މުންބާާއީގެ ކުރޮޅި ޑްރައިވަރުގެ ހިތްދަތި ވާހަކަތައް ހިއުމަންސް އޮފް ބޮމްބޭ ފޭސްބްކް ޕޭޖްގައި ޝާއިޢުކުރި ހިސާބުން އޭނާއަށް އެހީތައް އޮހެން ފެށިއެވެ. ހިއުމަންސް އޮފް ބޮމްބޭއަށް ދޭސްރާޖް ދިން އިންޓަވިއުގައި އޭނާ ބުނެފަައިވަނީ އޭނާގެ ފިރިހެން ދެ ދަރިން އޭނާއާ ވަކިވެ ދިއުމަށްފަހު، އޭނާގެ ކާފަދަރިންނާއި ޅީދަރިފުޅުގެ ޒިންމާ އޭނާގެ ބޮލުގައި އެޅުން ވެގެން ދިޔައީ އޭނާގެ ބުރަ އަދި ހިތްދަތި ހަޔާތުގައި ކުރިއަށް ދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

“މީގެ ހަ އަހަރު ކުރިން، އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅު ގެއްލުނީ. އޭނާ އާދައިގެ މަތިން ގެއިން ނުކުމެގެން ދިޔައީ މަސައްކަތު، އެކަމަކު އެނބުރި ނުއެއް އައި.” ދޭސްރާޖް މުންބާއީގެ ޚާރް ކައިރީގައި އޭނާގެ ކުރޮޅި (އޮޓޯ) މަޑުޖައްސައިލަމުން ބުންޏެވެ.

އޭނާގެ ފިރިހެން ދަރިފުޅުގެ ހަށިގަނޑު ފެނުނީ ހަފުތާއެއް ފަހުންނެވެ. އުމުރުން 40 އަހަރުގައި މި ދުނިޔެ ދޫކޮށް ދިޔައީ މުސްކުޅި ބައްޕަ ދޭސްރާޖްގެ ހިތް ރޮއްވާފައެވެ. ނަމަވެސް އޭނާގެ މުސްކުޅި ބައްޕައަށް ހިތާމަފާޅުކުރުމަށް ވެސް ވަގުތެއް ވެސް ނުލިބުނެވެ.

“އަހަރެންގެ ހަށިގަނޑުން ބައެއް ވެސް މަރުވެގެން ދިޔަ ދަރިފުޅުގެ މަރާ އެކު. އަހަރެންގެ ޒިންމާތައް އިތުރަށް ބޮޑުވެގެން ދިޔަ. ދަރިފުޅު މަރުވުމުން އެކަމާ ހިތާމަފާޅުކޮށްލަން ވެސް އަހަންނަކަށް ވަގުތެއް ނުލިބުނު – އޭގެ އަނެއް ދުވަހު އަހަރެން މަގުމައްޗަށް ނުކުމެއްޖައިން އަހަރެންގެ ކުރޮޅީގަ.” ދޭސްރާޖް ކިޔައިދިނެވެ.

އޭޭގެ ދެ އަހަރު ފަހުން، އޭނާގެ އަނެއް ފިރިހެން ދަރިފުޅު މި ދުނިޔެދޫކޮށް ދިޔައީ އަމިއްލައަށް މަރުވެގެންނެވެ.

“އަހަރެން މިގޮތުގައި މި ދެމިހުރެވެނީ އަހަރެންގެ ޅީދަރިފުޅާ އޭނާގެ ހަތަރު ދަރިންގެ ޒިންމާގެ ހައްޤުގަ.” މޮޅިވެރިކަމާއެކު ދޭސްރާޖް ބުންޏެވެ.

އޭރު ގްރޭޑް 09ގައި އުޅުނު އޭނާގެ އަންހެން ކާފަދަރިފުޅު ސްކޫލުން ވަކިވާންވީތޯ އެހުމުން ދޭސްރާޖް އެ ދަރިފުޅަށް ޔަޤީންކަން ދެމުން ބުނީ ކިޔަވަން ބޭނުންހާ ދުވަހެއް ވާންދެން ކިޔެވުމުގައި ދެމިހުއްޓަސް ކާފަގެ މައްސަލައެއް ނެތް ކަމަށެވެ.

އާއިލާާއަށް ފައިސާ ހޯދުމަށްޓަކައި، ކުރިއަށް ވުރެން ގިނައިރު އޭނާ މަސައްކަތްކުރަން ފެށިއެވެ. އެގޮތުން ހެނދުނު ހައެއް ޖަހާއިރު ކުރޮޅި ދުއްވަން ފަށާގޮތަށް މެންދަން ވާންދެން އޭނާ ކުރޮޅި ދުއްވައެވެ. އެއީ އާއިލާގެ ޚަރަދުބަރަދު ބެލެހެއްޓުމަށް މަހަކަށް ބޭނުންވާ 10،000 ރުޕީސް ހޯދުމުގެ ބޭނުމުގައެވެ. އެ ފައިސާއިން 6،000 ރުޕީސް ހޭދަވަނީ އޭނާގެ ކާފަދަރިންގެ ތަޢުލީމީ ޚަރަދަށެވެ. ބާކީ އޮންނަ 4،000 ރުޕީސް އަކީ އާއިލާގައި ތިބޭ ހަތް މެންބަރުންގެ ކެއުންބުއިމާއި އެހެނިހެން ކަންކަމަށް ހޭދަކުރަންް ޖެހޭ ވަރެވެ.

