ދިވެހި ފިލްމީ އަދި މިއުޒިކީ ދާއިރާއަށް އައު ފަންނާނުން ނެރުމަށް މަސައްކަތްކުރާ މަނިކް އާޓްސް އިން މިހާރު އުފައްދަމުން އަންްނަ “ލޯބިން އަލުން” އާއެކު ނަހޫ އާއި އާސިމް އަންނަ އޭޕްރީލް މަހު ބައްދަލުކުރާނެއެވެ.

“ލޯބިން އަލުން” ލަވައިގެ އިތުރު ވާހަކަތަކަށް ޖެހިލަމާ ހިނގާށެވެ. މި ލަވަ ކިޔާފައިވަނީ އަަޙްމަދު އިޝާމް އެެވެ. އިޝާމް އަކީ ފަހަކަށް އައިސް ގިނަ ބައެއްގެ ސަޕޯޓްލިބެމުން އަންނަ ލަވަކިޔުންތެރިއެކެވެ. ތަފާތު ހިތްގައިމު ރީތި ލަވަތަކެއް ކިޔަމުން އަންނަ ފަަންނާާނެކެވެ. އިޝާމްގެ ލަވަތަކަށް މީސް މީޑިއާގަައާއި ޓިކްޓޮކްގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާާހަގަކޮށްލެވެއެވެ. މި ދާއިރާއިން ކުރިއަށް ދިއުމަށް ހުރި އިޝާމް ހުރީ ލިބޭ ފުރުޞަތުތައް ބަލައިގަތުމަށް ތައްޔާރަށެވެ.

‘ސަމީރްސް ޕޮއެޓްރީ’ގެ ސަމީރުގެ ޅެންވެރިކަން ހިމެނޭ މި ލަވައިގެ މިއުޒިކް އަދި މިކްސިން ހެދީ ޢަބްދުﷲ ޝާފިޢު (ޝާ) އެވެ. ޝާފިޢު އަކީ ގިނަ އަދަދެއްގެ ލަވަތަކެއް ރެކޯޑްކޮށްފައިވާ އާޓިސްޓެކެވެ. އޭނާއަކީ މިއުޒިކްގެ ދާއިރާގައި ކުރިއަރަަމުން އަންނަ ހުނަރުވެރި ފަންނާނެކެވެ. ގިނަ އަދަދެއްގެ ލަވަަތަކެއް ހެދުމުގައި މިވަގުތުވެސް ޝާފިއު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރ. އަލިފުށްޓަށް އުފަން ޝާފިޢު އަކީ ކުޑައިރުއްސުރެން ލަވައާއި މިއުޒިކްގެ ދާއިރާއަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ހުރެގެން މި ދާއިރާގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން، ކުރިއެރުން ހޯދަމުން އަންނަ ޒުވާނެކެވެ. އެގޮތުން އޭނާއަކީ އަމިއްލަ ސްޓޫޑިއޯއެއް ހަދައި އަމިއްލަ ރާގުތަކެއް އުފައްދަމުން އަންނަ ފަންނުވެރިއެކެވެ. ޝާފިޢުގެ ދެ ލަވައަކަށް ވީޑިއޯ ތައްޔާރުކޮށް މީގެ ކުރިން ވެސް މަނިކް އާޓްސްއިން ގެނެސްދީފައިވެއެވެ.

ލަވައިގެ ޓްރެއިލާ ލިންކް މިއޮތީއެވެ. މަނިކް އާޓްސް އިން ޓްރެއިލާ ބަލައިލާށެވެ.


“ލޯބިން އަލުން” ލަވައިގެ ވީޑިއޯ އިން ފެނިގެންދަނީ ފިލްމީ ބައެއް މަސައްކަތްތަކުން ފެނިފައިވާ މުޙައްމަދު އާސިމް (ސިމް) އެވެ. އާސިމަށް މި ލަވައިން ފުރުޞަތު ލިބުނު ގޮތް އޮޅުންފިލުވައިލުމަށް އިތުރަށް ވާހަކަދައްކައިލީމެވެ.

“މިއީ މަނިކްގެ ރިކްއެސްޓެއް!” އިތުރު ވާހަކަތަކެއް ނުދައްކައި އާސިމް ބުންޏެވެ.

