މުޅި ދުވަސް ފާއިތުވެގެން ދިޔަގޮތްވެސް އާއިމާ އާއި އާހިލް އަށް ނޭނގޭ ކަހަލައެވެ. ދެކުދިންގެ ހިތްވެސް ވަނީ އުފަލުން ފޮޅިފައެވެ. ފޮނި އުއްމީދުތަކުން ހިތް ބަންޑުންވެ ހަށިތެރޭގައި ސުނާމީއެއް އުފެދިދާނޭވެސް ހީވާ ކަހަލައެވެ.

ނަމަވެސް އެދުވަހު އިރުއޮއްސުނީ ދެހިތަށް ވެސް މާޔޫސްކަން ގެނުވަމުންނެވެ. މިރެއަކީ އަކީ އާހިލް ފުރާ ރެއެވެ. އެހެންނަމަވެސް އެ ހިތްގައިމު ހަނދުވަރީ ރޭނގަނޑު އާއިމާގެ ހިތުގައި އެއްވެސް ނުތަނަވަސް ކަމެއް ނެތެވެ. އަބަދާއި އަބަދު އާއިމާއަށް ބެލެނީ އިނގިލީގައި އޮތް އަނގޮޓިއަށެވެ. އެއީ އާހިލް އެނބުރި އަންނާނެކަމަށް ވީ ވަޢުދުގެ ހެކިވެރިޔާއެވެ. ދުލެއް ނެތަސް، އިޙްސާސެއް ނެތަސް އެ އަނގޮޓިއަކީ ޒުވާން ލޯތްބެއްގެ ފުރަތަމަ އަހުދުކަށަވަރުގެ ހެކިވެރިޔާއެވެ. ހީވާކަހަލަ އެވެ. އާހިލް ވީ ވަޢުދުން އެކަނިވެސް މިވަގުތަށް އާއިމާ އަށް ފުދެއެވެެ.

“އަހަރެން އާހިލް އަށް އިންތިޒާރު ކުރާނަން.” އުޑުމަތީގައި ރަސްކަންކުރަމުންދާ ފުރިހަމަ ހަނދަށް ބަލައިލަމުން އާއިމާ ބުންޏެވެ. އެވަގުތު ދުރުދުރުން މަތިންދާބޯޓެއް މާލެއާއި ދުރަށް، ރާއްޖެއާއި ދުރަށް ދަތުރުކުރަމުން ދާތަން ވެސް އާއިމާގެ ލޮލުގައި އަޅައިގަތެވެ.

އާއިމާގެ ތުންފަތަށް ފަނޑުފަނޑު ހިނިތުންވުމެއް އައުމާއިއެކު މާލެއާއި ދުރަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓަށް ހަނާއަޅައިލިއެވެ. އާއިމާއަށް ހީވާކަހަލަ އެވެ. އެ މަތިންދާބޯޓުގައި އާހިލް އިންނާނެއެވެ.

“އައިލް މިސް ޔޫ.” މަތިންދާބޯޓާއި ދިމާއަށް ބަލަމުން، އިނގިލީގައި އޮތް އަނގޮޓިއާއި ކުޅެމުން އާއިމާ ބުންޏެވެ.

ކުއްލިއަކަށް ދޮރުހުޅުވުނު އަޑަށް އެދިމާއަށް އާއިމާ އެނބުރުނު އިރު ދޮރުމަތީގައި ހުރީ ޒީނަތެވެ.

“ކިހިނެތްވީ މާ ނުގަޑިއެއްގަ؟ ކިހިނެތްތަ ހާލުކޮޅު؟” ޒީނަތާއި ކައިރިއަށް ފިޔަވަޅު އަޅަމުން އާއިމާ ބުންޏެވެ. އާއިމާ ހުރީ ސަމާސާ މޫޑެއްގައެވެ. ނަމަވެސް އޭރު ޒީނަތުގެ މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނެތެވެ. މާނޭވާލަމުން އާއިމާ އާއި ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަން ހުރުން ފިޔަވާ ޒީނަތުގެ އެއްވެސް ހަރަކާތެއް ނެތެވެ.

