“ރާޅު ބޯއީ” އޭ ބުނުމުން އެއީ ކާކުކަން ނޭނގޭނެ މީހަކު ރާއްޖޭގައި މަދުވާނެ އެވެ. ކ. މާފުށްޓަން އުފަން އަޙްމަދު ނަޒީޙް އަކީ މިއަދު ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފިޔަޖަހަމުން އަންނަ އަލިގަދަ ތަރިއެކެވެ. ނަޒީހު އަކީ ކާކުކަން އެންމެންނަށް އެނގިގެން ދިޔައީ ރާއްޖޭގައި އަލަށް ބޭއްވި މޯލްޑިވިއަން އައިޑަލްގެ ޝޯއާ އެކުގަ އެވެ. ނަޒީހް މި ޝޯ އަށް ދިޔައީ ލަވަކިޔުމުގެ ތެރޭގައި އުޅެފައެއް ނޫނެވެ. ރާޅާއި އެޅުމުގައި އޭނާގެ އުފަން ރަށުގައި އުޅެފައެވެ.

މޯލްޑިވިއަން އައިޑަލް އިން ނަޒީހް އަށް ވަކިވާން ޖެހުނީ ގަދަ ދިހައެކާއި ހިސާބުން ނެވެ. އެހެން ނަމަވެސް ނަޒީހް އަކީ އަންހެން ކުދިންގެ ހިތްތައް ކަތިލަމުން އޭނާގެ ހިތްގައިމު އަޑުގައި އެންމެން ޖައްސަމުން އަންނަ ޒުވާން މިއުޒީޝަނެކެވެ.

މީސްމީޑިޔާ ތެރޭގައިވެސް ނަޒީހް އެހާމެ މަޝްހޫރެވެ. ފޭސްބުކާއި އިންސްޓަގްރާމް ގައި 20،000 އަށް ވުރެ ގިނަ ފޭނުން އޭނާގެ އެބަތިއްބެވެ. ނަޒީހުގެ ސޯލޯ އަލްބަމް “އޮގަރު ކަނޑި އައްޑަނަ”ގެ ފުރަތަމަ ލަވަ “ރާޅޭ” ވެސް ރިލީޒްކޮށްލީ ސޯޝަލް މީޑިއާގަ އެވެ. މިއީ އަމިއްލަ ރާގަކަށް ހަދާފައިވާ ލަވައެކެވެ. ނަޒީހުގެ މި އަލްބަމްގައި ޖުމްލަ ހަ ލަވައެއް ހިމެނޭނެ އެވެ. އަދި އޭގެ ލަވަތައް ރިލީޒް ކުރަން ހަމަޖެހިފައިވަނީ ކޮންމެ ތިން މަހަކުން ލަވަ އެކެވެ. އޭގެ ފަހުން އަލްބަމް އެއްކޮށް ނެރެން ވަނީ ނިންމާފަ އެވެ.

މުނިއަވަސް ގެ ކަޅި‘ އިން މިފަހަރު މި ބައްދަލުކޮށްލަނީ ނަޒީހް އާއެވެ. އާއްމުކޮށް ކިޔާގޮތުން ނަމަ ރާޅުބޯއީ އާއެވެ. ނަޒީހު ބުނީ ރާޅުބޯއީ އޭނާއަށް ކިޔުނީ މޯލްޑިވިއަން އައިޑޮލްގެ ތެރެއިން ކަމަށެވެ.

މުނިއަވަސް: މިއުޒިކަށް ޝައުޤުވެރިވީ ގޮތް ކިޔާލަދީބަލަ؟

ނަޒީހް: މިއުޒިކަށް އިންޓަރެސްޓް ހުރޭ އަބަދުވެސް. ކޮންމެ މީހަކުވެސް މިއުޒިކަށް ލޯބިކުރާނެ. އެކަމަކު އަސްލު ކުރިން ނަޒީހު އަކަށް ނޭނގޭ މިއުޒިކުން ރާއްޖޭގަ ކުރިއަށް ދެވޭނެ ކަމެއް.

