ދިވެހިރާއްޖޭގެ ޚަބަރު ފަތުރާ އޮންލައިން ނޫސްތަކުގެ ތެރެއިން އެއް ޚަބަރެއް ތަފާތު ދެ ނޫހެއްގައި ގެނެސްދީފައިވާ ގޮތް އެނަލައިޒްކޮށް އެއް މަޢުލޫއެއް ތަފާތު ދެ ގޮތަކަށް މާނަ ކުރެވިފައިވާ ގޮތް
މި ދިރާސާއަކީ ކްރިޓިކަލް ޑިސްކޯސް އެނެލިސިސް އެއް ހެދުމަށް ކުރެވޭ ދިރާސާއެކެވެ. މިގޮތުން މި އެނެލިސިސް އަކީ ދިވެހިރާއްޖޭގެ ޚަބަރު ފަަތުރާ އޮންލައިން ނޫސްތަކުގެ ތެރެއިން އެއް ޙަބަރެއް ތަފާތު ދެ ނޫހެއްގައި ގެނެސްދީފައިވާގޮތް އެނެލައިޒްކޮށް އެއް މަޢުލޫމާތެއް ތަފާތު ދެ ގޮތަކަށް މާނަ ކުރެވިފައިވާ ގޮތްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސްޓަޑީ އެކެވެ.
އެހެންކަމުން މި އެނެލިސިސްގައި ވަކި ފިކުރެއް ފާޅުކުރުމަށްޓަކައި ބަހުގެ ޤަވައިދު ބޭނުންކުރެވިފައިވާ ގޮތާއި، ވަކި ފިކުރެއް ފާޅުކުރުމަށްޓަކައި ލަފުޒުތައް ބޭނުންކުރެވިފައިވާ ގޮތާއި، ލިޔުމުގެ ސުރުޙީގެ ސަބަބުން ނަޒަރިއްޔާ ފާޅުވާ މިންވަރާއި، ޚަބަރުތަކުގެ ތެރޭގައި މި މަޢުލޫމާތާއި ބެހޭގޮތުން އެކި ފަރާތްތަކުގެ ބަސްތައް އަދި ކޮންމެ ޚަބަރެއްގައި އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުގެ ސިގްނިފިކަންސް ހޯދާފައިވާނެއެވެ. އަދި ލިޔުންތައް ނެގީ ކިހިނެއްތޯ އާއި، ލިޔުންތެރިޔާގެ މައުލޫމާތާއި، ލިޔުންތެރިޔާ އެލިޔުން ލިޔުނު ސަބަބު ބަޔާންކޮށްދީފައިވާނެއެވެ. ހަމައެހެންމެ ލިޔުން ނެގި އޮންލައިން ނޫހާއި، ޓެކްސްޓް ސަރފޭސް ގެ އިތުރުން މުހިއްމު ކީ ލަފުޒުތައް ނުވަތަ މާނަ ސާފުކޮށްދިނުމަށް ބޭނުންކޮށްފައިވާ އުކުޅުތަކާއި ފާޅުވާ ތީމުތައް ހުށަހަޅައިދީފައިވާނެއެވެ. މީގެއިތުރުން ނިންމުނަތައް ބިނާކޮށްފައިވާނީ އިޚްތިޔާރުކޮށްފައިވާ ޚަބަރުތަކުން އަދި އެހެނިހެން އިލްމީ ލިޔުންތަކުން ހެކި ދައްކައިގެންނެވެ. އަދި މި އެނަލިސިސް ހެދުމަށް ޚަބަރުތައް ނަގާފައިވާނީ 2017 ސެޕްޓެމްބަރ 12 ގައި ޝާއިއުކޮށްފައިވާ ޚަބަރުތަކުންނެވެ.
- ލިޓްރޭޗަރ ރިވިއު
2.1- ޑިސްކޯސް
ކްރިޓިކަލް ޑިސްކޯސް އެނެލިސިސް (ސީ.ޑީ.އޭ) ގެ ވާހަކަ ދައްކާއިރު ޑިސްކޯސް އަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އެހެނީ، ޑިސްކޯސް އަކީ ޖުމުލަތަކާއި ކްލޯސް ނުވަތަ ބުނުން ތަކުގެ ލެވެލަށްވުރެ މަތީ ލެވެލްގެ އެއްޗެއްކަމަށް ގައި ކުކް (1995) ހާމަކުރައްވާފައިވާއިރު، ޑިސްކޯސް އަކީ ގުޅިފައިވާ ޖުމުލަތަކެއްކަމަށް މެލްކަމް ކުލްތާޑް (1985) ހާމަކުރައްވާފައިވެއެވެ. މިގޮތުން ޖުމުލަ ގުޅުމުން، އޭގައި ފުރިހަމަ މާނައެއް އެކުލެވެއެވެ. އެހެނީ، އެ ގުޅުމުން ވަކި މަޤުޞަދެއް ހާސިލުކުރެވޭ ޖުމުލަތަކެއްކަމަށް ޖިލިއަން ބްރައުން އެންޑް ޖޯޖް ޔޫލް (2001) ހާމަކުރައްވާފައިވާއިރު، ޑިސްކޯސް ގެ ލަފުޒީ މާނައަކީ މުވާޞަލާތު ކުރުމަށްޓަކައި ބޭނުންކުރެވޭ ޖުމްލަ އެކުލެވޭ ލިޔުން ނުވަތަ ދެކެވޭ ވާހަކައެއްކަމަށް ޖޭމްސް ޕައުލް ގީ (2003) ހާމަކުރައްވައެވެ. އެހެންކަމަށްވާނަމަ، ޑިސްކޯސްއެއްގައި އެއް ޖުމުލަ އަނެއް ޖުމުލައާއި ހުންނާނީ ގުޅިފައެވެ.
2.1– ޑިސްކޯސް އެނަލިސިސް
ބަސްބޭނުން ކުރާގޮތް ދިރާސާކޮށް ތަހުލީލު ކުރުމަކީ ޑިސްކޯސް އެނަލިސިސް ކަމަށްވާއިރު، ޑިސްކޯސް އެނެލިސިސް އަކީ ބަހާ، އެ ބަސް ބޭނުންކުރާ ޙާލަތާ ހުރި ގުޅުން ދެނެގަތުންކަމަށްވެސް ވަން ޑިޖިކް (1995) ހާމަކުރައްވައެވެ. މިގޮތުން ލިޔުމާއި ދެކެވޭ ވާހަކައިގެ މާނަ ދޭހަކުރުމަށް އެނގެންޖެހެއެވެ. ކަންކަމާއި ކަންކަން ދެނެގަތުމާއި، އަދި އެކަންކަމުގެ ތެރެއިން މާނައަށް ވާޞިލްވުމަށް އެނގެންޖެހެއެވެ. އަދި ބަހުގެ ބޭނުންކޮށްގެން އެހެން މީހުންގެ މައްޗަށް ނުފޫޒު ފޯރުވާ ގޮތް ޑިސްކޯސް އެނެލިސިސްގެ އެހީގައި ހޯދަންޖެހެއެވެ.
މީގެއިތުރުން ޑިސްކޯސް އެނެލިސިސްގައި ބަލާނީ އެ ޑިސްކޯސްގައި ބަސް ބޭނުންކޮށްފައިވާ ގޮތްކަމަށް ޝިޕްރިން، ޓެނަން، ހެމިލްޓަން (2001) ހާމަކުރައްވައެވެ. އެއީ، އެކި މަޤްޞަދު ޙާޞިލުކުރަން ބޭނުންކުރާ ލަފުޒު ނުވަތަ ޢިބާރާތް ތަކެވެ. އަދި ބަސްބޭނުންކުރާ ޙާލަތަށް ރިޔާޔަތް ކުރަންޖެހޭނެއެވެ. މިގޮތުން ބަސް ބޭނުންކުރާ ޙާލަތަށް ބަލާއިރު، ކާކު، ކާކަށް ކަމާއި، ކޮން ކަމަކާމެދު، ކޮން ބޭނުމަކު ކަމާއި، ކޮންތާކު، ކޮން އިރަކު ކަން އަދި މިކަންކަމުން ދެކެވުނު ނުވަތަ ލިޔުނު ވާހަކައަށް އަސަރުކުރީ ކިހިނެއްކަން ބަލަން ޖެހޭނެކަމަށް ޖިލިއަން ބްރައުން އެންޑް ޖޯޖް ޔޫލް (2001) ހާމަކުރައްވާފައިވާއިރު، ބިޔޯގްރޭންޑް (1982) ހާމަކުރައްވާ ގޮތުގައި ޑިސްކޯސް އެނަލިސް އެއްގެ ގޮތުގައި ބަލައިގަތުމަށް އެކަށައަޅާ ކްރައިޓީރިއާތަކަކީ، ކޮހީޝަން އާއި ކޮހަރަންސް އެވެ. ކޮހީޝަން އަކީ ޖުމުލައަކުން ފުރިހަމަ މާނައެއް ދޭހަވުމަށް އެ ޖުމުލައެއްގައި ހިމެނޭ ބައިތަކުގެ މެދުގައިވާ ގްރެމެޓިކަލް ރިލޭޝަންޝިޕެވެ. ކޮހަރަންސް އަކީ އެއްބުނުމުގައިވާ ވާހަކަ އެނެއްބުނުމުގައިވާ އެއްޗަކާ ގުޅިލާމެހިގެން ދިއުމަށް ކޮންމެހެން ބޭނުންވާ ތަރުތީބެވެ.
2.3- ކްރިޓިކަލް ޑިސްކޯސް އެނަލިސިސް
ކްރިޓިކަލް ޑިސްކޯސް އެނަލިސިސް މި ބަހަކީ ޢާއްމުގޮތެއްގައި ވާހަކަ ދެއްކުމަށާއި ލިޔުމަށް ކުރެވޭ ހާއްޞަ ދިރާސާތަކަށް ކިޔޭނަމެއްކަމަށް ވަން ޑިޖިކް (1995) ހާމަކުރައްވައެއެވެ. ނަމަވެސް ކޮންމެ ދާއިރާއަކަށް ބެލިކަމުގައިވިޔަސް އެކަމަކާ ގުޅުން އޮންނަ ގޮތްތަކާއި، ބަހުރުވައިގެ އަޚްލާޤިއްޔަތާއި، އަދި ޑިސްކޯސް ގެ ތަޢުލީމާއި، ޚާއްޞަ ހަމަތަކާއި، ފަރިތަކުރުންތަކާއި އަމާޒު އަދި ތިއަރީ އާއި ސީ.ޑީ.އޭ ގެ އުޞޫލުތައް ކަނޑައެޅުމަކީ ފަސޭހަކަމެއް ނޫންކަމަށްވެސް ވަން ޑިޖިކް (1995) ހާމަކުރައްވައެވެ. މިއާ ހިލާފަށް ކުރިޓިކަލް ޑިސްކޯސް އެނަލިސިސް ގެ ހެެޓެރޮޖެނިޓީގެ ސަބަބުން އެ އެއްޗަކަށް ލޯއަޅައިގަތުމަށާއި، އުނދަގޫކުރުމަށް ލިބޭ ބާރު، އެކަމުގެ އެންމެ މަގުބޫލު ސިފަތަކާއި އެންމެ ބަލިކަށި ސިފަތައް ލިބޭނެކަމަށާއި، އަދި މި ސިފަތަކުން ކުރެވޭ ބަހުސްތަކާއި، ދެބަސްވުންތަކެއް ވާކަމަށް ސަންޑަލެންޑް، ޖެން (2004) ހާމަކުރައްވައެވެ.
ކަންމިހެން ހުރިނަމަވެސް ކްރިޓިކަލް ޑިސްކޯސް އެނަލިސިސް (ސީ.ޑީ.އޭ) ގެ ގިނަ ދިރާސާތައްކޮށްފައިވަނީ ހަމައެކަނި “ބަހުރުވަ” އަކަށް ނޫންކަމަށާއި، މީގެ އިތުރުން ވަރަށް ހާއްޞަ ސަމާލުކަމެއް ދެވޭކަންތައްތަކެއް ހުރިކަމަށް ވަން ޑިޖިކް (1995) ހާމަކުރައްވައެއެވެ. އެކަންތައްތަކަކީ، ސެމިއޮޓިކް ޑައިމެންޝަންސް (ފޮޓޯ، ފިލްމު، އަޑު، ލަވަ، އަތުގެ އިޝާރާތް)، އަދި މުއާމަލާތުގެ ހާދިސާތައް ކަމަށް ވަން ޑިޖިކް (1995) ހާމަކުރައްވައެވެ.
