ދިވެހި ފިލްމު އިންޑަސްޓްރީގައި ފިލްމެއް ޕްރޮޑިއުސް ކުރުމަކީ ހަމަ ޔަގީނުންވެސް ޕްރޮޑިއުސަރުން ނަގާ ކުޑަ ރިސްކެއް ނޫނެވެ. ޚާއްޞަކޮށް ތަފާތު ޖޮންރާ ތަކުގެ ފިލްމުތަކަށް ޚަރަދުކުރުމަކީ އަދި ވަކިން ރިސްކު ބޮޑު ކަމެކެވެ. އެއަށްވުރެވެސް ރިސްކް ހުރީ ބޮޑު ކާސްޓެއް ލައިގެން ފިލްމެއް ތައްޔާރުކުރުމަށް ޚަރަދު ކުރުމެވެ.

ކިތަންމެ ބޮޑު ރިސްކެއް ނަގަން ޖެހުނަސް، އެ ރިސްކު ނަގަން އެއްވެސް ވަރަކަށް ޖެހިލުންނުވާ އެއް ޕްރޮޑިއުސަރަކީ ތަސައްވަރު ކުރާކަމެއް ކުރިމަގުގައި ވެދާނެކަމަށް އުއްމީދުކުރާ ‘ޝައި ޕްރޮޑަކްޝަން‘ ގެ އިސްމާޢީލް ޝަފީޤެވެ.

ޕްރޮޑިސަރެއްގެ ހައިސިއްޔަތުން ދިވެހި ފިލްމު އިންޑަސްޓްރީ އަށް އެންމެ ފުރަތަމަ ފިޔަވަޅެއް އެޅީވީވެސް ދިވެހި ސިނަމާއަށް މުޅިން އާ ޖޮންރާއެއްގެ ފިލްމަކާއި އެކުގަ އެވެ. “އިންސާފު” ގެ ނަމުގައި ފެނިގެންދިޔަ މި ފިލްމުން ފަހަރެއްގައި ޝަފީޤް ގެ ޖީބަށް އެންމެ އެދެވޭ އިންސާފެއް ނުލިބޭކަމަށް ވެސް ވެދާނެ އެވެ. ފިލްމު އިންސާފަކީ ތަފާތު ޖޮންރާ އެއްގެ ފިލްމެއްގެ އިތުރަށް ޝަފީޤް ބޭނުންވީ ބޮޑު ކާސްޓެއް ލައިގެން ނެރޭ ފިލްމަކަށް އެ ފިލްމުވެސް ހަދާށެވެ. އެންމެ ފުރަތަމަވެސް ބޭނުންވީ ތަފާތެއް ދައްކުވަންކަން ޝަފީޤް ގެ ވާހަކައިން އެނގުނެވެ.

“އެންމެ ކުރިން މިސާލަކަށް ބުނާނަމަ ފުރަތަމަ މި އިންޑަސްޓްރީ އަށް ނިކުމެވުނު ފިލްމަކީ ‘އިންސާފު’. އެ ފިލްމު ހެދިއިރުވެސް ޔޫއްޕެ އަށް ކޮންސެޕްޓް ދީފަ ބޭނުންވަނީ ބައިވަރު ކެރެކްޓާ ރޯލުތަކެއް ލާފަ ރާއްޖެއިން ބޭރުގެ ފިލްމުތައް ހުންނަގޮތަށް ރާއްޖެއިން ނެގެން އޮންނަ ވަރަކަށް މެކްޒިމަމް ކާސްޓެއް ލައިގެން އެފަހަރުވެސް ސްކްރިޕްޓް ހަދަން ބުނީ. ބުނީމަ ދެން ހަމަ އެގޮތަށް އެކަންތައް ދިޔައީ. އެއީ އެ އަހަރު ނިކުތް ފިލްމުތަކުން އެންމެ ގިނަ ކާސްޓުން ފެނިގެންދާ އެއް ފިލްމު.” ބޮޑު ކާސްޓެއް ހިމަނައިގެން ފުރަތަމަ ފިލްމު ޕްރޮޑިއުސްކުރި ގޮތް މުނިއަވަސް އާ ހިއްސާކުރަމުން ޝަފީޤް ބުންޏެވެ.

