ފުރަތަމަ ނިންމަން ޖެހެނީ ކާމިޔާބު ދިރިއުޅުމަކީ ކޮބައިކަމެއެވެ. ދިރުއުޅުމެއް ކާމިޔާބުވުމުގައި ތަފާތު އެތައް ގޮތެއް އޮވެއެވެ. އެހެނަސް ތިބާޔަށް އެންމެ ކާމިޔާބު ދިރިއުޅުން މާނަކުރެވޭގޮތާ އަނެކުން މާނަކުރާގޮތް ތަފާތުވުމުގެ ފުރުޞަތު މިކަމުގައި އަބަދުވެސް އޮންނާނެއެވެ. ގިނަ ބައެއްގެ ނަޒަރުގައި އެއީ ބޮޑު މުސާރައެއްލިބި ތަނަވަސް ކަމުގައި ދިރިއުޅެވުމެވެ.

ފައިސާއާއި ތަނަވަސްކަމަކީ ދިރިއުޅުމުގެ ކިހާ ބޮޑު “ބަހާއެއް” ބާވައެވެ. ސުވާލަކީ ނަފުސުގެ ހިތްހަމަޖެހުމަކީ ދިރިއުޅުމޭ މިކިޔާ ޕަޒްލްގެ އެތިކޮޅެއް ނޫންބާވައެވެ. ހަމަ އެފަދައިން އާއިލާ، ޢިޝްޤު، ޖަޒުބާތު، މުނިފޫހި، ދުޅަހެޔޮ ސިއްޙަތު، ހިތް ހަމަޖެހުން، މިއީވެސް މި ޕަޒްލްގެ އެތިކޮޅުތަކެއް ނޫންބާވައެވެ. އެހެންކަމަށްވާނަމަ، މި ޕަޒްލް ރާވާ ފުރިހަމަކުރުމުގައި އެ އެތިކޮޅުތަކުގެ މުހިންމުކަން ކުޑަވާނީ ކިހިނަކުންތޯއެވެ.

މި ދެންނެވުނު ބައިތަކުން ކޮންމެ އިންސާނަކަށްވެސް ލިބެނީ ބައިކުޅަބައެވެ. އެއިން ކޮންމެވެސް އެތިކޮޅުތަކެކެވެ. އެ ލިބުނު މިންވަރަކުން ދިރިއުޅުމުގެ ކާމިޔާބާ ނާކާމިޔާބު އެކި ފަރުދުން ކަނޑައަޅާ ނިންމާނީ އެކި ގޮތަށެވެ. ތިބާ ދެކޭ ކާމިޔާބަކީ އަނެކާގެ ނާކާމިޔާބަށްވެސް ވެދާނެއެވެ.

އަޅުގަނޑުގެ ނަޒަރުގައި، އެމީހަކު ދަތުރު ނިންމަން އެދޭ މަންޒިލަކަށް ދިރިއުޅުން ވާސިލްކުރުމުގެ ޤާބިލްކަން ހޯދާ މީހާއަކީ އުފާވެރި ދިރިއުޅުމުގެ ޙައްޤުވެރިޔާއެވެ. ޙާސިލްކުރަން އެދޭ ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ ފުރުޞަތު ލިބޭ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމަކަށް ނުވެ ނުދާނެއެވެ. އެއީ ކޮންމެ ލަނޑުދަނޑިތަކެއް ކަމުގައިވިޔަސް މެއެވެ. އެކިމީހުންގެ ޝައުޤު ތަފާތުވާނެއެވެ.

ވީމާ މިދެންނެވި ހިތްއެދޭ ކަންކަން ޙާޞިލްކުރުމަށް ތިމާއަށް ކުރެވެންއޮތީ ކޮން ކަންތައް ތަކެއްތޯ ބެލުމަކީ މިކަމުގެ އަލިފުބާއެވެ. ކާމިޔާބު ޝަޚުސަކީ ކޮބައިތޯ ބަލާލަމާތޯއެވެ.

