އެ ފިލްމަކަށްޓަކައި ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ ދިވެހި ފިލްމް “ގިލަން” ގެ ޑަބިން މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ/ޑައިރެކްޓަރ  އަމްޖަދް އިބްރާހީމް (އަމްޖޭ) ބުނެފި އެވެ.

މުނިއަވަސް އަށް ފޯނުން ދިން އިންޓަވިއުއެއްގައި އަމްޖޭ ބުނީ ފިލްމުގެ ޑަބިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ނުނެގި އޮތް ދެ ލަވައިގެ މަސައްކަތް ފިލްމުގެ ލީޑް ކުޅޭ ޔޫސުފް ޝަފީޢު (ޔޫއްޕެ) މާލެ ދިއުމުން ފަށާނެ ކަމަށެވެ.

ގިލަން އަކީ އަމްޖޭ ގެ 50 ވަނަ ޑައިރެކްޝަން ހިމެނޭ ފިލްމެވެ. އެހެންކަމުން މިފިލްމްގެ ހުރިހާ މަސައްކަތެއް ވެސް އަމްޖޭ ކުރަން ބޭނުންވަނީ އޭނާއަށް ލިބޭ އާމްދަނީއަކުން ކަމަށާއި ފިލްމް ބެލުންތެރިންނާ ހަމައަށް ނައިސް ލަސްވަނީ އެގޮތަށް މަސައްކަތް ކުރާތީ ކަމަށްވެސް އަމްޖޭ މީގެ ކުރިން ވަނީ ބުނެފަ އެވެ.

ގިލަންގެ ޝޫޓިންގެ ތެރެއިން — ފޮޓޯ: ގިލަން ފޭސްބުކް ޕޭޖް

އަމްޖޭ ބުނީ މިއީ މުހައްމަދު ގާސިމްގެ މަޝްހޫރު ވާހަކައެއް ކަމަށާއި މިފިލްމަކީ ސަސްޕެންސް ލޯބީގެ ވާހަކައެއް ކަމަށެވެ.

“މިފިލްމުގައި ދައްކުވައިދޭނީ އާއިލާއެއްގެ ތެރޭގައި ހިމެނޭ މެމްބަރަކާއި މެދު އާއިލާގެ އެހެން މެމްބަރުން ޝައްކު ކުރުމުގެ ސަބަބުން ދިމާވާ ކަންތައްތަކެއް. ހަގީގަތުގައި ބެލުންތެރިންނަށް މިފިލްމްގައި ދޭން ބޭނުންވާ މެސެޖަކީ ޝައްކުކުރުމުގެ ނުރައްކާތެރިކަން،” ގިނަ ފިލްމްތަކެއް އުފައްދާފައިވާ އަމްޖޭ ބުންޏެވެ.

ގިލަން އިޝްތިހާރުކުރުމަށް ހަދާފައިވާ ޕޯސްޓަރެއް — ފޮޓޯ: ގިލަން ފޭސްބުކް ޕޭޖް

އަމްޖޭ ބުނީ ގިލަންގެ މޭކިންއަށް އެކަނިވެސް ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ ރުފިޔާ ހޭދަވެފައިވާ ކަމަށެވެ. ނަމަވެސް ފިލްމަށް ސީދާ ހޭދަވާނެ ވަރެއް އަމްޖޭ ބުނެފައެއް ނުވެ އެެވެ.

ގިލަންގައި ހަރަކާތްތެރިވާ ބައެއް ތަރިން — ފޮޓޯ: ގިލަން ފޭސްބުކް ޕޭޖް

މި ފިލްމުގައި އެކްޓަރެއްގެ ރޯލް އަދާކުރަނީ އެތައް އެވޯޑެއް ހާސިލްކޮށްފައިވާ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މިފިލްމަށް ސްކްރީން ޕްލޭ ވެސް ތައްޔާރުކޮށްދީފައިވަނީ ޔޫއްޕެ އެވެ. މީގެ އިތުރުން މިފިލްމުގެ ތަރިންގެ ތެރޭގައި ފާތިމަތު އާޒިފާ (އަޒޫ) އާއި އޭނާގެ ފިރިމީހާ އަހްމަދު ސައީދު، މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ އަދި ދޮންއައްޔަ ވެސް ހަރަކާތްތެރިވެ އެވެ.

މިފިލްމަކީ މީގެ އަހަރުތަކެއް ކުރިން ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ރީކޯ މޫސާ މަނިކުގެ އިތުރުން ޝީލާ ނަޖީބް ހިމަނައިގެން އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓް ކުރަން ފަށާ ވަކި ހިސާބަކުން މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު އެ ފިލްމްގެ މަސައްކަތް އަލުން ކޮށްފައިވާ ފިލްމެކެވެ.

“ގިލަން” އަކީ 1998 ވަނަ އަހަރު “މިއަދު” ނޫހުގައި މުޙައްމަދު ޤާސިމް ޝާއިއު ކޮށްފައިވާ ވާހަކަ އަކަށް ހަދާ ފިލްމެކެވެ. މީގެ އިތުރަށް ރޭޑިއޯ ޑްރާމާއެއްގެ ގޮތުގަައި ވެސް ދިވެހިރާއްޖޭގެ އަޑުން ގެނެސް ދީ ގިނަ ބައެއްގެ މަގުބޫލްކަން މި ވަހަކައަށް ވަނި ލިބިފައެވެ. މި ވާހަކައިގައި ކިޔައި ދެނީ ބޭބެގެ އަންހެނުންނާ ހިތާވެ، އޭނާ އާއި އެކި ގޮތްގޮތަށް ގުޅުން ހިންގާ މީހެެއްގެ ވާހަކަ އެވެ.

އަމްޖޭ މީގެ ކުރިން ވެސް ވަނީ ގާސިމްގެ ވާހަކަތަކަށް ފިލްމް ހަދައިފަ އެވެ. އޭގެ ތެރޭގައި “އުދަބާނި” އާއި “ހަ ފަރާތް” ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.