ރޭގަނޑު އެހާ ދަންގަޑިއެއްގައި ޒީނަތު އެގެއަށް އައުމުން އާއިމާ ހުރީ ހައިރާންވެފައެވެ. އެއަށްވުރެން ބޮޑަށް ހައިރާންވީ ޒީނަތުގެ މޫނު ފެނިފައެވެ. އެ މޫނުމަތިން އެއްވެސް ކަހަލަ ދިރުމެއް ނުފެނެއެވެ. ކުރިއަށް އިތުރު ދެ ފިޔަވަޅެއް ޒީނަތާއި ދިމާއަށް އާއިމާ އެޅިއެވެ.

“އޭތް… ޒީ ކިހިނެތް ވެފަ ތިހުރީ؟” އަނެއްކާވެސް އާއިމާ ސުވާލުކުރިއެވެ.

“އެ….. އެ……” އެއްޗެއް ބުނެވޭތޯ ޒީނަތު މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް ދުލާއި ހަމައަށް އޭނާގެ ހިތުގައި ހުރި ބަސްތައް ނައިސްގެން އުޅެނީއެވެ.

“އެ…. ކޮން އެއެއްތަ؟ ކީއްވީތަ ޒީ؟” އަޑަށް ބާރުލާފައި އާއިމާ ސުވާލުކުރިއެވެ. އާއިމާގެ ހިތް ބިރުގަންނަން ފެށުމުންނެވެ.

“އާހިލް…. އާހިލްގެ….” އަނެއްކާވެސް ޒީނަތު ބުނަން އުޅުނު ވާހަކަ ނުބުނެވިގެން ހުއްޓައިލިއެވެ. އެވަގުތު ޒީނަތުގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހިގެންފިއެވެ.

“ކީކޭ…. ޒީ ކިހިނެތްތަވީ…. އާހިލަށް ކަމެއްވީތަ؟” މިފަހަރު އާއިމާ އަށްވެސް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ. ހީވާކަހަލަ އެވެ. ހަމަ ދެންމެ ދެންމެ އާއިމާގެ ހިތް ހުއްޓެނީއެވެ.

“އާހިލް މެން ދަތުރުކުރި ބޯޓު ވެއްޓިއްޖެ. ދިރިހުރި އެއްވެސް މީހަކު އަދި ނުފެނެޔޯ.” ޒީނަތުގެ އަނގައިން ބޭރުވަމުންދިޔަ ބަސްތައް ހީވީ އާއިމާގެ މޭ ތޮރުފަމުން، ވީދަމުން ދިޔަހެންނެވެ. ޒީނަތުގެ އަޑު، އާއިމާގެ ކަންފަތަށް އިވުން ހުއްޓި، މުޅި ދުނިޔެ އާއިމާގެ ލޯމައްޗަށް އަނދިރިވާން ފަށައިފިއެވެ.

“ކީކޭ… ކީކޭ ޒީ ތިކިޔަނީ؟” ހަޅޭއްލަވައިގަންނަމުން އާއިމާ އަނެއްކާވެސް ކުރީ ސުވާލެކެވެ. އެ ސުވާލަށް ޒީނަތު ދޭނެ އެހެން ޖަވާބެއް އޮވެދާނެ ކަމަށް އާއިމާ އަށް އުއްމީދު ކުރެވޭކަހަލަ އެވެ. އާއިމާގެ ލަގޮނޑި އަނގަޔަށް އަންނަނީއޭ ހީވާވަރަށް ކަރުތެރެ ބެދިއްޖެއެވެ.

“އާހިލް މެން ދަތުރުކުރި ބޯޓު ކަނޑަށް ވެއްޓިއްޖެ. ….. އާހިލް މަރުވެއްޖެ!” ޒީނަތު މިހެން ބުނުމާއެކު އާއިމާގެ ހެޔަށް ގޮތްވެއްޖެއެވެ. ކަނޑާލި ރުކެއްހެން ތަޅުން މައްޗަށް އާއިމާ ވެއްޓިއްޖެއެވެ.

(10 އަހަރު ފަސް)

“މި ބުނީނު މަށެއް ތި ކައިވެނި ކުރާކަށް ބޭނުމެއް ނޫނޭ.” އާއިމާ ހަޅޭއްލަވައިގަތެވެ. މޭޒުމަތީގައި ހުރި ސޯނާ ގަޑި ތަޅުން މައްޗަށް ހޫރާލަމުން ހުރިހައި ރުޅިއެއް އެ ގަޑިއަށް ބާލައިލިއެވެ.