ކަނޑައެޅިގެން ކާމިޔާބު ދިރިއުޅުމަކީ މިއޭ ބުނެ ނިންމޭނޭ އެއްވެސް ގޮތެއް އޮތެކޭ ހިތެއް ނުބުނެއެވެ. ސަބަބަކީ ތިބާއަށް ލިބޭ ހިތްހަމަޖެހުމަކީ އަނެކާގެ ހިތްހަމަޖެހުމަށް ނުވެ ހިނގައިދާނެތީއެވެ. ރިހަޔަށް ހަވާދު ނަގާހެން، އެއްކޮށްލެވޭ ބާވަތްތަކެއްގެ ތެރެއަށް ފޮނިތޮށި ކާފޫރުތޮޅި އެޅިޔަސް އެވެސް ނުބައި ބަޔަކު ތިބޭނެއެވެ. އެހެނަސް އާންމު ބައެއް ޒަރޫރީ ކަންކަން ކޮންމެ ނަފުސެއްމެ ބޭނުންވެދެއެވެ. އެކަންކަން ފުރަތަމަ ޙާޞިލްކުރުމަކީ ޙަޔާތެއްގެ ހަމަޖެހުމާ ކާމިޔާބީ ފެށޭ އަނގޮޅިއެވެ. އެއީ ލޯބި ވިޔަސް މީރު ކެއުން ވިޔަސް ރީތި އަންނައުނު ވިޔަސް އެ ބައިތައް ނިންމާނީ ތިމާ އަމިއްލަޔަށެވެ. އެ ނިންމާ ބައިތަކަކީ ތިމާޔަށް ބޭނުން ބައިތަކެވެ. އަނެކުންނަކަށް ނޫނެވެ.

ހެދި ފޯދޭ ސިކުނޑިއެއް ބިނާކުރުން

ބައެއް ދިރާސާތަކުން ދައްކާގޮތުގައި އެބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ކަނޑައެޅުމުގައި ވިސްނާ އަސާސީ ވިސްނުން ދެ ބާވަތެއްގެ ސިކުނޑިން ނިންމައެވެ. އެއީ ހެދި ފޯދޭ ސިކުނޑިއާއި އެއް ގޮތެއްގައި ތަޅުލެވިފައިވާ ސިކުނޑިއެވެ. މި ދެބާވަތަކީ ވަރަށް ތަފާތުކޮށް ވިސްނުން ގެންގުޅޭ ދެބައެކެވެ.

ތަޅުލެވިފައިވާ ސިކުނޑި ޤަބޫލުކުރާނީ ތޫނުފިލިކަމަކީ ވަކި ގޮތަކަށް ހަމަޖެހި ނިމި، އެއަށް ބަދަލެއް ނާންނާނޭހެން ހުނަރާއި ޤާބިލިއްޔަތު ކަނޑައެޅި އެނޫން ގޮތަކަށް ބަދަލު ނުވާނޭ ފަދައިން ތަޅުލެވިފައިވާ އެއްޗެއްގެ ގޮތުގައެވެ. އެހެންވީމާ ކާމިޔާބަކީ ބުރަމަސައްކަތުގެ ފޮނި މޭވާ ކަމަކަށް އެފަދަ ސިކުނޑި ނުދެކޭނެއެވެ. ދެކޭނީ އެ ލިބޭ ނަޞީބުވެރިންނަށް އެއީ ޤުދުރަތީ ގޮތުން އުފެދުމުގައި ލިބޭ ހަދިޔާއެއްކަމަށެވެ. އެބައިމީހުން ހުނަރުގެ ހަނގުރާމައިގާ ބައިވެރިވާން ޖެހިލުންވާނެއެވެ. އެމިހުން އެދޭގޮތަށް ކަންކަން ނުހިނގާން ހަމަ ފެށުމާއެކު، ވަގުތުން އެކަންކަމަށް ފުރަގަސްދީ ހަތިޔާރު ބަހައްޓާނެއެވެ. ސަބަބަކީ އެމީހުންގެ ނަޒަރުގައި އެއީ އޭނާގެ ކިބައިގައި އެއްގޮތަކަށް ނެތް ހުނަރެއް ކަމަށް، މާ އަވަހަށް ނިންމާ މާޔޫސް ވާތީއެވެ.

