ތިބާގެ ޤާބިލްކަން އިތުރުވެއެވެ.
ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވެއެވެ.
މަސައްކަތުގެ ކުރިއެރުން ލިބެއެވެ.

ފަހި ވިސްނުމުން ސިކުނޑި ތިބާގެ ޤާބިލްކަން އިތުރު ކުރަނީ ކިހިނެއް؟

ސިކުނޑިއަށް ވަންނަ ފަހި ވިސްނުމުގެ އަސަރު އެހައި އަވަހަކަށް ސިކުނޑި ދޫކޮށެއްނުލައެވެ. އެތައް އިރަކަށް އެތައް ދުވަހަކަށްވެސް ހުރެއެވެ. އަދި ފަހި ވިސްނުމުން ކޮށްދޭ އެންމެ ފައިދާބޮޑު ކަމަކީ ކަންކަން ކުރުމުގެ ޤާބިލިއްޔަތު އިތުރުކޮށް މުސްތަޤުބަލަށް ސިކުޑީގެ ވަކި ބައެއްގައި ރައްކާ ކޮށްދިނުމެވެ.

އަސްލު ދިރިއުޅުމެއްގެ މިސާލަކުން ބަލައިލާނަމެވެ…. ރަށުތެރެއަށް ނުކުމެ ދުވެ ސަކަރާތްގަނެ މޫދަށްއެރި ގަސްގަހަށް އަރާ އަދި ރައްޓެހިންނާއެކު މަޖާކުރާ ކުއްޖެއް އޭނާގެ ކަސްރަތީ ޙަރަކާތުގައި ވަރަށް ބޮޑަށް ކުރިއެރުން ހޯދާ އަދި އަނެކުންނާ މުއާމަލާތްކޮށް އިޖުތިމާއީ މައިދާނުގައި ޙަރަކާތްތެރި ވުމުގެ ޤާބިލްކަންވެސް އިތުރުވެދެއެވެ. މީގެސަބަބުން ދުނިޔެ ދަސްކުރުމާ ކަންކަމަށް ކުރިމަތިލާ ހުނަރު ދައްކާލުމުގައި ޖެހިލުން ކުޑަކަން ފާހަގަވެއެވެ.

މިފަދަ ޤާބިލްކަމާ ހުނަރު އެކަން ކުރުމުގެ ޝަޢުޤައްވުރެ ވެސް މާގިނަ ދުވަހަށް ދެމިހުރެއެވެ. އޭގެސަބަބުން ކުއްޖާ ބޮޑުވަމުން އަންނައިރު އޭގެ ބޭނުން ކިޔެވުމުގެ ދުވަސްވަރު ސްކޫލުގެ ސްޕޯޓްސް ދާއިރާގައި ބޭނުންކުރަން ފަށައެވެ. އަދި ކޮލެޖްނިމި ދިރިއުޅުމުގެ މައިދާނަށް ނުކުންނައިރު ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް ބޭނުންކޮށް ރަން ވަނަޔާ މެޑަލް ވެސް ހޯދައެވެ. އެއިން އެނގެނީ އެފަދަ އަސަރުތައް އެއީ ފައިދާ ކުރަނިވި ދިގު މުއްދަތަކަށް ސިކުނޑިއާ ނަފުސުގައި ރައްކާކޮށް ގެންގުޅޭ މުހިންމު ހަދިޔާތަކެއްކަމެވެ.

ފްރެޑްރިކްސަން މިއަށް ދެއްވާފައިވާ ނަމަކީ “ބްރޯޑަން އެންޑް ބިލްޑް” ތިއަރީއެވެ. އެނަން ކިއުއްވީ ފަހި ވިސްނުމުން ތިބާގެ ހިއްސުތައް ހެޔޮގޮތުގައި ހޭލާ މޮޅު ގޮތްތަކަށް މަގުފަހި ކުރާތީއާއި ތިބާގެ ސިކުނޑި ކަންކަމަށް ހުޅުވައި ހޭލުންތެރި ކޮށްދޭތީއެވެ. އަދި އެއިން ތިބާގެ އާންމު ދިރިއުޅުމަށް ފަހި އެތައް ފައިދާހުރި އަސަރުތަކެއް ގެނެސް ދޭތީއެވެ.