“ދެން އަބަދުވެސް ޤަބޫލުކުރަން މޮޅު ނުވަތަ ރީތި ނޫނީ ބަލާހިތްވާ ކަހަލަ ފިލްމެއް ހަދަން ބޭނުންކަމަށް ވާނަމަ ކާސްޓުންގެ އަދަދު އަސްލު އެބަޖެހޭ ގިނަވާން.” ބޮޑު ކާސްޓެއް ފިލްމުތަކުގައި ހިމެނުމުގެ މުހިންމުކަން ހާމަކުރަމުން ޝަފީޤް ބުންޏެވެ. ޝަފީޤް އިތުރަށް ބުނީ ކާސްޓުން ގިނަކޮށްލަނީ އެއްމެ މަންޒަރެއް ނުވަތަ ދެ މަންޒަރެއް އެ ސްޓާރަކަށް ދޭގޮތަށް ނޫންކަމަށެވެ. އޭގެ ބަދަލުގައި ޝަފީޤް ގެ ވިސްނުން ހުރީ ކޮންމެ ކެރެކްޓަރ ރޯލަކަށްވެސް ފުދޭވަރެއްގެ ގިނަ މަންޒަރުތައް ހިމެނޭގޮތަށް ފިލްމުތައް އުފެއްދުމަށެވެ.

ޝަފީޤް ބޭނުންވާ ގޮތަށް ސްކްރިޕްޓްތައް ތައްޔާރުކޮށް ޝަފީޤް ޕްރޮޑިއުސްކުރާ ގިނަ ފިލްމުތައް ޑައިރެކްޓް ކުރަމުން އަންނަނީ މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. ޝަފީޤް ގެ ވިސްނުމާއި އެއްގޮތަށް ބޮޑު ކާސްޓެއް ހިމަނައިގެން ސްކްރިޕްޓް ހަދަން ހަވާލު ކުރުމުން ބައެއް ފަހަރަށް ޝަފީޤް އާއި ޔޫއްޕެ ކުރިމަތިކުރާ ސުވާލެއް އޮވެއެވެ. ޝަފީޤް ބޭނުންވާ ގޮތަށް ބޮޑު ކާސްޓެއް ލައިގެން ފިލްމު ހަދަން ބޮޑު ޚަރަދެއް ހިނގާނެ ނޫންހޭ ބުނެ ޔޫއްޕެ ސުވާލު އުފައްދާ ކަމަށް ޝަފީޤް ބުންޏެވެ.

“އޭގެ ޖަވާބަކަށް ބުނަނީ ކާސްޓުންނާ ޑީލް ކުރާނީ މިކޮޅުންނޭ. ޔޫއްޕެ ލިޔަމުން ދާށޭ.”

ބޮޑު ކާސްޓެއް ލައިގެން ފިލްމެއް ހެދުމަށް ބޮޑު ޚަރަދެއް ދާނެތީ އެކަމާ އެހާ ބޮޑަށް ޝަފީޤް ނުވިސްނާ ފަދައިން ޝަފީޤް ގެ ފިލްމުތަކަށް ވަކި ސްޓާރެއް ނެގުމަށް ނުވަތަ ނުނެގުމަށްވެސް ޔޫއްޕެ އަށް އިޝާރާތެއް ނުކުރެއެވެ. އޭގެ ބަދަލުގައި ޔޫއްޕެ އަށް އޮންނަނީ ކާސްޓުން ހަމަޖެއްސުމުގައި ޔޫއްޕެ އަށް ކަމުދާ ސްޓާރެއް ލުމުގެ އިޚްތިޔާރު ދީފައެވެ.