މީގެ އިދިކޮޅަށް، ހެދި ފޯދޭ ސިކުނޑި ވިސްނާނީ ކަންކަމަށް އެމީހުނަށް ބަދަލު ގެނެވޭނޭކަމަށެވެ. އެމީހުން ދެކޭނީ ބުރަމަސައްކަތުން ކަންކަން އިޞްލާޙުކޮށް ބޭނުންވާ “ގޯލް” ޙާޞިލް ކުރެވޭނޭ ކަމަށެވެ. އަދި މި ކަންކަމުގެ ތެރެއިން އުނގެނި ތަޖުރިބާ ޙާޞިލްކޮށް، އިތުރު ކުރިއެރުންތައް ވެސް ހޯދޭނޭ ކަމަށެވެ.

މިބާވަތުގެ ހެދި ފޯދޭ ސިކުނޑީގެ ވެރިން ގިނަފަހަރު އެމީހުންގެ ދިރިއުޅުން ކާމިޔާބީގެ އައްސޭރިޔަށް ބަނދަރުކުރާނެއެވެ. އަދި ކުރިމަތިވާ ދަތި ކަންކަން ޙައްލުކުރާނޭ މަގު ހޯދާ އެންމެ ފަހުން ލަނޑުދަނޑި ޙާޞިލްކުރާނެ ވެސް މެއެވެ.

ހެދި ފޯދޭ ސިކުނޑިން ވިސްނާ މީހާ ދެކޭނީ އޭނާގެ ނަފުސުގެ ފުރިހަމަ ކޮންޓްރޯލް އޭނާގެ އަތުގައި އޮތްކަމަށެވެ. އަދި ތަޅުލެވޭ ސިކުނޑީގެ ވެރިން ޤަބޫލު ކުރާނީ އެއްވެސް އިޚުތިޔާރެއް ލިބިގެން ނުވާކަމަށެވެ. މިހައިހިސާބުން އުފެދޭނެ ސުވާލަކީ، ހެދިފޯދޭ ސިކުނޑިއެއްގެ ވެރިޔަކަށް ވާން ހަދާނީ ކިހިނެތްތޯ އެވެ.

ހިތްވަރުން ބަދަލުގެނެވޭކަން ޤަބޫލުކުރުން: ތަޅުލެވިފައިވާ ސިކުނޑި އެމީހުންގެ ކޮންޓްރޯލުގައި ކަންކަން ނެތްކަމަށް ޔަޤީންކުރާ ކުރުމާއި ޚިލާފަށް، ހެދި ފޯދޭ ސިކުނޑީގެ ނަޞީބުވެރިން ޤަބޫލުކުރާނީ، ހިތްވަރާ ބުރަމަސައްކަތުން މާނަވީ ކާމިޔާބީއަކަށް ދިރިއުޅުން އަނބުރާލެވޭނޭ ކަމުގައެވެ.

އާ ހުނަރުތައް ދަސްކުރުން: ދަތި އުނދަގުލާ ބުރަތައް ކުރިމަތިވާ ހިނދު، އިތުރު މަގުތައް ކޮށާ، ވިސްނުން ތަރައްޤީކޮށް، މަޢުލޫމާތާއި ހުނަރުން އެހުރަސްތައް ގިރާކޮށް އަމާން ބަނދަރަކަށް ވާސިލް ވެވޭނޭކަމުގައި އެމީހުން ދެކޭނެއެވެ.