އާއިމާގެ މަންމަ ހުރީ ހަދާނެގޮތް ހުސްވެފަ އެވެ. އަނެއް ފަރާތަށް އެނބުރެމުން އާއިމާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް މަންމައަށް ފޮރުވަން މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް އެ ކަރުނަ ތަކަކީ ލޮލުން ބަންޑުންވާން ތައްޔާރަށް ހުރި ކަރުނަ ތަކެކެވެ.

“ދެން ހުއްޓާލާ. ދަރިފުޅު ތި ދައްކާ ކުޅިވަރު ބަލާކަށް ދެނެއް މަންމައަކަށް ނުހުރެވޭނެ. ދަރިފުޅުގެ ކައިވެންޏަށް މިފަހަރު މި ލިބުނު ހުށައެޅުމަށް ނޫނެކޭ ބުނާކަށް މަންމައެއް ނެތިން. މި ކައިވެނި ކުރަން ތައްޔާރުވޭ.” ރުޅިއައިސް ރަތްވެފައި ހުރި އާއިމާގެ މަންމަގެ އެންމެ ފަހު ނިންމުން އިއްވަމުން ކޮޓަރިން ނިކުމެއްޖެ އެވެ.

އެތަކެއް އަހަރުތަކެއް ފާއިތުވެ ދިޔައިރު، މިއަދުވެސް އާއިމާ އެހުރީ ހަމަ އެ ފިޔަވަޅު މަތީގައެވެ. މީގެ 10 އަހަރު ކުރިން އޭނާ ދޫކޮށްލާފައި އާހިލް ފުރިވަގުތު ހުރި ފިޔަވަޅުމަތީގަ އެވެ. އާހިލް ގެ އެ ހަނދާންތައް މިއަދު ވެފައިވަނީ އޭނާގެ ދިރިއުޅުމުގެ ހިއްސާއަކަށެވެ. އާއިމާ ދިރިއުޅެމުން އެ ގެންދަނީ އެ ހަނދާންތަކާއި އެކުގައެވެ.

“އާހިލް!!” އާއިމާގެ ލޯމައްޗަށް އާހިލްގެ ތަސްވީރު ސިފަވުމާއެކު އާހްގެ ފުންނޭވައެއް ލަމުން އާހިލްގެ ނަން ކިޔައިލެވުނެވެ.

“އަހަންނަކީ ހަމަަ އެކަނި އާާހިލްގެ މިލްްކެއް. އަހަރެން ކައިރިއަށް އާދެބަލަ ޕްލީޒް!” ރޮމުން، ކަރުނަ އޮހޮރަމުން އާއިމާއަށް ބުނެލެވުނެވެ. އެކަމަކު އެއީ ނުވާނެ ކަމެއްކަން އޭނާއަށް އެނގެއެވެ.

އާހިލް އަކަށް އެނބުރިއެއް ނާދެވޭނެއެވެ. އެހެން ނަމަވެސް ކޮންމެ ރެއާއިދުވާލަކު އާއިމާގެ ދެ ލޮލަށް އާހިލްގެ ސޫރަ އެތަކެއް ފަހަރަކު ފެނެެއެވެ. ކޮންމެ ދުވަަހެއްގެ އިރު އަރަނީ އާާހިލް އެނބުރި އަންނާނެ ކަމުގެ ފޮނި އުއްމީދާ އެކުގައެވެ. ނަމަވެސް އިރު އޮއްސެނީ އެ އުއްމީދުތައް ވިއްސިވިހާލިވެ، ހިތަށް އުދާސްކަމާއި މާޔޫސްކަން ގެނެސްދެމުންނެވެ.

“އަހަރެން މީހަކާ ނީންނާނަން!” އަނެއްކާވެސް ހަޅޭއްލަވައިގަންނަމުން އާއިމާ ބުންޏެވެ. މޫނުމަތީގައި ދެ އަތް އަޅައި ރޯން ފެށިއެވެ.

