މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ދެވަނަ އަހަރީ ޖަލްސާ ބާއްވައި، އެ ޔޫނިއަންގެ ހިންގާ ކޮމެޓީގެ ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް ރައީސެއް އިންތިހާބުކޮށްފި އެވެ. މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ދެވަނަ އަހަރީ ޖަލްސާ ބޭއްވީ 12 މާރޗް 2021 ވީ ހުކުރު ދުވަހު ޒޫމް އެޕްލިކޭޝަން މެދުވެރިކޮށެވެ.
މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް އިންތިޚާބުވީ ޔޫނިއަންގެ މުއައްސިސެއް ކަމަށްވާ އަޙްމަދު ޝިހާމް އެވެ. ރައީސްކަމަށް ޝިހާމް އިންތިހާބު ވީ ޔޫނިއަންގެ ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މެންބަރުންގެ ތެރެއިން، %25 މެމްބަރުންގެ އަގުލަބިއްޔަތު ހަމަވާ ކޯރަމްގެ ތެރެއިން ޖަލްސާގައި ބައިވެރިވެވަޑައިގެން ތިއްބެވި މެމްބަރުންގެ %100 ތާއީދާއެކުގައި ކަމަށް އެ ޔޫނިއަނުން މަޢުލޫމާާތުދެއެވެ.
މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ދެވަނަ އަހަރީ އާންމު ޖަލްސާއެއް ބޭއްވުމަށް އިއުލާނު ކުރެވުނީ ޔޫނިއަންގެ ފުރަތަމަ ރައީސް އަލްފާޟިލް އިބްރާހިމް ވަހީދުގެ ސިއްހީ ހާލަތު ހުރި ގޮތުން، ޔޫނިއަންގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ދަތިވާތީ، ޖެނުއަރީ މަހުގެ ފަހުކޮޅު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ދެވަނަ އަހަރީ ޖަލްސާ ފެށުމުގެ ގޮތުން ޔޫނިއަންގެ ނައިބު ރައީސް، މަހްރާން މުހައްމަދު މާޖިދް މެމްބަރުންނަށް މަރުހަބާއެއް ދެންނެވިއެވެ. އެއަށްފަހު ފާއިތުވީ ދުވަސްތަކުގައި ޔޫނިއަންގެ ފަރާތުން ކުރެވުނު މަސައްކަތްތަކާއި ބެހޭގޮތުން ޕްރޮގްރެސް ރިޕޯޓެއް ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް، ހަމްޒާ ޚަލީލް ހުށަހަޅުއްވާދެއްވިއެވެ. ކުރިމަގުގައި ކުރަން ރޭވިފައިހުރި ކަންކަމާއި، މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ވާހަކައަށްވެސް އަލިއަޅުވާލުމަށްފަހު، ޔޫނިއަންގެ މެމްބަރުންގެ ހިޔާލުތައް ހުށަހެޅުމަށް ފުރުސަތު އެރުވުނެވެ.
ޖަލްސާ ނިމިގެންދިޔައީ ޔޫނިއަންގެ ރައީސްކަމަށް އަލަށް އިންތިހާބުވެ ވަޑައިގެންނެވި އަހްމަދު ޝިހާމްގެ ބަސްކޮޅަކުންނެވެ. ޔޫނިއަންގެ ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވާ، ޔޫނިއަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ސާބަސް ވިދާޅުވެ، ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މަސައްކަތްތަކަށް ޝިހާމް ތައުރީފް ކުރެއްވިއެވެ.
ޔޫނިއަންގެ ފަރާތުން އަހުމަދު ޝިހާމަށް ވަރަށް ހޫނު މަރުހަބާ ކިޔާ، އިންތިހާބުވި އައު މަގާމުގެ މަސައްކަތްތަކުގައި ފުރިހަމަ ކާމިއާބީއަކަށް އެދިފައިވެއެވެ.
ޝިހާމް އަކީ ދިވެހިރާއްޖޭގެ މިއުޒިކީ ސިނާއަތުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހޯދައިފައިވާ ނަން މަޝްހޫރު ބެރުވެރިއެކެވެ. ޔޫނިއަންގެ މުއައްސިސެއްގެ ހައިސިއްޔަތުން މިހާރުވެސް ޔޫނިއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ޝިހާމްއާއި މެދު ޔޫނިއަންގެ މެމްބަރުންގެ ފުރިހަމަ އިތުބާރު އޮތްކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށް އެ ޔޫނިއަނުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި