ސަމާޙް ރަށުގައި އުޅުނު ނަމަވެސް ސަމާޙްގެ ހަޤީޤީ ލޯބިވެރިޔަކީ ސަމާޙްގެ ހިތުން ނަތާ އެވެ. އެކަމު ރަށްޓެހިންނަށް އެނގެނީ ސަމާޙް ސާރާ އާއި ރަށްޓެހިވެގެން އުޅޭކަމެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ކޮންމެ ރެއަކުވެސް ސާރާ ސަމާޙް އަށްގުޅައެވެ. އަދި ލޯބިވާ ވާހަކަ ބުނަމުން ދެއެވެ. އެކަމަކު ސަމާޙްގެ ހިތުގައި ބިންވަޅުނެގިފައިވާ މަލިކާއަށް މެސެޖް ކުރުން ހުއްޓައެއް ނުލައެވެ. ލޯބިވެރިޔާ ނަތާ ރުޅިވިފަހުން ހަތް މަސް ފާއިތުވި ނަމަވެސް އެ ލޯބި އަނބުރާ ހޯދުމަށް ސަމާޙް ބޭނުންވެއެވެ.

އެއްރެއަކު ސަމާޙް ސާރާ އާއި ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު ސަމާޙް ނުދަންނަ ނަންބަރަކުން ސަމާޙްގެ ފޯނަށް ކޯލެއް އަންނަން ފެށިއެވެ. އެވަގުތު ސާރާގެ ފޯނު ކޯލު ކުރުކޮށްލުމަށްފަހު އަވަސް އަވަހަށް އެފޯނު ނެގިއެވެ. ފުރަތަމަވެސް ކަންފަތުގައި ޖެހިގެން ދިޔައީ ނަތާގެ އަޑެވެ. ކޮންމެ ނަމްބަރަކުން ގުޅިޔަސް އެހިތްގައިމު ޖާޒުބީ އަޑެއް ސަމާޙް އަކަށް އޮޅުވައެއް ނުލެވޭނެއެވެ. ސަމާޙް ވަރަށް އުފަލުން ހުރެ ހެލޯ އޭ ބުނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ނަތާ ސަމާޙްއަށް މަޢާފަށް އެދެމޭ ބުނަން އުޅޭކަހަލައެވެ. ނަމަވެސް ނަތާގެ މި ފޯނުކޯލުގެ ސަބަބު ސަމާޙްގެ ހިތް ފުރިގެންދިޔައެވެ. އަދި ނަތާގެ ދަޢުވަތު ޤަބޫލުކޮށް އަނެއްކާވެސް ނަތާ އާއި ލޯބީގެ ގޮތުން ގުޅުނެވެ. އެއަށްފަހު ސާރާއަށް ގުޅައި ސާރާދެކެ ލޯބި ނުވާކަމަށްބުނެ، ހަމަ އެރޭ ލޯބީގެ ގޮންމޮހާލިއެވެ. އެރެއިން ފެށިގެން ސަމާޙް ބޭނުންވީ ނަތާ ކައިރިއަށް މާލެދާށެވެ. ނަތާ ކޮންމެގޮތަކަށް ކަންތައް ކުރިއަސް މިއަދު ސަމާޙް ނަތާ ބޭނުމެވެ. ސަމާޙް ނަތާދެކެ ވާލޯބި ނަތާއަށް އިހްސާސް ކުރުވަން ސަމާޙް ބޭނުންވިއެވެ.

ރަށުން އެއްމެ އަވަހަށް ފުރި ދޯނިން ސަމާޙް މާލެ އައެވެ. އަދި ނަތާ އާއި ބައްދަލުކުރިއެވެ. ސަމާޙް އާއި ނަތާގެ ލޯބީގެ ގުޅުން ކޮންމެ ގޮތަކަށް ހީނަރުވެގެން ދިޔަ ނަމަވެސް ސަމާޙް ބޭނުންވަނީ ހަމަ ނަތާއެވެ.