“ޔޫއްޕެ މިސާލަކަށް މިވެނި ރޯލެއް ލިޔެފަ ތިމަންނަ ބޭނުމީ ޖިމީ އޭ. އެހިސާބުން ހަމަ އެރޯލަކަށް ޖިމީ ހަމަ ހުންނާނީ.”

ޝަފީޤް ޕްރޮޑިއުސް ކޮށްފައިވާ ފިލްމު ތަކުގެ ތެރެއިން އެންމެ މަދު ކާސްޓެއް ހިމަނައިގެން ހަދާފައިވަނީ ފިލްމު “24 ގަޑއިރު” އެވެ. ނަމަވެސް އެކަން އެގޮތަށް އޮތީ އެ ފިލްމަކީ ދަރާ ރަޝީދު ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމަކަށް ވާތީކަމަށް ޝަފީޤް ފާހަގަކުރި އެވެ. ނަމަވެސް ޝަފީޤް ޕްރޮޑިއުސް ކޮށްފައިވާ ފިލްމު ތަކުގެ ތެރެއިން ‘ބައިވެރިޔާ’، ‘ނޯޓީ40’ އަކީ ގިނަ ކާސްޓުން ލާގޮތަށް ޔޫއްޕެ ކައިރީ ބުނެގެން އެގޮތަށް ސްކްރިޕްޓް ތައްޔާރުކޮށް ކުޅުވާފައިވާ ފިލްމުތަކެކެވެ.

ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް މީޑިއާ އަށް އިންޓަވިއުއެއް ދެނީ

ފިލްމެއް ޝޫޓް ކުރުމުގައި މާލޭގައި ނުވަތަ މާލެ ކައިރީ ސަރަޙައްދުތަކުގައި ޝޫޓް ކުރުމާއި އަތޮޅު ތެރޭގެ ދުރު ރަށަކަށް އެހާ ބައިވަރު ސްޓާރުން ތަކެއް ގޮވައިގެން ގޮސް ޝޫޓް ކުރުމުގައި ހަމަ ގައިމުވެސް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެ އެވެ. އެހެން ނަމަވެސް މިކަމުގައިވެސް ޝަފީޤް ގެ ވިސްނުން އެހެން ޕްރޮޑިއުސަރުންނާއި ތަފާތު ކަން ފާހަގަކޮށްލެވެއެވެ.

“އަބަދުވެސް މިއުޅެނީ އަސްލު ރަނގަޅު ޕްރޮޑަކްޓެއް ހަދަން.” ރަށްރަށަށް ބޮޑު ކްރޫ އެއް ފޮނުވައިގެން ފިލްމު ހަދަން ޝަފީޤް ބޭނުންވާ ސަބަބުވެސް ހިއްސާކުރި އެވެ.  ނަމަވެސް އެގޮތަށް ބޮޑު ކާސްޓެއް ލައިގެން ރަށުން ބޭރުގައި ޝޫޓް ކުރާއިރު ފިލްމު ކްރޫ ގެ ކެއުން، ނިދުން، އަދި ހުރުމަށް ގިނަ ފައިސާތަކެއް ޚަރަދުވާނެކަން ޝަފީޤް ވެސް ޤަބޫލުކުރެ އެވެ. ޝަފީޤް ބުނީ މާލޭގައި ފިލްމެއް ޝޫޓް ކުރާއިރު ބައެއް ފަރާތްތަކުން ތިންހަތަރު މަސް ހޭދަކުރާއިރުވެސް ރަށްރަށުގައި ފިލްމެއް ޝޫޓް ކުރުމަށް ހިނގާ ޚަރަދާއި ގާތަށްވެސް ޚަރަދެއް ނުހިނގާ ކަމަށެވެ.

އެހެން ނަމަވެސް މި އާދަޔާޚިލާފް ޕްރޮޑިއުސަރު ބޭނުންވަނީ ތަސައްވަރު ކުރާކަމެއް ކުރިމަގުގައި ވެދާނެކަމަށް އުއްމީދުކޮށްގެން ފިލްމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމުމަށެވެ.

