ޑިޕްރެޝަންގެ ސަބަބު އެނގުމުން ފަރުވާ ފަސޭހަވާނެ

ތިބާ ޑީޕްރެސްވާން ދިމާވީ ކޮން ސަބަބެއްކަން ދެނެގަނެވިއްޖެ ނަމަ އެކަމުން އަރައިގަތުމުގައި ފަސޭހަތަކެއް ވާނެއެވެ. މިސާލަކަށް ތިބާގެ ޑިޕްރެޝަން ފެށުނީ ވަޒީފާ ގެއްލި މާލީގޮތުން އައި ފިއްތުންތަކުން ކަމަށްވާނަމަ މާޔޫސްވެ އޮތުމުގެ ބަދަލުގައި އެކަމުން ސަލާމަތްވުމަށް އާމްދަނީ ލިބޭނޭ އިތުރު މަގެއް ހޯދަން މަސައްކަތް ފެށޭނެއެވެ. ތިބާ ތިއުޅޭ ހިސާބުގައި ތިބީ ނުދަންނަ ބީރައްޓެހި ބައެއް ނަމަ އާ ރަޙުމަތްތެރިން ހޯދާ މަޝްވަރާ ކޮށްލުން މާ ރަނގަޅުވާނެއެވެ. އޭގެސަބަބުން ހިތްހަމަ ޖެހި އެކަނިވެރިކަމާ ހިތްދަތިކަން ފިލާ އުފާވެރި މޫޑަކަށް ބަދަލުވެ، ކަމުގެ ފަރުވާ ލިބުން އަވަސްވާނެއެވެ. އޭރުން ޑިޕްރެޝަނުން  ނުކުތުމަށް އެ ބަދަލުކޮށްލެވެނީ ޙާލަތާ މާހައުލުގެ ބީރައްޓެހި ކަމެވެ.

ތިބާއަށް އެ ފިއްތުންތަކުން ކުއްލިއަކަށް ސަލާމަތްވެވުނަސް ނުވެވުނަސް ދެނެގަތުން އެންމެ މުހިންމީ އަސްލު މައްސަލައެވެ. އެއަށްފަހު އެހީއަށް އަތް ދިއްކޮށްލާށެވެ. ލިބޭ ކިތަންމެ ކުޑަ އެއްބާރުލުމަކުންވެސް ތިބާއަށް އެކަމުން އަރައިގަނެވިދާނެއެވެ.

ތިބާގެ މޫޑު ރަނގަޅުކޮށްލަން ކުރެވޭނީ ކީއް؟

ތިބާ ހުރީ ޑިޕްރެސްވެފައި ނަމަ އިޙުސާސްވާނީ އަލިކަމެއް ވެސް ނެތް އަނދިރި ހޮހަޅައެއްގައި ބެދިފައި މީހާ ހުންނަ ކަމުގައެވެ. އެކަމަކު އެ ޙާލަތުގައި ވެސް ތިބާއަށް މޫޑު ރަނގަޅުކޮށް ހަމައަކަށް އަޅުވާލަން ކުރެވިދާނެ އެތައް ކަމެއް ހުންނާނެއެވެ. މުހިންމީ ކިތަންމެ ކުދި ކަންކަމުން ނަމަވެސް އެކަމުގެ ދިފާއުގައި ފެށުމެވެ. ލަސްލަހުން އެދިމާލަކުން ފަށާށެވެ. ދުވާލަކު ކަމެއް ކުރަމުން އެ އަނދިރިން ނުކުންނާށެވެ. އަނެކުންގެ އެހީ ހޯދުމުގައި ފަސްނުޖެހޭށެވެ. މުޅިން ސަލާމަތްވުމަށް ވަގުތު ނަގާ ނެއެވެ. ނަމަވެސް ތިބާގެ ކޮންމެ ރަނގަޅު ނިންމުމަކުން އެ ހޮހަޅައިގެ ދޮރާ ގާތަށް ދެވި އަލިކަން ފެންނާނެއެވެ.

އަނެކުންނާ ހަމައަށް ދާށެވެ.

