރެ ވާހަކަ ދައްކަބަލާށޭ އަހަރެން ބުނީމެވެ. އެވަގުތު ގޮއްޔެ ވަރަށް ދެރަވިއެވެ. އަދި ހިތްދަތި ގޮތަކަށް އަހަރެންނާއި ދިމާއަށް ބަލާލުމަށްފަހު މާދަމާ ރޭ ބައްދަލުކުރުމަށް އަތުގެ އިޝާރާތުން ބުނުމަށްފަހު ގޮއްޔެ ހިގައްޖެއެވެ.

ގޮއްޔެ ދިއުމުން އަހަރެންވެސް އަވަސް އަވަހަށް ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އެރޭ ވީއުފަލެއްގެ ބޮޑުކަމުން އަހަރެންނަކަށް ލޮލުފިޔައެއްވެސް ޖަހައެއް ނުލެވެއެވެ. އަދި ހިތަށް އަރައެވެ. ގޮއްޔެ އަހަރެންނާއި އަގައިން ބުނާނީ ކޮން އިރަކުން ބާވައެވެ. އިރާދަކުރެއްވިއްޔާ މާދަންރޭ ގޮއްޔެ އަހަރެންނާއި ވާހަކަދައްކާތޯ ވަރަށް މަސައްކަތް ކުރާނަމެވެ. އަދި ގޮއްޔެގެ އުމުރަށް އިތުރުވި ކޮންމެ އަހަރަކާއެކު އަހަރެން ގޮއްޔެ އާއި ވަކިނުވުމަށް ކަނޑައެޅީމެވެ.

ހިތްގައިމު ހަނދުވަރީ ރެއެކެވެ. ހަނދެއް ފަދަ އެގޮއްޔެގެ ހަނދުވަރު ދުށުމަށްޓަކައި އަހަރެން ލޯބީގެ މަންޒިލަށް ދިޔައީމެވެ. ނަމަވެސް އޭރު އަދި ގޮއްޔެ އެމަންޒިލަކަށް ވާޞިލެއް ނުވެއެވެ. އަހަރެން ގޮއްޔެގެ އިންތިޒާރުގައި ހުރީމެވެ. އިސާހިތަކު ރަތްބޯވަޅު ކަސަބު އެޅި ލިބާހެއްގައި އެއްފަރާތަށް ހުޅިޖަހާލައިގެން އެހެރަގެން އަންނަނީ އަހަރެންގެ ހިތުގެ މަލަކާ ގޮއްޔެއެވެ. އަހަރެން ކަޅި ޖަހާނުލާ ގޮއްޔެއަށް ބަލަހައްޓައިގެން ހުރީމެވެ. ގޮއްޔެ އައިސް އަހަރެންނާ އަރާ ހަމަވުމަށްފަހު ދިއްކޮށްލީ ކުރު ފަންވަތެކެވެ. އޭގައިވަނީ ގޮއްޔެގެ ގޭގެ ނަމެވެ. އަދި އެގެއަށް ދިއުމަށް އެދިފައިވެއެވެ. އެހެންކަމުން އަހަރެން ގޮއްޔެއާއި އެކު ގޮއްޔެގެ ގެއަށް ހިގައްޖެއީމެވެ. ހައިރާންވާ ކަމަކީ ގޮއްޔެ އަހަރެންނާއި ވާހަކަ ދައްކަނީ އިޝާރާތުން ކަމަށް ވުމެވެ. ނަމަވެސް އަހަރެންގެ ތަބީއަތުގައި ވާގޮތުން އަހަރެންނަށް ގޮއްޔެ ގެ ކޮންމެ އިޝާރާތަކުން ވާހަކަ ދެއްކި ނަމަވެސް އެކަމެއް ވަރަށް ފަސޭހައިން ދޭހަވެއެވެ.

އެރޭ އަހަރެން ގޮއްޔެއާއި އެކު ގޮއްޔެގެ ގެއަށް ދިޔައިމެވެ. އަދި ގޮއްޔެގެ އިޝާރާތުން ގޭގެ ބޮޑުއަށި އަމީތައި އިށީނުމަށް ބުންޏެވެ. އަދި އެބަ އަންނަމޭ ބުނެ އަތުން އިޝާރާތް ކުރުމަށްފަހު އެތެރެގެ ތެރެއަށް ވަދެގެން ދިޔައެވެ. އިރުކޮޅަކުން ފަލަ ވަރެއްގެ ފިރިހެނެއް އައިސް މީ ގޮއްޔެގެ ބައްޕަ ކަމަށް ބުނެ ވާހަކަ ދައްކަން ފެށިއެވެ. އަދި ތިޔައީ ކޮން ކުއްޖެތޯ އަހަރެންނާއި ގޮއްޔެގެ ބައްޕަ ސުވާލުކުރިއެވެ. އެވަގުތު އަހަރެން ވަރަށް ބިރުގަތެވެ. ނަމަވެސް ގޮއްޔެ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަހަރެން އަމިއްލައަށް ތަޢާރަފްވެލީމެވެ.

”އަހަރެންނަށް ކިޔަނީ މޫސަ… އަހަރެންގެ ބައްޕަ އާއި މަންމަ ވަނީ އަހަރެން ވަރަށް ކުޑަިއރު ވަނީ ނިޔާވެފަ.. އަހަރެން ކައިބޮއެ ހަދަނީ ރައްޓެއްސެއްގެ ގެއިން…”
އަހަރެން މިހެން ބުނުމުން ގޮއްޔެގެ ބައްޕަ ބުންޏެވެ. ގޮއްޔެ އަކީ ކޮންކަހަލަ ކުއްޖެއްކަން އެގޭ ހެއްޔެވެ. އޭރު ގޮއްޔެ އެތެރެގެ ތެރެއިން ބައްޕަ އެދައްކާ ވާހަކަތައް ކަނޑުލާ އަހަން ހުއްޓެވެ. ބައްޕަ މިހެން ބުނުމުން އަހަރެން ވަރަށް ހައިރާންވެހުރެ ބުނީމެވެ. ވަރަށް ހިތްހެޔޮ ކުއްޖެކެވެ. އަދި އަހަރެން ވަރަށް ލޯބިވާ ކުއްޖެކެވެ. މިހެން ބުނުމާއެކު ބައްޕަ ވަރަށް ދެރަވެ އިނދެ ވާހަކަ ދައްކަން ފެށިއެވެ.
ބައްޕަ ބުންޏެވެ.

”ގޮއްޔެ އަށް އަޑުއިވުނެއްކަމަކު ގޮއްޔެއަކީ ވާހަކަ ނުދެއްކޭ މަންމަން ކުއްޖެއް!” މިހެން ބުނުމާއެކު އަހަރެންގެ މެއަށް ހީވީ ފެންބަނޑިޔަލެއް އޮއްސާލި ހެންނެވެ. ގަތްލަދުންނާއި ވީދެރައިން އިސްތަށަށް ޖަހާލެވުނެވެ. އެވަގުތު ގޮއްޔެ ފެންކަޅިވެ އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އަހަންނަށް ގޮއްޔެގެ މޫނުމަތިން ދެރަވެފައި ހުރި މަންޒަރުތައް ސިފަވެގެން ދިޔައެވެ. އަދި ގޮއްޔެގެ ގެއަށް އަހަރެން ގެނައީ ގޮއްޔެއަށް މިވާހަކަތައް ބުނާނެގޮތެއް ނޭގިގެންކަންވެސް އަހަރެންނަށް އެގުނެވެ. މިކަމާ އަހަރެން ވިސްނަން އިންދައި ބައްޕަގެ ވާހަކަތައް އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ. ގޮއްޔެގެ ބައްޕަ ބުނަމުންދިޔައެވެ.

”ގޮއްޔެ އަކީ މަންމަނެއް ކަމަކު ހިސާބު ގަނޑުގެ ކުދިން ގޮއްޔެ އެއީ މަންމަނެއް ކަމަކަށް ނުބަލާ. އަދި އެކަމެއް އެހެން މީހުންނަކަށްވެސް ނާންގާ. ގޮއްޔެއަށް އެކަން އިހްސާސްވެ ނުކުރެވޭނެ!” ބައްޕަ ގޮއްޔެއާއި ބެހޭގޮތުން މިގޮތަށް ވާހަކަަތަށް ދެއްކުމަށްފަހު އެނބުރި ބޭރަށް ދިޔައެވެ.

