ޗޭތަން ސަޝީތާލް އަކީ މިހައިތަނަށް އިންޑިޔާގައި އުފެދިފައިވާ އެންމެ މޮޅު ޑަބިން އާޓިސްޓެވެ. އެންމެ މޮޅު ވޮއިސް އާޓިސްޓެވެ. އެންމެ ގިނަ އެކްޓަރުންގެ އަޑުތައް ނެރޭ ފަންނާނެވެ. ބޮލީވުޑް، ހޮލީވުޑް ގެ ކޮންމެ ފަންނާނެއްގެ އަޑުވެސް އޭނާ އަށް ނެރެވެ އެވެ. ކޮންމެ ކާޓޫނު ކެރެކްޓަރ އެއްގެ އަޑުންވެސް ވާހަކަދައްކައިލެވެ އެވެ.

ޗޭތަން ސަޝީތާލް އަށް ނެރެވޭ ފަންނުވެރިންގެ އަޑުތަކުގެ ލިސްޓެއް ހިމަނާލަން ވެއްޖެއްޔެއްޔާ ކޮޅުން ނުލާނެ އެވެ. އެހެންކަމުން ޗޭތަން ސަޝީތާލް އަށް އުފެއްދޭ އަޑުތަކުގެ ލިސްޓަށް ނުގޮސް ވީޑިއޯ އެއް ބަލައިލުން ކިހިނެތްވާނެ ހެއްޔެވެ.

ޗޭތަން ސަޝީތާލް ބުނީ އަޑު އެޅުމުގައި މިހައިތަނަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީ ގެ އަޑުން ވާހަކަދެއްކުން ކަމަށެވެ. އެއީ ރާޖީވް ގާންދީގެ ޙަޔާތުގެ މައްޗަށް ބިނާކޮށް ސިމީ ގަރޭވާލް ތައްޔާރުކުރި ޑޮކިއެމެންޓަރީ އެއް ކަމަށްވާ ‘އިންޑިޔާސް ރާޖީވް’ އަށް އަޑުއެޅުން ކަމަށެވެ. އެ ޑޮކިއުމެންޓަރީ ގެ އޮރިޖިނަލް އަށް އަޑުއަޅާފައިވަނީ ރަޖީވް ގާންދީ އަވަހާރަކޮށްލުމުގެ ކުރިން ޚުދު ރާޖީވީ ގާންދީ އެވެ. ނަމަވެސް ފަހުން އެ ޑޮކިއުމެންޓަރީ ގެ ހިންދީ ވާރޝަން އެއް ނެރުނުއިރު ޑޮކިއުމެންޓަރީގައި ހުރި ރާޖީވް ގާންދީ އިނގިރޭސި ބަހުން ދައްކަވާފައިވާ ވާހަކަތައް ހިންދީ ބަހުން، ރާޖީވް ގާންދީ ގެ އަޑުން ގެނައުން ވީ ބޮޑު ގޮންޖެހުމަކަށެވެ.

“ރަޖީވް ގާންދީ ހިންދީބަހުން ދައްކަވާފައިވާ ވާހަކަފުޅެއްގެ ‘ވޮއިސް ސާމްޕަލް’ އެއް ނެތް. ލިބިފައިވާ ވޮއިސް ސާމްޕަލް ތަކަކީ މީހަކު އާއްމުކޮށް ވާހަކަދައްކައި އުޅޭގޮތާއި ތަފާތު ސާމްޕަލް ތަކެއް.” ރާޖީވް ގާންދީ ގެ އަޑު އެޅުމުގައި ކުރިމަތިވި ގޮންޖެހުންތައް ކިޔައިދެމުން ޗޭތަން ބުންޏެވެ.

ޗޭތަން ބުނާގޮތުން އަޑު އެޅުމުގައި އެންމެ ބޯޑު ގޮންޖެހުމެއް ކުރިމަތިވީ ރާޖީވް ގާންދީ ގެ އަޑު އެޅުމަށް

‘އެހެންވީމަ އަހަންނަށް ޖެހުނީ އިމޭޖިން ކުރަން ރަޖީވް ގާންދީ ހިންދީ ބަހުން ވާހަކަދައްކާ އިރު އަޑު ހުންނާނެ ގޮތް. އެކަން ކުރުމަށްޓަކައި ރަޖީވް ގާންދީ ލަވަ ވިދާޅުވާނެ ގޮތް ދަސްކުރިން. އަހަންނަށް އެނގުނު އެބޭފުޅާ ލަވަ ވިދާޅުވާނީ ނިތިން މުކޭޝް ގޮތަށް ނޯށަށް އަރުވައިގެން ކަން. ނިތިން މުކޭޝް ވާހަކަ ދައްކާގޮތް މަށަށް އެނގޭ. އެ އަޑު ނެރެގެން އަހަރެން ރާޖީވް ގާންދީ ހިންދީ ބަހުން ވާހަކަދައްކަވާއިރު އަޑު ހުންނާނެ ގޮތް އުފެއްދިން. ފިލްމު ބަލާފައި އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވުނު އެއީ ފަހުން އަޑު އަޅާފައިވާ ފިލްމެއް ކަމަކަށް.”

އެހެން އާޓިސްޓްުގެ އަޑު ނެރެގެން އެ އަޑުން ވާހަކަ ދެއްކުމަކީ ހަމަ ގައިމުވެސް އާދައިގެ ކަމެއް ނޫނެވެ. ޗޭތަން ގެ އަޑު އެޅުމުގެ ހުނަރާއި މެދު ބޮލީވުޑް ގެ އެންމެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ބުނެފައިވަނީ ‘އެހެން މީހުން އަހަރެންގެ އަޑު އެޅުމުން އެކަން އަހަރެން ބަލައެއް ނުގަންނަން’ މިހެން ނެވެ. މިއީ ޚުދު އަމީތާބް ބައްޗަން، ޗޭތަން ކައިރީގައި ބުނެފައިވާ ޖުމްލަ އެކެވެ. މާނަ އަކީ އަމީތާބުގެ އަޑު ޗޭތަން އެޅުމުން ހިތްހަމަޖެހޭ ކަމެވެ.

ޗޭތަން ވަނީ މަޝްހޫރު އެތަކެއް ކާޓުނު ކެރެކްޓަރ ތަކަކަށް އަޑު އަޅާފައި

މަޝްހޫރު ކާޓުނު ކެރެކްޓަރ ތައް ކަމަށްވާ ‘މިކީ މައުސް’ އަދި އެ ކާޓޫނުގައި އުޅޭ ‘ގޫފީ’ ގެ އަޑުވެސް ޗޭތަން ނެރެލަނީ ހަމަ އެންމެ އަސްލާއި އެއްގޮތަށެވެ. މީގެ އިތުރުން ހޮލީވުޑް ގެ ތަރިންގެ އަޑުން ވާހަކަ ދައްކައިލުމަކީވެސް ޗޭތަން އަށް މާބޮޑު ކަމެއް ނޫނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.