“ސަރ…. ތިޔައީ އައު ޕްރޮޖެކްޓެއްތޯ؟”
“ފަޖުރު ތަރި ތަ؟”
“ކޮން ތަރިއެއް ތަ؟”
“ޑާކްރެއިން އިން މި ކިޔަނީ ކޮން “ތަރި” އެކޭތަ؟”

މިއީ ރާއްޖޭގެ އެންމެ މަޤްބޫލު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އެމީހުންގެ މީސް މީޑިއާ މަންސަތަކުގައި އާއްމުކުރަމުން އަންނަ ‘ތަރި’ އާ ބެހޭ ގޮތުން ސަޕޯޓަރުން އަހަމުން އަންނަ ބައެއް ސުވާލުތަކެވެ. ސުވާލު ނުއުފެދޭ ވަރެއްވެސް ނޫނެވެ. ކަޅުކުލައިގެ ފަސްމަންޒަރެއްގައި ރަން ކުލައިގެ ތަރިއެއް ޑާކް ރެއިން އިން މި ހިއްސާކުރަނީ އަނެއްކާ ކޮންކަމެއް ލައިގަންނަނީބާއޭ ހިތަށް ނާރާ ވަރެއް ނޫނެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފޭސްބްކް، ޓްވިޓަރ، އަދި ވައިބަރ ގްރޫޕާއި ވައިބަރ ކޮމިއުނިޓީގައި ވެސް މި ‘ތަރި’އެއް ހިއްސާކުރަމުން އަންނަތާ ދެތިން ދުވަހެއް ވެއްޖެވެ.

ކޮންމެއަކަސް، މިއީ ކޮން ތަރިއެއް ކަމެއް ބުނާކަށް ނޭނގެއެވެ. ހަމަ ގައިމުވެސް ފަޖުރުތަރި ނޫންކަން އެބަ އެނގެއެވެ. އުފެދޭ ސުވާލުތައް ބައިވަރެވެ. މިއީ އަނެއްކާ ޑާކް ރެއިން އިން ދެން ހަދާ ފިލްމު ނުވަތަ ސީރީޒްގެ ނަން ނޫންބާވައެވެ؟ ނޫނީ މިއީ ޑާކް ރެއިން އިން އުފައްދަމުން އަންނަ އެއްޗަކަށް ބޭރު ކަރައެއްގެ ވަރުގަދަ ތަރިއެއް ގެެންނާން އުޅެނީ ނޫންބާވައެވެ؟ ނޫނީ މިއީ އެމީހުންގެ އުފެއްދުމެއްގައި ހިމެނޭ ލަވައެއް ނޫންބާވައެވެ؟

ކޮންމެއަކަސް، މިއީ ވާ ފިސާރި ‘ތަރި’އެކެވެ. މި ތަރީގެ އަސްލަކީ ކޮބައިކަން ޑާކް ރެއިން އެންޓަޓެއިންމެންޓުން އަދި ހާމައެއް ނުކުރެއެވެ. ހާމައެއް ނުވެސް ކޮށްދިނެވެ. އެހެންކަމުން މިއީ އާދައިގެ ‘ތަރިއެއް’ ނޫންކަން ގައިމުވެ ކަށަވަރު ވެއްޖެއެވެ.

ފަހަރުގައި މި ‘ތަރި’ އާ، ޑާކް ރެއިން އިން މިހާރު ގެނެސްދެމުން އަންނަ ވެބް ސީރީޒް “ރޫމީ އާ ޖަންނަތު” އާ ގުޅުމެއްވެސް އޮވެދާނެއެވެ. ނޫނީ އެމީހުން އުފައްދަމުން އަންނަ ފިލްމު “ބީވީމާ” އާ ނުވަތަ ޝިނާން އުފައްދާ ބިރުވެރި ފިލްމު “ބަޅިނދު” އާ ވެސް ގުޅުމެއް އޮވެދާނެއެވެ. އެހެން ނޫނީ ދެން އޮތީ އެހެން ނިމުތުކުރުމެކެވެ. މިއީ ޑާކް ރެއިން އިން އަޅުވަން ތައްޔާރަށް އޮތް ފިލްމު “ނޮވެމްބަރު” އާ ގުޅުމެއް އޮތް ތަރިއެއް ނޫންބާވައެވެ؟

ކޮންމެއަކަސް، އެވެރިން އެ ކިޔަނީ ކޮން ތަރިއެއްކަން ވެސް އެނގިދާނެތާއެވެ. ބަލަން ތިބެމާ ހިނގާށެވެ. މާދަމާ ރޭ ސުންގަޑި ސުންމިނެޓްގެ ފަހުން މީޑިއާ ނެޓް މަލްޓި ސްކްރީނުން “ރޫމީ އާ ޖަންނަތު”ގެ ހަވަނަ އެޕިސޯޑްވެސް ދައްކާނެއެވެ. ފަހަރެއް އެ ބުނާ ތަރިއަކާ މާދަމާ ރޭގެ އެޕިސޯޑާވެސް ގުޅުމެއް އޮވެދާނެއެވެ.

ދާނެއެވެ. ބާވައެވެ. އެނގިދާނެތާއެވެ. މިކަހަލަ ލައްކަ ފަތިވަރު ދެމިއްޖެދޯއެވެ. ޑާކް ރެއިން އިން އެ އާއްމުކުރަމުން އަންނަ ‘ތަރި’ އަކީ ކޮބައިކަން ހަމަ ގައިމުވެސް އެމީހުން ބުނާނެތާއެވެ. އަނެއްކާވެސް ތާއެވެ، އެކެވެ. ދެން ރަނގަޅުވާނީ ‘ތަރި’އަށް އިންތިޒާރުކުރުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.