‘ނަމާދޭ އެންމެ އިސްކަމަކީ ތިމާ އީމާންވުމަށް ފަހުގާ
ނަމާދޭ އެންމެ މަތިވެރި ޢަމަލަކީ އިސްލާމްވުމަށް ފަހުގާ’

ވަރަށް ވެސް ހެޔޮ ބަސްކޮޅެކެވެ. މިއީ ހޯރަފުށީ އާދަމް ސަލީމް ހައްދަވާފައިވާ އަގުހުރި މުތީއެއް ފަދަ އަގުބޮޑު ޅެމެއްގެ ފުރަތަމަ ބައިތެވެ. ޒަމާނުއްސުރެން، އަޅުގަނޑުމެންނަށް މަދަަހަައެއްގެ ގޮތުގަައި ޢަބްދުﷲ ޙަސަން (ހޮޅުދޫ ޢަބްދުﷲ)ގެ އަސަރުގަދަ އަޑުން އިވެމުން އަންނަ މަަދަަހަައެކެވެ. ކޮންމެ ދިވެއްސެއްގެ ހިތުގަައިހެން ބިންވަޅު ނެގިފައިވާ ބައިތެކެވެ.

ބައިތު ކިތަންމެހާ ވެސް ފުރިހަމައެކެވެ. މަދަހަވެސް އެހާމެ ހިތްގައިމެވެ. ކާއިނާތުގެ ވެރި ރައްބުގެ މަރިވެރި ވަޙީގެ ބަސްފުޅުން އައިސްފައިވާ މި ބަސްކޮޅާމެދު އަޅުގަނޑުމެންނަށް ޙަޤީޤީ މާނައެއްގައި، ފުންކޮށް ވިސްނައިލެވެނީ ކިތައް މީހުނަށްތޯ އެވެ. އެ ބަސްފުޅަށް ޢަމަލުކުރަނީ ކިތައް މީހުންތޯއެވެ.

ފޭސްބްްކް ބަލަނިކޮށް މިއަދު ފެނުނު ފޮޓޯއެކެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ޖޯޒީ ފެންނަ ފޮޓޯއެކެވެ. ޖޯޒީގައި ލިޔެލާފައިވަނީ މޮޅު އެނާޖީ ޑްރިންކެއްގެ ނަމެއް ނޫނެވެ. ނުވަތަ އެހެންވެސް ވިޔަފާރި މުދަލެއްގެ އިޝްތިހާރެއް ނޫނެވެ. ލިޔެލާފައި ވަނީ “ފުރަތަމަ ނަމާދު” މި ދެ ލަފުޒެވެ. އެހެން ނަމަވެސް މިއީ އެތަކެއް ހާސް ވާހަކަތަކެކެވެ.

“ހދ. ނޮޅިވަރަމް ފުޓްބޯޅަ ޓީމެއްގެ ޖޯޒީގައި ލިޔެލާފައިވާ ސްލޯގަންއެއް “ފުރަތަމަ ނަމާނު”- މިއީ ހުރިހައި ކުޅުންތެރިންްނަށްވެސް ކިހާ މަތިވެރި މިސާލެއްތޯ!
މާޝާﷲ” ޖާޒީގެ ފޮޓޯތައް ހިއްސާކުރަމުން އަލް އަޚް ޢަލީ ރަމީޒް ބިން ޤާސިމް ލިޔެލާފައިވާ ސްޓޭޓަސް އެއްގައި ވެއެވެ.

ހަމަ ޙަޤީޤަތުގައިވެސް މިއީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ވިޔަފާރި މުދަލެއް އިޝްތިހާރު ނުކޮށް، އެ ޖޯޒީ ތަކުން އެ އިޝްތިހާރުކޮށްދޭ ޕްރޮޑަކްޓަށް ވުރެން ފައިދާހުރި، މަތިވެރި ޕްރޮޑަކްޓެއް ފަހެ އޮންނާނެތޯއެވެ. މިއީ ހަމަ ޙަޤީޤަތުގައިވެސް ހުރިހައި ކުޅުންތެރިންނަށް، ހުރިހައި ޓީމުތަކަށް އަދި މުޅި މި އުއްްމަތަށްވެސް އެންމެ މަތިވެތި މިސާލު ދައްކައިދޭ ޖޯޒީ ކަމުގައި ނުވެ ނުދާނެކަން ކަށަވަރެވެ.

ހޯރަފުށީ އާދަމް ސަލީމް (އާދަމްބެ) ހައްދަވާފައިވާ ފުރިހަމަ ޅެމާއި ދޭތެރޭގައި އިތުރަށް ވިސްނައިލުމަކީ މި ފުރުޞަތުގައި މުހިންމު ކަމެއް ކަމަށް ދެކެމެވެ. އެހެނީ މި މަތިވެރި ޅެމުގެ ކޮންމެ ބައިތެއްގައި ހިމެނޭ އަގުހުރި އިރުޝާދާ ފިލާވަޅަކީ ހިތުގައި ބިންވަޅު ނަގަން ޖެހޭ އަގުހުރި ދަރުސްތަކެކެވެ.

‘ނަމާދޭ އެންމެ އިސްކަމަކީ ތިމާ އީމާންވުމަށް ފަހުގާ
ނަމާދޭ އެންމެ މަތިވެރި ޢަމަލަކީ އިސްލާމް ވުމަށްފަހުގާ

ނަމާދޭ އެންމެހާ ފާހިޝްކަމުން އަބަދަށް ސަލާމަތްކޮށް
އަމާންކަން ގެންނަނީ މީހާގެ ޢަމަލަށް ސާފު ތެދުގޮތު

ނަމާދޭ އިޖްތިމާޢީ ނަޒަރަކުން މުޖުތަމަޢު ސިފަކޮށްދީ
ޖަމާޢަތްތަކުގެ އިރުޝާދާތު އެދެނީ ރީތި މޮޅުގޮތުގާ

ނަމާދޭ ޠާޢަތާ ކިޔަމަންކަމުގެ ޤާނޫނު ދަސްކޮށްދީ
ސަމާލުވުމަށް ގޮވާ މަތިވެތި ޢަލާމަތަކީ މި ދުނިޔޭގާ

ނަމާދޭ ރީތި އަޚްލާގާ މަކާރިމު އަބަދު ސިފަކޮށްދީ
ޒަމާނާާ އެކު ތިމާ ގެންދާ ޛަރީޢަތަކީ ޙަޤީޤަތުގާ

ނަމާދޭ ޚާލިޤާ މަޚްލޫގު ވަކިކޮށްދީ މި ޢާލަމުގައި
ތިމާގެ ފަލާޙު ހޯދައިދޭ ބަޝާރަތަކީ އެނގޭގޮތުގާ

ނަމާދޭ ރޫޙަށާ ޖިސްމަށް އުފާވެރިކަން އިތުރުކޮށްދީ
ދިމާއަށް ނޫރު ފޮނުވައިދޭ ވަސީލަތަކީ ޙަޤީޤަތުގާ

ނަމާދޭ ޞިއްޙަތާ އަދި ހިތްފަސޭހަކަމާ އުފައްދައިދީ
ހިމާޔަތްތެރިކުރާ މަތިވެރި ސިލޭހަޔަކީ މިދުނިޔޭގެ

ނަމާދޭ ފަރަގަކީ ކާފިރުކަމާ އިސްލާމްކަމާ މެދުވާ
ނަމާދެއް ދޫނުކޮށް ޤާއިމްކުރާށޭ ހިތްވަރާ އެކުގާ’

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.