ކޮންމެ ނާކާމިޔާބީއަކީ ފިލާވަޅެކެވެ.: ހެދި ފޯދޭ ސިކުނޑީގެ ވެރިން، ނާކާމިޔާބީ އަކީ ޤާބިލްކަމަށް އެޅޭ ހިޔަންޏެއްގެ ގޮތުގައި ދުވަހަކުވެސް ނުދެކޭނެއެވެ. އަދި ކިއެއްތަ، އެބައިމީހުން ދެކޭހުށީ އެ ހުރަސްތަކަކީ، ކަންކަން އިޞްލާޙުކޮށް ކުރިއަރާ ދިއުމަށް ލިބުނު އަގުހުރި ފިލާވަޅުތަކެއްގެ ގޮތުގައެވެ. “މިފަހަރު އެކަން އެގޮތަށް ނުވީތާ” އޭ ހިތަށް އަރުވާ، އަލުން އެހެން ގޮތަކަށް އެ މަސައްކަތް ކޮށް ކާމިޔާބުކުރުމަށް ޢަޒުމް ކަނޑައަޅާނެއެވެ.

ހޭލުންތެރިކަން

ދިރިއުޅުމުގެ ގިނަ ކަންކަމުގައި، ހޭލުންތެރިކަމަކީ ވަރަށް އިހުއްސުރެވެސް ކާމިޔާބީއަށް މަގު ކޮށައިދޭ އެއް ބަހާ ކަމުގައި އަންނަނީ ޤަބޫލު ކުރެވެމުންނެވެ. އެހެނަސް ފަހުގެ ހޯދުންތަކުން ޖަޒުބާތީ ހޭލުންތެރިކަމަކީ އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ދިރިއުޅުމަށް ނުފޫޒު ފޯރުވާ ކަމެއްކަމަށް ހޯދިފައިވެއެވެ. ޖަޒުބާތީ ހޭލުންތެރިކަމުގެ ސަބަބުން، ކަންކަން ރަނގަޅަށް ދެނެގަތުމުގައްޔާއި އެކަންކަމާމެދު އަމަލު ބައްޓަންކުރަން އެނގުމުގެ އިތުރުން، ޖަޒުބާތު އުފެދެން ޖެހޭ ސަބަބުތައް އިންސާނާއަށް ދެނެގަނެވެއެވެ. ޖަޒުބާތީ ހޭލުންތެރިކަން ހުންނަ މީހުނަށް ހަމައެކަނި ދެނެގަނެވޭނީ އޭނާގެ އަމިއްލަ މައްސަަލަތަކެއްނޫނެވެ. އަނެކުންގެ އިޙުސާސްތައް ވެސް ފުރިހަމަޔަށް ވަޒަންކޮށްލަން އެނގޭނެއެވެ.

ޖަޒުބާތީ ހޭލުންތެރިކަން އިތުރު ކުރުން

ތިމާގެ އަމިއްލަ ޖަޒުބާތީ އިޙުސާސަށް ފާރަވެރިވާށެވެ.: ތިމާގެ ނަފުސުގައި އުފަންވާ އެ ޖަޒުބާތަކީ، ކޮން ސަބަބަބުތަކަކުން، ކޮންފަދަ ޙާލާތު ތަކެއްގައި، ކިހިނެއް އުފަންވާ ކޮންކަހަލަ އިޙުސާސްތަކެއްތޯ އަމިއްލަޔަށް ބަލާ ވަޒަންކުރާށެވެ.

