ކުށްވެރިވީ ޕާރކްކުރުން މަނާ ސަރަހައްދުގައި ހުރި ސައިކަލްތަކެއްވެސް ނޫނެވެ. ސައިކަލް އެކްސިޑެންޓްވި ދެފަރާތެއްވެސް ނޫނެވެ. ދެން ކުށްވެރިއަކީ ކާކު ހެއްޔެވެ؟

ހެނދުނުގެ ނާސްތާއަށްފަހު އަހަރެން އޮފީހަށް ދާން ނިކުތީ ގަޑިޖެހެން ކުޑަތަން ވެފައި ވަނިކޮށެވެ. ގެއިން ނިކުތުމާއެކު އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ ގެއާއި އިންވެގެން އޮންނަ މަގުގެ ގޯޅި ކަންމަތީގައި ސައިކަލްތަކެއް އެކްސިޑެންޓް ވެފައި ވަނިކޮށެވެ. އޭރު ވެއްޓިފައިވާ ސައިކަލެއްގެ ފަހަތުގައި އަންހެނަކާއި ސްކޫލް ޔުނީފޯރމްގައި ކުޑަވަރެއްގެ އަންހެން ކުއްޖަކުވެސް ހުއްޓެވެ. އަދި އެތަނަށް މީހުން ޖަމާވަމުން ދިޔައެވެ. އަހަރެންނަކަށްވެސް ކެތެއް ނުކުރެވުނެވެ. ދުވެފައި ކަހަލަގޮތަކަށް އަހެރެންވެސް އެތަނަށް ދިޔައިމެވެ. ގަޑިއަކަށް ނުބަލައެވެ.

އަހަރެން އެތަނަށްގޮސް އިންވެސްޓިގޭޝަން އޮފިސަރެއް ފަދައިން ވެގެން އުޅޭގޮތެއް ސާފްކުރުމަށް އެ އަންހެން މީހާ އާއި ސުވާލުކޮށްލީމެވެ. އެމީހާ ކައިރީ އަހާލުމުން ” އޭނާ ދަރިފުޅު ސްކޫލަށްދާން ގަޑި ކައިރިވުމުން ދަރިފުޅު ގޮވައިގެން އަވަސް އަވަހަށް ސްކޫލަށް ދިއުމަށް ސައިކަލްގައި ނުކުތީކަމަށް ބުންޏެވެ. ނަމަވެސް އެގޯޅި ކަންމައްޗާއި ހަމައަށް އެރިތަނާ ވަރަށް ބާރަށް ދުއްވާފައި އައި ސައިކަލެއް އޭނާގެ ސައިކަލްގެ ފަހަތުގައި ޖެހި އެސައިކަލް ކޮންޓްރޯލް ނުކުރެވިގެންގޮސް އެގޯޅި އެޅުމަށް ދިޔަ އެހެން ސައިކަލެއްގައި ޖެހި ކޮންޓްރޯލް ނުކުރެވި، އެގޯޅި ކަންމަތީގައި ޕާރކްކޮށްފައި ހުރި ސައިކަލްތަކެއްގައި ޖެހި އެކްސިޑެންޓް ވީކަމަށެވެ.” އޭރު އެއަންހެން މީހާ ދުއްވަން އިން ސައިކަލާއި އެކްސިޑެންޓްވި ސައިކަލާއި އެތާހުރި އިތުރު ސައިކަލްތަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައި ހުރިތަން އަހަރެންނަށް ފެނުނެވެ. އެވަގުތު އޭނާގެ ގާތު ފުލުހުންނަށް އެންގިންތޯ އަހަރެން އަހާލީމެވެ. ނަމަވެސް އަދި ނާންގާކަމަށްބުނުމުން އަހަރެން އެކަން ފުލުހުންނަށް އެންގީމެވެ.

