މިދުވަސްވަރު ޢަލީ ޝިފާޢު ނުވަތަ ޗިއްޕެ ގެ ފޭސްބްކް ވޯލް އިން އެންމެ ގިނައިން ފެންނަ އެއް މަންޒަރަކީ މޭޒެއް ކައިރީގައި އިނދެ ޒުވާން ދެތިން ކުއްޖަކަށް ޓިއުޝަން ޖަހައިދޭން އިންނަ ފަދަ މަންޒަރެކެވެ. އަނެއްކާ ޗިއްޕެ ފިލްމީ ދާއިރާ އާއި ދުރަށް ޖެހިލީ ހެއްޔެވެ؟
މާލޭގައި ރަން އަގުގައި ނަގައިދެވޭ ޕްރައިވެޓް ޓިއުޝަން ފެށީހެއްޔެވެ؟ ފެންނަ ކޮންމެ މަންޒަރެއް ތަފާތު ވެދާނެ އެވެ. މަންޒަރެއް ހަމަ ފެންނަ އިރަށް އެކަމުން ހިތަށް އެރި މާނައެއް ނެގުން އެއީ އެެއްމެ ރަނގަޅުގޮތްކަމަށް ނުވެދާނެ އެވެ. އެހެންކަމުން ރަނގަޅަށް ބަލައިލުމުން މި ފެންނަނީ ‘ވަކިން ލޯބިން’ އަށް ރިހަރސަލް ޖެއްސުމުގެ މަސައްކަތުގައި ޗިއްޕެ އަވަދަނިނެތި އުޅޭ މަންޒަރެވެ. މައްސަލައެއް ނެތްތާއެވެ. ކުރިން ހީކުރެވުނީ މުޅިއަކުން ކުށްހީ އެއްވެސް ނޫންތާ އެވެ. ރިހަރސަލް ކުރިއަސް އެ ކުރެވެނީ ހަމަގައިމުވެސް ޓިއުޝަން ޖެއްސުންފަދަ ކަމެކެވެ. ހަމަ ގައިމުވެސް ‘ވަކިން ލޯބިން’ ފިލްމުގެ ރިހަރސަލް ކިލާސްތަކުގެ ބައިވެރިންނަށް ކިޔަވައިދޭން އިންނަތަން މި ފެންނަނީ ޢަލީ ޝިފާޢު ސަރ (ޢަލީ ޝިފާޢު މުދައްރިސް) އެވެ.
މި ދުވަސްވަރަކީ ޑާކްރެއިން އެންޓަރޓެއިންމެންޓުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ފިލްމު ތަކުގެ މަސައްކަތްތައް ކުރުމުގައި މެކުހަށް ޖަހާފައިވާ ދުވަސްވަރެއްކަން އެ ސްޓޫޑިއޯ ގެ ފޭސްބްކް ޕޭޖް ފޮލޯރ ކުރާ ފަރާތްތަކަށް އެނގޭނެ އެވެ. އަބަދުވެސް ކޮންމެވެސް ފިލްމެއްގެ ރިހަރސަލް އެއް ނުވަތަ ކޮންމެވެސް ބައްދަލުވުމެއް ކުރިއަށްދާތަން އަންނަނީ ފެންނަމުންނެވެ. މިކަން ވަނީ އެ ސްޓޫޑިއޯ ގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ވެސް ޔަޤީން ކޮށްދީފަ އެވެ. ކޮންމެއަކަސް ޑާކްރެއިން އެންޓަރޓެއިންމެންޓުގެ މަސައްކަތްތައް މެކުހަށް ޖަހާފައިވާ މި ދުވަސްވަރު އެއްމެ ބުރަކޮށް އުޅެމުން އަންނަ އެއް ފަރާތަކީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ޗިއްޕެ އަކީ ޓިއުޝަން ސަރ އެވެ. ނަގައިދޭން ހުރި ފިލާވަޅުތައް ރާވައި ލެސަން ތައްޔާރުކުރުމުގައިވެސް ޗިއްޕެ ގެ ދައުރު އެހާ ބޮޑެވެ. އިމްތިހާނުގައި ދަރިވަރުންގެ ސްޕްރިންޓެންޑެންޓަކަށް (އިމްތިހާނު ހޯލުގެ އިސްވެރިޔަކަށް) ވެސް ހުންނާނީ ހަމަ ޗިއްޕެ އެވެ. ފިލްމީ ބަހުރުވައިން ބުނާނަމަ ‘ވަކިން ލޯބިން’ ފިލްމު ގެ ޑައިރެކްޓަރަކީވެސް ޗިއްޕެ އެވެ.