ތިބާގެ އެފަދަ ޖަޒުބާތުތައް ކޮންޓްރޯލްކުރާށެވެ.: ފަހަތަށް އެއް ފިޔަވަޅު އަޅާފައި ރީއްޗަށް ދެލޯހުޅުވައި، ވެދިޔަކަންކަމަށް ފުންކޮށް ނަޒަރު ހިންގާލާށެވެ. ހިތާ ސިކުޑިއަށް ފުނި ނުޖައްސާ އެ އިޙުސާސްތައް ބޭރުކުރުމާއެކު ކަންކަން ނިންމާށެވެ. އެހެނަސް ތިބާއަށް ކުރެވޭ އިޙުސާސްގެ ސަބަބުން އެ އިޙުސާސާމެދު އަމަލުކުރަން ނިންމަންވާނީ ދުޅަހެޔޮ ފައިދާހުރި ނިންމުންތަކެއްގެ މައްޗަށެވެ.

އަނެކުންގެ އަޑުވެސް އަހާށެވެ.: އަނެކުންގެ އަޑުއެހުމުގައި ބަލާނީ ހަމައެކަނި އޭނާގެ ދުލުން ބޭރުކުރާ ޖުމްލަތަކަކަށް އެކަންޏެއްނޫނެވެ. ދުލުން ބޭރުކުރާ ޖުމުލަކުގައިވާ އަސަރާއި ދުލުން ބޭރުނުވެ، މޫނާ ހަށިގަނޑުގެ ޙަރަކާތުން ބޭރުކުރާ ކަންފަތަށް ނީވުނު ލަފުޒުތައްވެސް، ލަހުޖާވެސް، ބަލާ ތަރުޖަމާކޮށް، ދަސްކުރުން ވަރަށް މުހިންމެވެ.

ސިކުޑިޔާ ވިސްނުމުގެ ބާރު ގަދަކުރުން

ސިކުނޑިޔާއި ވިސްނުމުގެ ބާރަކީ، އުނިވާކަންކަން ހަމަމަގަށް ރުޖޫޢަކުރުވުމުގެ ބާރާއެކު ހުރަސްތަކާ ކުރިމަތިލުމުގައި މުހިންމު ސަފައެކެވެ. މިފަދަ އުނި ސިފަތައް އަމިއްލަޔަށް ހޯދާ ދެނެގަތުމުގެ ޤާބިލްކަން ހުންނަ މީހުން އެޙާލަތުގެ މަޖުބޫރީ ދެކޭނީ އޭނާ ހޭލައްވާލުމަށް ދިން އިންޒާރެއްގެ ގޮތުގައެވެ. އަދި އޭގެ ސަބަބުން އޭނާ، އޭނާގެ މަންޒިލަށް ދަތުރުކުރުމުގެ އިޚުތިޔާރު އަމިއްލަ ނަފުސަށް އޮތްކަމުގައި ދެކެ، އެ ތަނަށް ދަތުރު ފަށަނީ ފުރިހަމަ ނަފުސުގެ އިތުބާރާ އެކުގައެވެ. އަދި މިދަތުރު އޭނާ ފެށި މަޤުޞަދާއެކު، އެ ލަނޑުދަނޑި އޮތް މިޞްރާބަށް ކާމިޔާބީއާއިއެކު ގޮސް ނިންމާލައެވެ.

ޖަޒުބާތީ ހޭލުންތެރިކަން އިތުރުކޮށް ސިކުނޑިއާއި ވިސްނުމުގެ ބާރު ގަދަކޮށް، ކާމިޔާބު ދިރިއުޅުމަކަށް މިޞްރާބު ހިފުމަށް ތިމާއަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟

* ތިމާގެ އަމިއްލަ ނަފުސަށް އިތުބާރުކުރާށެވެ.: މިކަންކުރުމަށް ފުރަތަމަވެސް، އަމިއްލަ ނަފުސުގެ ބަލިކަށި ދޫ ބަންދުކުރާށެވެ. ނަފުސުގެ އެ ޝަކުވާތައް އަޑުއެހުން ހުއްޓާލާ އެ ޝިކާޔަތުތަކުން ތިމާ މިނިވަން ވާށެވެ. އަބަދުވެސް ދުޅަހެޔޮ ވިސްނުމަކާއެކު ނަފުސަށާ ސިކުނޑިއަށް ކާނާދޭށެވެ.