ކަން މިހެން ހުރިނަމަވެސް ފުލުހުންނަށް އެކަން އެންގުމާއެކު އެއަންހެންމީހާ ދަރިފުޅު ސްކޫލަށް ގަޑިޖެހޭކަމަށް ބުނެ އަވަހަށް ދާން ބޭނުންވާ ވާހަކަ އަހަރެންގެ ގާތު ބުންޏެވެ. އަދި އެތަނަށް އެއްވި މީހުންވެސް އޭނާގެ ގާތު ގަޑިޖެހެން ވާއިރަށް ސްކޫލަށް ދާށޭ ބުނުމުން އެއަންހެންމީހާ އަމިިއްލައަށް ވެއްޓިފައިވާ އޭނާގެ ސައިކަލް ނަގާ ކޮޅަށް ޖެހިއެވެ. އެވަގުތު އަނެއްސައިކަލް ދުއްވި މީހާވެސް އަހަރެންގެ ގާތު އޮފީހަށް ގަޑިޖެހޭ ވާހަކަ ބުނެ، އަވަސް އަވަހަށް ސައިކަލް ނަގާ ކޮޅަށް ޖެހި އެވެ. އޭރު އެތަނުން އެކްސިޑެންޓްވިކަމަށް ބުނާ އިތުރު ސައިކަލެއްގައި އިން މީހާ ގަޑިޖެހޭތީކަމަށްބުނެ ސައިކަލް ނަގައިގެން ބޫން ކަނޑާފައި ދިޔަ މަންޒަރު އަހެންނަށް ފެނުނެވެ. އެހެންކަމުން އަހަރެން އެއަންހެން މީހާގާތު މައްސަލަ ކުރިއަށް ގެންދެވޭނީ އެކްސިޑެންޓްވި ދެފަރާތްވެސް ތިބެގެން ކަމަށް ބުނީމެވެ. ނަމަވެސް އެއަންހެންމީހާ ”އަހަރެންނަކަށް ދެނެއް މަޑެއް ނުުރެވެނެއޭ” ބުނެ ދާން ފެށުމުން އަނެއް ސައިކަލްގައި ޓައީ އަޅައިގެން އިން މީހާވެސް މައްސަލައެއް ނެތިއްޔާ މަވެސް ދަނިއްޔޭ ގަޑިޖެހެނީ އޭ ކިޔާ އަނެއްކާވެސް ސައިކަލްގައި ދުމެެއްޖަހާފައި އޮފީހަށް ދާން ނައްޓާލިއެވެ. އެވަގުތު އަހަރެންގެ ހިތައް އެރިއެވެ. އަހަރެންވެސް ގަޑި ޖެހެނީއެވެ. މިހެން ކިޔާ ހިނގައިގަތްތަނާ އެތާ އެއްވެފައި ތިބި މީހުން އަހަރެންނާއި ދިމާ ކުރަން ފެށިއެވެ. އަދި ބުނަމުން ދިޔައެވެ. މިތާ ޕާރކްކޮށްފައިހުރި ސައިކަލްތަކަށް ވީ ގެއްލުމަށް ޒިންމާވާނީ ކާކު ހެެއްޔެވެ؟ އޭރު އެސައިކަލްތައް ޕާރކްކޮށްފައި ހުރީ ރަނގަޅަށްތޯ އެއިން އެއްވެސް މީހެއްގެ ހިތަކަށް ނާރައެވެ. ކުށްވެރިވީ އަހަރެންނެވެ. ޕާރކްކުރުން މަނާ ސަރަހައްދުގައި ހުރި ސައިކަލްތަކެއްވެސް ނޫނެވެ. ސައިކަލް އެކްސިޑެންޓްވި ދެފަރާތެއްވެސް ނޫނެވެ. މިވީ ކީއްބާއެވެ.

