“ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރުމުގެ މުބާރާތް 2021” ނަމުގައި ދިވެހިބަހުގެ އެކެޑަމީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ. އޮފީސްތަކުގެ މުވައްޒަފުންނަށް ހުޅުވައިލައިފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ އެކެޑަމީން ވަނީ ހުޅުވާލާފައެވެ.

“ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރުމުގެ މުބާރާތް 2021” މިއީ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ދިވެހިބަހުގެ އެކެޑަމީން މިމަހު 11ގައި އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ “ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރުމުގެ މުބާރާތު”ގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ހުޅުވައިލައިފައިވާކަމަށެވެ.

މި މުބާރާތުގެ މަގުސަދަކީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ގާބިލުކަން ސަރުކާރު މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމާއި ސާފު ދިވެހިބަހުން މުޢާމަލާތު ކުރުމުގެ ޤާބިލުކަން އުފެއްދުން ކަމަށް އެ އެކެޑަމީން ހާމަކުރައްވައެވެ. މީގެއިތުރުން ސަރުކާރުގެ ލިޔުންތައް އާންމު ކުރުމަށް މަގުފަހި ކުރުވާ ސަރުކާރު މުވައްޒަފުންނަކީ ދިވެހިބަހުން ކުށް ނުލައި ލިޔުމަށް ޝައުގުވެރިވާ ބައެއް ކަމުގައި ހެދުންވެސް މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މުބާރަތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2021ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 17ވަނަ ދުވަހުގެ މެންދުރުފަހު 2:00އެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމާއި މުބާރާތުގެ ގަވާއިދު ވެސް އެ އެކަޑަމީން އާއްމުކޮށްފައިވެއެވެ. އެކަޑަމީން އާއްމުކޮށްފައިވާ ގޫގުލް ފޯމާއި މުބާރާތުގެ ގަވާއިދު މި ލިންކުތަކުންވެސް ޑައުންލޯޑްކޮށްލެވޭނެއެވެ.

“ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރުމުގެ މުބާރާތް 2021”  އޮންނާނީ 2021 ފެބްރުވަރީ 21ވަނަ ދުވަހުގެ ހެނދުނު 10:00އިން 11:00އަށެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރަކީ “ތަޢުލީމުގައްޔާއި މުޖުތަމައުގައި ޝާމިލުވުން އިތުރުކުރުވުމަށްޓަކައި ގިނަ ބައްސަކަން ކުރިއެރުވުން” (FOSTERING MULTILINGUALISM FOR INCLUSION IN EDUCATION AND SOCIETY) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.