* މަސައްކަތް ހުއްޓާނުލާށެވެ: ކަންކަން ނުވާނޭ، ސިކުޑިން ނަފުސަށް ބުނެދޭ ދަނޑިވަޅު ތަކުގައި ވެސް، ފަހަތުފަޔަށް ބުރަނުވެ ކުރިޔަށް ފިޔަވަޅުއަޅާށެވެ. އަމިއްލަ ބުރަކަށީގައި އުއްމީދުގެ އަތްތިލައިން އަޅާ ކޮށްޕާލާށެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެކެވެ. އަޅަންވާނީ ކުރިޔަށެވެ.

ކޮންމެ ކާމިޔާބު ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ، އަބަދުވެސް ތިބާގެ މޭގައި އަޅާ ފަހަތަށް ކޮށްޕާލީ ކޮން ނާއުއްމީދުގެ އަތްތިލައަކުން ކަން ހޯދުމެވެ. އަދި އެއީ، މިއަދު ތިޔަ ނަގާ ފިޔަވަޅު ކުރިއަށް އެޅުމަށް ދަސްކޮށްދިން ފިލާވަޅެއްކަމުގައި ދެކެ، އެތަޅުދަނޑިން ލެއްޕިފައިވާ ދޮރުތައް ހުޅުވާލާށެވެ.

* މަންޒިލް ކަނޑައަޅާށެވެ: ސިކުނޑީގެ ބާރުގަދަ މީހާއަކީ ކަނޑައެޅި ލަނޑުދަނޑިއަށް މިސްރާބުހިފާ، އެ ރޮގުމަތިން ގޮސް ދަތުރު ނިންމުމުގެ ޤާބިލްކަން ލިބިފައިވާ މީހާއެވެ. އެ ލަނޑުދަނޑި ފަހަރުގައި ފަސޭހަ ނުވެވެސް ދާނެއެވެ. އެހެނަސް އެ ދިމާއަށް މިސްރާބުކޮށް ހިނގާ ނަމަ، ހަމަގައިމުވެސް ދެވޭނީ މަންޒިލާ ގާތަށެވެ. ތިބާގެ އަމާޒު ވީ އެތަނުގައެވެ. ހުރަސްތައް ކެތްތެރިކަމުން މުގުރާ، ބިމާ ހަމަކުރާށެވެ. ރާސްތާ އެއޮތީ ކުރިމަތީގައެވެ.

* އެހީ ހޯދާށެވެ.: ހުރިހައި ކަމެއް އެކަނިމާ އެކަނި ކުރުމަކީ ދަތި ކަމެކެވެ. އެކަމަކު އެހީގެ ވިއުގައެއް ބިނާކޮށްގެން ކުރިޔަށް ދާނަމަ، ކޮންމެފަދަ ކަމަކަށްވެސް ތިމާ ކުޅެދޭނެއެވެ. ލަދުނުގަނެ ކެރިގެން އެހީއަށް އެދުމުންނެވެ. ނަސޭހަތް ދެވޭފަދަ ތިމާ އިތުބާރުކުރާ އިސް ފަރާތްތަކާ، އެކުވެރިންނާ، އެކުގައި މަސައްކަތްކުރާ މީހުނާ، އާއިލީ މެންބަރުންގެ އެއްބާރުލުމުން، އެ ބެދިފައިވާ ހުރަސްތައް ގިރާކޮށް، ތިބާއަށް ހިނިތުންވެ ހުރެ ކުރިއަށް ދިޔުމަށް ފަސޭހަކަމާއެކު މަގުފަހިވެގެން ދާނެއެވެ. އޭގެ އިތުރުން އަގުހުރި ނަސޭހަތާއި އެހީ އެފަރާތްތަކުން ލިބި، ތިމާގެ ދިރިއުޅުން ކާމިޔާބު ވެދާނެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com