ގޮއްޔެގެ ބައްޕަ އެނބުރި ދިއުމުން އަހަރެން ގޮއްޔެގެ ގޭގެ އޮޅިގަނޑުން ބޭރަށް ނިކުތީމެވެ. އެވަގުތު ގޮއްޔެ ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފިއެވެ. ނަމަވެސް އަހަރެންނަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ވެފައި ހުރި ދެރައިން އަތް ފޮޅާލުމަށްފަހު އެނބުރި ގެއަށް ދިޔައީމެވެ.

އަހަރެން އެނބުރި ދިއުމުން ގޮއްޔެ ގިސްލަ ގިސްލާފައި ރޮނީއެވެ. އަދި ގޮއްޔެއަކީ ނުކުޅެދޭ މީހެއްކަން ގޮއްޔެއަށް މިރޭ އިހްސާސް ކުރުވިއެވެ. ބައްޕަ ދެއްކި ވާހަކައިންނެވެ. އަދި އަހަރެން ބަހެއް ނުބުނެ އެނބުރި ދިއުމުންނެވެ.

އަހަރެން ގެއަށް ދިއުމަށްފަހު ކޮޓަރިއަށްވަދެ އޮށޯވެލީމެވެ. އަދި ވެދިޔަ ކަންތަކާއި މެދު ހިތުގައި ސުވާލު ކުރަން ފެށުނެވެ.

”މަންމަނެއް. އެކަމަކު އަހަރެންނަށް ގޮއްޔެ ދެކެ ހަޤީޤީ ލޯބި ވެވިއްޖެ. އެއީ ހަމަ އަހަރެންގެ ގޮއްޔެ. އަހަރެން އެ ގޮއްޔެ ދުލެއް ނުކުރާނަން. އެ މަންމަން ލޯބި އެއީ އަހަރެންގެ ދިރިހުރުން!” މިފަދަ ހާސްކަމެއްގެ ތެރޭގައި އެފުށް މިފުށަށް ޖެހި އޮވެ ނިދިއްޖެއެވެ.

އަރައިގެން އައި އިރާއެކު އަހަރެންނަށް ހޭލެވިއްޖެ އެވެ. އަދި އަވަސް އަވަހަށް މޫނު ދޮވެލައިގެން ގޮއްޔެގެ ހާލު ބެލުމަށްޓަކައި އެގޭދޮށަށް ދިއުމަށް ހިނގައި ގަނެވުނެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން އަހަރެންގެ ރައްޓެހި އީސަ އާއި އަހަރެންނާ ދިމާވިއެވެ. އަދި މިވާހަކަތައް އީސަޔަށް ކިޔައިދިނުމުން އީސަ ކުރީ މަލާމާތެވެ. ނަމަވެސް އަހަރެންނަކަށް ގޮއްޔެއެއް ދުލެއް ނުކުރެވޭނެއެވެ. އެ ލޯބި ބީކޮށެއް ނުލެވޭނެއެވެ. އީސަ މަލާމާތުގެ ބަސްތަކެއް އަމުނާލުމަށްފަހު އެނބުރި ދިއުމުން އަހަރެން އަނެއްކާވެސް ގޮއްޔެގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އިރުކޮޅެއްނުވެ މިސްކިތް މަގުން ފެންބަނޑިޔަލެއް ބޮލަށް ލައިގެން ގޮއްޔެ އަންނަތަން އަހަރެންނަށް ފެނުނެވެ. އަހަރެން ދުވަފައިގޮސް ގޮއްޔެގެ އަތުގައި ހިފީމެވެ. އެވަގުތު ބަނޑިޔާ ތިިރިކޮށްލާ އަހަރެންގެ އަނގަޔަށް ފެން އަތްގޮށްޓެއް އަޅާލިއެވެ. އަދި ވަރަށް ބާރަށް ގެއަށް ދިއުމަށް ގޮއްޔެ ހިގައިގަތެވެ. އަހަރެން ގޮއްޔެގެ ފަހަތުން ގޮސް އެގެއަށް ވަނީމެވެ. އެވަގުތު ގޮއްޔެގެ މަންމަ ނިކުމެ ތިޔައީ ކޮންކުއްޖެއްހޭ ކިޔައި އަހަރެންނާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. ގޮއްޔެގެ މަންމައަކީ ވަރަށް ޒީލަގަދަ އަންހެނެކެވެ. އަދި ގޮއްޔެގެ ފަހަތުން ފިރިހެނަކު އަވަލައިފިނަމަަ ގޮއްޔެގެ މަންމަ ހުންނަނީ ނަރުގަނޑަށް އަރާފައެވެ. މަންމަގެ ހަޅޭކުގެ އަޑު އިވުމާއެކު ގޮއްޔެ ފެންބަނޑިޔާ ބެހެއްޓުމަށްފަހު ވަރަށް ބާރަށް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އެވަގުތު މަންމަ ވަރަށް ހައިރާންވެ ބަލަން ހުއްޓެވެ. އަދި ރުޅި އައިސް ގޮއްޔެގެ އަތުގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް އެތެރެގެ ތެރެއަށް ވެެއްދިއެވެ. މަންމަ މިގޮތަށް ކަންތައް ކުރުމުން ގޮއްޔެގެ ހިތުގައި ޖެހުނެވެ. އަދި ގިސްލަގިސްލާފައި ރޯން ފެށިއެވެ. ގޮއްޔެއަކީ ހިތްބަލި ކުއްޖެކެވެ. އެކަން ގޮއްޔެގެ މަންމައަށްވެސް އެނގެއެވެ. ނަމަވެސް މިއަދު ގޮއްޔެއަށް މަންމަ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އެޅިހާ ބަތަކަށް ރިހަ ކިޔައިގެން އިންނަން މަޖުބޫރެވެ.

