’ތާޒާ އައިލެންޑް ބެވަރެޖެސް ޕްރައިވެޓް ލިމިޓެޑް’ގައި ފެން ޑެލިވަރީ ކުރާ ކުއްޖެއް ނާއްކޮގެ ގެއަށް ފެން ޑެލިވަރީ ކުރުމަށް ދެއެވެ. ޑެލިވަރީކުރާ ކުއްޖާ، ޒިޔާ އާ ދިމާވަނީ ނާއްކޮ އާއެވެ. ފުރަތަމަ ނަޒަރުންވެސް ދެމީހުންނަށް އެކަކު އަނެކަކުދެކެ ލޯބިވެވެއެވެ. އެ ހިސާބުން ދެމީހުންވެސް ބުނަމުން ދިޔައީ “ލޯބި ދޭނަން ޔަޤީން” ކަމަށެވެ.

މިއީ އައިލެންޑް ބެވަރެޖް މޯލްޑިވްސް އިން ފިލްމީ ދާއިރާގެ ފަންނާނުންނަށް އެހީތެރިވުމަށް ފެށި މަސައްކަތުގެ ދަށުން ޒިޔާގެ ’ސިޒާރސް ޕްރޮޑަކްޝަން’ އިން އުފެއްދި ވަރަށް ހިތްގައިމު ލޯބީގެ ލަވައެއްގެ ވާހަކައެވެ. ޢަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާކޮށް ޕޯސްޓްޕްރޮޑަކްޝަން ހަދާފައިވާ ހިތްގައިމު ލޯބީގެ ލަވަ ”ލޯބި ދޭނަން ޔަޤީން“ މިރޭގެ ފިލްމީ އުދަރެސް ޕްރޮގްރާމުގައި ވަނީ ރިލީޒްކޮށްފައެވެ.

“ޝޫޓިން ހަމަ ވަރަށް ވަރަށް ހެޕީ އަސްލު. ދެ ދުވަސްތެރޭގަ ލަވަ ނިމިއްޖެ. ވަރަށް ފަސޭހަ އަސްލު ޒިޔާއާ އެއްކޮށް މަސައްކަތްކުރަން. ދެން ޑައިރެކްޓަރ އައްޔަ ވެސް ހަމަ ވަރަށް ހެލްޕްފުލް.” ލަވައިގެ ޝޫޓިން ކުރިއަށްދިޔަ ގޮތާމެދު ވާހަކަދައްކަމުން ނާއްކޮ ބުންޏެވެ.

މި ލަވައިގައި ފެނިގެންދާ ނާއްކޮގެ ރީތި ކޮސްޓިއުމްތަކުން ދެ ހެދުމެއް ފަރުމާކޮށް ފަހާފައި ވަނީ މަޝްހޫރު ފެހުންތެރިޔާ/އެކްޓަރ އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާޢީލް (ޖާދު) އެވެ. ހެދުމަށް ވަރަށް ތަޢުރީފުކުރަމުން ނާއްކޮގެ ޚާއްޞަ ޝުކުރެއް ޖާދުއަށް ރައްދުކޮށްފައިވެއެވެ.

އައިލެންޑް ބެވަރެޖް މޯލްޑިވްސް އިން ފެށި މި މަސައްކަތުގައި ނާއްކޮ އާއި ޒިޔާ އިޚްތިޔާރުކުރީ ކީއްވެތޯ އަހައިލުމުން އެތަނުގެ ފަރާތުން ބުނީ ނާއްކޮ އާއި ޒިޔާއަކީ ވަރަށް ގިނަދުވަސްވީ ތަޖުރިބާކާރު ފަންނާނުންނަށް ވެފައި ދެ ފަންނާނުންގެ އެކްޓިންއަކީ ވެސް ވަރަށް ކަމުދާ އެކްޓިންއަކަށް ވާތީ ކަމަށެވެ.

“އަޅުގަނޑުމެން އަލަށް އުފެއްދި ލަވައަށް ވާތީ ބޭނުންވީ ތަންކޮޅެއް އެކްސްޕީރިއަންސް ދެ ބޭފުޅުން ބޭނުންކޮށްލަން. އެހެންވީމަ ޒިޔާ އާ ނާއްކޮ ސެލެކްޓްކުރީ.” އައިބީއެމް އިން ނިޝާނާ ފާހަގަކުރިއެވެ.

ލަވައިގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ތިބި އައިބީއެމް އިން ބުނީ ފިލްމު އިންޑަސްޓްރީއާ އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް އެ ކުންފުނިން ތިބިކަަމަށާ ފުރުޞަތުތައް ލިބިގެންދާނަމަ އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ވެސް ދީފައިވެއެވެ.

”ލޯބި ދޭނަން ޔަޤީން“ އަކީ ފަރޭ އާއި ނިޝް ކިޔާފައިވާ ލަވައެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޢަލީ ރަޝީދު (ގޮޅާ އައްޔަ) އާއި ޒިޔާ ވަނީ ޢަލީ ރަމީޒުގެ ”ޔާރު ތިއޭ މިހިތުގެ ޝިފާ“ އަށް މަޝްހޫރު ބަޠަލާ ޢާމިރާ އިސްމާޢީލްގެ ކަމްބެކް ލަވައެއްގެ ގޮތުގައި ވަނީ ވީޑިއޯ ލަވައެއް ނެރެފައެވެ.

”ޔާރު ތިއޭ މިހިތުގެ ޝިފާ“ އަކީ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ އަމިއްލަ ޕްްރޮޑަކްޝަން ހައުސް ’ބްލޫ ވޭވް އެންޓަޓެއިންމެންޓް‘ އާއި ’ޔޫއްޕެ ޕްރޮޑަކްޝަން‘ ގުޅިގެން އުފެއްދި ލަވައެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.