ފެމިނާ މިސް އިންޑިއާގެ ތާރީޚްގައި ވެސް ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް ބޭއްވި މި މުބާރާތުގައި މިސް ގްރޭންޑް އިންޑިއާ ޓެގް ކާމިޔާބުކުރި މަނީކާ ޝިއޯކަންޑް އިއްޔެގެ ވަގުތެއްގައި އޭނާގެ އަވަށް ހަރިޔާނާއަށް ގޮސްފައިވެއެވެ. ހަރިޔާނާ އަވަށުގެ ރައްޔިތުން އޭނާއަށް ނުހަނު ހޫނު މަރުހަބާއެއް ކިޔާފައިވަނީ ރަސްމީ އިއްޒަތުގައި ސަގާފީ ގޮތަކަށެވެ.

ވީއެލްސީސީ ފެމިނާ މިސް ގްރޭންޑް އިންޑިޔާގެ ކާމިޔާބީ އާއި ހަމައަށް މަނީކާ ޝިއޯކަންޑް ކުރި ދަތުރުގެ މައްޗަށް ބަލައިލާނަމެވެ. މަނީކާ ޝިއޯކަންޑް އަކީ ކީމި އިންޖިނޭރެކެވެ. ނުވަތަ ކެމިކަލް އިންޖިނިއަރ އެކެވެ. އޭނާއަކީ މީހުންގެ ހިތް ދަމައިގަންނަ ފަދަ ޗާލުކަމެއް ލބިފައިވާ ކުއްޖެކެވެ. އަދާކުރާ ވަޒީފާއަކީ ކީމި އިންޖިނޭރުކަން ނަމަވެސް އޭނާ އަކީ ފާހަގަކޮށްލެވޭ ފަދަ މީހަކަށް ވުމުގެ އަޒުގައި ކުރިއަށްދިއުމަށް ގަސްދުކުރީ އޭނާއަށް ލިބިފައިވާ ރީތިކަމުގެ ބޭނުން ހިފައިގެންނެވެ.

މަނީކާ ޝިއޯކަންޑް އަކީ ފިލްމަށް ނިކަން ވަރުހުންނަ ކުއްޖެކެވެ. އެކްޓަރަކަށް ވުމަކީ އޭނާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އޭނާ އަކީ ޤައުމީ ފެންވަރުގެ ނެޓްބޯޅަ ކުޅުންތެރިއެއްވެސް މެއެވެ. ހަފުލާތައް އިންތިޒާމުކުރާ އިވެންޓް އޮގަނައިޒަރެއްވެސް މެއެވެ. އޭގެ އިތުރުން މޮޅަށް ތަޤުރީރުކުރާ މޮޅު ވާހަކަދެއްކުންތެރިއެއްވެސް މެއެވެ. ޝައުޤުވެރިވާ އިތުރު ކަންކަމުގެ ތެރޭގައި ފޮތްކިޔުން، ފިލްމު ބެލުން އަދި އައު ހުނަރުތައް ދަސްކުރުން ހިމެނެއެވެ.

މަނީކާގެ މައިންބަފައިންނަކީ މުސްކުޅި ބޯދާޚިޔާލުގެ މީހުންގެ ކަޓު ވިސްނުމުގެ ޝިކާރައަކަށް ވެފައިވާ ބައެއްކަން އޭނާ އާއްމުކޮށް ހާމަކުރުމުން އެންމެންނަށް ހައިރާންކަން ލިބިގެން ދިޔައެވެ. އަންހެން ދަރިންނަކީ ބުރައެއް ކަމަށް ދެކޭ އެ ފިކުރު ގެންގުޅޭ އޭނާގެ މައިންބަފައިންނަށް ދެވަނައަށް ވެސް ލިބުނީ (މަނީކާ) އަންހެން ދަރިއަކަށް ވީތީ އެ އަވަށު މީހުން ބަދުބަސް ބުނެ ހެދިއެވެ. އެހެންކަމުން މަނީކާ ހެދިބޮޑުވަމުން އައި ދުވަސްވަރު، ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. އޭނާގެ މައިންބަފައިން ފަޚުރުވެރިވާ ފަދަ މީހަކަށް ވުމުގެ މަތިވެރި ޢަޒުމެވެ.

ޑޮކްޓަރ އެސް.އެސް ބަޓްނާގަރު ޔުނިވާސިޓީ އިންސްޓިޓިއުޓް އޮފް ކެމިކަލް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީން ދަސްވެނިވުމަށްފަހު، އެމްބީއޭ ހާސިލްކުރުމަށް ނުކުތެވެ. ބައެއް ކުންފުނިތަކުގައި އޭނާ މަސައްކަތް ކުރުމަށްފަހު، މޮޑެލްކުރުމުގެ ރޮނގުން އޭނާ ކެރިއަރެއް ހޯދިއެވެ.