ގޮއްޔެ އެތެރެގޭތެރޭގައި އިނދެގެން ރޯއަޑު އަހަރެންނަށް އިވެއެވެ. ގޮއްޔެގެ ރުއިމުގެ އަޑު އަހަރެންނަށް އިވުނު ނަމަވެސް މިއަދަކު މައިން ބަފައިންނާއި ދެކޮޅެއް ނުހެދޭނެއެވެ. އަހަރެން މަޑުމަޑުން އެގެއިން ނިކުމެ ހިގައިގަތީމެވެ. އަދި ގޮއްޔެ ފަދަ ނުކުޅެދޭ ކުއްޖަކާއިމެދު ފުންކޮށް ވިސްނާލެވުނެވެ. އަދި ހިތާހިތުން ކިޔާލެވުނެވެ.

”ގޮއްޔެގެ މަންމަ ގޮއްޔެ ފިރިހެނަކާ ވާހަކަ ދެއްކުމުން ރުޅި އަންނަނީ ކީއްވެބާ. އެއީ މަންމަން ކުއްޖެއް. އެހާމެ ރީތި. އެގޮއްޔެ އަށްވެސް ހަޔާތުގެ ބައިވެރިޔަކު ބޭނުން ވާނެ. އަހަރެން ގޮއްޔެ ބޭނުން. މަންމަމެންނާ ދެކޮޅަށް ނަމަވެސް މިފަހަރު ހަޔާތުގެ ބައިވެރިޔަކަށް ގޮއްޔެ ހަދާނަން. މިއީ އަހަރެންގެ ޝަރުތެއް. ގޮއްޔެ ނޫން މީހެއް މިއަދު އަހަރެންނަކަށް ނުވޭ. ގޮއްޔެ ދެކެ އިންތިހާއަށް ލޯބިވަން. އަދި ގޮއްޔެވެސް އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން އަހަރެންނަށް އެގޭ!” އެހެންކަމުން އަހަރެން ގަސްތުކުރީ ކޮންމެވެސް ގޮތަކުން ނަމަވެސް ގޮއްޔެއާއި ބައްދަލުކޮށް މި ލޯބި ދެމެހެއްޓުމަށެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ. ވަގަށް ނަމަވެސް އަހަރެން ގޮއްޔެއާއި ބައްދަލުކޮށް ހަދަމެވެ. މިގޮތުން އެއްރެއެއްގެ ރޭގަނޑުގެ އިރާކޮޅުގެ ވަގުތެއްގައި އަހަރެން ބޭރަށް ނިކުމެ ގޮއްޔެގެ ގެޔާއި ދިމާއަށް މިޝްރާބު ޖެހީމެވެ. އެރެއަކީ ކަޅުފޮއެ އަދިރި ރެއަކަށް ވުމާއެކު ރަށުތެރެއަށް ވެރިވެފައިވަނީ އަދިރިކަމުގެ ބިރުވެރިކަމެވެ. މަދުން ނަމަވެސް މަގުމަތިން މީހުން ފެނެއެވެ. އަހަރެން ގޮއްޔެގެ ގޭދޮށުގައި ކުރަކާލި ކަނޑަން ފަށައިފީމެވެ. ގޮއްޔެ ފެނޭތޯއެވެ. އެގޭ ފުޅަށް ބުޑުގައި ގޮއްޔެގެ އިންތިޒާރުގެ ގަޑިތައް ގުނަމުން ގެންދިޔައީމެވެ. އަހަރެން ގޮއްޔެގެ ގޭގެ ފުޅައްބުޑުގައި އޮއްވާ ކުއްލިއަކަށް ފުރާޅުމަތިން ކަޅު ބުޅަލެއް އަހަރެންގެ ގަޔާއި ދިމާއަށް ފުންމާލިއެވެ. އަހަރެން ބިރުން ހުރެ ހަޅޭއް ލަވައިގަތީމެވެ. މިއަޑު ގޮއްޔެގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް ގޮއްޔެގެ މަންމަ މެންނަށް މިއަޑު ނީވުމަކީ ގޮއްޔެގެ ނަސީބުކަމަށްވެސް ވެދާނެއެވެ. އަހަރެންގެ އަޑު ގޮއްޔެގެ ކަންފަތުގައި