އައިޝަތު ފުއާދު ތައުފީޤު ގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ މިފިލްމު ޑައިރެކްޓް ކުރަނީ، ޑާކްރެއިން އެންޓަރޓެއިންމެންޓް ގެ އެންމެ މަޤްބޫލު ޑައިރެކްޓަރ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމެންޓް އިން އެންމެ ފަހުން ގެނެސްދިން ކާމިޔާބު ފިލްމު “މީ ލޯތްބަކީ” އަކީވެސް ޗިއްޕެ ގެ ޑައިރެކްޝަން އަކަށް ތައްޔާރުކުރި ފިލްމެކެވެ.
ޗިއްޕެ ގެ މަސައްކަތުގެ ޕަރފޮމަންސާއި މަސައްކަތުގެ އަޚްލާޤާއިމެދު ދެކެނީ ކިހިނެތްތޯ އަހައިލުމުން “ވަކިން ލޯބިން” ގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ދިނީ ވަރަށް ކުރު ޖަވާބެކެވެ. ޖަވާބު ކިތައްމެ ކުރުނަމަވެސް އެއީ އެ ސުވާލަށް ދެވޭނެ އެއްމެ ބެސްޓް ޖަވާބެވެ. މޮގަރ ގެ ޖާވާބަކީ ވެސް “ދަ ބެސްޓް” މި މިހެންނެވެ.
މީގެ އިތުރުން ޗިއްޕެ ގެ އިރުޝާދުގެ ދަށުން ދެ ފިލްމެއްގައި މިހައިތަނަށް މަސައްކަތް ކޮށްފައިވާ މަރްޔަމް މަޖުދާ (މަޖޫ) ޗިއްޕެ އާއިމެދު ބުނަނީ ކީކޭތޯވެސް ބަލައިލީމެވެ.
“ޗިއްޕެގެ ޑައިރެކްޝަން އާއިމެދު ބުނާނީ މާލޭގަ ހުރި އެއްމެ މޮޅު ޑައިރެކްޓަރ އޭ އަދި ޗިއްޕެ އާއި އެއްކޮށް މަސައްކަތް ކުރަން ވަރަށް ފަސޭހަ. އެއްޗެހި ބުނެދޭއިރު ވަރަށް އަންޑަސްޓޭންޑިންގ ވާގޮތަށް ކިޔައިދެނީ. ކިތައްމެ ގިނައިން އެއް ޝޮޓް ނަގަން ޖެހުނަސް ރުޅިނައިސް އޭތި އަންޑަސްޓޭންޑް ވަންދެން ވަރަށް ޕޭޝަންސް އާ އެކީ ކިޔައިދެނީ. މަޖޫ އަށް އެއްމެ ކަމުދާ ޑައިރެކްޓަރ ޕްލަސް ކެމެރާމަން ޗިއްޕެ އަކީ.”