އެކަމަކު އައިޑޮލް އަށް ދިޔައީ އިންޓަރެސްޓް ހުރީމަ، އޭގެއިން އަސްލު ރާއްޖޭގެ މިއުޒިކީ ދާއިރާއަށް ބޮޑަށް އެކްސްޕޯސް ވީ. އަދި މިހާރު އެނގޭ މިއުޒިކުން ކުރިއަށް ދެވޭނެކަން ރާއްޖޭގަ ވެސް. މިބުނީ އަރން ކުރެވޭނެކަން. ރިޒޯޓްސް، ހޮޓެލްސް އަދި ރާއްޖޭގައި ބާއްވާ އެކިއެކި އިވެންޓު ތަކުން. އަސްލު ކުރިއަށް އޮތް ތާނގަ މިއުޒިކް އިންޑަސްޓްރީ ރާއްޖޭގަ ސަޅި ވާނެކަމަށް މިބަލަނީ، ވަރަށް ގިނަމީހުން މިއުޒިކު ކުޅެން ފަށާތީ. އެހެންވީމަ މިއީ ރާއްޖޭގަ ތިބި މިއުޒިކަށް ލޯބިކުރާ މީހުންނަށް އޮތް އުފާވެރި ޚަބަރެއް. ސަބަބަކީ އެމީހުން އަޑުއަހަން ލިބޭނެ ބައިވަރު ރީތި އޮރިޖިނަލް މެލޮޑީގެ ލަވަތައް އެކިއެކި އާޓިސްޓުންގެ ފަރާތުން.

މުނިއަވަސް: ކޮންކަހަލަ ލަވަތަކެއް އެންމެ ކިޔާހިތްވަނީ؟

ނަޒީހް: އިނގިރޭސި ލަވައާއި އަހަރެންގެ އަމިއްލަ އުފެއްދުންތައް.

މުނިއަވަސް: ރިޒޯޓް މިއުޒިކަށް ތަ ބޮޑަށް އިންޓަރެސްޓް ހުންނަނީ؟ ނޫނީ ކޮން ގޮތަކަށް؟

ނަޒީހް: އަހަންނަށް ކަމުދަނީ ރިޒޯޓް މިއުޒިކް، އެއީ މާ އިންޓަރެސްޓިން ކަމެއް. ބޭރުމީހުން ކުރިމަތީގައި ކުޅެން މާ ހިތްހަމަޖެހޭ ނަޒީހް.

އަދި އެއީ މިއުޒީޝަނުން ނަށްވެސް ރަނގަޅު ގޮތެއް. އެކަމަކު ޕޮއިންޓަކީ އެއެއް ނޫން. ނަޒީހް ބޭނުންވަނީ މިއުޒިކުން ނަޒީހް ހޯދާ އާމްދަނީއަކުން، މިއުޒިކު ކިޔަވައިގެން، އެކަމާ ގުޅޭ ބައިވަރު ކޯސްތައް ހަދައިގެން، މިއުޒިކަލީ އެޑިއުކޭޓެޑް ވެފަ ނަޒީހު ހިތްހަމަޖެހޭ ވަރަކަށް ކުރިއަށް ދެވުން.

މުނިއަވަސް: ކޮބާ އަލްބަމެއް ނެރެން އުޅޭ ވާހަކަ އަޑުއެހިން.

ނަޒީހު: އާނ. އެއީ އަމިއްލަ ސޯލޯ އަލްބަމެއް.

މުނިއަވަސް: ރިލީޒް ކުރަނީ ހަމައެކަނި އޯޑިއޯތަ؟

ނަޒީހް: އާނ. މުޅި އަލްބަމްވެސް އެއްކޮށް އެއީ އޯޑިއޯ. އަލްބަމް އެއްކޮށް ނިންމާފަ ވީޑިއޯ ހެދުން އޮންނާނީ.

އެކަމަކު އޯޑިއޯ ވިޔަސް އަހަރެންގެ ލަވަތައް އަޑުއަހަން ބޭނުންވާ ހުރިހައި ދިވެހިންނަށް ލިބެން ހުންނާނެ ޔޫޓިއުބް، ސައުންކްލައުޑް، ލަވަފޮށިން.

މުނިއަވަސް: އޯކޭ. ބައެއް އާޓިސްޓުން ބުނޭ އަމިއްލަ ލަވަތަކުގަ ލަވަކިޔާ މީހާ އެކްޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް. މިކަމާ ދެކެނީ ކިހިނެތް؟

ނަޒީހް: އެކި މީސްމީހުން ވިސްނާނީ އެކި ގޮތްގޮތަށް ދޯ. ނަޒީހް އަށް ހީވަނީ އެމީހަކު އަމިއްލަ އެއްޗަކަށް ހަދަންވީ ގޮތް އެނގޭނީ އެމީހަކަށް ހެން. އެހެންވީމަ ތިކަމާ ބުނާނެ އެއްޗެއް ނެތް.