ޖެހުމާއެކު އަހަރެން ބޭރުގައި ހުރިކަން ގޮއްޔެ އަށް އެނގުނެވެ. އަދި ގޮއްޔެއަށް އަހަރެންގެ އަޑު ދުވަހަކުވެސް ނޯޅޭނެކަން އަހަރެންނަށް އެނގުނެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް އަހަރެންގެ އިހްސާސްތައް ގޮއްޔެ ދަނެއެވެ. އެހެންކަމުން ގޮއްޔެ މަސައްކަތްކުރަމުން ދިޔައީ މަންމަމެންނަށް ވަގަށް ބޭރަށް ނިކުތުމަށެވެ. އަހަރެންނާއި ބައްދަލުކުރުމަށެވެ. ބިރުން ހުރެ ނަމަވެސް އަހަރެން ދުށުމަކީ ގޮއްޔެ ހިތުގައި އަހަރެންނާއި ދޭތެރޭ އޮންނަ ފުންލޯބިކަން އަހަރެންނަށް އެނގެއެވެ. މަންމަނަކު މީހެއް ދެކެ ލޯބިވުމަކީ ކުށެއްބާވައެވެ. މިއީ ގޮއްޔެ މީހަކު ދެކެ ލޯބިވީ ފުރަތަމަ ފަހަރެވެ. ނަމަވެސް އަހަރެންނާއި ރައްޓެހިވިފަހުން ގޮއްޔެގެ މަންމައާއި ބައްޕަ އޮންނަނީ ރޭގަނޑު ގޮއްޔެ ގެއިން ބޭރަށް ނިކުތުން މަނާކޮށްފައެވެ. ގޮއްޔެ ބަލަމުން ދިޔައީ މަންމައާއި ބައްޕަ ނިދާނެ ގަޑިޔަކަށެވެ.
އޭގެ ގަޑިއެއް ހައިއިރު ފަހެވެ. ގޮއްޔެ މަޑުމަޑުން ދެކޮޅު ހޯދާ ބަލާލުމަށްފަހު ގެއިން ނިކުތެވެ. އެވަގުތު އަހަރެންނަށް ގޮއްޔެ ފެނުނެވެ. އަދި ދުވެފައި ގޮސް ގޮއްޖެގެ ގައިގައި ވަރަށް ލޯބިން ބައްދާލެވުނެވެ. އަހަރެން ފެނުމުން ގޮއްޔެއަށް އުފަލުން ގޮސް ރޮވުނެވެ. އަހަރެންވެސް ހަމަ މިފަދައެވެ. އަދި އިޝާރާތުން ގޮއްޔެ އަހަރެންދެކެ އިންތިހާއަށް ލޯބިވާ ވާހަކައާއި އަަހަރެން ނޫން މީހަކު ދުވަހަކުވެސް ގޮއްޔެ ބޭނުން ނުވާކަމަށް ގޮއްޔެ ބުނަމުން ދިޔައެވެ. އަހަރެންވެސް ގޮއްޔެއަށް ހިތްވަރުދެމުން ދިޔައީމެވެ. ދުވަހަކުވެސް އަހަރެން ގޮއްޔެ ދޫކޮށް ނުލާނެކަމަށް ހުވާ ކުރަމުންނެވެ. ކަށްވަޅަށްދާންދެން ވެސް އިންތިޒާރު ކުރާނެކަމަށް ބުނަމުންނެވެ. ނަމަވެސް އެރެއިން ފެށިގެން އަހަރެންނަށް ގޮއްޔެގެ މޫނުމަތިން މާޔޫސްކަމާއި ހިތްދަތިކަން އިންތިހާއަށް ގޮސްފައިވާކަން އިހްސާސް ކުރެވުނެވެ. އަދި އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އަތުގެ އިޝާރާތުން ގޮއްޔެ އަހަރެންނަށް ހާމަކުރަމުން ދިޔައެވެ. އެހެންކަމުން އަހަރެން ނިންމީ ވީހާވެސް އަވަހަކަށް ގޮއްޔެއާއި ކައިވެނި ކުރާށެވެ. އަދި މި ޔަޤީންކަން ގޮއްޔެއަށް ދިނުމަށްފަހު އަހަރެން ފަސް އެނބުރި ގެއަށް ދިޔައީމެވެ.

