މުނިފޫހިފިލުވުމުގެ ދާއިރާއަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދިނުމަށް މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)ގެ ނަމުގައި އުފައްދައި ހިންގަން ފެށުމަށްފަހު ހުއްޓިފައިވާ ޖަމިއްޔާ ރީފޯމްކޮށް، ކުރީ އަހަރުތަކަށް ވުރެން ވަރުގަދައަށް ހިންގުމަށް މަސައްކަތް ފަށައިފިއެވެ.

އެމްއެސްޕީއޭ އަލުން ނަގައި ކޮޅަށް ޖަހައި، ޖަމުއިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ގިނަ ޙަރަކާާތްތަކެއް ހިންގުމަށް މިހާރު އަމާޒު ހިފާފައިވެއެވެ. އެގޮތުން ޖަމިއްޔާގެ ލޯގޯ ބަދަލުކޮށް ރަސްމީ ފޭސްބްކް ޕޭޖެއް ހަދައި އައު ބޯޑު މެންބަރުން ހޯވާފައިވެއެވެ. މިހާރުގެ ބޯޑު މެންބަރުންނަށް ބަލައިލާއިރު ޗެއާމަންއަކީ މުހައްމަދު ރަޝީދު (ދަރާ ރަޝީދު ) އެވެ. މީގެ އިތުރުން ބޯޑުގައި އަލީ ފާރޫގް، ހަސަން މަނިކު (ރޯނު)، ހުސެން ނިޔާޒް، އަހުމަދު ރަމީޒު، އަހުމަދު ތޮލާލް، ހުސެން ސާދު، މުހައްމަދު ނަވީޒް ސަލީމް އަދި ހަސަން ސުނާދު ހިމެނެއެވެ.

“މިވަގުތު ރާާވާފަ އެބަހުރި ކަންތައްތަކެއް. އޮންގޮއިން ޕްރޮސީޖާގަވެސް އެބައުޅޭ ކަންތައްތަކެއް. ނަމަވެސް މިވަގުތު އެކަންކަން މީޑިއާއަށް ހިއްސާކޮށްލެވޭކަށް ނެތް.” މުޙައްމަދު ރަޝީދު (ދަރާާ) ވިދާޅުވީ މިހާރުވެސް ބައެއް ހަރަކާތްތައް ހިންގަމުން އަންނަކަމަށެވެ. އެގޮތުން ދާދި ފަހުން ޕްރިވިލެޖް މޯލްޑިވްސް އިން ދިވެހި މިއުޒިކީ ފަަންނާނުންނަށް ބޭއްވި ޚާއްޞަ އިވެންޓަކީ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްކަން ރަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރ އީއާރު ވިނޭ ގެނެސްފައިވަނީ ވެސް އެމްއެސްޕީއޭ އިން ހަމަޖައްސައިގެންނެވެ. މި އިވެންޓްގެ ތެރޭގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިއުޒިކް ވޯކްޝޮޕްގެ ކަންކަން ހަމަޖެއްސުމުގައި އެމްއެސްޕީއޭ އިން އިސް ދައުރެއް އަދާކޮށްފައިވެއެވެ.

މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އަކީ ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާ އާއި އެދާއިރާގައި މަސަކަތް ކުރާ ކުރާ ފަރާތްތައް ކުރިއަރުވާ، އެފަރާތަކުގެ އަގު ވަޒަންކުރުމަށާއި އަދި އެދާއިރާއިން މީހުން ބިނާކުރުމުގެ މަޤުސަދުގައި 2011 ވަނަ އަހަރު އަލްފާޟިލް މުޙައްމަދު ރަޝީދު (ދަރާ)ގެ އިސްނެގުމަކަށް ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ކޮއްޔަ ހަސަންމަނިކު ބައިވެރިކޮށް މި ތިން މީހުންގެ މަސްޢޫލުވެރިކަމުގެ ދަށުން އުފެއްދި ޖަމުޢިއްޔާއެކެވެ.

މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އުފެއްދުމުގައި ކުރިންވެސް މަސައްކަތް ކުރެއްވި ތަޖުރިބާކާރު ފިލްމީ ފަންނާނު މުޙައްމަދު ރަޝީދު (ދަރާ) މުނިއަވަސް ވިދާޅުވީ މިފަހަރު އެމްއެސްޕީއޭ އަލުން ނަގައި ކޮޅަށް ޖަހަނީ ކުރިން އުފެއްދި ޖަމިއްޔާ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މުއްދަތު ހަމަވަން ކައިރިވެފައި ވަނިކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

“އަސްލުގަ 2019 ވަނަ އަހަރު އަޅުގަނޑަށް އެނގުނީ މީތި އުވާލަން ލިސްޓަށް ލާފަ އިންކަން. އެނގިގެން އަޅުގަނޑު މި ޖަމިއްޔާ އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ފެށީ.” ވަޅުޖެހެން ކައިރިވެފައިވާ އެމްއެސްޕީއޭ ހިންގުމަށް ނުކުމެ ހުރި ރަޝީދު ހާމަކުރެއްވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.