ކުރިން ދެންނެވުނުހެން އިދި ވިސްނުމުން ކަންހިނގަނީ ދިމާ އިދިކޮޅަށެވެ. އެއީ ކީއްވެތޯއެވެ؟ ދިރިއުޅުމުގައި ބިރާ ސިހުމުން ހަމައެކަނި ދަސްކޮށްދެނީ ކަންކަމުން ރެކި ފިލާށެވެ. އެއްކަލަ މިނިކާވަގުގެ މިސާލުގައި ވާ ފަދައިންނެވެ.

މިއިން ކޮންމެ ހޯދުމަކުން އުފައްދާ އެންމެ މުހިންމު ސުވާލަކީ ފަހި ވިސްނުން އެހާ ބޭނުންތެރި ވެފައި ދިރިއުޅުމުގައި ނުހަނު ބަލައިގަންނަން ފަސޭހަކަން އިހުސާސް ވާހިސާބުން، އެ ފަހި ވިސްނުމަށް ދާން ތިބާ ކަންކުރަންވީ ކިހިނެއްތޯއެވެ؟ އެ ބޮޑު މަންޒަރު ދެކެން ހަދަންވީ ކިހިނެއްތޯއެވެ؟

ތިބާގެ ދިރިއުޅުމުގައި ފަހި ވިސްނުން އިތުރުކުރާނޭ ގޮތް

ތިބާގެ ދިރިއުޅުމުގައި ފަހި ވިސްނުން އިތުރުކޮށް “ބްރޯޑަން އެންޑް ބިލްޑް” ތިއަރީގެ ބޭނުން ހިފާނޭގޮތަކީ ކޮބައިކަން ބަލައިލަމާތޯއެވެ؟

އެއްވެސް އެއްޗަކުން ނުވަތަ ކަމަކުން ތިބާއަށް އުފާވެރިކަމާ ހިތްހަމަޖެހުމާ ލޯބި ޙާސިލް ވާނޭހެން ހީވަންޏާ އެކަމެއް ހޯދައިގަންނަށް ވިސްނާ ފަހި ވިސްނުމަކީ މީގެ ތަޅުދަނޑިއެވެ. ތިބާއަށް އެންމެ ފައިދާކުރާނޭ ކަންކަން ތިބާއަށްވުރެ ރަނގަޅަށް އެނގޭނޭ މިހެއް ނުހުންނާނެއެވެ. ފަހަރެއްގައި އެއީ ފުޓުބޯޅަ ކުޅުމަށްވެސް ވެދާނެއެވެ. ނޫނީ ހިތްއެދޭ މީހަކާ އެކު ވަގުތު ހޭދަކޮށްލުން ކަމަށްވެސް ވެދާނެއެވެ. ނޫނީ އެއީ މޫދަށްއެރިލާ ފަތާލުންކަމަށް ވެސް ވެދާނެއެވެ.
އެބާވަތުގެ 3 ކަމަކަށް ތިރީގައި އަލި އަޅުވާލާނަމެވެ.

1 – ހިމޭންކަމާއެކު ކަމަކަށް ވިނުން (މެޑިޓޭޝަން)

ފަހުގެ ހޯއްދެވުމަކުން ފެޑްރިކްސަނާ އޭނާގެ ބައިވެރިން ހޯއްދެވި ކަންކަމުގެ ތެރޭގައި ގިނައިން ކޮންމެ ދުވަހަކު މެޑިޓޭޓް ކުރާ މީހުން ނުކުރާ މީހުނާ ޚިލާފަށް ގެންގުޅެނީ ފަހި ވިސްނުންކަން ބަޔާން ކޮށްފައިވެއެވެ. ހަމަ އުންމީދު ކުރައްވާފައި އޮތްގޮތަށް އެފަދަ މީހުންގެ ކަންކަން ކުރުމުގެ ޤާބިލްކަމާ ކެތްތެރިކަން ވެސް އެތައް ގުނައެއް އިތުރު ކަމަށް ވެއެވެ. މިސާލަކަށް މި ދިރާސާ ނިމުނުތާ 3 މަސްތެރޭ އެނގުނުގޮތުގައި ކޮންމެ ދުވަހަކު މެޑިޓޭޓް ކުރާ މީހުން އެބައިމީހުންގެ ވިސްނުމާ ދިރިއުޅުމުގެ ބޭނުންތެރިކަން ދެނެގަތުމުގެ ހުނަރާ އިޖުތިމާއީ އެހީތެރިކަމާ ވަރަށް އިތުރުވެ ބަލިތަކުން ބޮޑަށް ދުރަށް ދެވިފައިވާކަން ފާހަގަވިއެވެ.