ހަފްތާއެއްފަހެވެ. ގޮއްޔެގެ ކައިވެންޏަށް ވަލީ ހޯދުމަށް އަހަރެން ގޮއްޔެގެ ބައްޕަގެ ކައިރިއަށް ދެ ހެކިވެރިން ފޮނުވީމެވެ. ގޮއްޔެގެ ބައްޕަގެ ކައިރިއަށް ދެހެކިވެރިން ދިޔައިރު ގޮއްޔެ އުޅެނީ ބަދިގެތެރޭގައެވެ. އަދި ގެއަށް ބަޔަކު އައިސް އުޅޭކަން ކޮންމެވެސް ގޮތަކުން ގޮއްޔެއަށް އެގުމުން އެމީހުން ބައްޕަ ކައިރީ އެދައްކާ ވާހަކަތައް ސިއްރުން އަޑުއަހަން ފިލާ އިނެވެ. މިދެމީހުން ގޮއްޔެގެ ބައްޕަގެ ކައިރިއަށް އައިސް ގޮއްޔެއާއި އަހަރެންގެ ކައިވެނީގެ ވަލީއަށް އެދުނެވެ. އެވަގުތު ބައްޕަ ރުޅިއައިސްގެން ހަޅޭއް ފަޅޭއް ޖަހާލިއެވެ. އަދި ބުންޏެވެ.

”ކަލޭމެންނަކަށް ނޭގޭތަ އެއީ މަންމަން ކުއްޖެއްކަމެއް.. އަދި ހިތް ބަލި ކުއްޖެއްކަމެއް… މީހަކާ އިނދެގެން އޭނާގެ ފިރިމީހާ އޭނާގެ ހިތުގައި ޖެއްސުމަކީ މި ބައްޕަ ކުރާނެކަމެއް ނޫން.. ވަލީ އެއް ނުދެވޭނެ.. އަހަރެން ބޭނުމެއް ނޫން އަދި އޭނަ މީހަކަ ދެވާކަށް.. ކަލޭމެން ތިއައި ތާކަށް ދޭ… އަދި ތިޔަ ބުނާ މޫސަ އަކީ އަހަރެންގެ ގޮއްޔެ އާއި އެކަށޭނަ ޤާބިލްކަން ހުރި މީހެއްވެސް ނޫން… މޫސަ ކައިރީ ބުނޭ ކަލޭ އެހެން މީހަކު ހޯދައިގެން އިންނާށޭ… ދުވަހަކުވެސް ތިކަމެއް ނުވާނެޔޭ…”