★~★~★~★~★

އެ ދުވަހަކަށް އާއިމާ ރެކެމުން އައި ދުވަސް އެންމެފަހުން އައިސް ޖެހިއްޖެއެވެ. އޭނާގެ ކައިވެނީގެ ދުވަހެވެ. އެހެން ނަމަވެސް އޭނާ އަށް އިނދެވުނީ ޖެހި ބުދެއްހެންނެވެ. އެއްވެސް ފުރާނައެއް، ދިރިމެއް ނެތް ހިލަގަނޑެއް ފަދައިންނެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ކަހަލަ އިހުސާސެއް ނެތެވެ. އެހެން ނަމަވެސް އޭނާގެ އެ ރީތިކަމަށް އަސަރެއް ނުކުރާ ފަަދައެވެ. އާއްމުކޮށް ކަޅު ބުރުގާއެއް އެޅިޔަސް، މިއަދު އާާއިމާ އިނީ ރަންކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލަ ޖައްސާާލާފައި ހުރިއިރު ހީވަނީ ފިނިފެންމަލެއްގެ ފިޔައެެއް ހެންނެވެ. ކޯތާފަތް މަތީގައިވެސް މަޑުމަޑު ޖަންބު ކުލައެއް ޖައްސާލާފައި ވެއެވެ. އޭނާ ފެންނަ ކޮންމެ މީހަކު އޭނާގެ ރީތިކަމަށް ތަޢުރީފުކުރަމުން ދިޔަޔަސް، އާއިމާގެ ހިތް ވަނީ ފިނިވެފައެވެ. ފިނިވެ ގަނޑުވެފައެވެ. އޭނާގެ އާހިލް އާއި ދުރަށް ދާން ޖެހޭތީ އާއިމާއަށް އިހްސާސް ކުރެވެމުން ދިޔައީ އޭނާގެ ފުރާނަވެސް ހަށިން ދޫވެގެން ހިނގައިދާނެ ހެންނެވެ.

“އާއިމާ އަވަހަށް އާދޭ! ކައިވެނިކުރާ ވަގުތު ޖެެހެނީ!” ޒީނަތު އާއި އޭނާގެ ކޮއްްކޮ އާއި އެކުގައި އައިސް މަޑުކޮށްލީ އާއިމާގެ މަންމަ އެވެ.

ނަމަވެސް އާއިމާ ހަމަ އެ އިންގޮތަށް އިނީއެވެ. އެއްވެސް ހަރަކާތެއް ނެތިއެވެ. ޒީނަތު ގޮސް އާއިމާގެ ގާތުގައި އިށީންދެ އާއިމާގެ ފިނިފިނި އަތުގައި ހިފައިލިއެވެ. ގަނޑުފެން ކޮޅެއްހައި ފިނިފިނި އަތުގައި ޒީނަތުގެ އިނގިލިތަައް ޖެހުމާއެކު ޒީނަތަށް ލިބުނީ ހައިރާާން ކަމެކެވެ. އިތުރު ވާާހަކަައެއް ނުދެއްކި އުޅެނިިކޮށް، ހެކިވެރިންރާ ގާޒީ އަށް ލަސްވެގެން އުޅޭކަމަށް އާއިމާގެ މަންމަ ބުނުމުން ސިޓިންރޫމްގައި ކައިވެންޏެއް ތައްޔާރުކޮށްފައިވާ މޭޒުދޮށަށް ދިއުމަށް އަވަސްވެގަންން ޖެހިއްޖެއެވެ.

 

“ބިސްމިﷲ!” ކަައިވެނީގެ ރަސްމިއްޔާރު ފަށަން ވެއްޖެކަން އިޝާރާތްކުރުމަށް އާއިމާގެ ބައްޕަ ބުންޏެވެ. އެވަގުތު ގާޒީ ނުވަތަ ޝަރުޢީ މަޢުޛޫންގެ މަސްޢޫލިއްޔަތު ފެށިއެވެ. ކައިވެނީގެ ޚުޠުބާ ކިޔައި ކައިވެނި ޢަޤުދުކޮށްދޭން ފެށިއެވެ.

“މުޙައްމަދު ސިރާޖުގެ ދަރިފުޅު އާއިމާ ސިރާޖް! …. އާދިލް ރިޒާގެ ދަރިފުޅު އާހިލް ރިޒާާ ހުށައަޅާފައިވާ 5000 ރުފިޔާގެ ރަނަށް އާހިލް އަކީ އާއިމާގެ ފިރިމީހާ ކަމަށް ޤަބޫލުކޮށްފިންތަ؟” ޝަރުޢީ މަޢުޛޫންގެ އަޑު ޖެހުމާއެކު އާއިމާއަށް ތެޅިގަނެވުނެވެ. އާހިލްގެ ނަން އިވުމުންނެވެ.