ޑިޕްރެޝަންގެ އަލިފާނަށް އިތުރަށް ދަރު ނޫކާ އެކުވެރިންނާއި އާއިލާ މެންބަރުންނާ ހަމައަށް ދާށެވެ. އަނެކުންނަށް ތިބާގެ މައްސަލަތައް ކިޔައިދީ އެމީހުނަށް އިތުރު ތަކުލީފެއް ޖައްސަންވީ ކީއްކުރަންހޭ ތިބާގެ ހިތަށް އަރާނެއެވެ. އެހެން ނަމަވެސް އެ ވިސްނުން ބަދަލުކޮށްލާ އެމީހުނަށް އަތް ދިއްކޮށްލާށެވެ. ތިބާއަށް ފުރަތަމަ މިކަން ހިއްސާކުރެވޭ މީހާއަކީ މިކަމުގެ ހައްލައް ނުވިޔަސް މާޔޫސް ނުވެ އަދިވެސް އަނެކުންގެ ގާތަށް ދާށެވެ. އެމީހުން ވާންވާނީ ތިބާއަށް ފާޑު ކިއުމުގެ ބަދަލުގައި އަސްލު މައްސަލަތަށް އަޑުއެހުމުގެ ޤާބިލްކަން ހުރި ބަޔަކަށެެވެ. އެފަދަ މީހުން ތިބާއަށްވެސް އެނގޭނެއެވެ. އެ ދަނޑިވަޅުގައި އެހީތެރި ވެވޭނީ އެފަދަ މީހުންނަށެވެ.

ނުހުއްޓި ކުރިއަށް ދާށެވެ.

އަމިއްލަ ނަފުސުގެ ކޮންޓްރޯލް ނަގަން ތިބާ ވަރަށް ހިތްވަރު ކުރަންޖެހޭނެއެވެ. ތިބާ ބަނޑުހައިވީމާ ކާން މަސައކަތްކުރާ ފަދައިން، ނިދިއައިމާ ނިދަން އޮށޯންނަ ފަދައިން، ބަލިވީމާ އެބައްޔަށް ފަރުވާ ވެސް ބޭނުންވާނެކަން ޤަބޫލުކުރާށެވެ. ގަސްތުގައި އެނގިހުރެ އެކަކުވެސް ޑިޕްރެޝަން ފަދަ ބޮޑު މައްސަލައެއްގެ ތެރެއަކަށް ނުވަންނާނެއެވެ. ވިސްނުން އަބަދުވެސް ހެޔޮ އަތަށް ވިސްނަން ދަސްކުރާށެވެ. ގޯސްކަމެއް ވިޔަސް އެވެސް އެ ޙާލަތުގައި ވެދާނެ ކަމެއް ކަމަށް އިއުތިރާފުވެފައި ހައްލާމެދު އަވަހަށް ވިސްނާށެވެ. އަނެކުން ކުށްވެރި ނުކުރުން ވަރަށް މުހިންމެވެ.

ތިބާ ޑިޕްރެޝަންގައި ހުންނަ އިރު އެނދުން ތެދުވެ ދިމަދިމާއަށް ދާން ސިކުނޑިއާއި ނަފުސު އިންކާރު ކުރާނެއެވެ. އެހެނަސް ހިތްވަރާއެކު ތެދުވާށެވެ. ނުކުންނާށެވެ. ދާހިތް ނުވިނަމަ ގޭގައި އެކަނިވެސް ކުރެވެންހުރި ހުރިހާކަމެއް މިވަގުތު ފަށާށެވެ. ކިތަންމެ ކުޑަ ކަމަކުން ވެސް ތިޔަ ފިއްތުމާ ދުރުހެލި ވެވިދާނެއެވެ. ކުޑަކޮށް ހިނގާލާށެވެ. މިއުޒިކެއް އަޑުއަހާ ނަށާލިއަސް ހިތްވަރު ލިބޭނެއެވެ. މުހިންމީ ފެށުމެވެ. ދެންދާނީ މަޑުން ނަމަވެސް ކުރިއަށެވެ.

މޫޑު ރަނގަޅުވާނެހެން ހީވާ އެއްޗެއް ކާލާށެވެ.

ކެފެއިން އާއި މަސްތުވާ ތަކެއްޗާއި ތެޔޮ ކެއުންތަކާއި ހަކުރާއި މިބާވަތުގެ މޫޑު ގޯސްވާ ފަދަ ކެއުންތަކާ ދުރުހެލިވާށެވެ. މޫޑަށް ހެޔޮބަދަލު އަންނާނެހެން ހީވާ އެއްޗެއް ކާށެވެ. ފަރުމަހާއި ސަރުބި މަދުހެން ހީވާ ތަކެތި ކެއުމަށް ބޮޑަށް ވިސްނާށެވެ.

އަލުން އެނބުރި ދުނިޔެއާ ބައްދަލު ކުރާށެވެ.