އޭނާ މޮޑެލްކުރުމުގެ ކެރިއަރު ފެށީ 2019ގައެވެ. ރޭމްޕް މޮޑެލް ކުރިއެވެ. މަޝްހޫރު ޑިޒައިނަރ ލޭބަލް ކަމަށްވާ އަންޖަލީ އެންޑް އަރުޖުން ކަޕޫރު، ނަރެންދްރަ ކުމާރު، އަދި ގުރުގުރާމް އިންޓަނޭޝަނަލް ކޯރޗަރ ވީކް 2019ގައި ރައިނާ ޑާކާ އަށް މޮޑެލްކޮށްދިނެވެ.

ނެލްސަން މަންޑޭލާ ވިދާޅުވެފައިވާ މަޝްހޫރު ވިދާޅުވުމެއް އޭނާ އަބަދުވެސް ޤަބޫލުކުރެއެވެ. “ދިރިއުޅުމުގެ އެންމެ ބޮޑު ޝާނަކީ (ލިބޭ ކާމިޔާބީއާއި ފަޚުރަކީ) ދުވަހަކުވެސް ނުވެއްޓި ކަޑައްތުކުރުމެއް ނޫން. އަދި ކިއެއްތަ އެއީ ވެއްޓޭ ކޮންމެ ފަހަރަކު ތެދުވުން.” މިއެވެ.

މީޑިއާއަށް ދިން ބަސްދީގަތުމެއްގައި މަނީކާ ހާމަކޮށްފައިވަނީ އޭނާ ފެމިނާ މިސް އިންޑިއާ 2020ގައި ބައިވެރިވުމަށް ހިތްވަރުދިނީ އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ ކަމަށެވެ. “ޕޭޖެންޓްގަ ބައިވެރިވާން އަހަރެން އެއްބަސްކުރުވީ އަހަރެންގެ ދޮށީ ދައްތަ. އެ މުބާރާތުގެ ތާޖު ހޯދުމަކީ އަހަންނަށް ނުކުރެވޭނެ ކަމެއް ކަމަށް އަހަރެން އަބަދުވެސް ހީކުރިން.”

ދައްތަ ދިން ހިތްވަރާއެކު، ލިބުނު އަޒުމާއި ކުރިން އޭނާ ބަރުދާސްތުކުރި ލަދުވެތިކަމުން ހިތްވަރުލިބިގެން މުބާރާތުގައި ބައިވެރިވެ އޭނާއަށް ވީއެލްސީސީ ފެމިނާ މިސް އިންޑިއާ 2020 ހަރިޔާނާގެ ލަގަބު ލިބުނެވެ.

ފެމިނާ މިސް އިންޑިއާގެ މަންސަ ބޭނުންކޮށްގެން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމަށް މަނީކާ އަމާޒު ހިފިއެވެ. އެގޮތުން ކުންފުނިތަކުގެ ކާބަން ފުޓްޕްރިންޓު ޓްރެކްކޮށް ތިމާވެއްޓަށް ކުރާ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރިއެވެ. އޭނާގެ ބުރަ އަދި މިންނެތް މަސައްކަތުން ވީއެލްސީސީ ފެމިނާ މިސް އިންޑިއާ 2020ގެ ޓޮޕް 15އަށް ވާސިލްވިއެވެ.

ވީއެލްސީސީ ފެމިނާ މިސް އިންޑިއާ ހަރިޔާނާ 2020ގެ އިތުރުން މަނީކާއަށް މޮހޭ މިސް ފޮޓޭޖެނިކް އެވޯޑްވެސް ލިބިފައިވެއެވެ. މީގެ އިތުރުން ހައި-ލައިފް މިސް ލައިފް ސްޓައިލް ސަބް ކޮންޓެސްޓުގެ ގަދަ ފަހެއްވެސް ހޯދާފައިވެއެވެ. ހަމަ އެހެންމެ ޓައިމް މިސް ރޭމްޕް ވޯކް ސަބް ކޮންޓެސްޓް އަދި ސެފޯރާ މިސް ގްލެމަރަސް ލުކް ސަބް ކޮންޓެސްޓްވެސް ޙާސިލްކޮށްފައިވެއެވެ.

ހިތުގައި ރަނގަޅު ހިތްވަރަކާއި އަމާޒެއް ބާއްވައިގެން މަނީކާ ޝިއޯކަންޑް، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި މީހުންގެ ހިތްތައް ފަތަހަކުރަމުން ދިޔައެވެ. އެގޮތުން އޭނާއަށް ވީއެލްސީސީ ފެމިނާ މިސް ގްރޭންޑް އިންޑިއާ 2020 ލިބިގެން ދިޔައެވެ.

މަނީކާ އަށް މި އެވޯޑް ލިބުމާައެކު ޒުވާނުންނަށް ވަރަށް އަގުހުރި ނަސޭހަތެއް އެނާ ދިނެވެ. “ކޮންމެ ދުވަހަކީވެސް ލިބޭ ހަދިޔާއެއް، އެ ހަދިޔާއާމެދު ފަރުވާކުޑަ ނުކުރާތި!” މަނީކާ ބުންޏެވެ.

ފޮޓޯތައް އަދި ޚަބަރުގެ މަސްދަރު: އިންޑިއާ ޓައިމްސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.