‘ވަކިން ލޯބިން’ ފިލްމު ގެ ރިހަރސަލް ތަކުގައި ޗިއްޕެ އެކޭ އެއްފަދައިން އައިޝަތު ފުއާދު ވެސް ގެންދަނީ ބައިވެރިވެ ފިލްމުގެ ތަރިންނަށް ވަރަށް ބުރަކޮށް ޓިއުޝަން ދެމުންނެވެ. ޑާކްރެއިން އެންޓަރޓެއިންމެންޓުން އުފައްދާ ފިލްމުތައް އެހާ ބޮޑު ކާމިޔާބީ އެއް ހޯދަމުން އައުމުގެ އެއްމެ ބޮޑު އެއް ސިއްރެއްކަމަށް ފާހަގަ ކުރެވޭ އެއްކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ ގުޅިގެން މިގޮތަށް ކުރެވޭ ބުރަ މަސައްކަތެވެ. ހަމަ ތިބެލާފައި ލޮކޭޝަން އަށް ގޮސް ޝޫޓިންގ ޖެއްސުމުގެ ބަދަލުގައި މިގޮތަށް ކުރެވޭ ރިހަރސަލް ތަކަކީ މުހިއްމު ކަމެއްކަން އެނގޭ އެއްކަމަކީ އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުން އަންނަ ދަރިވަރަކު އެތަކެއް ދުވަހެއް ވާންދެން ފިލާވަޅުތައް މުޠާލިޔާކޮށް، ނުވިތާކަށް ޕާސްޓް ޕޭޕަރުތައް ހަދައި އުޅުމުގެ ނަތީޖާ އަކީ އިމްތިހާނުން މޮޅު މަތީޖާ އެއް ލިބުމެވެ.
ޗިއްޕެ އަކީ ހަމަ ޙަޤީޤަތުގައިވެސް އުނގަންނައިދިނުމުގެ ދާއިރާގައިވެސް މޮޅު ޓީޗަރެކެވެ. ހަމަ އެގޮތަށް ފިލްމީ ދާއިރާގައިވެސް ކަން އޮތީ ހަމަ މިހެންނެވެ. ޢަލީ ޝިފާއު އަކީ ޑައިރެކްޓަރެކެވެ. އެޑިޓަރެކެވެ. އަދި ދިވެހި ފިލްމީ ދާއިރާގެ ތަފާތު މަސައްކަތް ކޮށްއުޅޭ ފަންނާނެކެވެ. ދިވެހި ފިލްމީ ދާއިރާގައި ޢަލީ ޝިފާއު ހަރަކާތްތެރިވާން ފެށީ 2005 ވަނަ އަހަރު އެވެ.
ފިލްމީ ދާއިރާއަށް ޢަލީ ޝިފާއު ވަނީ އޭނާގެ ރަހުމަތްތެރި މޫމިން ފުއާދު އާއެކު ފުރަތަމަ ޑައިރެކްޓްކުރި ދިވެހި ފިލްމް ހޭލާ އިންނެވެ. އާޓް ފިލްމެއްގެ ގޮތުގައި ފެނިގެންދިޔަ މިފިލްމްގެ ވާހަކައާއި، ސްކްރީން ޕްލޭ ލިޔެ ތައްޔާރުކޮށްފައިވަނީ މޫމިން ފުއާދު އެވެ. ހޭލާ އަކީ އަލީ ޝިފާއު އަދި މޫމިން ފުއާދު ގުޅިގެން ޑައިރެކްޓްކުރި ފިލްމެކެވެ. މިއީ އެދެޑައިރެކްޓަރުންގެ ފުރަތަމަ އުފެއްދުމެވެ. މިފިލްމަށް ތަފާތު އެވޯޑްތައް ލިބިފައިވެއެވެ. މިފިލްމްގައި ލީޑްރޯލް ކުޅެފައިވަނީ ކުޑަކުއްޖެއްގެ ބައި ކުޅުނު އަހުމަދު މަޢުރޫފް އަދި އަދި އިސްމާއީލް ރަޝީދު ކޮޕީ އިއްސެ އެވެ.
ޑާކްރެއިން ގެ ކުޑަދަށުން މިހާރު ނިކުންނަ ހަމަ ކޮންމެ ފިލްމެެއްގެ ކާމިޔާބީގެ ފަހަތުގައި ވާ އެއްމެ އިސް އެއް ފަރާތަކީ ބުރަކޮށް މަސައްކަތް ކުރުމުގެ ރޫހް ހުންނަ ޢަލީ ޝިފާޢު (ޗިއްޕެ) ކަން ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!