- ދިރާސާ ކުރެވުނުގޮތުގެ ބަޔާން
މި ދިރާސީ މަސައްކަތުގައި ބޭނުންކޮށްފައިވާނީ 2017 ވަނަ އަހރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ”މިހާރު” އޮންލައިން ނޫހުގައި ”އަޙްމަދު އަބްދުﷲ ސައީދު” ލިޔެ ޝާއިއު ކޮށްފައިވާ ލިޔުމަކާއި، 2017 ސެޕްޓެމްބަރ 12 ވަނަ ދުވަހު ”ސަން” އޮންލައި ނޫހުގައި ”މުހައްމަދު ސިމާއު ” ލިޔެ ޝާއިއު ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުންތަކުގެ ކޮޕީ އެޕެންޑިކްސް ގެ ޖަދުވަލް 1 އަދި 2 ގައި ހިމަނާފައިވާނެއެވެ. މިގޮތުން މި ދިރާސީ މަސައްކަތަށް ނެގިފައިވާ ދެ ލިޔުމުގެ މަޢުލޫމާތުތައް ތިރީގައި މިވަނީ އެވެ.
ތާވަލް 1 : ކްރިޓިކަލް ޑިސްކޯސް އެނަލިސިސް ހެދުނު ދެ ލިޔުމާއި ބެހޭ މައުލޫމާތު
ތާވަލް 1 ގައިވާ ލިޔުންތަކުން ކްރިޓިކަލް ޑިސްކޯސް އެނަލިސިސް އެއް ހެދުމަށްފަހު، އެ ޑިސްކޯސްތަކުން ފެންނަ މުހިއްމު ކީ ލަފުޒުތައް ނުވަތަ މާނަ ސާފުކޮށްދިނުމަށް ބޭނުންކޮށްފައިވާ އުކުޅުތައް ދިރާސާގެ ހޯދުންތަކުން ހާމަކޮށްފައިވާނެއެވެ. އަދި ކިޔުންތެރިން ޝައުގުވެރިކުރުވުމަށް ގެންގުޅެފައިވާ އުކުޅުތަކާއި، ބަހުސް އުފައްދާފައިވާގޮތާއި، ބަހުސް އުފެއްދުމަށް ބޭނުންކޮށްފައިވާ އުކުޅުތައް ލިޔުން ގަނޑުގެ ތެރެއިން މިސާލާއެކު ދައްކާފައިވާނެއެވެ. އަދި ލިޔުމުގެ ފޭޑީ ނުވަތަ ވައްތަރާއި، އެކުވުމާއި އެމުނުން ގެންގުޅެފައިވާގޮތާއި، ޖުމުލަތައް އެކުލެވިފައިވާ ގޮތާއި، ޖުމުލަތައް އަމުނާފައިވާގޮތް އަދި އެއް ޖުމުލަ އަނެއް ޖުމުލައާއި ގުޅުވަން އެންމެ ޢާއްމުކޮށް ބޭނުންކޮށްފައިވާ ހަމަތައް ހޯދައި ހާމަކޮށްފައިވާނެއެވެ. އަދި ލިޔުންތަކުގައި ފާހަގަކޮށްލެވޭ ބަސްކޮށާރާއި، އައިޑިއޮލޮޖިކަލް ބަޔާނުގެ އިތުރުން ފާހަގަ ކުރެވޭ އެހެނިހެން ކަންކަމަށްވެސް މި ދިރާސާގައި އަލި އަޅުވާލެވިފައިވާނެއެވެ.
- ދިރާސާގެ ހޯދުންތައް
މި ދިރާސާ ހެދުމަށް ނަގާފައިވާ ދެ ލިޔުމަކީ ދިވެހިރާއްޖޭގެ ޚަބަރު ފަތުރާ އޮންލައިން ނޫސްތަކުގެ ތެރެއިން އެއް ޚަބަރެއް ތަފާތު ދެ ނޫހެއްގައި ލިޔެފައިވާ ދެ ލިޔުމެވެ. މި ދެ ލިޔުންވެސް ލިޔެފައިވަނީ ދުވަސްވަރާއި ޚާލަތާއި ގުޅުވައިގެންނެވެ. އެހެނީ، މި ދެ ލިޔުންވެސް ލިޔެފައި މިވަނީ މުޖުތަމަޢުގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާ ދުވަސްވަރަކަށްވުމާއި، މި ދުވަސްވަރަކީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ދުވަސްވަރަކަށްވެފައި ، ސަރުކާރު ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަދު ފަރާތަކަށް ފުލެޓް ލިބުނުކަން އިއުލާން ކުރި އިރު ހަމައެކަނި ފޯމް ނަމްބަރު ޖަހާފައި އޮތުމުން އާއްމު ރައްޔިތުންގެ ހިތުގައި އުފެދޭ ޝުއޫރުތައް ހިއްސާ ކުރަމުން ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އަދި ހަމައެހެންމެ މި ދުވަސްވަރަކީ ސަރުކާރުން ފުލެޓް ލިބޭ މީހުންގެ ނަންތައް ހާމަަކޮށްފައި ނުވުމުން ސަރުކާރުން ކުރަމުންދާ ކަންކަމުގެ ދޯހަޅިކަމުގެ ވާހަކަ މުޖުތަމައުގެ ގިނަ ބަޔަކު ފަތުއަޑު ކިޔާފައި އެންމެ ފުންކޮށް ދައްކަމުން ގެންދާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގައި ސަރުކާރަށް ފާޑު ކިޔަމުން ދަނީވެސް ހަމަ މި މައްސަލާގައެވެ. އެހެންކަމުން ، މި ދިރާސާ ކުރުމަށް މި ދެ ލިޔުން ނަގާފައިވާނީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށް ބުނެ ފުލެޓް ލިބޭ ފަރާތްތަކުގެ ނަން ހާމަނުކޮށް ވަކި ބަޔަކަށް ފުލެޓް ދިން މައްސަލާގައި ޢާއްމު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ލޭކެކި ސަރުކާރަށް ފާޑުކިޔަމުން ގެންދާ ދުވަސްވަރެއްގައިކަން ފާހަގަ ކުރަމެވެ. މިގޮތުން ނަގާފައިވާ ލިޔުންތަކުން ފާހަގަކުރެވުނު ކަންތައްތައް ތިރީގައި އެވަނީ އެވެ.
4.1- މި ފަހަރު ފުލެޓްދޭން މިއުޅެނީ ކޮންބަޔަކަށް؟
މި ދިރާސާއަށް ނެގިފައިވާ ދެ ލިޔުމުގެ ތެރެއިން ފުރަތަމަ ލިޔުމަކީ ” މިހާރު” އޮންލައިން ނޫހުގައި 2017 ސެޕްޓެމްބަރ 12 ވަނަ ދުވަހު އަހްމަދު އަބްދުﷲ ސައީދު ލިޔުއްވާފައިވާ ” މި ފަހަރު ފުލެޓްދޭން މި އުޅެނީ ކޮންބަޔަކަށް؟ ” މި މައުލޫއަށް ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުމުގެ މުހިއްމުކަމެއްކަމަށް ބެލެވެނީ ފުލެޓް ލިބުނީ ކޮންބަޔަކަށް ކަމެއް ނޭނގޭ ގޮތަށް މަދު ބަޔަކު ހިމެނޭގޮތަށް ލިސްޓެއް ނެރުމުން އާއްމު ރައްޔިތުން މިކަމާމެދު ފާޑުކިޔައި އެ މީހުންގެ ޝަކުވާތަކަށް ރިޔާއަތްކޮށް ލިޔެފައިވާ ލިޔުމަކަށް ވުމީވެސް މި ލިޔުމުގެ މުހިއްމު ކަމެކެވެ. މި ލިޔުން ލިޔެފައިވާ ސަބަބެއްކަމަށް ފާހަގަކުރެވެނީ އެކަކަށް ދެ ފުލެޓެއް ނުދޭނެކަމަށާއި، ފޯމް ނަންބަރު ޖެހީ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށް ބުނެ މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓަކާއި ގުޅިގެން، ފުލެޓަށް އެދި ފޯމް ހުށަހެޅި ގިނަ ފަރާތްތަކަށް ފުލެޓް ނުލިބުމާއި، އަދި ފުލެޓަށް ހޮވުނު ފަރާތްތައް ހޮވިފައިވަނީ ކިތަށް ޕޮއިންޓް ލިބިގެންކަން ނޭގުމުން ޝަކުވާ ހުށަހެޅޭނެ ގޮތެއްނެތް ކަމަށް ބުނެ ގިނަ ފަރާތްތަކުން ބުނެފައިވާ ބުނުންތައް މިލިޔުމުގައި ބަޔާންކޮށްފައިވުުމެވެ. މީގެއިތުރުން މި ލިޔުމުގެ ހެޑްލައިން ގެނެސްދީފައިވަނީ ކިޔުންތެރިން އަޅައިގަންނަ ފަދަ ގޮތަކަށެވެ. އިތުރަށް ލިޔުން ފުރިހަމަ ކުރުމަށްޓަކައި ހުޅުމާލެ ފުލެޓްތަކުގެ ފޮޓޯ ލިޔުމުގައި ހިމަނާފައިވާއިރު، ސައިޑް ހެޑިންގ އެއްގެ ގޮތުގައި ” މިނިސްޓަރު މުއިއްޒު ރޭގައި ކުރެއްވި ޓުވީޓް ” ވަކި ޞުރުޚީ އެއްގެ ގޮތުގައި ލިޔުމުގައި ހިމަނާފައިވެއެވެ. އެހެންކަމުން މިލިޔުމަކީ ޢާއްމުންގެ ފިކުރާއި ޖަޒުބާތުތައް ހިމަނައިގެން ޢާއްމު ރައްޔިތުން އެދޭގޮތް ހާމަކުރުމަށްޓަކައި އެ ފިކުރުގައި ލިޔުންތެރިޔާ ލިޔެފައިވާ މުހިއްމު ލިޔުމެއްކަން ހާމަވެއެވެ.
4.2- އެކަކަށް ދެ ފުލެޓެއް ނުދޭނެ، ފޯމް ނަންބަރު ޖެހީ ހައްގުތައް ރައްކާތެރިކުރަން: މިނިސްޓަރު
މި ދިރާސާއަށް ނެގިފައިވާ ދެވަނަ ލިޔުމަކީ ” ވަގުތު” އޮންލައިން ނޫހުގައި 2017 ސެޕްޓެމްބަރ 12 ވަނަ ދުވަހު މުހައްމަދު ސިމާއު ލިޔުއްވާފައިވާ ” އެކަކަށް ދެ ފުލެޓެއް ނުދޭނެ، ފޯމް ނަންބަރު ޖެހީ ހައްގުތައް ރައްކާތެރިކުރަން: މިނިސްޓަރު” މި ޞުރުހީގެ ދަށުން ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުމަކީ ދިރާސާ ކުރުމަށް ނެގިފައިވާ ފުރަތަމަ ލިޔުމުގައިވެސް ފާހަގަ ކޮށްފައިވާ ކަންކަމަށް ރިޔާއަތްކޮށް ހަމަ އެ މައުލޫމާތު ތަފާތު ގޮތަކަށް ހިމަނައިގެން ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުންވެސް ލިޔުއްވާފައިވަނީ ގެދޮރުވެރިކުރުން ޕްރޮގުރާމްގެ ދަށުން، މާލޭގެ ރަށްވެހިންނާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްޞަކޮށްގެން ދޫކުރާ ފުލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ އެކެއް އަދި ދޭއްގެ ފްލެޓްތަކަށް ޝަރުތުހަމަވެ ފުލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ހައުސިން މިނިސްޓަރީގެ ވެބްސައިޓްގައި އާއްމު ކުރުމާއެކު، މިނިސްޓަރު މުއިއްޒު ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. މި ލިޔުމުގައި ލިޔުމާއި ގުޅޭ ފޮޓޯ ހިމަނާފައިވާއިރު، މައިގަނޑު ޞުރުހީ ފިޔަވައި އިތުރު އިތުރު ކުޑަ ޞުރުހީއެއްވެސް ހިމަނާފައި ނުވެއެވެ. ނަމަވެސް މިނިސްޓަރު މުއިއްޒު ކުރައްވާފައިވާ ޓްވީޓްގައި ބުނާ ވާހަކަ އާއި ފުލެޓް ލިބުނު ފަރާތްތަކުގެ ފޯމް ނަންބަރު ޖެހީ ހައްޤުތައް ރައްކާތެރި ކުރުމަށްކަމަށްބުނެ ދައްކާފައި ހުރި ވާހަކަތަކާއި، ހައުސިން މިިނިސްޓްރީގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ލިސްޓްގައި ބުނާ ވާހަކަތައް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މި ލިޔުމުގައި ސަރުކާރަށް ސަޕޯޓް ލިބޭފަދަ ގޮތަކަށް ފުލެޓް ލިބުނު ފަރާތްތަކާއި ބެހޭގޮތުން ހައުސިން މިނިސްޓްރީގެ ވެބްސައިޓްގައިވާ ޢިބާރާތްކުރުންތައް ގެނެސްދީފައި ހުރުމުން މި ލިޔުމުގެ މުހިއްމުކަމާއި ލިޔުންތެރިޔާގެ ފިކުރު ހުރީ ސަރުކާރުގެ ނިންމުންތަކަކީ އެންމެ ރަނގަޅު ގޮތްކަން ހާމަވެގެން ދެއެވެ.