އާސިމްއަކީ ކުރިންވެސް ލަވަތައް ކުޅެފައިވާ އެކްޓަރެކެވެ. ކުރިން ކުޅުނު ލަވަތަކާ ބަލާފައި މި ލަވައާމެދު އާސިމް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

“ވަރަށް ވަރަށް ވަރަށް ތަފާތު، ވަރަށް ވަރަށް ވަރަށް ހިތްހަމަޖެހޭ.”

“ވަރަށް ވަރަށް ސަޅި، ވަރަށް ހިތްހަމަޖެހޭ.” ޝޫޓިން ދިޔަގޮތާމެދުވެސް އާސިމް ހުރީ ހިތްހަމަޖެހިފައެވެ. ލަވައިގެ ޓްރެއިލާއެއް ދޫކޮށްލާފައިވާއިރު ޓްރެއިލާއާ މެދުވެސް އާސިމް ބުނީ ވަރަށް ހަބޭސްކަމަށެވެ.

“މިހާތަނަށް ކުޅެވުނު ލަވަތަކަށް ބަލާފަ އެންމެ ހިތްހަމަޖެހޭ އެއް ލަވަ މީ.” ލަވައާމެދު ޖުމްލަކޮށް ދެކެނީ ކިހިނެއްތޯ އަހައިލުމުން އާސިމް ބުންޏެވެ.

މަނިކްގެ މަސައްކަތާމެދުވެސް އާސިމް ހުރީ ނުހަނު ބޮޑަށް ހިތްހަމަޖެހިފައެވެ.

“މި ދާއިރާގައި އާސިމްއާ އެއްކޮށް ވޯރކްކުރި މީހުންނަށް ބަލާފަ މަނިކަކީ ވަރަށް ވަރަށް ވަރަށް ތަފާތު މީހެއް ލަވަ ނަގާއިރު، ލަވަ ލަވައަކަށް ހަދަން ބޭނުންވާ، އެއްޗަކަށް އެއްޗެއް ހަދަން ބޭނުން ނުވާ، ވަރަށް ގަޔާވެގެން އެކަން ކުރާ މީހެއް.”

މި ލަވައިގައި އާސިމްގެ ބައިވެރިޔަކީ ނަހޫ އެވެ. ނަހޫ އާއެކު މަސައްކަތްކޮށްލުމުގެ ތަޖުރިބާވެސް މުނިއަވަސް އާ އާސިމް ހިއްސާކުރިއެވެ.

“މި ދާއިރާއަށް އާ ކުއްޖަކަށް ވިޔަސް، ވޯރކްކުރަން ވަރަށް ވަރަށް ފަސޭހަ. މިދާއިރާގައި ކުރިއަށް ދިއުމަށް މުސްތަގުބަލެއް އޮތް ވަރަށް އެކްޓިންއަށް މޮޅު ކުއްޖެއް ނަހޫ އަކީ.”

މިއީ މަނިކް އާޓްސް އިން ބެލުންތެރިންނަށް ދޫކޮށްލާ ހަދިޔާއެކެވެ. އެހެންކަމުން ބެލުންތެރިންނަށް އާސިމް ބުނީ މި ލަވަ ވަަރަށް ތަފާތުވާނެ ލަވައަކަށް ވާނެ ކަމަށާ މިހާރުވެސް ބެލުންތެރިން ދެއްވާ ސަޕޯޓް އަބަދުވެސް ދެއްވުމަށެވެ.

އިތުރު ލަވައަކުން އާސިމް ފެނިދާނެތޯ އަހައިލުމުން ބުނީ އަދި އެހެން ލަވައެއްގައި މަސައްކަތްކުރަން ނިންމާފައިނުވާ ކަމަށެވެ.

އޭޕްރީލ 04ގައި ރިލީޒްކުރާ “ލޯބިން އަލުން” ލަވައިގައި މަސައްކަތްކުރި އެންމެނަށް ޖުމްލަގޮތެއްގައި އާސިމް ޝުކުރުއަދާ ކުރެއެވެ. ޚާއްޞަކޮށް ގޮތެއްގައި މަނިކް އާޓްސް، އިޝާމް، ޢަލީ ޝާހިދު އަދި ޝާފިޢުގެ ނަން ފާހަގަކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.