“ގިނަ ދުވަސްދުވަހު އަހަރުމެން ކާނެ އެކައްޗެއް ނެތިފައިވެސް ތިބެން ޖެހޭ.” ދޭސްރާޖް ބުންޏެވެ.

އެހެން ނަމަވެސް، އޭނާގެ ދޮށީ ކާފަދަރިފުޅު ގްރޭޭޑް 12ގެ ބޯޑު އިމްތިހާނުން 80 އިންސައްތަ މާކްސްއާއެކު ފާސްވުން ވެގެން ދިޔައީ އޭނާ އާއި އެ އާއިލާއިން ވާާ ޤުރުބާނީގެ އަގު އަދާވުން ވަރުގެ ކަަމެއްކަމަށް ދެކޭ ކަމަށް ދޭސްރާޖް ބުންޏެވެ. ކާފަ ދަރިފުޅަށް ލިބުނު ކާމިޔާބީ ފާާހަގަކުރުމަށް އެ ދުވަހު ހަތަރުދަމު އޭނާ ކުރޮޅި ދުއްވީ އެއްވެސް އަގެއް ނުނަގައި މުޅިން ހިލޭއެވެ. ކާފަ ދަރިފުޅުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ.

ނަމަވެސް އޭނާގެ ކާފަދަރިފުޅު ދިއްލީއަށް ގޮސް ބެޗްލަރ އޮފް އެޑިއުކޭޝަން ކޯސް ހަދަން ބޭނުންކަމަށް ބުނި ހިސާބުން، އެކަމަށް އޭނާ ކެރިކުޅަދާނަ ނޫންކަން އެނގުނުކަމަށް ދޭސްރާޖް ބުންޏެވެ.

“އެހެނަސް އަހަރެން ކޮންމެ ފަދަ އަގެއް ދީފައި ނަމަވެސް ދަރިފުޅުގެ ހުވަފެން ހަޤީޤަތަކަށް ހަދައިދޭން ބޭނުންވި. އެހެންވެ އަހަރެންގެ ގެ ވިއްކާލާފަ ލިބުނު ފައިސާއިން ކޯހަށް ފީ ދެއްކިން.” އޭނާ ބުންޏެވެ.

ދޭސްރާޖްގެ އަންހެނުން، ޅީދަރިފުޅު އަދި އޭނާގެ ދެން ތިބި ތިން ކާފަދަރިން ފޮނުވައިލީ އަވަށްގަނޑުގައި އުޅޭ ތިމާގެ މީހެއްގެ ކައިރިއަށެވެ. ނަމަވެސް އޭނާ މުންބާއީގައި ކުރޮޅި ދުއްވުމައިގެން މަސްޢޫލުވިއެވެ.

“މިހާރު އަހަަރެއް މިވަނީ، ތެދަށް ބުނަންޏާ އަހަރެންގެ ދިރިއުޅުން އެހާ ގޯހެއް ނޫން. އަހަރެން ކައިބޮއެ ހަދަނީ އަހަރެންގެ ކުރޮޅީގަ. ދުވާލުގަޑީގަ އަހަރެން ކުލީ ދަތުރުތައް ކުރަނީ.”

މި ފަޚުރުވެރި ކާފަ އޭނާގެ އިންޓަވިއު ނިންމައިލަމުން ބުނީ އޭނާގެ ކާފަ ދަރިފުޅު ކުލާހުން އެއްވަނަ ހޯދިކަމަށް ގުޅާފައި ބުނުމުން އޭނާގެ ހުރިހައި އުދާސްތަކާއި ތަދުތަކެއް ފިލައިގެން ހިނގައްޖެ ކަމަށެވެ.

“އަހަރެން އިންތިޒާރުކުރަމުން މި ގެންދަނީ އޭނާ ޓީޗަރަކަށް ވާނެ ދުވަހަކަށް، އޭރުން އަހަރެންގެ ދަރިފު ގައިގަ ބައްދާލާފަ ބުނާނަން، ‘މަންޖެ އަހަރެން ފަޚުރުވެރިކޮށްދީފީމޭ. އަހަރެމެންގެ އާއިލާއިން އެންމެ ފުރަތަމަ ދަސްވެނިވާ ކުއްޖަކަށް އޭނާ ވެގެން ދާނެ.” ފަޚުރުވެރިކަމާއެކު ދޭސްރާޖް ބުންޏެވެ. އޭގެ އިތުރުން އޭނާ ބުނީ އެ ދުވަހަކުން އޭނާގެ ހުރިހައި ކަސްޓަމަރުންނަށް ހިލޭ ދަތުރުތައް ކޮށްދޭނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.