ކުރިން ތިބާއުޅު އުފާވެރި ދުނިޔެއަށް ދާށެވެ. މިނިވަން ވައިރޯޅި ލިބޭ މާހައުލަކަށް ނުކުމެލާށެވެ. ދޫންޏެއް ނުވަތަ ލޯބިކުރާ ޖަނަވާރެއްގެ ކައިރީ ޤުދުރަތީ މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް ބޮޑު ބަދަލެއް ގެނެވޭނެ ކަމެކެވެ. ތިބާ ހޮބީއެއްގެ ގޮތުގައި ކުރާކަމަކަށް ވަގުތު ދޭށެވެ. ނޫނީ އާ ކަމެއް ފަށާށެވެ. ފުރަތަމަ ކޮޅުގައި ފޫހި ގޮތެއް ހުންނާނެއެވެ. ބޭނުމީ ކުޑަ ހިތްވަރެކެވެ. އަލުން ތިބާ ދުނިޔެއާ ބައިވެރިވެލަނިކޮށް މަޑުމަޑުން ކަންކަން ހަމައަކަށް އެޅެމުން އަންނާނެއެވެ.

ޕްރޮފެޝަނަލް އެހީތެރިކަމަށް އެދޭނީ ކޮން ވަގުތަކު؟

އާއިލާއާއި އެކުވެރިން އަދި ތިބާފެށި އާ ކަންކަމުން ވެސް އެހީއެއް ނުލިބުނު ނަމަ އެވީ ނަފުސާނީ ސިއްޙީ މާހިރުންގެ ލަފާ ހޯދާށެވެ. ޑިޕްރެޝަނަށް ދެވޭ އެތައް ފަރުވާއެއް ވެސް ހުރެއެވެ.

ތެރަޕީ

ޑިޕްރެޝަނުން އަރައިގަތުމަށް ކުރެވޭ ފައިދާހުރި ފަރުވާތަކުގެ ތެރޭގައި އެތައް ކަންތައްތަކެއް ހުރެއެވެ. އެފަހަރަކަށް ބޭނުންތެރި ކަމެއް އެކަމުގެ މާހިރުން ކަނޑައަޅާ ބުނެދޭނެއެވެ. އެފަދަ ތެރަޕީ ތަކުގެ ސަބަބުން ތިބާގެ ނަފުސުގެ ބަލިކަށިކަން ފިލުވާލާ ވިސްނުމުގެ ރާސްތާ ބަދަލު ކޮށްލާނެއެވެ. މަޑުމަޑުން ކަންކަން ހަމައަކަށް އެޅި ދުނިޔެ ބަދަލު ވެދާނެއެވެ.

ބޭސްފަރުވާ

ތިބާއަށް ތިބާގެ ނަފުސު ކޮންޓްރޯލް ނުކުރެވި އަމިއްލައަށް މަރުވުން ނުވަތަ އެހެން ބަޔަކަށް ނޫނީ ތަކެއްޗަށް ގެއްލުންދެވޭ ހިސާބަށް ވިސްނުން ދާނަމަ ބޭހުގެ އެހީވެސް ކަމާބެހޭ މާހިރުން މެދުވެރިކޮށް ހޯދިދާނެއެވެ. އެކަމަކު އެއީ ކުރު މުއްދަތަކަށް ލިބިދެވޭ ހައްލެކެވެ. ދާއިމީ ހައްލެއްނޫނެވެ. އަދި ބޭހުގެ ބައެއް އެހެނިހެން އުނދަގޫތަކާއި ތަފާތުކަންކަން ވެސް އިތުރު ވުން އެކަށީގެންވެއެވެ. ވީމާ މިކަންކަމަށް ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަކީ އެންމެ އެދެވޭ ހައްލެވެ.
އަޅުގަނޑަށް ދެންނެވޭނީ ދީނީ އަޤީދާ ބަލިކަށި ނުވާނޭހެން ހުރިހައި ގޮތަކުން ވިސްނުންތެރި ކަމާއެކު އަމަލު ކޮށްފިނަމަ ތިޔައީ އެއްވެސް ކަމެއްނޫން ކަމަށެވެ. ހިތްވަރު ކުރާށެވެ. ތިބާގެ އަސްލު އުފާވެރި ދިރިއުޅުން ތިބާއަށް އެބަ އިންތިޒާރު ކުރެއެވެ. އަޅުގަނޑުގެ އުއްމީދަކީ ތިބާއަށް މި ލިއުމުންވެސް ހިތްހަމަޖެހުމެއް ލިބި އަވަސް ހައްލެއް ލިބިގެން ދިއުމެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com