“މިސާލަކަށް ރާއްޖެތެރެއަށް (އަތޮޅުތެރެއަށް) މިދާ މެއިން ރީޒަންއަކީވެސް އެންމެން އެއްތަނެއްގައި ބައިތިއްބައިގެން ރަނގަޅު ފިލްމެއް ހެދުން. އެއީ އަސްލު ބޭނުންވާ އެއްޗަކީ.”

މާލޭގައި ފިލްމުތައް ހަދާ ގިނަ ޕްރޮޑިއުސަރުން ފިލްމު ހަދާއިރު ވަރަށް ބޮޑު ބަޖެޓަކުން ފިލްމު ހަދާކަމަށް ބުނިނަމަވެސް އަތޮޅު ތެރޭގެ ރަށްރަށުގައި ބޮޑު ކާސްޓެއް ހިމަނައިގެން ފިލްމެއް ޝޫޓްކުރަން މާބޮޑު ޚަރަދުތަކެއް ހިނގާނެކަން ޤަބޫލުކުރެވެ އެވެ.

މިހާރު ޝަފީޤް ޚަރަދުކޮށްގެން ޝޫޓިން ކުރިއަށްދާ ފިލްމު ‘ފޯޓީ ޕްލަސް’ އަށްވެސް ވަނީ ބޮޑު ކާސްޓެއް ހިމަނާފައެވެ. މީގެ އިތުރުން މި ބޮޑު ކާސްޓްގެ ތެރެއަށް ވަނީ ފިލްމީ ދާއިރާއަށް މުޅިން އާ 06 ކުދިންވެސް ހިމަނާފަ އެވެ. ‘ފޯޓީ ޕްލަސް’ ގެ ޝޫޓިން އަށް ފަހުވެސް ޝަފީޤް ގެ ވިސްނުން ހުރީ ބޮޑު ކާސްޓެއް ހިމަނައިގެން އަނެއްކާވެސް މުޅިން ތަފާތު ޖޮންރާ އެއްގެ ފިލްމެއް ހެދުމަށެވެ.

‘ފޯޓް ޕްލަސް’ އަކީ ޝަފީޤް ޕްރޮޑިއުސްކޮށް ގިނަ ސްޓާރުންތަކެއް ލައިގެން ހަދަމުން އަންނަ ފިލްމެއް – ފޮޓޯ” 40+ ޕޭޖް

“ކުރިއަށް ހަމަ ވިސްނުމުގަ އެބައޮތް މިއަހަރު މެދުތެރޭގަ އިތުރު ފިލްމެއް މިއަހަރަށް ހަދަން. ވިސްނުން އެބައޮތް އަދިވެސް ހަމަ ތަފާތު ސްޓައިލެއްގެ ފިލްމެއް ހަދަން.”

ތަފާތު ޖޮންރާތަކަށް ފިލްމު ހެދުމަކީ ރާއްޖޭގައި ވެސް ފިލްމު ހަދާމީހުން ޗެލެންޖަކަށް ނަމަވެސް މަސައްކަތް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ޝަފީޤް މި އިންޑަސްޓްރީ އަށް ފުރަތަމަ ފިޔަވަޅެއް އެޅީވެސް ދިވެހި ސިނަމާތަކަށް މުޅިން އާ ޖޮންރާ އަކާއި އެކުގައެވެ. ފުރަތަމަ ފިލްމު ‘އިންސާފު’ އަށްފަހު ދެން ހެދީ ވެސް ތަފާތު ފިލްމެކެވެ. ’24 ގަޑިއިރު’ ގެ ނަމުގައި ޝަފީޤް ޕްރޮޑިއުސްކޮށްގެން ހަދާފައިވާ ފިލްމަކީ ބޭރުގެ ފަންނާނެއް ފިލްމުގެ ބޮޑު ބަޔަކަށް ލައިގެން، އިނގިރޭސި ޑައިލޮގާއި އިނގިރޭސި ލަވަ ހިމަނައިގެން ހެދި ފުރަތަމަ ފިލްމެވެ. އޭގެ ފަހުން ‘ބައިވެރިޔާ’ ހަދާފައިވާއިރު އެ ފިލްމަކީ ރާއްޖޭގައި ފުރަތަމަ އުފެއްދި ފުލް ކޮމެޑީ ފިލްމެވެ. އޭގެ ފަހުން ޝަފީޤް ޕްރޮޑިއުސް ކޮށްފައިވަނީ ‘ނޯޓީ40’ އެވެ. މި ފިލްމަކީ ރާއްޖޭގައި ނެރުނު ފިލްމުތަކުގެ ތެރެއިން ހުރިހާ ރަހަތަކެއް މިންހެޔޮ ވަރަކަށް ހިމަނައިގެން ނެރުނު ފުރަތަމަ ކޮމެޑީ ފިލްމެވެ. މި ފިލްމުގައި ލޯބި، ސަސްޕެންސް، ކޮމެޑީ، އަދި ހިތާމަ ވެސް އެކުލެވެއެވެ. އެހެންކަމުން މިއީ ހިންދީ ކޮމެޑީ ފިލްމުތައް ފަދައިން ‘މަސާލާ ޓައިޕަށް’ ހަދާފައިވާ ފިލްމެކެވެ.

ނޯޓީ40 އަކީ ވެސް ގިނަ ސްޓާރުންތަކެއް ހިމެނޭ ފިލްމެއް – ފޮޓޯ: ނޯޓީ40 ޕޭޖް

ޝަފީޤް ބުނީ ‘ފޯޓީ ޕްލަސް’ އަކީ ވެސް އާ ޖޮންރާ އެއްގެ ފިލްމެއް ކަމަށެވެ. ‘ނޯޓީ40’ ގައި ހިމެނޭ ކެރެކްޓަރ ތައް މި ފިލްމުގައި ހިމެނުނަސް މި  ފިލްމުން ފެނިގެންދާނީ ‘ނޯޓީ40’ ގެ ވާހަކަ އާއި މުޅިން ތަފާތު ވާހަކައެއް ކަމަށްވެސް ޝަފީޤް ބުންޏެވެ.

ބޮޑު ކާސްޓެއް ހިމަނައިގެން ފިލްމެއް ކުޅުވުމުގައި ހަމަ ގައިމުވެސް ދޭދޭ ސްޓާރުންނާއި ކްރޫ މެންބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއްވެސް ކުރިމަތިވުމަކީ ނުވެ ނުދާނެ ކަމެކެވެ. އެހެން ނަމަވެސް ޝަފީޤް ފިލްމީ ދާއިރާ އާއި ގުޅުނު ހިސާބުންވެސް ގެންގުޅު އެއް ހުވަފެނަކީ ސްޓާރުންގެ މެދުގައި އުފެދޭ އެފަދަ ޚިލާފްތައް ނައްތާލައިގެން ގިނަ ސްޓާރުން ހިމަނައިގެން މޮޅު ފިލްމުތަކެއް ނެރުމަށެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ ފިރިހެން ތަރިންނަށް ބަލާއިރު އެންމެ ކުރީ ސަފުގައި މިވަގުތު އުޅޭ ޔޫއްޕެ އާއި ސީޒަން އެކުގައި މަސައްކަތް ކުރާތަން ފެނުމަކީ ހަމަ ގައިމުވެސް ބެލުންތެރިން އުފަލާއެކު ފާހަގަކުރާ ކަމެކެވެ. މި ދެ ސްޓާރުން އެކުގައި މަސައްކަތް ކުރާތަން މިއަދު މި ފެންނަނީވެސް ޝަފީޤް ގެ ބޮޑު ހިއްސާއެއް އެކަމުގައި އޮވެގެންނެވެ.