4.3- ދެ ލިޔުމުގައި ޖުމުލަތައް އެކުލެވިފައިވާ ގޮތާއި، ޖުމުލަތައް އަމުނާފައިވާގޮތް
ކޮހަރަންސް އަކީ އެއްބުނުމުގައިވާ ވާހަކަ އެނެއްބުނުމުގައިވާ އެއްޗަކާ ގުޅިލާމެހިގެން ދިއުމަށް ކޮންމެހެން ބޭނުންވާ ތަރުތީބެވެ. ޖުމުލައަކުން ފުރިހަމަ މާނައެއް ދޭހަވުމަށް އެ ޖުމުލައެއްގައި ހިމެނޭ ބައިތަކުގެ މެދުގައިވާ ގްރެމެޓިކަލް ރިލޭޝަންޝިޕަށް ” ކޮހީޝަން” އޭ ކިޔާކަމަށް ބިޔޯގްރޭންޑް (1982) ހާމަކުރައްވާއިރު، ” ކޮހަރަންސްް” އަދި ”ކޮހީޝަން” އަކީ މުވާސަލާތުކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަންކަން ކަމަށް މެލްކަމް ކުލްތާޑް (1985) ހާމަކުރައްވައެވެ. މިގޮތުން ބަލާއިރު އެމުނުމަށް ކިޔަނީ ” ކޮހީޝަން” އެވެ. ކޮހަރަންސް އަކީ ލޮޖިކަލް ނުވަތަ މަންތިޤީ މާނައެއް ނުކުތުމެވެ. ކޮހީޝަން އަކީ އެއް ޢިބާރާތް އަނެއް އިބާރާތާއި ގެތިފައިވުމެވެ. ލިޔުމެއްގައި ފުރިހަމައަށް އެކުލެވިފައި، އެމުނުން ކަމުނުގޮސްސާނެ އެވެ. އަދި ހަމަ އެފަދައިން ރަނގަޅަށް އެމުނިފައިވާ ޖުމުލަތަކެއްގެ އެކުލެވުން ގޯސްވެދާނެކަމަށް ޑރ.ހަސަން ހަމީދު (2017) ހާމަކުރައްވައެވެ. މިގޮތުން މިހާރު އޮންލައިންގައި އަހްމަދު އަބްދުﷲ ސައީދު (2017) ލިޔުއްވާފައިވާ ލިޔުމަށްބަލާއިރު، މި ލިޔުމުގެ 9 ވަނަ ޕެރެގުރާފުގައި ” އަޅުގަނޑަށް ޔަޤީން ސަރުކާރުން ކޮންމެވެސް ކަންތައް ގަނޑެއް ސިއްރު ކުރޭ. ސިއްރު ނުކުރާނަމަ ، ނަމާއި އެޑްރެސްތަކާ އެކީގައި އިއުލާން ކުރަންވީ. އޭރުން އެނގޭނެ މިއީ އިންސާފުން ކުރި ކަމެއްކަން. ” މި އިބާރާތްކޮޅަށް ބަލާއިރު މި އިބާރާތުގައި އެމުނުމެއް ވެއެވެ. އެއީ އެއް ޖުމުލައިގައި ހިމެނޭ ލަފުޒެއް އަނެއް ޖުމުލައިގައި ބޭނުންކޮށްގެންނެވެ. އެހެނީ ފުރަތަމަ ޖުމުލަ ނިންމާފައި ވަނީ ”ސިއްރު ކުރޭ” ދެވަނަ ޖުމުލަ ފަށާފައި މިވަނީ ފުރަތަމަ ޖުމުލައަށް ރިޔާއަތްކޮށް ސިއްރު ނުކުރާނަމަ.. މިގޮތަށެވެ. އަދި ތިންވަނަ ޖުުމުލަ ފަށާފައި މިވަނީ ސިއްރުނުކުރާނަމަ ނަމާއި އެޑްރެސްތަކާ އެކީގައި އިއުލާން ކޮށްފިނަމަ އެނގޭނެކަން ހާމަކޮށްދިނުމުގެ ގޮތުން ”އޭރުން” މި ލަފުޒު ބޭނުންކޮށްފައެވެ. މީގެއިތުރުން އިޖުތިމާޢީ ނަޒަރަކުން މި ލިޔުންކޮޅަށް ވިސްނާލުމުންވެސް ލިޔުންތެރިޔާ އެ ބުނަން އުޅޭ އެއްޗެއް ވަރަށް ރަނގަޅަށް ސާފުވެއެވެ. ސަބަބަކީ ފްލެޓް ލިބޭ ފަރާތްތަކުގެ ނަންތައް ސިއްރުކުރާނަމަ އާއްމު ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދި ސަރުކާރާއި ދޭތެރޭ ރައްޔިތުންނަށް އޮންނަ އިތުބާރު ގެއްލިގެންދާނެކަމަވެ. އެހެންކަމަށްވާނަމަ މި ޕެރެގުރާފުގައި އެއް ޖުމުލަ އަނެއް ޖުމުލައާއި އެކުލެވިގެން ވެއެވެ. އެހެންކަމުން މިއީ އެމުނުމާއި އެކުލެވުން ހިމެނޭ ޖުމުލައެކެވެ.
މީގެއިތުރުން ސަން އޮންލައިގައި މުހައްމަދު ސިމާއު (2017) ލިޔުއްވާފައިވާ ލިޔުމުގައި ” ހައުސިން މިނިސްޓްރީން އާއްމުކުރި ފުލެޓް ލިބޭ މީހުންގެ ލިސްޓުގައި ކެޓަގަރީ އެކަކުން 500 މީހުންނަށް ފުލެޓް ލިބެއެވެ. ކެޓަގަރީ އެކެއްގައި ހިމެނޭ މީހުންނަކީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނެވެ. އަދި ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން ހިމެނޭ ކެޓަގަރީ ދޭކުން 161 މީހަކަށް ފުލެޓް ލިބެއެވެ.” މި ޕެރެގުރާފަށް ބަލާއިރު، މި އިބާރާތްކޮޅުގައިވެސް އެއް ޖުމުލަ އަނެއް ޖުމުލައާއި އެކުލެވުމެއް ވެއެވެ. ނަމަވެސް އެމުނުމެއް ނުވެއެވެ. އެކުލެވުމެއް ވުމޭ ބުނެވެނީ މި ޕެރެގުރާފުގެ ކޮންމެ ޖުމުލައެއްގައިވެސް އެއް ޖުމުލަ އަނެއް ޖުމުލައިގައި ބުނާ އެއްޗަކާއި ގުޅުމެއް ވުމުންނެވެ. އަދި ބުނާއެއްޗެއްގެ މާނަ ދޭހަވާތީއެވެ. އެހެން ނަމަވެސް މި ޖުމުލަތައް އެމުނުގައި އެހާ ރަނގަޅު ނޫންކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ ފުރަތަމަ ޖުމުލައިގައި ބުނާ ވާހަކައެއްގެ މާނައަށް އިތުރު ތަފްޞީލެއް ގެނެސްދިނުމަށް ދެވަނަ ޖުމުލަ އެއް ބޭނުންކޮށްފައި ވުމެވެ. އެހެން ނަމަވެސް ފުރަތަމަ ޖުމުލަ އައި ތިންވަނަ ޖުމުލަގައި ގުޅުމެއްވާކަން މި ޕެރެގުރާފުން ފާހަގަ ކުރެވެއެވެ. އެއީ މި ދެ ޖުމުލަވެސް ނިންމާފައި މިވަނީ ”’ ފުލެޓް ލިބެއެވެ” މިގޮތަށް އެއް ލަފުޒުތަކަކުންނެވެ.
އެކުލެވުން ރަނގަޅަށް ލިޔުމަށް ބައެއް ލިޔުންތެރިން ގެންގުޅޭ އުކުޅަކީ ، ޖުމުލައެއް ކިޔަމުންދާއިރު ކިޔުންތެރިޔާ ހިތާހިތާ ކުރާނެ ސުވާލާމެދު ފިކުރުކޮށް، އެ ސުވާލުތަކަށް ޖަވާބު ލިބޭގޮތަށް ޖުމުލަތައް އިބާރާތް ކުރުމެވެ. މިކަމަށްޓަކައި ކޮންމެ ލިޔުމެއް ލިޔާއިރު، ކިޔުންތެރިންނަކީ ކޮންބައެއްކަމާއި އެމީހުންގެ ބޭނުންތައް ފިކުރުގައި ބަހައްޓަން ޖެހެއެވެ. ކަންމިހެން ހުރިއިރު، ޖުމުލަތަކުގެ އެކުލެވުން ބިނާވެގެން ވަނީ ޖުމުލަތަކުގައިވާ ޚިޔާލު ތަރުތީބުކުރާ ގޮތެއްގެ މައްޗަށެވެ. މިސާލަކަށް؛ ފުރަތަމަ ލިޔުމުގެ ޕެރެގުރާފަކަށް ބަލާލާނަމެވެ. ” އޭނާ ބުނި ގޮތުގައި ފުލެޓް ލިބެނީ ކޮންބަޔަކަށް ކަން ނޭނގޭ ގޮތަށް ލިސްޓެއް ނެރުނީމާ ހުށަހެޅޭނީ އެންމެ ޝަކުވާއެކެވެ. އެއީ ފްލެޓް ނުލިބިއްޖެނަމަ ނުލިބުނު ކަމުގެ ޝަކުވާ އެކަންޏެވެ. ފުލެޓް ލިބޭނެ ކަމަށް އެ ލިސްޓްގައި އޮތް މަޢުލޫމާތަކާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ހުށައެއް ނޭޅޭނެއެވެ. އެެއީ އެ ލިސްޓުން މަޢުލޫމާތެއް ލިބެން ނެތީމަ އެވެ. ” މި ޕެރެގުރާފަށް ބަލާއިރު، މި ޕެރެގުރާފުގެ އެއް ޖުމުލަ އަނެއް ޖުމުލައާއި އެކުލެވުން ރަނގަޅުކަމަށް ފެނެއެވެ. ސަބަބަކީ ” އެންމެ ޝަކުވާއެކެވެ.” މި ލަފުޒުން ފުރަތަމަ ޖުމުލަ ނިންމާއިރު ދެވަނަ ޖުމުލައިގައި ފުރަތަމަ ޖުމުލައިގައި ބުނެފައި އޮތް ޝަކުވާގެ ވާހަކައަށް އިޝާރާތްކޮށް ޖުމުލަ ފަށާފައި އެބައޮތެވެ. ” އެއީ” މި ލަފުޒުން ފަށާފައި އޮތް އިރު ޖުމުލަ ނިންމާފައި ވަނީވެސް ” ޝަކުވާއެއް ހުށައެއް ނޭޅޭނެއެވެ” މިހެން ފުރަތަމަ ޖުމުލައިން ދޭހަވާ މާނައަށް އިތުރު ތަފްޞީލު ލިބޭނެ ގޮތަށެވެ. އަދި ތިންވަނަ ޖުމުލަ ނިންމާފައި މިވަނީ ”އެއީ” މި ލަފުޒުން ކުރިން ބުނެވިދިޔަ ޖުމުލައާއި ގުޅުވައިގެން އެއިން ދޭހަވާ މާނައާއި އެކުލެވިގެންނެވެ.