މިހެން ބުނުމާއެކު އެދެ ހެކިވެރިން ބިރުން ގެއިން ނިކުމެގެން ހިގައްޖެއެވެ. އެވަގުތު ގޮއްޔެގެ ހިތް ހުއްޓުނު ކަހަލައެވެ. ވީގޮތެެއް ނޭގި ކުއްލިއަކަށް އަނބުރައިގަނެގެން ބަދިގެ ތެރެއަށް ވެއްޓުނެވެ. މިއަޑަށް ގޮއްޔެގެ މަންމަ ދުވެފައި ބަދިގެއަށް ވަން އިރު ގޮއްޔެގެ ހެޔެއް ނެތެވެ. އަދި ގޮއްޔެގެ ބައްޕައަށް ގޮވުމަށްފަހު ގޮއްޔެ ނަގައިގަނެގެން ގެނެސް ބޮޑުއަށި މަތީގައި ބޭއްވިއެވެ. ގޮއްޔެ ހޭއެރުވޭތޯ ގޮއްޔެގެ މަންމައާއި ބައްޕަ މަސައްކަތް ކުރަމުން ދެއެވެ. މި ހަބަރު ލިބިގެން ގޮއްޔެގެ ރައްޓެހިންވެސް އެގެއަށް އައިސް ހޭއެރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. (އެދުވަސް ވަރަކީ މާ ބޮޑެތި ޑޮކްޓަރީ ހަސްފަތާލުތައް ހުންނަ ދުވަސްވަރެއް ނޫންކަމުން ކަމެއް ދިމާވެއްޖެނަމަ ގިނަ ފަހަރަށް ގޭގައި ބާއްވައިގެން ކިޔަވައިގެންވެސް ނުވަތަ ދިވެހި ބޭސްވެރިކަން ކޮށްގެންވެސް ފަރުވާ ދެމުން ގެންދެއެވެ.) ނަމަވެސް ކުރާނެކަމެއް ނެތެއެވެ. ގޮއްޔެ މިދުނިޔެ ދޫކޮށްފިއެވެ. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން…

މި ޚަބަރު އަހަރެންގެ ރައްޓެއްސެއްގެ ފަރާތުން އަހަރެންނަށް ލިބުމާއެކު ގޮއްޔެމެން ގެއަށް ދިއުމަށްޓަކައި ގައިގައި ހުރި ބާރެއްލާފައި އަޅާ ދުއްވައިގަތީމެވެ. އެގެއަށް ދިޔައިރު އެގެ ކައިރީގައި ފުދޭވަރެއްގެ ގިނަ މީހުން ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވާ މަންޒަރާއި މީހުންގެ ރުއިމުގެ އަޑުފަށްގަނޑު އިވެމުން ދިޔައެވެ. ރޯ މީހުން ރޮނީއެވެ. ގިސްލާ މީހުން ގިސްލަނީއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. މިވީ ކީއްބާވައެވެ. އަހަރެން މަޑުމަޑުން އެެ ގޭތެރެއަށް ބޯދިއްކޮށްލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ގޮއްޔެގެ ފުރާނައެއް ނެތް މަސްގަނޑު ކަފުންކޮށްފައި ބޮޑުއަށި މަތީ ބާއްވާފައި އޮތް މަންޒަރެވެ.

އަހަރެންގެ ގޮއްޔެ އަބަދުގެ އަބަދަށް އަހަރެންނާއި ވަކިވީއެވެ. އަހަރެންގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ކުއްލިއަކަށް އަހަރެންގެ މެޔަށް ގޮތެއްވެ ހޭނެތިގެން ގޮއްޔެގެ ގޭގެ އޮޅިގަނޑު މައްޗަށް ވެއްޓުނެވެ. އަހަރެންނަށް ހޭވެރިކަން ވީ ގޮއްޔެމެން ގޭގެ ކުޑަ އެނދު މަތީގައި އަހަރެން ބާއްވާފައި އޮއްވައެވެ. އޭރު އަހަރެންގެ ވަށައިގެން މީހުން ތިއްބެއެވެ. އަހަރެން ހޭވެރިކަން ވުމާއެކު ގޮއްޔެގެ ފުރާނަ ނެތް މަސްގަނޑާއި ދިމާއަށް ބަލާލެވުނެވެ. އަދި ހިތާމަވެރި އަޑަކުން ރޮވިފައިވާ ރާގަކަށް ބުނެލެވުނެވެ.

”މީ އަހަރެންގެ ލޯބި. މި ލޯބި ދެން ދުވަހަކުވެސް އެހެން މީހަކަށް ނުދެވޭނެ.” މިހެން ބުނުމާއެކު ގޮއްޔެގެ މަންމަ އާއި ބައްޕަ ރޮއިގަތްފައި އަހަރެންގެ ގައިގައި ބައްދާލައި މަޢާފަށް އެދުނެވެ. އަދި ބުންޏެވެ.