ސަމާޙް މާލެއައުމުން ސަމާޙް އެދުމުގެ މަތިން ނަތާ ސަމާޙްމެންގެ ގެއަށް ދިއުމަށް ތައްޔާރުވިއެވެ. އަދި ހިނގައިގަންނަމުން ސަމާޙްއަށް ގުޅިއެވެ. ސަމާޙް އަވަސް އަވަހަށް ތައްޔާރުވެލައިގެން ނަތާގެ އިންތިޒާރުގައި ގޭގެ އޮޅިގަނޑު ބުޑުގައި އިށީދެލައިގެން އިނެވެ. ކުއްލިއަކަށް ސަމާޙްގެ ލޮލުގައި އަޅައިގަތީ ސަމާޙްގެ ލޯބިވާ ނަތާ އެކަނިމާއެކަނި ހިނގާފައި އަންނަމަންޒަރެވެ. ހިތް އަވަސް ވެފައި ހުރިވަރުން ސަމާޙްއަށް ނަތާއާއި ދިމާލަށް ހިނގައިގަނެވުނެވެ. އަދި ނަތާގެ އަތުގައި ހިފުމަށްފަހު ދެމީހުން އެކުގައި ސަމާޙް ކޮޓަރިއަށް ވަނެވެ. ނަތާ ސަޕްރައިސްވިއެވެ. ކޮޓަރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒެއްގެ މަތީގައި ހެޕިބާތުޑޭ ނަތާ މިހެން ލިޔެފައި އޮތުމުނެންވެ. އަދި ވަރަށް ލޯބިން ސަމާޙްގެ ގައިގައި ބައްދާލިއެވެ. އެވަގުތު ސަމާޙް ކުޑަކޮށް ތިރިވެލާފައި ފިނިފެންމަލެއް ނެގުމަށްފަހު ވަރަށް ރޮމޭންޓިކް ގޮތަކަށް ނަތާގެ އަތަށް އެ މާ އެރުވިއެވެ. އަދި ނަތާ ދެކެ ލޯބިވާ ވާހަކަ ބުނެ އަލުން ލޯބި ހުށަހެލިއެވެ. ނަތާ ހިތުގެ ފުންމިނުން އެލޯބި ޤަބޫލުކުރިއެވެ. އަދި ސަމާޙްގެ ކިބައިން ވެދިޔަ ކަންތަކަށް މަޢާފަށް އެދުނެވެ. އެވަގުތު ސަމާޙް އުފަލުންހުރެ އެއީ މައްސަލައެއް ނޫންކަމަށްބުނެ ކޭކް ފެޅުމަށް އިޝާރާތް ކުރިއެވެ. އަދި ކޭކް ފެޅުމަށްފަހު ސަމާޙް ވަރަށް ލޯބިން ނަތާ ގައިގައި ބައްދާލިއެވެ. އެވަގުތު އެ ލޯބިވެރިންގެ އިހްސާސް ހުވަފެނެއްގެ ތެރެއަށް ގެބިގެންދިޔަ ކަހަލައެވެ.

އެރޭގެ އެ ބީހިލުން ނަތާގެ ހިތުން ދުވަހަކުވެސް ނުފިލާ ކަހަލައެވެ. އަބަދުވެސް ބޭނުންވަނީ ސަމާޙްގެ ކައިރީގައި ހުރުމަށެވެ. ސަމާޙްވެސް ހަމަ އެގޮތެވެ. ނަތާގެ މައިން ބަފައިންނަށް ވަގަށް ރޭގަނޑު ނަތާ ކައިރިއަށް ގޮސްހަދައެވެ. ގޭގެ ފާރުމަތިން އަރައިގެން ނަމަވެސް ސަމާޙް ނަތާއާއި ބައްދަލުކޮށްލުމަކީ ސަމާޙްއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

އެއްރެއަކު ނަތާ އާއި އެކު ނަތާމެންގެ ގޭގައި ސަމާޙް އިންދައި ނަތާގެ މަންމައަށް ގެއަށް އާދެވުނެވެ. އެވަގުތު ނަތާ ވަރަށް ލަދުން ހުރެ މަންމައަށް ސަމާޙް ތަޢާރަފްކޮށްދިނެވެ. މަންމަ އެ ދެކުދިންނަށް ނަޞޭހަތް ދިނެވެ. އަދި ރައްޓެހިވެގެން އުޅުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ބައްޕައަށް އެގިއްޖެނަމަ ރުޅި އައިސްދާނެކަމަށް ބުންޏެވެ. އެހެން ކަމުން މިދެލޯބިވެރިންގެ ބައްދަލުވުން ގިނަ ރޭރޭ ހިނގަމުންދިޔައީ ސަމާޙްގެ ގޭގައެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.