ޖުމުލަތައް އެމުނުމަކީ ، ކުރިން ބުނެވިދިޔަ ފަދައިން ، އެއް ޖުމުލަ އަނެއް ޖުމުލައާއި ގުޅުވާލުމެވެ. މިގޮތުން ކޮންމެ ޖުމުލައެއް އޭގެ ކުރިން އޮތް ޖުމުލައާއި ފަހުން އަންނަ ޖުމުލައާއި ކޮންމެވެސް ހަމައަކުން ގުޅެން ޖެހެއެވެ. މި ގުޅުން ގެންނާނެ އަދަބީ އުކުޅުތަކުގެތެރޭގައި ތަކުރާރުކުރުން ހިމެނެއެވެ. ތަކުރާރުކުރުމަކީ އެއް ޖުމުލަ އަނެއް ޖުމުލައާއި ގުޅުވަން އެންމެ ޢާއްމުކޮށް ބޭނުންކުރާ ހަމައެވެ. އެއީ ކުރީ ޖުމުލައިގެ ލަފުޒެއް ފަހު ޖުމުލައިގައި ހިމެނުމެވެ. މިސާލަކަށް: ދެވަނަ ލިޔުމުގައި ” އެގޮތުން އެކެޓަގަރީ އެކެއްގެ ފުލެޓަށް އެދި 7384 މީހަކު ފޯމު ހުށަހެޅިއެވެ. އަދި ކެޓަގަރީ ދޭކުން 8241 މީހުން ފުލެޓަށް އެދި ފޯމު ހުށަހެޅިއެވެ. ” މި ޖުމުލައިގައި ތަކުރާރުކޮށްފައި މިވަނީ ދެ ލަފުޒެވެ. ” ފޯމު ، ހުށަހެޅުން” މި ދެ ލަފުޒުވެސް ވަނީ ދެ ޖުމުލައިގައި ޖެހިޖެހިގެން ތަކުރާރުކޮށްފައެވެ. ދެވަނަ ލިޔުމަށްބަލާއިރު މި ލިޔުމުގައިވެސް ތަކުރާރުކޮށް އެއް ޕެރެގުރާފެއްގައި ޖުމުލަތައް ތަކުރާރުކޮށްފައި އެބަހުއްޓެވެ. މިސާލަކަށް؛ ”ފުލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރީ، އެ ލިސްޓާމެދު ވެސް ސުވާލު އުފެދޭ ގޮތަށެވެ. މީގެ ކުރީ ފަހަރުގައިވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓް ޢާއްމު ކުރަނީ، މީހުންގެ ނަންތަކާއި، އެޑްރެސްތަކާ އެކުގައެވެ. ” މި ޖުމުލައިގައިވެސް ދެ ލަފުޒު ތަކުރާރުކޮށްފައި އެބަހުއްޓެވެ. އެއީ ”ފުލެޓް، ލިބުން ” މި ދެ ލަފުޒެވެ.
ޖުމުލަ އެމުނުމުގައި ތަކުރާރުކުރުން ހިމަނާ ފުރަތަމަ ގޮތަކީ، ކުރީ ޖުމުލައިގައިވާ ލަފުޒަކާ އެއް މާނައެއް ދޭހަވާ މުރާދިފު ލަފުޒެއް ނުވަތަ އެ ލަފުޒަށް އިޝާރާތްކުރާ ލަފުޒެއް ބޭނުންކުރުންކަމަށް ޑރ. ހަސަން ހަމީދު (2017) ހާމަކުރައްވައެވެ. މިސާލަކަށް: ” މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް، އެގޮތަށްް ލިސްޓެއް ނެރުމުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކޮށްފައިވަނީ، ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. އަދި ފުލެޓް ލިބުނީ ކޮންބަޔަކަށް ކަން ނޭނގޭ ގޮތަށް ލިސްޓު ނެރުމުން، ބައެއްގެ ހައްގުތައް ރައްކާތެރި ވުމުގެ ބަދަލުގައި އެއަށް ވުރެ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުޞަތު ވަކިން ބޮޑެވެ. ” މި ދެ އިބާރާތުގެ މާނައަކީ އެކައްޗެކެވެ. ” ދެފުށް ފެންނަގޮތަަށް ނޫން ” މިސާލުކުރެއްވީ އެއްޗެއްގެ ދެކޮޅު ނުބަަލައި ނުވަތަ ކަމެއް އޮޅުވާލަން އުޅޭކަމުގެ މާނައިގައެވެ. އަދި ”’ ކޮންބައެއްކަމެއް ނޭނގެ” މި ޢިބާރާތުން ދޭހަވަނީ ކަމެއް ސިއްރުކުރަން އުޅޭކަމުގެ މާނައެވެ.
ދެވަނަ ގޮތަކީ ، ކުރީ ޖުމުލައިގައި ބޭނުންކޮށްފައިވާ ލަފުޒެއްގެ އިދި ލަފުޒެއް ބޭނުންކުރުމެވެ. މިސާލަކަށް؛ ފުރަތަމަ ލިޔުމުގައި ” ބައެއްގެ ހައްގުތައް ރައްކާތެރި ވުމުގެ ބަދަލުގައި ބައެއްގެ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުޞަތު ބޮޑުވެއެވެ. ދެވަނަ ލިޔުމުގައި ” ފުލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ފޯމް ނަންބަރު އެކަނި ހިމެނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.” މި ދެ ޖުމުލައަށް ބަލާއިރު ، އެއް ޖުމުލައިގައި ހައްގުތައް ރައްކާތެރިކުރާ ވާހަކަ ދައްކާއިރު ، އަނެއް ޖުމުލައިން އޭގެ އިދިކޮޅު މާނަ ދޭހަވެއެވެ. އެއީ ހައްގުތައް ގެއްލިގެންދާ ވާހަކައެވެ. އެހެނީ ސަރުކާރުން ދެކެނީ ރައްޔިތުންގެ ހައްޤުތައް ރައްކާތެރި ކުރެވޭނީ ފުލެޓް ލިބޭ ފަރާތްތަކުގެ ނަންތައް ސިއްރުކޮށްގެން ކަމަށްވާއިރު، އިދިކޮޅު ފަރާތްތަކުން ދެކެނީ ނަންތައް ސިއްރުކޮށްގެން ރައްޔިތުންގެ ހައްޤުތައް ރައްކާތެރި ނުކުރެވޭނެ ކަމަޭވެ. އަދި ނަންތައް ސިއްރުކޮށްފިނަމަ ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ އެއްވެސް އިންސާފެއް ނެތް ގޮތަށް ކަމަށްވެސް ރައްޔިތުން ދެކޭކަމަށް ދެވަނަ ލިޔުމުން ހާމަވެގެން ދެއެވެ.
ތިންވަނަ ގޮތަކީ ފާޓު ހަމަ ޖުމުލަ ބޭނުންކުރުުމެވެ. ފާޓު ހަމަ ޖުމުލައިން އިބާރާތްކުރުމުގައި މި މާނަކުރަނީ އެއް ފޭޑިއަކު ނުވަތަ ތަރުތީބަކަށް ޖުމުލައެއްގައި ލަފުޒުތައް އެތުރުމަށާއި، އެއް ފޭޑީއަކަށް ޖުމުލަތައް ތަކުރާރުކުރުމަށްކަމަށް ޑރ.ހަސަން ހަމީދު (2017) ހާމަކުރައްވައެވެ. މިސާލަކަށް؛ ފުލެޓް ލިބިފައި އެއޮތީ ދަރިއަކުވެސް ނެތް މީހަކަށް ކަން. އެގޮތަށް މީހުން ސިއްރުކޮށްފައި އިއުލާން ކުރީމާ، ނޭނގޭނެތާ ފްލެޓް ލިބުނު މީހަކީ ޝަރުތު ހަމަވާ މީހެއްކަންވެސް ނުވަތަ ނޫން ކަންވެސް. ނޫނީ އޭނާ އަށް ލިބުނީ ކިތައް ޕޮއިންޓް ކަމެއް ވެސް.” މިގޮތަށް މި ލަފުޒުތައް އެއް ހަމައަކަށް އަތުރާލާފައި ހުރުމުން ފާޓު ހަމަ ޖުމުލައޭ ބުނެވިދާނެއެވެ.
4..4- މުހިއްމު ކީ ލަފުޒުތައް ނުވަތަ މާނަ ސާފުކޮށްދިނުމަށް ބޭނުންކޮށްފައިވާ އުކުޅުތައް
މި ދެ ލިޔުމުގައިވާ މުހިންމު ކީ ލަފުޒުތައް ނުވަތަ މާނަ ސާފުކޮށްދިނުމަށް ބޭނުންކޮށްފައިވާ އުކުޅުތަކަށްބަލާއިރު، ފުރަތަމަ ލިޔުމުގައިވާ ” މިފަހަރު ފުލެޓްދޭން މި އުޅެނީ ކޮންބަޔަކަށް؟ ” މި ސުރުހީ އިން ވަރަށް ސާފުކޮށް ލިޔުންތެރިޔާ މި ލިޔުމުން ދޭހަކޮށްދޭން އުޅޭ އެއްޗެއް ހާމަވެއެވެ. އެހެނީ، މި ސުރުހީ ކިޔާލުމުން ދޭހަވާ މާނައަކީ ސަރުކާރުން ފުލެޓް ދޭން އުޅޭ ބައެއް ނޭގޭކަމެވެ. ހަމަ މިގޮތަށް ދެވަނަ ލިޔުމުގައި ” އެކަކަށް ދެ ފުލެޓެއް ނުދެވޭނެ، ފޯމް ނަންބަރު ޖެހީ ހައްގުތައް ރައްކާތެރިކުރަން: މިނިސްޓަރު” މި ސުރުހީ އިން ދޭހަވަނީ ސަރުކާރުން ރައްޔިތުންގެ މަސްލަހަތު ހިފަހައްޓަން މަސައްކަތް ކުރާކަމެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން އެތައް ބައެއްގެ ހައްގު ގެއްލިގެން ދާނެކަން ސަރުކާރަށް ނޭގޭކަންވެސް ކުރިޓިކަލް ވިސްނުމަކުން ވިސްނާލުމުން ވަރަށް ސާފުކޮށް ދޭހަވެގެން ދެއެވެ. އަދި ހަމަ މި ލިޔުމުގައި ” އެކަކަށް ދެ ފްލެޓެއް ނުދޭނެ’‘ މިހެން އޮތުމުން ސަރުކާރުގެ ވިސްނުން ހުރީ ފުލެޓަށް އެދި ފޯމު ލީ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ކޮންމެ މީހަކަށް ފުލެޓެއް ދޭ ގޮތަށްކަން ހާމަވެއެވެ. އަދި މިހެން އޮތުމުން މީގެ ކުރިން އެކަކަށް ދެ ފުލެޓް ލިބިފައިވާތީ، މި ގޮތަށް މި ލިޔުންކޮޅު ބޭނުންކޮށްފައި އޮތީކަމަށްވެސް ކްރިޓިކަލް ވިސްނުމަކުން ޖުމުލައިން ދޭހަވާ މާނައަށް ބެލުމުން ސާފުވެގެން ދެއެވެ. އަދި މިގޮތަށް ލިޔުމުގެ ސުރުހީގަ އާއި ލިޔުންގަނޑުގައި ބޭނުންކޮށްފައި ހުރުމުން ކިޔުންތެރިންގެ ސަމާލުކަން ލިޔުމަށް ލިބޭނެކަން ލިޔުންތެރިޔާއަށް ވިސްނުނީކަމަށް ބެލެވެއެވެ. އެހެންކަމަށްވާނަމަ، މިއީ ލިޔުމުގައި މާނަ ސާފުކޮށްދިނުމަށް ބޭނުންކޮށްފައިވާ އުކުޅެއްކަން ފާހަގަކުރެވެއެވެ. ދެވަނަ ލިޔުމަށް ބަލާއިރު ” އަޅުގަނޑު ފޯމް ހުށަހެޅިތާ ، މި މަހުގެ 18 ވަނަ ދުވަހަށް ތިން އަހަރު ވާނެއެވެ. އަދި ހަމަ ގައިމުވެސް އެ ބުނާ ތިން މަސްދުވަހެއް ނާދެއެވެ.” މިހެން މި ލިޔުމުގައި އޮތުމުން ރައްޔިތުން ބޭނުންވަނީ ގަވާއިދުތަކާއި އުޞޫލުތަކާއި ހަމަތަކުގެ މަތިން ފުލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުންކަން ހާމަވެގެން ދެއެވެ. ހަމަ އެހެންމެ ކޮންމެ ރައްޔިތަކީވެސް ގެދޮރު ބޭނުންވާނެ މީހެއްކަމާއި، ސަރުކާރުން ގެދޮރު ނުވަތަ ފުލެޓް ދޭއިރު ހަމަޖެހިފައިވާ އުޞޫލުގެ މަތިން ކުރިއަށް ގެންގޮސްދިނުމަށް ރައްޔިތުން ބޭނުންވާކަން އެނގެއެވެ. އެހެނީ، ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް މި ލިޔުންކޮޅުންވެސް ހާމަކޮށްދޭކަމީ މި ލިޔުން ލިޔެފައިވާ ފަރާތުގެ މައިގަނޑު ކީ ޕޮއިންޓެވެ.