” އާދިލް ރިޒާގެ ދަރިފުޅު އާހިލް ރިޒާާ ހުށައަޅާފައިވާ 5000 ރުފިޔާގެ ރަނަށް އާހިލް އަކީ އާއިމާގެ ފިރިމީހާ ކަމަށް ޤަބޫލުކޮށްފިންތަ؟” ޝަރުޢީ މަޢުޛޫންގެ ސުވާލު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ.

“ޔާﷲ އަނެއްކާވެސް މި ކަން…-” ލޯ މަރައިލަމުން އާއިމާއަށް ހިތާހިތުން ބުނެލެވުނެވެ.

“ޤަބޫލުކޮށްފިން!” ލޭގެ ކަރުނަތަަކެއް އާއިމާގެ ހިތުން ފާއްދަމުން އާއިމާ ޖަވާާބުދިނެވެ.

“ޤަބޫލުކޮށްފިން!”

“ޤަބޫލުކޮށްފިން!” ތިންވަނަ ފަހަރަށް މިހެން ބުނަމުން އާާހިލް އަކީ އޭނާގެ ފިރިމީހާ ކަމަށް ޤަބޫލުކޮށްފިއެވެ.

މަރުހަބާކިޔުން ދެ ފަރާތުގެ އާއިލާއާާއި ރައްޓެހިންގެ ފަރާތުން ބަދަލުކުރެވެން ފެށުނެވެ. މަރުހަބާކިޔަމުން، ހިނިތުންްވެފައިވާ މޫނަކާއެކު އެ މަހެފިލް ދޫކޮށް، ސައި ތައްޔާރުކޮށްފައިވާ ތަނަށް އެންމެން މިސްރާބުޖެހިއެވެ. އެވަގުތު އާއިމާ އިސްއުފުލައި ޒީނަތަށް ބަލައިލިއެވެ. ޒީނަތުގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ.

“ކީއްވެ؟ ކީއްވެތަ އަހަރެންގެ މަންމަމެން މަށަށް މިހެން މިހެދީ؟” މިހެން ބުނަމުން އާއިމާ ރޯންފެށިއެވެ. ޒީނަތު އަށް އިނދެވުނީއެވެ. ހައިރާންވެ، ވާނުވާ ނޭނގިފައެވެ.

“ކިހިނެއް ވީ؟” ޒީނަތު ސުވާލުކުރިއެވެ. ވެގެން އުޅޭގޮތެއް ޒީނަތަކަށް ނޭނގެއެވެ. އާއިމާ ރޮނީ ކީއްވެގެން ކަމެއްވެސް ނޭނގުނެވެ.

“ކީއްވެގެންތަ އާހިލްގެ ނަަން ކިޔާ ކުއްޖެއް މިކަމަށް ހަމަޖެއްސީ؟ އެ ނަމަކީ އަހަންނަށް ކިހާ މުހިންމު ނަމެއްކަން އެމީހުންނަށް އަޅެ ނޭނގެނީތަ؟” ރޮމުންރޮމުން އާއިމާގެ ޝަކުވާތައް ޒީނަތުގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ.

“ވެދާނެއެއްނު އާހިލްގެ ނަން ކިޔާ ކުއްޖެއް ހަމަޖެއްސީ އާއިމާ އާއި އާއިމާގެ ފިރިމީހާ އާއި އޮންނަ ގުޅުން އަވަހަށް ރަނގަޅުވާނެ ކަމަށް ވިސްނާފަ ކަމަށްވެސް!” ޒީނަތަށް ހީވާގޮތް ބުނަމުން އާއިމާއަށް ވިސްނައިދޭން ފެށިއެވެ. ނަމަވެސް ޒީނަތުގެ ވާހަކަތަކަށް އާއިމާ އެއްބަހެއް ނުވެއެވެ. ދެފަރާތަށް ބޯހޫރަމުން، ރޮމުން ގިސްލަމުން ދިޔައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.