ރާއްޖޭގެ ރެޕްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައި، ހުނަރުވެރި ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔާރުކޮށްފައިވަނީ މަސްތުވާތެކީގެ މައްސަލައެއްގައެވެ.

ސިމްބޮލިކް ރެކޯޑްސްގެ މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ ޕެސްޓް ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކުގައި ކަމަށް މަޢުލޫމާަތު ލިބިފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ރޭ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކީ ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް މިއަދު ޖަހައިދީފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް މިރޭ މުނިއަވަސް އަށް ވިދާޅުވިއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޕެސްޓް ހިމެނޭތޯ ތަކުރާރުކޮށް ސުވާލުކުރުމުން އެ ސުވާލަށް ފުލުހުން ޖަވާބުދީފައެއް ނުވެއެވެ.

މީގެ ކުރިން މިއުޒިކް ކުޅުން ހުއްޓާލައިގެން ދުވަސްތަކެއް ވާންދެން ހުރިކަން ފާހަގަކޮށްލެވެއެވެ. ޕެސްޓް މިއުޒިކް ކުޅުން ހުއްޓާލާފައި ވަނީ 10 އޮކްޓޯބަރ 2013 ގައި ސިމްބޮލިކް ގެ ’މަގުމަތި‘ އަލްބަމް ނެރުނު ފަހުންނެވެ. އޭނާ އަލުން ލަވަކިޔުމައިގެން އެނބުރި އައީ “އޮޔާ” ގެ ނަމުގައި އާއްމުކުރި ލަވައަކުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.