މަރްޔަމް: އަންހެނުންނަކީ ކޮންމެ މަހަަކު ތި ލޭ ފެނި، އޭގެ ހޭކޭ ބައެއް. ފިރިހެނަކަށް ވުރެން ބޮޑަށް އަންހެނުންނަށް އެނގޭނީ ލެއަކީ ކޯއްޗެއްކަން!
މަރްޔަމް” އެ ބުނީ ދޮގުވާހަކައެއް ނޫނެވެ. މިއީ ކަނޑިފަރު ދާއިރާގެ ފޯރިގަދަ އިންތިޚާބުގައި މިހާރުވެސް އެ ދާއިރާގެ މެންބަރު އަދުނާން ޙަލީމް ބަލިކުރުމަށް ނުކުމެ ހުރި އަދުނާން ހަލީމް، “މަރްޔަމް“ގެ ކުރިމަތީގައި އިނދެ “މަރްޔަމް” އަށް ކުރިމަތިކުރި ވަރުގަދަ ސުވާލަކަށް “މަރްޔަމް” ދިން ފުރިހަމަ ޖަވާބެވެ.

‘އެއްކާފު ޕްރޮޑަކްޝަން’ އިން ‘އޯކޭޒް އިންކް’ގެ ޓީމާއި އެކުގައި އުފައްދާފައިވާ ވަރުގަދަ ސިޔާސީ ފިލްމު “މަރްޔަމް“ގެ ރަސްމީ ޓްރެއިލާ ނެރެފައިވާއިރު، ޓްރެއިލާއިން ފެންނަނީ ރާއްޖޭގެ ސިޔާސީ މަޝްރަޙްގެ ޙަޤީޤީ މަންޒަރުތަކެކެވެ. ނަމަވެސް މިއީ އިބްރާހިމް ވިސާން (ކަނޑި) ގެނެސްދޭ އޭނާގެ ފިލްމު “މަރްޔަމް” އަށް ޚުދު އޭނާގެ އިރުޝާދާއެކު ފިލްމުގެ ކާސްޓުން ކުރެހި މަންޒަރުތައް ކަނޑިގެ ކެމެރާގައި ގައިދުކޮށް ގެނެސްދޭ ފިލްމީ މަންޒަރުތަކެކެވެ.

މަރްޔަމް“ގެ ސްކްރީންޕްލޭ ލިޔުނީ ހުނަރުވެރި ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ. ޒަރީރުގެ ހުނަރުވެރިކަން ފިލްމުގެ ރަސްމީ ޓްރެއިލާއިން ފެންނަ މަދު މަންޒަރުތަކުން ވަރަށް ތަފުޞީލުކޮށް ބުނެދެއެވެ. ބޭނުންކޮށްފައިވަނީ ބާރުގަދަ ޑައިލޮގުތަކެއް ކަން ފާހަގަވެއެވެ.

އަދުނާން ހަލީމް: ހީކުރަން މަރްޔަމް އަކީ ލޭ ފެނިފަ ހެޔަށް ގޮތް ނުވާ ކުއްޖެއް ކަމަށް!
މަރްޔަމް: އަންހެނުންނަކީ ކޮންމެ މަހަަކު ތި ލޭ ފެނި، އޭގެ ހޭކޭ ބައެއް. ފިރިހެނަކަށް ވުރެން ބޮޑަށް އަންހެނުންނަށް އެނގޭނީ ލެއަކީ ކޯއްޗެއްކަން!

މަތީގައި އެވަނީ އެފަދަ އެއް ޑައިލޮގުކޮޅެވެ. އިއްތިފާޤުން ނަމަވެސް މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފޯރިއާއެކު ދެކެވެމުން އަންނަ ވާހަކައަކާއި ގުޅުންހުރި ޑައިލޮގުކޮޅެކެވެ.

ދޮން އައްޔަ ކުޅޭ ކެރެކްޓަރ: “ހީ އިޒް އަ ޕޮލިޓިކަލް ބީސްޓް!” މިއީ ވެސް އެފަދަ ވަރުގަދަ ވާހަކައެކެވެ. މި ފިލްމުގައި އަޙްމަދު ސަޢީދު ކުޅެފައިވާ އަދުނާން ހަލީމްގެ ކެރެކްޓާގައި ސަޢީދު ފެނިގެންދާނީ ހަމަ އަސްލުވެސް ސިޔާސީ ފުރޭތައެއްގެ ގޮތުގައެވެ.

ދޮން އައްޔަ ކުޅޭ ކެރެކްޓަރ: މިހާރު އެ މަސައްކަތުގެ އަގަކީ ދާއިރާގެ ގޮނޑިން ހަލީމު ނެގުން.
މަރްޔަމް: އެކަން ވާނެހެން ހީވޭތަ؟
ދޮން އައްޔަ ކުޅޭ ކެރެކްޓަރ: މަރީއަށް ނުވިއްޔާ އެހެން އެކަކަށްވެސް ނުވާނެ! …… ހީ އިޒް އަ ޕޮލިޓިކަލް ބީސްޓް!

މިފަދަ ބާރުގަދަ އެތަކެއް ޑައިލޮގުތަކެއް މި ފިލްމުގައި ހިމެނޭއިރު، ފިލްމުގައި ސަޢީދު ފެނިގެންދާނެ ހީލަތްތެރި، ހަޑިމުޑުދާރު ސިޔާސީ މީހެއްގެ ކެރެކްޓަރ، މިހާރު ދޫކޮށްލާފައި ޓްރެއިލާގެ ދެ މަންޒަރަކުންވެސް ވަރަށް ފުރިހަމައަށް ސިފަވެގެން ދެއެވެ. ހަމަ އެހެންމެ މީގެ ކުރިން މަރްޔަމް މަޖުދާ ކުޅެފައި ނުވާފަދަ ތަފާތު، ވަރުގަދަ އެކްޓިން އެއް މި ފިލްމުގައި އޭނާ “މަރްޔަމް“ގެ ރޯލުން ފެނިގެންދާނެއެވެ. ދޮން އައްޔަ ފެނިގެންދާނީ “މަރްޔަމް“ގެ ކެމްޕޭނު ކަންކަމުގައި އެންމެ ގާތުން ހަރަކާތްތެރިވާ މީހެއްގެ ގޮތުގައެވެ.

ކޮންމެއަކަސް، “މަރްޔަމް” އާއި އަދުނާން ހަލީމުގެ ގަދަ ހިފުމުގެ ކުޅިގަނޑާއި ނަތީޖާ ފެންނާނީ 08 އޭޕްރީލް 2021ގައެވެ. ހަމަ އެކަނި މީޑިއާ ނެޓްގެ މަލްޓިސްކްރީން އެޕްލިކޭޝަން މެދުވެރިކޮށެވެ.

މި ފިލްމުގެ މުހިންމު އިތުރު ރޯލުތަކުން ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް ފެނިގެންދާނެއެވެ.

ފިލްމު ”މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.