4.5- ބަހުސް އުފައްދާފައިވާގޮތާއި، ބަހުސް އުފެއްދުމަށް ބޭނުންކޮށްފައިވާ އުކުޅުތައް
ބަހުސް އުފައްދާފައިވާ ގޮތާއި ބަހުސް އުފެއްދުމަށް ބޭނުންކޮށްފައިވާ އުކުޅުތަކަށްބަލާއިރު، ” މި ފަހަރު ފުލެޓް ދޭން އުޅެނީ ކޮންބަޔަކަށް؟” މި ސުރުހީގެ ދަށުން ލިޔެފައިވާ މި ލިޔުމުގައި ބަހުސް އުފައްދާފައި މިވަނީ ހަތަރުވަނަ ޕެރެގުރާފުގައެވެ. ” ހަމަގައިމުވެސް ފޯމު ހުށަހެޅި ބައެއް މީހުން ދިރިއުޅޭ ތަންތަން ސާވޭ ކުރުމަށް އެ މިނިސްޓްރީން ނުދެއެވެ. އެހެންކަމަށްވާނަމަ، ފްލެޓް ދޭން ސަރުކާރުން އެ ނިންމީ ކޮން ގޮތަކުން ބަލައި ދިރާސާކޮށްފައިތޯ ސުވާލު އުފެދެއެވެ. ” މި ޕެރެގުރާފުގައި ބަހުސް އުފެއްދުމަށް ބޭނުންކޮށްފައިވާ އުކުޅަކީ ” ކޮން ގޮތަކުން ބަލައި ދިރާސާ ކޮށްފައިތޯ ސުވާލު އުފެދެއެވެ. ” މިހެން ބުނެ ސުވާލު އުފައްދައިގެންނެވެ. އަދި މިކަމާއި ގުޅިގެން ރައްޔިތުންގެ ބަސް މި ލިޔުމުގައި ހިމަނާފައިވެއެވެ. ” މިހާރު ވާ ގޮތަކީ އެކަކު އަނެކަކު ދަންނާނެ. ނަން ޖެހީމާ އެނގޭނީ އެއީ މިވެނި މީހަކުކަން.” މިގޮތަށް ބަހުސް އުފައްދައި ރައްޔިތުންގެ ބަސް ހިމަނައި ބަހުސް ކުރިއަށް ގެންގޮސްފައިވުމުން މި ލިޔުމުގައި ބަހުސް އުފެއްދުމަށް ބޭނުންކޮށްފައިވާ އުކުޅުތަކަކީ ރައްޔިތުން މިކަމާމެދު ދެކޭގޮތާއި، ރައްޔިތުންގެ ޝަކުވާތައް ކަން ހާމަވެއެވެ.
” އެކަކަށް ދެ ފުލެޓެއް ނުދެވޭނެ، ފޯމު ނަންބަރު ޖެހީ ހައްޤުތައް ރައްކާތެރިކުރުމަށް. މިނިސްޓަރު” މި ލިޔުމަށް ބަލާއިރު، މި ލިޔުމުގެ ތިންވަނަ ޕެރެގުރާފުގައި ”ހައުސިން މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކުރި އެ ލިސްޓުގައިވާ ގޮތުން ކެޓަގަރީ އެކެއް އަދި ދޭއްގެ 661 މީހުންނަށް ފްލެޓް ލިބޭއިރު އެ އެންމެންގެ ވެސް އާއްމުކޮށްފައިވަނީ ފޯމް ނަންބަރު އެކަންޏެވެ.” މިހެން އޮތުމުން މިލިޔުމުންވެސް ލިޔުންތެރިޔާގެ ކަންބޮޑުވުން ހާމަވެގެން ދެއެވެ. މި ގޮތަށް ބަހުސް އުފެއްދުމަށްފަހު ޖެހިގެން އޮތް ޕެރެގުރާފުގައި ” އެކަމާ ގުޅިގެން ބައެއް މީހުން ވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓް އާއްމުކުރުން ލަސްވި ސަބަބާމެދު ސުވާލު އުފައްދާ އެއީ ވަކި ބަޔަކަށް ދޭން ކުރަމުން އަންނަ ކަމެއް ކަމަށް ބުނެފައެވެ” މިހެން އޮތުމުން މިއީ ލިޔުންތެރިޔާ މިނިސްޓަރު ވިދާޅުވި އެއްޗަކާއިމެދު އާއްމުންގެ ތެރޭގައި ބަހުސް އުފެއްދުމަށް ބޭނުންކޮށްފައިވާ އުކުޅެއްކަން ހާމަވެއެވެ. މި ލިޔުމުގައި މިހެން ނުބުނެ ހަމައެކަނި ސަރުކާރުން ބުނާ އެއްޗަކަށް ބާރު ދީފައި އޮތްނަމަ މި ބަހުސް ކުރިއަކަށް ނުދާނެއެވެ.
4.6- އައިޑިއޮލޮޖިކަލް ބަޔާން
އައިޑިއޮލޮޖިކަލް އަކީ ލިޔުންތެރިޔާ ޤަބޫލުކުރާ ގަބޫލުކުރުންތަކެވެ. މިގޮތުން ” މި ފަހަރު ފުލެޓްދޭން މި އުޅެނީ ކޮންބަޔަކަށް؟” މި ލިޔުމުން ފެންނަން ހުރި ޤާބޫލުކުރުންތަކަށް ބަލާއިރު ” ނަމަވެސް މިފަހަރު އާއްމު ކުރި ލިސްޓުގައި އެފަދަ އެއްވެސް މަޢުލޫމާތެއް ހިމެނުމުގެ ބަދަލުގައި އާއްމުކުރީ ، އެ މީހުން ހުށަހެޅި ފޯމް ނަންބަރެވެ.” މިފަދަ ޖުމުލަތައް ހުރުމުން ލިޔުންތެރިޔާ ޤަބޫލުކުރާ ގޮތުގައި ފުލެޓް ލިބޭ މީހުންގެ ނަންތައް އާއްމު ކުރާއިރު އެ މީހުންގެ ނަންނަތައް އާއްމުކުރަން ޖެހޭނެކަމަށް ލިޔުންތެރިޔާ ޤަބޫލުކުރެއެވެ. ސަބަބަކީ ފުލެޓަށް އެދި ފޯމް ހުށަހެލި ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކުރެވޭނީ އޭރުންކަމަށް ލިޔުންތެރިޔާ ޤަބޫލުކުރާތީއެވެ. ނަމަވެސް ދެވަނަ ލިޔުމުގައި ” މިިިނިސްޓަރު މުއިއްޒު މިރޭ ކުރި ޓްއިޓްގައި ވިދާޅުވީ ، އެކަކަށް ދެ ފުލެޓެއް ނުދޭނެ ކަމަށާއި، އާޢްމު ކުރި ލިސްޓްގައި ފޯމް ނަންބަރު އެކަނި ހިމެނީ ފްލެޓް ލިބޭ މީހުންގެ އަދި ނުލިބޭ މީހުންގެވެސް ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގޮތުންކަމަށެވެ.” މިހެން މިނިސްޓަރު ވިދާޅުވި ބަސްފުޅު ލިޔުންތެރިޔާ މިގޮތަށް ހިމަނާފައި މިވަނީ ސަރުކާރުން ނިންމާ ނިންމުންތަކަކީ އެ ލިޔުންތެރިޔާ ބަލައިގަންނަ ޤަބޫލު ކުރެވޭ ކަމެއްގެ ގޮތުގައި ނުދެކުނަސް އެކަމާ ދެކޮޅަށް މާބޮޑު ހިޔާލެއް ފާޅުކުރަން ބޭނުން ނުވާކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް ބައެއް މީހުން އުފައްދާފައިވާ ސުވާލުތަކެއްކަމަށް ބުނެ އިސްވެ ދެންނެވިހެން ބައެއް ލިޔުންތައް ހިމަނާފައި އެ ހުރީ މިކަމުގައި ރައްޔިތުންގެ ޝަކުވާތަކެއްވެސް ހުރިކަމަށް ޤަބޫލުކުރެވިގެންކަން ހާމަވެއެވެ.
4.7- ފާހަގަކުރެވޭ އެހެނިހެން ކަންކަން
މި ދެލިޔުމަށް ބަލާއިރު ދެވަނަ ލިޔުމުގައި ޖުމުލަތަކުން ދޭހަވާ މާނަ ތިލަކޮށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ފުރަތަމަ ލިޔުމުގައި ތަންކޮޅެއް ފުން މާނަތައް އެކުލެވޭ ޖުމުލަތައް ހުރިކަން ފާހަގަކުރެވެއެވެ. މިސާލަކަށް؛ ” ފުލެޓަށް އެދި ފޯމު ހުށަހެޅުމުން އެތައް ހާސް ބަޔަކު ނިދި ނަގާލާފައި، 2014 ވަނަ އަހަރު ހައުސިން މިނިސްޓްރީ ދޮށުގައި ކިޔޫޖެހިގެން ތިބި މަންޒަރު މިހާރުވެސް ހަނދާނަށް އާދެއެވެ. ” ފުލެޓް ލިބޭ މީހުން އެ މިިނިސްޓްރީން އެ ކަނޑައެޅި ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފޯމްތައް ބަލައި އިޖުރާއާތުތައް ފުރިހަމަކޮށްފައި ނޫން ކަން ކަށަވަރެވެ. ” އަހަރެމެން މިހެން ތަޅުވަތަޅުވާފަ ފްލެޓް ނުދީ އެހެން ބަޔަކަށް ފްލެޓް ދޭން އަނެއްކާ އެ އިއުލަން ކުރީ. ” މި ތިން ޖުމުލައަށް ބަލާއިރު، ފުރަތަމަ ޖުމުލައިން ދޭހަވާ މާނައަކީ އެތައް ހާސް ބަޔަކު ފުލެޓެއް ހޯދުމަށްޓަކައި ވާ ޤުރުބާނީ އެވެ. އެމީހުންގެ ޖަޒުބާތުތަކާއި އެކަމަށްޓަކައި އެ މީހުން ކުރި ފޮނި އުއްމީދެވެ. އެތައްރޭގެ ނިދި ނަގާލާފައި ބޯހިޔާވަހިކަން ހޯދުމަށް އެދޭ މިންވަރެވެ. ދެ ވަނަ ޖުމުލައަށްބަލާއިރު، މި ޖުމުލައިން ދޭހަވަނީ ހައުސިން މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމު ކޮށްފައިވަނީ ފުލެޓަށް ހުށަހެޅި ފޯމުތައް ބަލަންވީ މިންވަރަށް ނުބަލާ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަން ކަށަވަރުކަމެވެ. އަދި ތިންވަނަ ޖުމުލައިގައި އެ ވާ ތެޅުވުން މާނަކޮށްފައި އެވަނީ ”ރައްޔިތުންނަށް އެތައް ތަކުލީފެއް ޖެއްސުން” މި މާނައިގައެވެ. އެހެންކަމުން މި ޖުމުލައިން ދޭހަވަނީ ފުލެޓް ހޯދުމަށް ރައްޔިތުންނަށް އެތައް ތަކުލީފެއް ޖެއްސުމަށްފަހުވެސް ފުލެޓް ނުދީ އެހެން ބަޔަކަށް ފުލެޓް ދޭން ސަރުކާރުން އިއުލާން ކުރިކަމެވެ. މި ހުރިހާ ޖުމުލަތަކަށް ބެލިކަމުގައި ވީނަމަވެސް ލިޔުންތެރިޔާގެ ފިކުރު ހުރީ ރައްޔިތުން އެދޭގޮތަށް ސަރުކާރަށް މިކަންކަމުގެ ޕްރެޝަރު ކުރުންކަމަށް ޖުމުލަތަކުން ދޭހަވާ މާނައިންވެސް ސާބިތުވެއެވެ.