ނޯޓް: އަޅުގަނޑުމެނަށް މެޑިޓޭޓް ކުރުމުގެ ގޮތުން ގަވައިދުން ނަމާދުތައް ކުރުން ވަރަށް މުހިންމެވެ. އެއަށްވުރެ ވަކި ކޮންސަންޓްރޭޝަން މަތިކުރެވޭ ކަމެއް ނޯންނާނެއެވެ.

2 – ލިޔެލުމަކުން އެކަނި

ޖާނަލް އޮފް ރިސާރޗް އިން ޕާސަނަލިޓީގެ ލިއުމެއްގައިވާ ދިރާސާއަކުން ދައްކާގޮތުން ޒުވާން 90 ބައިވެރިއަކުލައިގެން ހެދި ދިރާސާއެއް ލިޔެލާނަމެވެ.
މި 90 ބައިވެރިން ދެ ގްރޫޕަކަށް ބަހާލިއެވެ. އެތަނުން އެއް ގްރޫޕް ލައްވާ ޖެހިޖެހިގެން 3 ދުވަހު ލިޔުއްވީ އެމީހުނަށް ކުރާ އަދި ކުރެވިދާނެ އާދަޔާ ޚިލާފު ފަހި ކަންކަމުގެ ތަފުސީލެވެ. އަނެއް ގްރޫޕް ލައްވާލިއުއްވީ އާންމު ދިރިއުޅުމަކާ ބެހޭ ގޮތުންނެވެ.

3 މަސް ފަހުން ފަހި ކަންކަން ލިޔުނު ގްރޫޕުގެ ޓެސްޓް ތަކެއް ކުރެވުނުއިރު އެމީހުންގެ މިޒާޖާ މޫޑަށް ނުހަނު ގިނަ ހެޔޮ ބަދަލުތަކެއް އައިސްފައި ވާކަން ދެނެގަނެވުނެވެ. އަދި ސިއްޙީ ފަރުވާ ހޯދާފައި ވަނީ ހާލަކުން މީހެކެވެ. މީ ފުންކޮށް ވިސްނާލަން ކޮންމެހެން ޖެހޭ ފަދަ މުހިންމު ބަދަލެކެވެ.

3 – ކުޅެން އާދަކުރާށެވެ.

ތިބާގެ ބިޒީ ދިރިއުޅުމުން ވެސް ކުޅުމަށް ވަގުތުކޮޅެއް ހުސްކުރާށެވެ. އަޅުގަނޑުމެން ބައްދަލުވުންތަކާ މަސައްކަތްތަކާ އެހެނިހެން ކަންކަން ރާވާލާހެން ކުޅިވަރު ކުޅެލަން ވެސް ވަގުތުކޮޅެއް ހުސްކޮށް ރާވާލާށެވެ.

މީން ދުވަހަކުވެސް މަދުވެގެން ގަޑިއެއްހައި އިރު ނަމަވެސް ތިބާގެ ހުނަރު ދައްކާ ލުމަށް ނޫނީ ކަންކަން ތަހުލީލު ކޮށްލުމަށް އަމިއްލަ ނަފުސާއެކު ވަގުތުކޮޅެއް ހޭދަކުރެވުނު ހެއްއެޔެވެ؟ އެންމެ ފަހުން ތިބާ އަމިއްލަ ހިތް ހަމަޖައްސާލުމަށް އެއްވެސް ކަމެއްގައި ވަގުތު ހޭދަކޮށްލީ ކޮން އިރަކު ހެއްޔެވެ؟ ކޮންމެއަކަސް އަންގާރަދުވަހަށް ރާވާފައި އޮތް ވިޔަފާރި ބައްދަލުވުމަށް ވުރެ ތިބާގެ ނަފުސާ ހިތަށް ދެވޭ އަމިއްލަ ހަމަޖެހުމުގެ ވަގުތު ވަކި މުހިންމުކަން ކުޑަވާނެހެއްޔެވެ؟ ނުވާނެއެވެ. މިކަން ނޭނގެނީ 24 ގަޑިއިރުގެ ކަލަންޑަރުން ކޮންމެދުވަހެއް މާއްދީ ދުނިޔެއަށް ޝެޑިއުލް ކުރަން އާދަވެފައި ވާތީއެވެ.