“މިކޮޅުގެ (ޝަފީޤް ގެ) ޑްރީމެއް އަސްލު އެއީ. އެއީ މިސާލަކަށް ފިލްމު ހަދަން ފެއްޓުމުގެ ކުރިން، ފިލްމު ހަދާ ޚިޔާލު އައި ހިސާބުން ފެށިގެން އަބަދުވެސް ހިތުގަ އިންނައެއްޗެއް، އޭރު ދެން އެންމެ ހިނގާ ދެމީހުންނަކަށް މި އޮންނަނީ ޔޫއްޕެ އާ ސީޒަން އާ. އެކަމަކު އޭރުގަ ވާހަކަ އުޅޭގޮތުން ވެއްޖެއްޔާ ޔޫއްޕެ އާ ސީޒަން އަކީ އެއްކޮށް ފިލްމުތަކެއް ކުޅެފަ ހުރިކަމުގަ ވިޔަސް އެއްކޮށް ވާހަކަދައްކާ ދެމީހުން އެއްކޮށް ސަކަރާތްޖަހާ އުޅެފަތިބި ދެމީހުންނެއް ނޫން.”

ބައިވެރިޔާ ގައިވެސް ގިނަ ސްޓާރުންތަކެއް ހިމެނޭ – ފޮޓޯ: ބައިވެރިޔާ ފޭސްބްކް ޕޭޖް

ޝަފީޤް ބުނީ އޭރު އަޑުއިވިފަވާ ގޮތުން ސީޒަން އުޅޭ ފިލްމެއްކަމަށް ވަންޏާ ބައެއް ފިލްމުތައް ޔޫއްޕެ ރިޖެކްޓްކޮށްފައިވެސް ވެއެވެ. ފަހަރެއްގައި އެ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށް ވެދާނެކަމަށާއި އޭރުވެސް ޔޫއްޕެ އާއި ސީޒަން ލައިގެން ކޮންމެވެސް ފިލްމެއް ނެރުމަކީ ޝަފީޤް ގެންގުޅު ހުވަފެނެކެވެ.

“އެ މަގުސަދުގަ ނޯޓީ40 މި ހެދީވެސް. ހެދިއިރު އަނެއްހެން ބުނާނަމަ ޔޫއްޕެ އާ ސީޒަން އާ ވަރަށް ގުޅޭ.” ޝޫޓިން ތެރޭގައި ސަކަރާތްޖަހާ ވަރަށް އެކުވެރިކޮށް ދެ ސްޓާރުންވެސް އުޅޭ ކަމަށާއި ޔޫއްޕެ ޑައިރެކްޓް ކުރާ ފިލްމެއް ނަމަވެސް ސީޒަން އަށް ފެންނަ ރަނގަޅު ގޮތްގޮތް ބުނެދިނުމުން ޔޫއްޕެ އެކަންކަން ޤަބޫލުކޮށް ބަދަލުތައް ގެނެސްފައިވާކަންވެސް އުފަލާއެކު ޝަފީޤް ފާހަގަ ކުރެއެވެ.

ތަފާތު ވިޝަން އަކާއި އެކު ފިލްމީ ދާއިރާ އަށް ނިކުތް ‘ޝައި ޕްރޮޑަކްޝަން’ ގެ ޝަފީޤް ގެ ފިލްމުތަކުން އަންނަނީ ތަފާތު ދައްކަމުންނެވެ. އެ ތަފާތު ދެއްކުމުގައި ޝަފީޤް އަންނަނީ ވަކި މީހަކަށް ފޭވަރ ކުރުމެއް ނެތި ހަމަހަމަ ގޮތެއްގައި ވީހާވެސް ގިނަ ފަންނާނުންނަށް ފުރުޞަތުތައް ދެމުންނެވެ. ކަން މިހެން އޮތް އިރު ޝަފީޤަކީ ހަމަ ވަރަށް އާދަޔާޚިލާފް ޕްރޮޑިއުސަރެއް ނޫންހެއްޔެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.