♪♫♬ ހޭލާށެ ދަރިން، ހޭލާށެ ދަރިން، ވީ ޢަޒުމުކުރާށޭ ހޭލައްވަން! ♪♫♬
މިއީ ކޮން ލަވައެއްކަން ‘ހޭލާށެ ދަރިން’ނޭ ބުނުމުން ވެސް ގިނަ ބަޔަކަށް އެނގޭނެއެވެ. ހަމަ ގައިމުވެސް މާލޭ އިންގްލިޝް ސްކޫލުން ތަޢުލީމު ޙާޞިލްކުރި ކޮންމެ ދަރިވަރަކަށް ވެސް އެނގޭނެއެވެ. އާދެ، މިއީ އަޅުގަނޑުމެން އެ ސްކޫލަކަށްޓަކައި ފަޚުރުވެރިވާ އަޅުގަނޑުމެންގެ ސްކޫލު ލަވައިގެ މައިގަނޑުގެ ޞަދުރެވެ.

އެމްއީއެސްގެ ލަވައިގައި އެބުނާ ބީދައިން ލައްކަ ގިނަ ދަރިން ހޭލައްވައިފިއެވެ. ސްކޫލުގެ އިސްވެރިންގެ ޙިކުމަތުޢަމަލީ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ބައެއް ފަހަރަށް އެޅުއްވި ދަނޑިމާރުގެ ސަބަބުންނެވެ. އެމްއީއެސް އިން ޤައުމު ފަޚުރުވެރިވާ ފަދަ އެތަކެއް ދަރިންނެއް އުފެެއްދިކަން މިއަދު މި ރާއްޖޭގެ ހުރިހައި ދާއިރާއަކުން ފެންނާން އެބަހުއްޓެވެ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުންނެވެ. ބޭރުގެ ބައެއް ކަރަތަކުންވެސް މެއެވެ.

ހޭލާށެ ދަރިން، ހޭލާށެ ދަރިން، ވީ ޢަޒުމުކުރާށޭ ހޭލައްވަން
ޖޯޝާއިއެކީގާ ކުރިމަތިލާން، ވީ ޢިލްމުލިބޭތޯ ހިތްވަރަކުން،

ކިޔަމަންވެ ވެރިންނާ ދައުލަތަށާ، ދިވެހިންގެ ނަމޫނާ ދައްކާށޭ
ދޭ ދަރުސުގެ ފުންވީ މާނަ މިތާ، ޢިލްމީ މި ޙަޔާތުން ދައްކާށޭ
ދޭ ފުރުޞަތެކޭ މީ ނުލިބޭނޭ، ވީ ސިކުނޑި ތަރައްގީ ކޮށްލާށޭ 2)
ދޫކުރޭ! ހުތުރުވީ އާދަތަކާ، ވީ ޚުލްޤު ސުލޫކާ ހޯދާށޭ
ތެދުވެރިވެ ތިބެވުމޭ މީ، މަންޒިލްމަޤުޞޫދުތަކަށް ދެވިދާނެ ގޮތީ 2
ރާސްތާއެ ހިފަންވީ ދީނުގެމާތް، އޭރުންނެ ސަލާމަތްވާށަ އޮތީ (2)
ހޭލާށެ ދަރީން…..

ދަސްކުރުމުގެ މާތްވީ ތައުފީޤާ، ނަޞްރާއި ނަޞީބާ ތާ އަބަދަށް
ޖިސްމާއި ފުރާނައިން ޤުރުބާންވާން، ފެއްސާއި ރަތާ އަދި މާތްވި ހުދަށް
ކުރިމަތިވެ ދިމާވާ ކަންތަކުގާ، ފުރަގަސްނުމެދީ ތިބެ ދާނެގޮތުން (2)
ފަރުވާވެ ހިނގާނޭ ދިވެހި ދަރިން، މި ފުރާޅުދަށުން ހޭލާނެ ގޮތުން
ވިދުވަރުމި ޢުލޫމީ ރާއްޖޭގައި، ފަތުރާށަ ކުރާ ޢަޒުމާއި ދުޢާ (2)
މަތިވެރިވި އިލާހީ ޙަޟްރަތުގައި، ތާ އަބަދު ކުރާނީ މާތް ދުޢާ (2)
ހޭލާށެ ދަރީން……

ކުރުވާށަ ތަރައްޤީ އެމްއީއެސް، ވާށެ އުފަލުގައި އެމްއީއެސް (2)
ވާނެޔެ ރޯޝަން އެމްއީއެސް، ދާނެޔެ ކުރިޔަށް އެމްއީއެސް (2)
ޒިންދާބާދޭ އެމްއީއެސް، ޒިންދާބާދޭ އެމްއީއެސް (4)
ޒިންދާބާދު! ޒިންދާބާދު! ޒިންދާބާދު!

މާލޭ އިންގްލިޝް ސްކޫލަކީ މިހާރު އުވިގެން ގޮސްފައިވާ ސްކޫލެއް ނަމަވެސް، މިއީ މާލޭގައި ހިންގި ޕްރައިވެޓް ސްކޫލުތަކުން އެންމެ ކާމިޔާބު ސްކޫލުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެމްއީއެސް އުފެދުނީ 10 އޭޕްރީލް 1977 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.