އަޅެ ތިބާގެ އަމިއްލަ ހިތާ ސިކުނޑިއަށް އަރާމުކޮށްލާ ހަމަޖެހިލަން ހުއްދަ ދީބަލާށެވެ. އޭރުން އޭގެ ބަދަލު ފިސާރި ހެޔޮކޮށް ތިބާ ދެކޭނެއެވެ. އިތުރު އާކަންކަން ދަސްވެ ޤާބިލްކަން އިތުރު ވާނެއެވެ.

އުފާވެރިކަންތަ؟ ނޫނީ ކާމިޔާބީތަ…؟ އިސްވާނި ކޮންއެއްޗެއް؟

އެއްވެސް ޝައްކެއްނެތި އިސްވާނީ ބޭނުންތެރިވާނީ އުފަލާ ހިތްހަމަޖެހުމެވެ. އެކަން އެނގޭނީ ތަޖުރިބާ ކޮށްލީމައެވެ. ހަމައެކަނި ކުޅިވަރަކުން ޗެމްޕިއަންކަން ލިބުމާ، މޮޅު ވަޒީފާގެ ކުރިއެރުމެއް ލިބުމާ، ލޯބިވެރިޔަކު ޙާސިލް ވުމާ މިއީ ތަފާތު އުފާތަކެކެވެ. އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދިނުމާ އެލިބޭ ހަމަޖެހުމާ އެއީ އަދި މުޅިންތަފާތު ކަމެކެވެ. އެހެނަސް ދެރަކަމަކީ އަޅުގަނޑުމެނަށް ވިސްނާނުލެވި އޮންނަ ޙަޤީޤަތަކީ ދިރިއުޅުމުގެ ކާމިޔާބީ އަކީ އުފަލާ ހިތްހަމަޖެހުން ކަން ނޭނގި ފައިސާއާއި ތަނަވަސްކަމުގެ ފަހަތުން އަބަދު ފަހާދުވެ ވަރުބަލިވެފައިވާ ހާސްކަމުގެ ދުނިޔެއެއްގައި މި އުޅެވޭ އުޅުމެވެ.

އަޅެ އެންމެ ފަހަރަކުނަމަވެސް މިގޮތަށް ވިސްނާލަބަލާށެވެ. ” އަހަންނަށް …… ލިބިއްޖެއްޔާ، އެހަމަ ޖެހުނީއެވެ.” ނުވަތަ ” އަހަރެންނަށް ……. ހާސިލްވީމާ، އަހަރެން ހުންނާނީ ހިތްހަމަ ޖެހިފައެވެ.”

ޚުދު އަޅުގަނޑަށް ވެސް ކަންކުރެވެން އުޅެނީ ދިމާ އިދިކޮޅަށެވެ. އެހެނަސް އަޅުގަނޑުގެ ދިރިއުޅުމުގައި ވަރަށް ގިނަ ވަގުތު އަމިއްލަ ހިތްހަމަޖެހުމަށް އެބަ ޚާއްޞަ ކުރަމެވެ. އިޙުސާސް ހަމަ ތަފާތެވެ. މާބޮޑު އަގެއް ޙާޞިލްވާ ކަމުގެ އިޙުސާސެވެ. މިނިވަންކަމުގެ އިޙުސާސެވެ. އަނެކުނަށް އެހީތެރިވެވޭކަމުގެ ފޮނި އިޙުސާސެވެ. އޭގެ ސަބަބުން ޤާބިލްކަން އިތުރުވެ އެތައް ކުރިއެރުމެއް ލިބޭކަން ކަށަވަރެވެ. ކާމިޔާބީގެ ސިއްރަކީ އުފަލާ ހިތްހަމަޖެހުމެވެ. ދިރާސާތަކުން ވެސް ދައްކާގޮތުން އުފަލާ ހިތްހަމަ ޖެހުމުގެ ސަބަބުން އިންސާނީ ކަރާމާތް އުފުލި އިޙުސާސްތަކާ ކާމިޔާބު ޤާބިލް ދިރިޅުމާ ގުޅި ލާމެހެއެވެ. އެބައިމީހުން ތިބެނީ އުފަލުންނެވެ. އެހެންވީމާ އާ ހުނަރުތަކަށް އިތުބާރާއެކު ވަދެގަނެ ކާމިޔާބު ކުރެއެވެ. އަދި އޭގެ ސަބަބުން އަލުން އިތުރު ހިތްހަމަޖެހުމާ އުފާ ހާސިލްވެ މި ބުރު ވަށާ ތަކުރާރުވަމުން ދެއެވެ.
އިދި ވިސްނުމުން ތިބާގެ ނަފުސަށް ދޭ މެސެޖުތައް ހުއްޓުވުން