ނަމަވެސް އެމީހުން އެދައްކާ ވާހަކައަކަށް އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ. ސަބަބަކީ އަހަރެންވެސް އޮފީސް ގަޑި ޖެހޭތީއެވެ. އަދި އަހަރެންނަކީ ހިނގާފައި އޮފީހަށް ދާ މީހަކަށްވުމުން އޮފީހަށް ދެވޭއިރު ހުންނާނީ ވަގުތު ވަރަށް ކުޑަ ތަންވެފައިކަން އަހަރެންނަށް ވިސްނޭތީއެވެ. އެހެން ހިތާ އަހަރެން އޮފީހާއި ދިމާލަށް ހިނގައި ގަތީމެވެ. އަދި ހިނގާފައިގޮސް މަޖީދީމަގު މާވެޔޮ މަގާއި ހިސާބަށް އެރުނުތަނާ ހެން މަޖީދީ މަގު މާވެޔޮމަގާއި ގުޅުނު ހިސާބު ކަންމަތިން ބައިސްކަލެއްގައި ދުއްވަފައިދިޔަ ބިދޭސީ މީހެއްގެ އަތުން މަގު ހުރަސް ކުރަން އުޅުނު ދެބައި އުމުރުގެ އަންހެނެއްގެ ގައިގައި ޖެހި އެމީހާ މަގުމައްޗަށް ވެއްޓުނު ތަން އަހަރެންނަށް ފެނުނެވެ. އެމަންޒަރު އަހަރެންނަށް ހަމަ ފެނުމާއެކު ދުވެފައިގޮސް އެއަންހެން މީހާ އެތަނުން ނެގީމެވެ. އަދި ބައިސްކަލް ދުއްވި މީހާ މަޑު ކުރުވާ އަހަރެން އަމިއްލައަށް އެކަން ތަޙްޤީޤްކޮށްލީމެވެ. ކުށްވެރިއަކީ ކާކުތޯ ބަލައި ލީމެވެ. އަދި ބިދޭސީ މީހާގެ އަތުގައި ވޯރކް ޕާމިޓް ކާރޑް އޮތްތޯ ބެލިއިރު އޭނާގެ އަތުގައި އެވެސް ނެތެވެ. ވާހަކަ ދައްކަނީ ބިދޭސީ ބަހުންނެވެ. ކިޔާ ނުކިޔާއެއް ނޭގެއެވެ. އޭނާގެ ނަޒަރުގައި ކުށްވެރިވަނީ އެއަންހެން މީހާއެވެ. ސަބަބެއްކަމަށް އޭނާ ދައްކަނީ މަގުހުރަސް ކުރަން އޮންނަ ޒިބްރާ ކުރޮސް ގެބޭނުން އެއަންހެން މީހާ ނުހިފާ ބޭނުންހާ ދިމާލަކުން އެއްވެސް ބެލުމެއްނެތި މަގުހުރަސް ކުރަމުން ދިއުމެވެ. އަދި އެ އަންހެން މީހާ ހަޅޭއްލަވަނީ އެ ބިދޭސީ މީހާއަށެވެ. ނަމަވެސް އެވަގުތަކީ ޓްރެފިކް ލައިޓްތައް ނިއްވާލާފައި ހުރި ގަޑިއެއްކަމުން އެކަމާމެދު އަހަރެންގެ ހިތުގައި އެއްވެސް ސުވާލެއް ނެތެވެ. ނަމަވެސް މިކަން ފުލުހުންނަށް ރިޕޯރޓްކުރާނެކަމަށް އަހަރެން ބުނުމުން އެ ބިދޭސީ މީހާ ދުވެގޮސް ފިލައިފިއެވެ. އަޅެ މިކަމުގައި ކުށްވެރިވަނީ ހަމަ އެއްމެ ފަރާތެއްތޯ؟ އަންހެން މީހާ ތޯއެވެ. ނުވަތަ އެއްކަލަ ބިދޭސީ ސޮރު ތޯއެވެ. މިހެން ހިތާހިތާ ކިޔާލުމަށްފަހު އަންހެން މީހާ ދޫކޮށްލާފައި އަނެއްކާވެސް އަހަރެން މިސްރާބް ޖެހީ އޮފީހާ ދިމާލަށެވެ. ގަޑި ޖެހިދާނެތީއެވެ. ނަމަވެސް ވަކި ހިސާބަކަށް ދިޔަތަނާ އަނެއްކާވެސް އަހެރެންނަށް ފެންމަތިކުރުވީ ވަރަށް ތަފާތު ކަމަކާއެވެ ޕާރކްކުރުން މަނާ ސަރަހައްދެއްގައިހުރި ސައިކަލްތަކެއްގައި ކަޓަރު އަޅާ ވަރަށް ބޮޑަށް ސައިކަލްތަކުގެ މަޑި ކަފާލާފައި ހުއްޓައެވެ. އެސަރަހައްދުގައި ހުރި ގާތްގަނޑަކަށް 10 ވަރަކަށް ސައިކަލްގައެވެ. ވަގުތުން އަހަރެން ފުލުހުންނަށް އެކަން ރިޕޯރޓްކުރީމެވެ. އަދި އެތަނަށް ފުލުހުން އައުމުން އަހަރެންގެ ހިތަށް އެރިއެވެ. ދެން މިސަކަލްތަކުގައި ކަޓަރު އެޅި މީހާ އެނގޭނީ ކިހިނަކުން ހެއްޔެވެ. ހޯދޭނެ ބާއެވެ. އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ނަމަވެސް އެސައިކަލްތަށް ޕާރކް ކޮށްފައި ހުރިގޮތުންވެސް ފުލުހުން ވަކި ފަރާތެއް ކުށްވެރި ކުރާނެ ބާއެވެ.

މިހެން ހިތައި އެމަންޒަރު ބަލަން ހުރެފައި އަހަރެން އަނެއްކާވެސް މިސްރާބް ޖެހީ އޮފީހަށް ދިއުުމަށެވެ. ނަމަވެސް މިފަހަރު އޮއިވާލި ކަނދު ފައްޗަކާއި ދިމާނުވެ ސީދާ އޮފީހަށް ވަދެވުނެވެ. އަދި ރަނގަޅަށް ގަޑި ބަލާލީމެވެ. ގަޑިން 8:30 ވީއެވެ. އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. މިފަހަރު ކުށްވެރިއަކީ ކާކުހެއްޔެވެ؟
………………..

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.