ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް “ރޫމީ އާ ޖަންނަތު” ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް މެދުވެރިކޮށް ދެއްކުމަށް ހަމަޖައްސައިފި އެވެ.

ވަރުގަދަ ކާސްޓެއް ހިމެނޭ “ރޫމީ އާ ޖަންނަތު” ވެބް ސީރީޒްގެ ފުރަަތަމަ އެޕިސޯޑް ހިލޭ ބަލާލެވޭނެ އެވެ. މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް ގޫގުލް ޕްލޭ އަދި އެޕް ސްޓޯ އިން މިހާރު ޑައުންލޯންޑް ކުރެވޭނެ އެވެ.

މަޤުބޫލު ތަރިންތަކެއް މި ސީރީޒުން ފެނިންދާއިރު ސީރީޒްގެ ލީޑުން ފެނިގެންދާނީ އަބްދުﷲ ޝާފިއު (ފުބޫ) އާއި ނުޒްހަތު ޝުޢައިބް (ނުޒޫ) އެވެ. މީގައި ރޫމީ އަކީ ޝެފެކެވެ. ޖަންނަތު އަކީ އެމްއެންޑީއެފްގެ ފަޔަރ ބްރިގޭޑެކެވެ. ނުޒޫ ފެނިގެންދާނީ އެމްއެންޑީއެފްގެ އަސްލު ޔުނިފޯމުގައެވެ.

މި ސީރީޒްގައި ޖަންނަތުގެ ރޯލު އެންމެ ފުރަތަމަ ކުޅުނީ މަރްޔަމް މަޖުދާ (މަޖޫ) އެވެ. ގިނަ އެޕިސޯޑްތަކެއްގެ ޝޫޓިންވެސް ނިމުނު ފަހުން، މަޖޫގެ ޞިއްޙީ ހާލަތު ހުރިގޮތުން މަޖޫ މި ސީރީޒުން ވަކިވާން ޖެހުނެވެ. ހަމަ އެއާއެކު ޖަންނަތުގެ ރޯލަށް ނުޒޫ ހަމަޖައްސައި، ޖަންނަތު ހިމެނޭ ސީންތައް އަލުން ރީ-ޝޫޓްކުރިއެވެ.

ސީރީޒްގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، ރޯނު ހަސަން މަނިކު، މުހައްމަަދު ފައިސަލް، އަހުމަދު ސައީދު، އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.

ރޫމީ އާ ޖަންނަތު“ގެ ފުރަތަމަ ހަތް އެޕިސޯޑްގެ ހުރިހައި މަސައްކަތެއް އެއްކޮށް ވަނީ ނިންމާލާފައެވެ.

ޑާކްރެއިންއިން މިހާރުވެސް ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް އެއްފަހަރާ ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފިލްމް “ނޮވެންބަރ” ގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު ފިލްމު “ބީވީމާ” އާއި “ބަޅިނދު”ގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން “ރެހެނދި ހަދީޖާ” ގެ ނަމުގައި ވެސް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.