ޖުމުލަތަކުން ދޭހަވާ މާނައިގެ އިތުރުން ލިޔުމުގެ ބަސްކޮށާރު ހުރިގޮތަށްވެސް ބަލާލަން ޖެހެއެވެ. މިގޮތުން ފުރަތަމަ ލިޔުމުގެ ބަސްކޮށާރަށް ބަލާލާއިރު، ލިޔުންތެރިޔާގެ ލިޔުން ބައްޓަންކޮށްފައި މުޅިންވެސް ހުރީ ސަރުކާރުން އާއްމުކޮށްފައިވާ ފުލެޓް ލިސްޓާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަން ބޭނުންކޮށްފައިވާ ތަންކޮޅެއް ފުންމާނަތައް އެކުލެވޭ، އޭގައި މުޖުތަމައު ބަލައިގަންނަފަދަ ބަސް މަގެކެވެ. ރައްޔިތުންގެ ޖަޒުބާތުތަކާއި ކުޅެލާފަދަ ބަސްތައް ބޭނުންކޮށްފައި ވެއެވެ. މިސާލަކަށް؛ ” އޭގެ ބަދަލުގައި، ފްލެޓް ލިބެނީ ކޮން ބަޔަކަށް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމް ނަންބަރު ޖަހާފައި ލިސްޓް ނެރުމުން، ހަމަހަމަކަމާއި އަދުވެރިކަމަށް ވުރެ ބޮޑަށް މަގު ފަހިވެގެން އެ ދަނީ، ނާޖާއިޒު ކަންކަމާއި ކޮރަޕްޝަނާއި ފަސާދަ އެވެ.” މި ޖުމުލައަށް ބަލާއިރު، ”ނާޖާއިޒު ކަންކަމާއި ކޮރަޕްޝަނާއި ފަސާދަ” މިހެން އިބާރާތްކޮށްފައި އޮތުމުން ރައްޔިތުންގެ ހިތުގައި ސަރުކާރާއި ދޭތެރޭ ނަފްރަތު އުފެދޭނެކަން މި ބަސްކޮށާރުން ހާމަވެއެވެ. އަދި ސަރުކާރުން ކުރާކަންކަން ބަލައިގަންނަން މި ލިޔުން ކިޔާ މީހަކަށްވެސް އުދަގޫ ތަކެއް ކުރިމަތިވާނެ ގޮތަކަށް ބައެއް ޢިބާރާތްތައް ހުރިކަން ފާހަގަ ކުރެއެވެ. މިސާލަކަށް: ” ތަޅުވަތަޅުވާފަ”، އާދޭސް ކުރާ މީހުން” ފަދަ އިބާރަތްތައް ހުރިކަން ފާހަގަކުރެވެއެވެ. އަދި ދެވަނަ ލިޔުމުގައި ”ފޯމް ނަންބަރު ނުޖެހީ ހައްޤުތައް ރައްކާތެރިކުރަން” ފަދަ ސަރުކާރުން ބުނާ ބަހަކީ އެއްމެ ފަހުބަސްކަން ދޭހަވާ ފަދަ ބަސްކޮށާރުތަކުން އިބާރާތްތައް ގެނެސްފައި ހުރުމުން ރައްޔިތުން އެދޭ ގޮތަށް ހުރިހާކަމެއް ނުހިނގާނެކަން ސާފުކޮށް ބުނެފައިވާކަން މި ލިޔުމުން ހާމަވެގެން ދެއެވެ. އަދި ”އެކަކަށް ދެ ފުލެޓެއް ނުދޭނެ، ފޯމް ނަންބަރު ޖެހީ ހައްގުތައް ރައްކާތެރި ކުރަން” މިހެން އޮތުމުން މި ލިޔުމުގައި އޮވެފައި ލިޔުން ކިޔާލުމުން ފޯމް ގައި ނަންބަރު ޖެހުމުން ހައްޤުތައް ރައްކާތެރިވޭތޯ މިއީ އުފެދޭ ސުވާލެކެވެ. ސަބަބަކީ ލިޔުމުގައި މިހެން އޮތުމުން މިއިން ދޭހަކޮށްދެނީ ސަރުކާރުގެ ކަންކަން ލިޔުންތެރިޔާ ފޮރުވަން މަސައްކަތްކޮށްފައިވާ މިންވަރެވެ.
އެހެންކަމުން އިސްވެދިޔަ ޖުމުލަތަކަށް ބަލާއިރު، މި ދެ ލިޔުމުގެ ތެރެއިން ފުރަތަމަ ލިޔުމުން ހާމަވެގެންދަނީ ފުލެޓް ލިބުނު މީހުންގެ ލިސްޓުގައި ފޯމް ނަންބަރު ހަމައެކަނި ޖެހުމުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމާއި، އެކަމުގައި ކޮރަޕްޝަނާއި ފަސާދައަށް މަޤުފަހިވާނެ ކަންކަތައްތައް އެކުލެވިގެން ވާނެކަމެވެ. އަދި ރައްޔިތުންގެ ހައްޤުތައް ރައްކާތެރި ނުކުރެވޭނެކަންވެސް ހާމަވެގެން ދެއެވެ. ދެވަނަ ލިޔުމަށް ބަލާއިރު، މި ލިޔުމުގައި ބޮޑަށް ހާމަކޮށްފައިވަނީ ފުލެޓް ލިބުނު ފަރާތްތަކުގެ ނަން އާއްމު ނުކުރީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަން ކަމަށް ކަމެވެ. ނަމަވެސް މި ލިޔުން ކިޔާލުމުން ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވޭނީ ފޯމް ނަންބަރު އާއްމުކޮށްގެންކަން ސަރުކާރުން ބުނަމުން ދަނީ ކަންކަން ސިއްރުކުރަން ކަމަށް ވެދާނެކަމަށް ލިޔުންތެރިޔާ ހާމަކޮށްފައި ނުވި ނަމަވެސް ލިޔުންތެރިޔާގެ ހިތުގައި މިކަން ވަންހަނާކޮށްފައިވާކަން ފާހަގަ ކުރެވުނެވެ. އަދި މި ލިޔުމަކީ ލިޔުންތެރިޔާއަށް ސަރުކާރުން ޕްރެޝަރެއް އަތުވެދާނެކަމަށް އެ ވާހަކަތައް އެގޮތަށް ނުގެނައީކަމަށްވެސް ބެލެވިދާނެއެވެ.
މީގެއިތުރުން މި ދެ ލިޔުމުގެ ތީމަށާއި ރީމަށް ބަލާލާނަމެވެ. ތީމަކީ ޖުމުލައިގެ އިބާރާތުގެ އިސްބައެކެވެ. ނުވަތަ އިބާރާތުގައި ދެކެވޭ ވާހަކައިގެ މައިގަނޑެވެ. ރީމަކީ ޖުމުލައިގެ އިބާރާތުގެ ޚަބަރެވެ. މިގޮތުން ފުރަތަމަ ލިޔުމަށް ބަލާއިރު، ”މިހާރު ވާގޮތަކީ އެކަކު އަނެކަކު ދަންނާނެ” މި ޖުމުލައިގައި ތީމަކީ ” މިހާރު ވާގޮތް ” އެއިން ލިބޭ ޚަބަރަކީ ”އެކަކު އަނެކަކު ދަތުން” އެހެން ކަމުން މި ލިބުނު ޚަބަރަކީ ރީމްއެވެ. މީގެ އިތުރުން މި ލިޔުމުގައި ފާހަގަކޮށްލެވޭ އެހެން ޖުމުލަތަކަކަށް ބަލާލާނަމެވެ. ” އެމީހުންގެ މުސާރަ ޖަމާއެއް ނުކުރާނެ ބޭންކަކަށް. އެހެންވީމާ ބޭންުކުތަކުން ނުބަލާ އެއީ އާމްދަނީ ލިބޭ މީހުންގެ ގޮތުގައެއް” މި ދެ ޖުމުލައަށް ބަލާއިރު” ފުރަތަމަ ޖުމުލަ ފަރާށާފައި މިވަނީ ތީމަކުންނެވެ. ” އެމީހުންގެ މުސާރަ ”މިއީ ޖުމުލައިގެ ތީމެވެ. މި ޖުމުލައިގެ ރީމަކީ”’ ބޭންކަށް ޖަމާނުކުން” މިއެވެ. ނަމަވެސް ދެވަނަ ޖުމުލައިގެ ތީމް ގުޅުވާފައި މިވަނީ ފުރަތަމަ ޖުމުލައިގެ ރީމް އާއެވެ. އެއީ ދެ ވަނަ ޖުމުލައިގެ ތީމަކީ ފުރަތަމަ ޖުމްލަ ނިންމާފައިވާ ބޭންކުގެ ވާހަކައިގެން ފެށުުން ގެނައުމެވެ.
ޖުމުލައިގެ ތީމްގެ ވާހަކަ ދައްކާއިރު ޖުމުލައިގެ ކަންކުރާ އާއި ރައްދުވާގެ ވާހަކަވެސް ކޮންމެވެސް މިންވަރަކަށް ދައްކާލަން އެބަ ޖެހެއެވެ. މިސާލަކަށް؛ ދެވަނަ ލިޔުމުގައި ” މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަކަށް ދެ ފުލެޓެއް ނުދެވޭނެ ކަމަށެވެ”. މި ޖުމުލައަށް ބަލާއިރު ޖުމުލައިގައި ކަންކުރި ފަރާތަކީ މިނިސްޓަރު މުއިއްޒެވެ. އޭނާ ކުރި ކަމަކީ ޓްވިޓެއް މެދުވެރިކޮށްގެން ރައްޔިތުންނަށް މަޢުލޫމާތު ހާމަކުރުމެވެ. މި ޖުމުލައިގައި ރައްދުވާ ފަރާތަކީ ”އެކަކަށް ދެ ފުލެޓެއް ނުދެވޭނެ” މިހެން ޢިބާރާތްކޮޅު އޮތުމުން ރައްޔިތުންނަށްކަން މި ޢިބާރާތުން ދޭހަވެއެވެ. ސަބަބަކީ މުއިއްޒު ކުރެއްވި ޓްވީޓަކީ ހުރިހާ ރައްޔިތުންނަށް ކުރެއްވި ޓްވިޓެކެވެ. އެހެނީ މި ޖުމުލައިގައި ރައްދުވާ ފަރާތަކީ ރައްޔިތުންނޭ ބުނެވެނީ އެއީ ރައްޔިތުންގެ ތެރެއިން އެކަކަށް ދެ ފުލެޓެއް ނުދެވޭނެ ކަމަށް މިނިސްޓަރު މުއިއްޒު ސަރުކާރުގެ ފަރާތުން ވިދާޅުވެފައިވާތީއެވެ. ފުރަތަމަ ލިޔުމުގައިވާ ޖުމުލައަކަށް ބަލާލާނަމެވެ. މިސާލަކަށް: ” އިއްޔެ ހައުސިން މިނިސްޓްރީން އެވަނީ، އެ ބުރުގައި ފޯމު ލި މީހުންގެ ތެރެއިން ފްލެޓް ލިބޭ 661 މީހުންގެ ލިސްޓް އާއްމުކޮށްފައެވެ” މި ޖުމުލައަށް ބަލާއިރު، މި ޖުމުލައިގައިވެސް ކަންކުރި ފަރާތަކީ ހައިސިން މިނިސްޓްރީ އެވެ. ކަން ރައްދުވާ ފަރަތަކީ ފުލެޓް ލިބޭ 661 މީހުންގެ ލިސްޓަށެވެ. އެހެންކަމަށްވާނަމަ މި ދެލިޔުމުގައިވެސް ކަންކުރަ ފަރާތާއި ރައްދުވާ ފަރާތް ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ.
މި ދިރާސާކުރުމަށް ނެގުނު ލިޔުންތައް ބޭނުންކޮށްގެން ކުރެވުނު ކްރިޓިކަލް ޑިސްކޯސް އެނަލިސިސް އިން ، ޖުމުލަތައް އެކުލެވިފައިވާ ގޮތާއި، ޖުމުލަތައް އަމުނާފައިވާގޮތާއި، މާނަ ސާފުކޮށްދިނުމަށް ބޭނުންކޮށްފައިވާ އުކުޅުތައް އެގި ހާމަވެގެން ހިނގައްޖެއެވެ. އަދި ބަހުސް އުފައްދާފައިވާ ގޮތާއި ބަހުސް އުފެއްދުމަށް ބޭނުންކޮށްފައިވާ އުކުޅުތައް ކުރިޓިކަލް ވިސްނުމަކުން އެގިގެން ދިޔައިރު، ލިޔުންތެރިޔާގެ ޤާބޫލުކުރުންތައް ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެއެވެ.