މުނިއަވަސް: ސްކޫލް ލައިފްގަ ލަވަކިޔާފަ ހުންނާނެތަ މުބާރާތުގަ ނުވަތަ ސްކޫލް އިވެންޓެއްގަ؟

ނަޒީހު: ނޫން. އަހަރެންގެ މިއުޒިކުގެ ފެށުމަކީ އައިޑަލް (މޯލްޑިވިއަން އައިޑަލް).

މުނިއަވަސް: އަމިއްލަ ރާގާއި ލަވަ ހަދައިއުޅެންތަ؟

ނަޒީހް: އާނ

މުނިއަވަސް: ސޯލޯ އަލްބަމްގަ ހުންނާނީ ކޮންކަހަލަ ރާގުތަކެއް؟

ނަޒީހް: ނަޒީހް އަލްބަމްގަ ހުންނާނީ ނަޒީހް ގެ އަމިއްލަ ރާގައި އަމިއްލަ ޅެން. އަމިއްލަ ސްޓައިލެއް. ތަފާތު ވާނެ ނަޒީހު ގެ ލަވަތައް. އެކަމަކު އެ ރިލީޒް ވުމަށްފަހު އެހުންތެރިން އެއަށް ޖަޖް ކުރާނީ.

މުނިއަވަސް: ލަވައިގެ ޅެން ނުވަތަ އަމިއްލަ ރާގު ހަދަން އެންމެ ފަސޭހަ ވަގުތެއް އޮވޭތަ؟

ނަޒީހް: އެހެން ނޯވޭ. އެކަނި ހުންނަ ކޮންމެ ގަޑިއެއް.

މުނިއަވަސް: ޢީދު ޝޯ ކަހަލަ ޝޯ ތަކަށް ކުޅެން ރަށްރަށަށް ދަންތަ ވަރަށް؟ ކިހިނެތް ސަޕޯޓް؟

ނަޒީހު: ނުދަން ވަރަށް. އެކަމަކު ދާ ރަށެއްގަ ވެއްޖެއްޔާ ވަރަށް ސަޅި، މަޖާ. ސަޕޯޓް އޮންނާނެ ރަށްރަށުގަ.

މުނިއަވަސް: ރަށްރަށަށް އެހާ ގިނައިން ނުދަނީ ވަގުތު ނޯންނާތީތަ؟

ނަޒީހް: ތިހެންވެސް ބުނެވިދާނެ. އެކަމަކު ނަޒީހް ގެ އަލްބަމް ނިންމާފަ ފަށާނަން.

މުނިއަވަސް: ދިވެހި ފިލްމުގަ އެކްޓް ކުރަން އިންޓަރެސްޓް ހުރޭތަ؟ މިސާލަކަށް ޑާކްރެއިން އެންޓަޓެއިންމެންޓް، ނަހުލާ ނުވަތަ ޔޫއްޕެ ފަދަ ފަރާތަކުން ފިލްމެއްކުޅެން އޮފަރ ލިބިއްޖެއްޔާ ގަބޫލުކުރާނަންތަ؟

ނަޒީހް: ނުކުރާނަން. ހަމައެކަނި ލަވަކިޔާހިތް ވަނީ. ހެހެހެ.

މުނިއަވަސް: ޑާންސް ކުރަންތަ؟ އަލްބަމް ގެ ވީޑިއޯގައި ނަޒީހް ގެ ޑާންސް ފެނިދާނެތަ؟

ނަޒީހް: ނުފެންނާނެ.

މުނިއަވަސް: އެންމެ ކަމުދާ ލަވަކިޔުންތެރިޔަކީ ނުވަތަ ލަވަކިޔުންތެރިންނަކީ ކޮބާ؟

ނަޒީހް: ކްރިސް މާރޓިން، ހޯޒިއާ

މުނިއަވަސް: ދިވެހި ފިލްމަކަށް ލަވަކިޔާފާނަންތަ؟

ނަޒީހް: ފިލްމަކަށް ލަވަކިޔަން ޕްރޮޕޯސަލް އެއް އައިސްފިއްޔާ ކިޔައިދީފާނަން.

 

ނަޒީހް ގެ އަލްބަމް ގައި ހިމެނޭ ފުރަތަމަ ލަވަ ނިންމުމުގެ ބުރަ މަސައްކަތާއި ރިޒޯޓްގައި މަސައްކަތް ކުރަމުން މުނިއަވަސް އަށް މިފަދަ ފުރުޞަތެއް ދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރި ވަމެވެ. ޒުވާން މިއުޒީޝަން ނަޒީހް އަށް އިތުރު ކުރިއެރުމާއި ކާމިޔާބަށް އެދެމެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.