ކޮރެއާގެ ‘ކޭސްޓަރ’ އިން އުފެއްދި ‘ސުޕަރކޮންޑަކްޓިންގ ފިއުޝަން ޑިވައިސް’ އެއް ކަމަށްވާ ‘ޓޮކަމަކް’ އިން ދުނިޔޭގެ ރެކޯޑް މިންވަރެއްގެ ހޫނުކަން އުފައްދާ މަސްނޫއީ އިރެއް އީޖާދުކޮށްފިއެވެ. މި އިރުން 100 މިލިޔަން ޑިގްރީ ސެލްސިއަސް އަށް ވުރެން ގަދަ ހޫނުކަން އުފެދޭ ޕްލަސްމާ 20 ސިކުންތަށް ވުރެން ގިނައިރު ހިފަހައްޓާފައި ވެއެވެ.

ޕްލަސްމާ އަކީ އެއްޗަކަށް (މައުދަނެއް ފަދަ މެޓަރ އެއްޗަކަށް) އިންތިހާއަށް ހޫނުކުރުމުން އެ މެޓަރގައި ހިމެނޭ އިލެކްްޓްރޯންތައް، އެޓަމް (ޒައްރާ) ތަކުން ވަކިވުމުން އެއަށް ކިޔާ ނަމެކެވެ.

މިއީ ނިއުކްލިއާ ފިއުޝަން އިން ތިމާވެއްޓަށް ގެއްލުން ނުވާ ހަކަތަ އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ފިއުޝަން ޕްރޮސެސްގައި ވާގޮތަކީ ދެ ލުއި އެޓޮމިކް ނިއުކްލިއައި އެކުވެ ބަރު ނިއުކްލިއަސް އެއް އުފެދުމުގެ ނަތީޖާއެއްގެ ގޮތުން ހަކަތަ އުފައްދައިދިނުމެވެ.

މިކަން ހާސިލްކުރުމަށްޓަކައި ހައިޑްރިޖަންގެ އައިސޮޓޯޕްސް ކޭސްޓަރގެ ޓޮކްމަކް ތެރެއަށް ލައެވެ. ނަތީޖާއެއްގެ ގޮތުން ޕްލަސްމާއެއް އުފެދި އަޔޯންސް އާއި އިލެކްޓްރޯންސް ވަކިވެއެވެ. ވަކިވެގެންދާ އަޔޯންސް އަށް ހޫނުކޮށް ވަރަށް މަތީ ހޫނުމިނެއްގައި ބަހައްޓައެވެ.

‘ޓޮކްމަކް’ މެޝިނަކީ ބާރުގަދަ ތިން ދަގަތްފާނީ (މެގްނެޓިކް) ފީލްޑް އުފައްދައި ސުޕަރހީޓެޑް ޕްލަސްމާ ބަންދުކޮށް ހިފައްޓައިދޭ ވަސީލަތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.