އެހެންކަމުން މި ދިރާސާއިން ހާމަވެގެން ދިޔައީ އެއް ލިޔުމުގައި ފުލެޓް ފޯމްގައި ނަން ނުޖަހައި ހުރުމުން ސަރުކާރަށް ޕްރެޝަރު ކުރާގޮތަށް ލިޔުންތެރިޔާގެ ޢިބާރާތްކުރުންތައް ގެނެސްފައިވާއިރު، އަނެއް ލިޔުމުގައި ސަރުކާރަށް ޕްރެޝަރު ކުރުމުގެ ބަދަލުގައި ސަރުކާރުން ބުނާ ބަހެއް އަކުރުން އަކުރަށް ލިޔެ ، ރައްޔިތުންގެ އާދޭސްތައް ހާމަކުރުމުގެ ބަދަލުގައި އެކަންކަން ކުޑަ މިންވަރަކަށް ބަޔާންކޮށް ފައި ހުރިކަމެވެ. އަދި އެ ލިޔުމުގައި ސަރުކާރާއި އިދިކޮޅަށް ކަންކަން ބަޔާންކުރަން ދަތިވާ ފަދަ ގޮތަކަށް އިބާރާތްކުރުންތައް ގެނެސްފައި ހުރިކަން ފާހަގަކުރެވުނެވެ.
- ރިފަރެންސް
އަޙްމަދު އަބްދުﷲ ސައީދު. (2017، ސެޕްޓެމްބަރ 12). މިފަހަރު ފުލެޓް ދޭން މިއުޅެނީ ކޮންބަޔަކަށް؟ މިހާރު. ނެގީ: https://mihaaru.com/report/23591 ން.
ވަން ޑިޖިކް .(1995). އެއިމްސް އޮފް ކްރިޓިކަލް ޑިސްކޯސް އެނެލިސިސް، ޖަޕަނިސް ޑިސްކޯސް ވޮލިއުމް 1. ނެގީ: https://www.scribd.com/document/337689697/Aims-of-Critical-Discourse-Analysis-Van-Dijk-1995 ން.
މުޙައްމަދު ސިމާއު. ( 2017، ސެޕްޓެމްބަރ 12). އެކަކަށް ދެ ފުލެޓެއް ނުދެވޭނެ، ނަންބަރު ޖެހީ ހައްގުތައް ރައްކާތެރިކުރުމަށް. ސަން . ނެގީ: https://sun.mv/94477 ން.
މެލްކަމް ކުލްތާޑް.(1985). އެން އިންޓްރޮޑަކްޝަން ޓު ޑިސްކޯސް އެނަލައިސިސް. ސިންގަޕޯރ: ޕީޗަން އެޑިޔުކޭޝަން އޭޝިއާ ޕްރައިވެޓް ލިމިޓެޑް.
ގައި ކުކް .(1995). ޑިސްކޯސް އެނެލިސިސް: އޮކްފޯޑް ޔުނިވަރސިޓީ ޕްރެސް.
ޖޭމްސް ޕައުލް ގީ. (2003). ޑިސްކޯސް އެނެލިސިސް. ތިއަރީ އެންޑް މެތަޑް: ރޫޓްލެޖް.
ޖިލިއަން ބްރައުން އެންޑް ޖޯޖް ޔޫލް. (2001). ޑިސްކޯސް އެނެލިސިސް. ޔޫކޭ: ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ސަންޑަލެންޑް، ޖެން .(2004). ޖެނެރަލް ޑިސްކޯސް. ބަސިންގ ޓޯކްސް އެންޑް އެން، ވައި. ނެގީ: http://ojs.ub.gu.se/ojs/index.php/njes/article/viewFile/658/609 ން.
ޝިޕްރިން، ޓެނަން، ހެމިލްޓަން. (2001). ދަ ހޭންޑް ބުކް އޮފް ޑިސްކޯސް އެނެލިސިސް: ބްލެކްވެލް ޕަބްލިޝިންގ ލިމިޓެޑް.
- އެޕެންޑިކްސް
ޖަދުވަލު: 01
މި ފަހަރު ފްލެޓް ދޭން މި އުޅެނީ ކޮން ބަޔަކަށް؟
11 ސެޕްޓެމްބަރ 2017
ލިޔުނީ: އަޙްމަދު އަބްދުﷲ ސައީދު
ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް އެތައް ހާސް ބަޔަކު ނިދި ނަގާލާފައި، 2014 ވަނަ އަހަރު ހައުސިން މިނިސްޓްރީ ދޮށުގައި ކިޔޫޖެހިގެން ތިބި މަންޒަރު މިހާރު ވެސް ހަނދާނަށް އާދެ އެވެ. ސަރުކާރުގެ ރަސްމީ ގަޑީގައި ފޯމު ހުށަހެޅުމަށް އެއް ބަޔަކު ކިޔޫގައި ޖެހުނީ ކުރީ ރޭގެ މެންދަމެއްހާ އިރެވެ.
އަޅުގަނޑު ވެސް ފޯމު ހުށަހެޅީ، މާލެ އިން އެކަކަށް ވެސް ފްލެޓެއް ލިބޭނެ ނަމަ އަޅުގަނޑު ވެސް އޭގެ ތެރޭގައި ލައްވާލާނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. ކުޑަ ނަމަވެސް އުންމީދެއް ލިބުނީ، އޭރު ދިރިއުޅެމުން އައި ތަނުގެ ހާލަތު ސާވޭ ކުރުމަށް އެ މިނިސްޓްރީގެ ޓީމެއް ތިން މަސްދުވަސް ތެރޭގައި އަޅުގަނޑުމެން ދިރިއުޅޭ ތަނަށް އަންނާނެ ކަމަށް، ފޯމު ލީތާ މާ ގިނަ ދުވަހެއް ނުވެ އެ މިނިސްޓްރީން އަޅުގަނޑަށް ގުޅާފައި ބުނުމުންނެވެ.
އަޅުގަނޑު ފޯމު ހުށަހެޅިތާ، މި މަހުގެ 18 ވަނަ ދުވަހަށް ތިން އަހަރު ވާނެ އެވެ. އަދި ހަމަ ގައިމު ވެސް އެ ބުނާ ތިން މަސްދުވަހެއް ނާދެ އެވެ. އަޅުގަނޑު ހުށަހެޅި ފޯމު ވީ އެ މިނިސްޓްރީގެ ކޮން ތަނެއްގައި ކަމެއް، އެ މީހުން ސާވޭ ކުރަން ދިޔައީ ކޮން ތަނަކަށް ކަމެއް ވެސް ނޭނގެ އެވެ.
ނަމަވެސް އިއްޔެ ހައުސިން މިނިސްޓްރީން އެވަނީ، އެ ބުރުގައި ފޯމު ލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ 661 މީހުންގެ ލިސްޓު އާންމު ކޮށްފަ އެވެ. އެހެންކަމުން، ފްލެޓް ލިބޭ މީހުން މިނިސްޓްރީން އެ ކަނޑައެޅީ ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފޯމުތައް ބަލައި އިޖުރާއާތުތައް ފުރިހަމަކޮށްފައި ނޫން ކަން ކަށަވަރެވެ.
ހަމަ ގައިމު ވެސް ފޯމު ހުށަހެޅި ބައެއް މީހުން ދިރިއުޅޭ ތަންތަން ސާވޭ ކުރުމަށް އެ މިނިސްޓްރީން ނުދެ އެވެ. އެހެން ކަމަށްވާ ނަމަ، ފްލެޓް ދޭން ސަރުކާރުން އެ ނިންމީ ކޮން ގޮތަކުން ބަލައި ދިރާސާކޮށްފައިތޯ ސުވާލު އުފެދެ އެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރީ، އެ ލިސްޓާ މެދު ވެސް ސުވާލު އުފެދޭ ގޮތަށެވެ. މީގެ ކުރީ ފަހަރުތަކުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ކުރަނީ، މީހުންގެ ނަންތަކާއި އެޑްރެސްތަކާ އެކުގަ އެވެ. ނަމަވެސް މި ފަހަރު އާންމު ކުރި ލިސްޓުގައި އެފަދަ އެއްވެސް މައުލޫމާތެއް ހިމެނުމުގެ ބަދަލުގައި އާންމު ކުރީ، އެ މީހުން ހުށަހެޅި ފޯމްގެ ނަންބަރު އެކަންޏެވެ.
އެހެންވީމާ، މި ފަހަރު ފްލެޓް ދޭން މި އުޅެނީ ކޮން ބަޔަކަށްތޯ ސުވާލު އުފެދެ އެވެ.
“މިހާރު ވާ ގޮތަކީ އެކަކު އަނެކަކު ދަންނާނެ. ނަން ޖެހީމާ އެނގޭނެ އެއީ މިވެނި މީހަކު ކަން. އެހެންވެ އެއީ، ފްލެޓް ލިބޭ މީހުން ސިއްރު ކުރަން ކުރި ކަމެއް. ނަން ޖެހީމާ އަޅުގަނޑަށް އެނގޭނެތާ، ތިން ކުދިންނާ އަންބަކު ގޮވައިގެން އެއް ކޮޓަރީގައި ދިރިއުޅޭ އަޅުގަނޑަށް ފްލެޓް ނުލިބުނު އިރު، ފްލެޓް ލިބިފައި އެ އޮތީ ދަރިއަކު ވެސް ނެތް މީހަކަށް ކަން. އެ ގޮތަށް މީހުން ސިއްރުކޮށްފައި އިއުލާން ކުރީމާ، ނޭނގޭނެތާ ފްލެޓް ލިބުނު މީހަކީ ޝަރުތު ހަމަވާ މީހެއް ކަން ވެސް ނުވަތަ ނޫން ކަން ވެސް. ނޫނީ އޭނާ އަށް ލިބުނީ ކިތައް ޕޮއިންޓު ކަމެއް ވެސް،” ފްލެޓަށް ފޯމް ހުށަހަޅައި ލިސްޓުގައި ނުހިމެނުނު މީހަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަމާއި އެ މީހުންނަށް ލިބުނު ޕޮއިންޓް އެނގެން އޮންނަން ވާނެ އެވެ. އެހެން ނޫން ނަމަ، ލިސްޓަށް ޝަކުވާ ހުށަހަޅާށޭ ބުންޏަސް ޝަކުވާ ހުށަހެޅޭނެ ގޮތެއް ނޯންނާނެ އެވެ.
“އަޅުގަނޑަށް ޔަގީން ސަރުކާރުން ކޮންމެވެސް ކަންތައްތަކެއް އެބަ ސިއްރު ކުރޭ. ސިއްރު ނުކުރާ ނަމަ، ނަމާއި އެޑްރެސްތަކާ އެކީގައި އިއުލާން ކުރަންވީ. އޭރުން އެނގޭނެ މިއީ އިންސާފުން ކުރި ކަމެއް ކަން. އަޅުގަނޑަށް ޝައްކު އެ މީހުން އެކަން ކޮށްފައި އެ އޮތީ ރަނގަޅަށް ނޫން ކަން. މިހާރު ނޭނގޭނެ އެ ލިސްޓުގައި އެތިބަ މީހުންނަކީ ފްލެޓް ހައްގުވާ މީހުން ކަމެއް ވެސް.”
އޭނާ ބުނި ގޮތުގައި ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން ނޭނގޭ ގޮތަށް ލިސްޓެއް ނެރުނީމާ ހުށަހެޅޭނީ އެންމެ ޝަކުވާއެކެވެ. އެއީ ފްލެޓް ނުލިބިއްޖެ ނަމަ ނުލިބުނު ކަމުގެ ޝަކުވާ އެކަންޏެވެ. ފްލެޓް ލިބޭނެ ކަމަށް އެ ލިސްޓުގައި އޮތް މައުލޫމާތަކާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށައެއް ނޭޅޭނެ އެވެ. އެއީ އެ ލިސްޓުން އެއްވެސް މައުލޫމާތެއް ލިބެން ނެތީމަ އެވެ.
ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޓުވިޓާ މެދުވެރިކޮށް ރޭ ވިދާޅުވި ގޮތުގައި ފްލެޓަށް ހޮވުނު މީހުންގެ ލިސްޓު އާންމުކުރި އިރު، ނަމާއި އެޑްރެހުގެ ބަދަލުގައި ހަމައެކަނި ފޯމު ނަންބަރު ހިމެނީ، ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުންގެ ވެސް ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގޮތުންނެވެ.
މިނިސްޓަ މުއިއްޒު ރޭގައި ކުރެއްވި ޓުވީޓް
މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް، އެ ގޮތަށް ލިސްޓެއް ނެރުމުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަމަލު ކޮށްފައިވަނީ، ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން ނޭނގޭ ގޮތަށް ލިސްޓު ނެރުމުން، ބައެއްގެ ހައްގުތައް ރައްކާތެރި ވުމުގެ ބަދަލުގައި އެއަށް ވުރެ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުސަތު ވަކިން ބޮޑުވެ އެވެ.
ފްލެޓަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، ލިސްޓުގައި ހިމަނާފައި އޮތީ އެންމެ 661 މީހުންނެވެ. އަދި އެއީ ކޮން ބައެއް ކަން ވެސް ނޭނގޭ ގޮތަށް ލިސްޓު ނެރުމުން ބާކީ ތިބި 14،340 އަށް ވުރެ ގިނަ މީހުންގެ ހައްގުތަކުގެ ދިފާއުގައި ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ހަމަ ގައިމު ވެސް، އެ ލިސްޓުގައި، ފްލެޓަށް ޝަރުތު ހަމަނުވާ މީހަކު އޮތަސް އެކަމާ ޝަކުވާއެއް ނުކުރެވޭނެ އެވެ.
މީގެ ކުރިން ވެސް ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ނެރުނު އިރު، ފްލެޓް ހައްގުނުވާ ނުވަތަ ފްލެޓަށް ޝަރުތު ހަމަނުވާ ބަޔަކު ލިސްޓުގައި ހިމެނިފައިވާ ކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އެހެންވެ އެ ލިސްޓާ އެއްގޮތަށް ފްލެޓް ނުދިނުމަށް މިނިވަން މުއައްސަސާތަކުން އެންގިވެސްމެ އެވެ. އެފަދަ ނާޖާއިޒު ކަންތައް ހިނގާފައި ހުރި ކަން އެނގެނީ، ފްލެޓް ލިބޭ މީހުންގެ ނަމާއި އެޑްރެސް ހިމަނާފައި އޮތުމުންނެވެ.
އޭގެ ބަދަލުގައި، ފްލެޓް ލިބެނީ ކޮން ބަޔަކަށް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަންބަރު ޖަހާފައި ލިސްޓު ނެރުމުން، ހަމަހަމަކަމާއި އަދުލުވެރިކަމަށް ވުރެ ބޮޑަށް މަގު ފަހިވެގެން އެ ދަނީ، ނާޖާއިޒު ކަންކަމަށާއި ކޮރަޕްޝަނާއި ފަސާދަ އަށެވެ. މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެވެ.
ދާއިމީ ބޯހިޔާވަހިކަމެއް ނެތި އެއް ތަނުން އަނެއް ތަނަށް ކުއްޔަށް ބަދަލުވަމުން ދިރިއުޅެމުންދާ އެތައް ހާސް ބަޔަކު އުޅޭ އިރު، ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެންމެ ލަސް ދުވެއްޔެއްގައި ކުރިއަށް ދަނީ ބޯހިޔާވަހިކަމުގެ ވައުދު ކަމުގައި ބުނެވިދާނެ އެވެ. ފަނަރަ ހާސް ފްލެޓްގެ ވައުދާ އެކު، ވެރިކަމާ ހަވާލުވެ ދައުރު ހަމަވާން ކައިރިވެފައިވާ އިރު ވެސް، ބޯހިޔާވަހިކަމަށް އެދި އާދޭސްކުރާ މީހުންގެ ކިޔޫ ކުރެއް ނުވެ އެވެ.
ފްލެޓަށް ޝަރުތު ހަމަވެ، ފްލެޓް ލިބޭނެ ކަމުގެ އުންމީދުގައި ހަ އަހަރު ހޭދަކޮށްފައިވާ މީހުންގެ ލިސްޓެއް ވެސް އެބަ އޮތެވެ. އެއީ މާލޭގައި ހުރި ޓާޓާ ފްލެޓްތަކަށް ހޮވިފައި ތިބި މީހުންނެވެ. އެ ފްލެޓްތަކަށް ހޮވުނު މީހުންނަށް ވެސް، އޭގެ ސަބަބުން ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. ދެއިރު ހަމައަށް ރަނގަޅަށް ކައިބޮއެ އުޅެވޭހާ ވެސް ނެތް ބަޔަކު، ފްލެޓް ހޯދުމަށްޓަކައި ބޮޑު އަދަދެއްގެ ޑައުންޕޭންޓެއް ދައްކަން އެންގުމުންނެވެ. އަދި މަހުން މަހަށް ދައްކަން ޖެހޭ އަގު، އެމީހުންނަށް ލިބޭ އާމްދަނީއާ ނުބައްދަލުވުމުންނެވެ.
ޑައުންޕޭމަންޓާއި ފްލެޓްގެ އަގު ކުޑަކޮށްދިނުމަށް އެދި، ދައުލަތުގެ މުއައްސަސާތަކަށް އެ މީހުން އެތައް ޝަކުވާއެއް ހުށަހެޅި އެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބި އެތައް މަހެއް ވުމަށް ފަހު، މިއަދަކީ އަނެއްކާ ވެސް އެ މީހުންނަށް ދީފައިވާ، ލޯނު ހޯދުމުގެ މުއްދަތު ހަމަވާ ދުވަހެވެ.
ޓާޓާ ފްލެޓަށް ހޮވުނު މީހުންނަށް މިދިޔަ މަހުގެ 28 ގައި އެޗްޑީސީން ފޮނުވި ސިޓީއާ އެކުގައި އޮތީ ފްލެޓް ހޯދުމަށްޓަކައި ބޭނުންވާ ލޯނަށް އެދޭ ފޯމެވެ. އެ ފޯމް ފުރާފައި އެމްއެމްއޭ އަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިއަދެވެ.
ޓާޓާ ފްލެޓަށް ހޮވިފައި ތިބި ބައެއް މީހުން ބުނި ގޮތުގައި ލޯނު ހަމަޖެހޭނީ މިއަދުގެ ނިޔަލަށް ފޯމް ހުށަހަޅާ މީހުންނަށް ކަމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ. ލޯނު ލިބޭނީ ކޮން ބޭންކަކުން ކަން ކަނޑައަޅަނީ އެމްއެމްއޭ އިން ފޯމުތައް ބަލައި ޗެކް ކުރުމަށް ފަހު ކަމަށް ވިޔަސް، އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ލޯނުގެ ކަންތައް ހަމަޖައްސަން އެޗްޑީސީން އޮތީ އެމީހުންނަށް އަންގައިފަ އެވެ.
“އަހަރެމެން މިހެން ތަޅުވަތަޅުވާފަ ފްލެޓް ނުދީ އެހެން ބަޔަކަށް ފްލެޓް ދޭން އަނެއްކާ އެ އިއުލާން ކުރީ. މިއީ އެއްވެސް އިންސާފެއް ނޫން. އެމީހުންނަށް ހުޅުމާލޭން ފްލެޓް ދޭ އިރު ނުޖެހޭ ލޯނެއް ބޮލުގައި އަޅާކަށް ވެސް. އަޅުގަނޑުމެންނަށް ފްލެޓް މި ލިބެނީ 3.8 މިލިއަން ރުފިޔާގެ ލޯނެއް ކޮންމެވެސް ބޭންކަކުން ހޯދީމަ. މީގައި ކޮބާ އިންސާފަކީ،” ޓާޓާ ފްލެޓަށް ހޮވިފައި ހުރި އަންހެނަކު ބުންޏެވެ.
ޓާޓާ ފްލެޓަށް ހޮވިފައި ހުރި، ތިން ކުދިންނާއި ފިރިމީހާއާ އެކު އެއް ކޮޓަރީގެ ތަނެއްގައި ދިރިއުޅޭ އެހެން އަންހެނަކު ބުނި ގޮތުގައި ލޯނަށް ކުރިމަތި ލިޔަސް އެ ލޯނު ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެއީ އޭނާ އާއި އޭނާގެ ފިރިމީހާއަކީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ބަޔަކަށް ވާތީ އެވެ.
”ގިނަ މީހުންނަކީ އަމިއްލަ މަސައްކަތް ކުރާ މީހުން. އެމީހުންގެ މުސާރަ ޖަމާއެއް ނުކުރާނެ ބޭންކަކަށް. އެހެންވީމާ ބޭންކުތަކުން ނުބަލާ އެއީ އާމްދަނީ ލިބޭ މީހުންގެ ގޮތުގައެއް. ބޭންކުން ލޯނު މި ދެނީ، އެ ލޯނު އަނބުރާ ދެއްކޭނެ ވަރުގެ އާމްދަނީއެއް ލިބޭ މީހުންކަން ބޭންކަށް ކަށަވަރު ވީމާ. އެހެންވެ، އެ މީހުންނަށް ލޯނު ލިބޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތް. އެޗްޑީސީން ދީފަ އޮތް ފޯމު ފުރާކަށް ވެސް ބޭނުމެއް ނުވޭ އެ މީހުންނެއް،” އެ އަންހެން މީހާ ބުންޏެވެ.
ޖަދުވަލު: 02
އެކަކަށް ދެ ފްލެޓެއް ނުދޭނެ، ފޯމް ނަންބަރު ޖެހީ ހައްގުތައް ރައްކާތެރިކުރަން: މިނިސްޓަރު
ލިޔުނީ: މުހައްމަދު ސިމާއު
12 ސެޕްޓެމްބަރ 2017
ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މިއަދު އާއްމުކުރި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ފޯމް ނަންބަރު އެކަނި ހިމެނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރާ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ އެކެއް އަދި ދޭއްގެ ފްލެޓްތަކަށް ޝަރުތުުހަމަވެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކޮށްފައެވެ.
ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރި އެ ލިސްޓުގައިވާ ގޮތުން ކެޓަގަރީ އެކެއް އަދި ދޭކުން 661 މީހުންނަށް ފްލެޓް ލިބޭއިރު އެ އެންމެންގެ ވެސް އާއްމުކޮށްފައި ވަނީ ފޯމް ނަންބަރު އެކަންޏެވެ.
އެކަމާ ގުޅިގެން ބައެއް މީހުން ވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުކުރުން ލަސްވި ސަބަބާމެދު ސުވާލު އުފައްދާ އެއީ ވަކި ބަޔަކަށް ދޭން ކުރަމުން އަންނަ ކަމެއް ކަމަށް ބުނެފައެވެ.
މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަކަށް ދެ ފްލެޓެއް ނުދޭނެ ކަމަށާއި އާއްމުކުރި ލިސްޓުގައި ފޯމް ނަންބަރު އެކަނި ހިމެނީ ފްލެޓް ލިބޭ މީހުންގެ އަދި ނުލިބޭ މީހުންގެ ވެސް ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ހައުސިން މިނިސްޓްރީން އާއްމުކުރި ފެލެޓް ލިބޭ މީހުންގެ ލިސްޓުގައި ކެޓަގަރީ އެކަކުން 500 މީހުންނަށް ފްލެޓް ލިބެ އެވެ. ކެޓަގަރީ އެކެއްގައި ހިމެނޭ މީހުންނަކީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނެވެ. އަދި ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން ހިމެނޭ ކެޓަގަރީ ދޭކުން 161 މީހަކަށް ފްލެޓް ލިބެ އެވެ.
އެ ލިސްޓާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ނޫނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ހުޅުވާލާފައެވެ.
ހައުސިން މިިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ، ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓުތަކަށް އެދި މުޅި ޖުމުލަ 15،650 މީހަކު ފޯމު ހުށަހެޅި ކަމަށެވެ.
އެގޮތުން ކެޓަގަރީ އެކެއްގެ ފުލެޓަށް އެދި 7384 މީހަކު ވަނީ ފޯމު ހުށަހެޅި އެވެ. އަދި ކެޓަގަރީ ދޭކުން 8241 މީހުން ފުލެޓަށް އެދި ފޯމު ހުށަހަޅާފަވާ އިރު ކެޓަގަރީ ތިނަކަށް ފޯމު ހުށަހަޅާފައި ވަނީ ތިން އާއިލާއަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
އަމިއްލަ ބިން އޮތް ނަމަވެސް ބިމުގެ ދަތިކަން ހުރި ފަރާތްތަށް ހިމެނޭ ތިން ވަނަ ކެޓަގަރީ އިން ވެސް 330 ފްލެޓް އިމާރާތް ކުރަން ވަނީ ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ޖެނުއަރީ 2024ރިޕޯޓްދަރަވަންދޫ ނާޝިދު – ޅެންވެރިކަމުގެ ގުލްޒާރުން ވިދާ ބަބުޅަމުން އަންނަ މަޝްހޫރު ޝާޢިރެއް!
- 26 ޑިސެމްބަރ 2023ރިޕޯޓްސުނާމީ ކާރިސާގެ ބިރުވެރި ހަނދާން
- 6 ފެބްރުއަރީ 2021ރިޕޯޓްފޮނެޓިކްސް ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކޮބާ؟
- 6 ފެބްރުއަރީ 2021ވާހަކަކައިވެނީގެ ހުޅުކޮޅު