ސުވާލަކީ ތިބާގެ ފެންތަށި ހުރީ ދެބައިކުޅަ އެއްބައި ފުރިފައިތޯ ނުވަތަ ދެބައިކުޅަ އެއްބައި ހުސްވެފައިތޯއެވެ. މިއިން ތިބާ ޚިޔާރުކުރާ ޖަވާބުން ތިބާގެ ދިރިއުޅުމަށް ނުހަނުބޮޑު އަސަރެއް ފޯރާނެއެވެ. ދެޖަވާބަކީ އެއް ޙާލަތެއް ދެގޮތަށް ސިކުނޑިއަށް ބުނެދިނުމެވެ. ތިބާގެ ނަޒަރިއްޔާތު ނުވަތަ ޤަބޫލުކުރަން ބޭނުންވާގޮތް ދެއަތަށް ފުރޮޅާލުމުގެ ފުރުސަތު އެބައޮތެވެ. އެދެގޮތަށް ވިސްނިއަސް ހަމަ ޖަވާބަކީ އެއީ ބައިތަށި ފެންކަމެވެ. ތިބާގެ އެޓިޓިއުޑުން އާދެ! ޚިޔާރުކުރާ ފަޅިން ތިބާގެ ސިކުނޑިއާ ނަފުސަށް މުޅިން ތަފާތު ދެ އަމުރެއް ކުރެވިދާނެއެވެ. ތިމާ އެކަމުން ދާނީ އިދި ވިސްނުމަކަށްތޯ ނުވަތަ ފަހި ވިސްނުމަކަށްތޯ ނިންމިދާނެއެވެ. އަދި އެނިންމުމުން ތިބާގެ ސިއްޙަތަށް ވެސް އެތައް ގޮތަކުން އަސަރު ފޯރާނެއެވެ. ފަހި ވިސްނުމަކީ އުއްމީދާ ހިތްހަމަޖެހުމުގެ ތަޅުދަނޑިއެވެ. އަދި މިއިން މީހާގެ ހާސްކަން ފިލުވާލައެވެ. މިދެގޮތްވެސް އެނގުމުން ތަފާދު ދެނެގަންނަން ފަސޭހަ ވާނެއެވެ.

މަތީގައި ދެންނެވުނު ފެންތަށީގެ މިސާލު ދެގޮތަށް މާނަކުރަމާތޯއެވެ؟ އެއްގޮތަކީ ހާދަ ދެރައޭ ފެންތަށީގެ އެއްބައި ހުސްވީއެވެ. ކަރުހިއްކުމެއް ނުފިލައެވެ. އަނެއްގޮތަކީ އަދިވެސް ފެންތަށީގެ ބަރާބަރު އެއްބައި އެބަ ހުއްޓެވެ. ބާކީބައި ހުސްވާން ވާއިރަށް މުޅިން ކަރުހިއްކުން ފިލާނެއެވެ.

މި މިސާލުން ވެސް ހިތްހަމަޖެހުމާއި އުއްމީދު ލިބިދެނީ ފަހި ވިސްނުމުން ނޫންތޯއެވެ؟ އިދި ވިސްނުމުން ދެނީ ހުސްވެދާނެކަމުގެ ބިރާ އިންޒާރެވެ. ހާސްކަމެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com