“ލޯބިން ގުޅޭ ދެހިތެއް ސަފުން ދުރުކުރުވަން މަސައްކަތް ކުރުމަކީ މަރުވުން ފަދަ ކަމެއް.” މިހެން ކިޔައި ގޮއްޔެގެ މަންމަ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އެވަގުތު އަހަރެން ކެތްތެރިވެ އެ މަންމައަށް ހިތްވަރުދެމުން ގެންދިޔައީމެވެ. އަދި އަހަރެންގެ ހިތުގައި ގޮއްޔެގެ މަންމައަށްޓަކައި އެއްވެސް ބުރަކަމެއް ނުބާއްވާނެކަމަށް އަސަރާއެކު ބުނަމުން ދިޔައީމެވެ. ކުރާނެކަމެއް ނެތެވެ. ކޮންމެ މީހަކީވެސް މަރުވާނެމީހެކެވެ. ދެން އޮތީ ކެތްތެރިވެ ދުޢާކުރުމެވެ.

ގޮއްޔެގެ ކަށުކަމާކެމީގެ ކަންތަކަށްފަހު ގޮއްޔެ ވަޅުލައިފިއެވެ. ވަޅުލައި ނިމުމުން އަހަރެން އެނބުރި ގެއަށް ދިޔައިމެވެ. އަދި ވަރަށް މާޔޫސްކަމާއެކު ގެއަށްވަދެ އޮށޯވެލައިފީމެވެ. ވެފައި ހުރި ވަރުބަލިކަމާއި ލިބިފައިވާ ފުން ހިތާމައެއްގެ ސަބަބުން އެނދުގައި ދެފުށްދެފުށަށް އެނބުރި އެނބުރި އޮއްވާ ނިދިޖެހިއްޖެއެވެ. ނިދި ޖެހުމާއެކު އަހަރެންގެ އަތުގައި މީހަކު ހިފާލި ހެން އަހަރެންނަށް ހީވިއެވެ. ދެލޯ ބޮޑުކޮށް ބަލައިލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންގެނެވެ. ހުދު ހެދުމެއްގައި އަހަރެންގެ އަތުގައި ހިފައިގެން އެހުރީ އަހަރެންގެ ލޯބިވާ ގޮއްޔެގެ ރޫޙެވެ. އެވަގުތު އެެ ރޫހް ބުނަމުން ދިޔައެވެ. އަހަރެން ހަށިގަނޑު ފަނާވެދިޔަޔަސް އަހަރެންގެ ލޯބި ވަނީ މޫސަ އާއި އެކުގައެވެ. މީ ގޮއްޔެގެ ރޫހެވެ. އެވަގުތު މޫސަ ބުންޏެވެ. ގޮއްޔެއެވެ. އަހަރެން ގޮއްޔެ ނޫން އެހެން މީހަކު މިދުނިޔެ މަތިން ދުށުމަކަށް ބޭނުމެއް ނުވެއެވެ. އަހަރެންގެ މަންމައާއި ބައްޕަ އަހަރެން ކުޑައިރު ވަނީ މިދުނިޔެ އާއި ވަކިވެފައެވެ. މިގޭގައި އުޅެމުންދަނީ އަހަރެން އެކަންޏެވެ. އެ ގޮއްޔެގެ ރޫޙް ބުންޏެވެ. މިއަދަށްފަހު މޫސަގެ މަރުދުވަހާ ޖެހެންދެންވެސް މިގޮއްޔެ އުޅެމުންދާނީ މިގޭގައެވެ. މޫސައާ އެކުގައެވެ. އަހަރެން ބުނީމެވެ. އަހަރެން މަރުވެދާނީވެސް ހަމަ ގޮއްޔެގެ ހަނދާނުގައެވެ.

އެރެއަށްފަހު އަހަރެން އުޅެމުންދިޔައީ ގޮއްޔެގެ ރޫޙާއި އެކުއެވެ. ތާއަބަދު ވޭތުކުރަމުން ދަނީ ރޫޙާނީ ގޮއްޔެ އާއި އެކުގައެވެ. އަހަރެންގެ ޢުމުރުން މިހާރު ގަރުނެއް ވީއެވެ. އަދިވެސް އަހަރެންގެ ހަޔާތުގެ ބައިވެރިޔަކީ އެ ލޯބިލޯބި މަލެއްފަދަ މަންމަން ގޮއްޔެވެ.

-ނިމުނީ-

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.