އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚު އިސްލާމި ދީބާ މަޙަލް” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެރެދެއްވައިފިއެވެ. މި ފޮތް ނެރެދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

“ތާރީޚު އިސްލާމި ދީބާ މަޙަލް” ނެރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ، ރައީސް އޮފީހުގެ މުޝީރު މުޙައްމަދު ވަޙީދު، އަދި  ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤު ބައިވެރިވެވަޑައިގެންނެވިެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން، ޙަސަން ތާޖުއްދީން ލިޔުއްވި “ތާރީޚު އިސްލާމި ދީބާ މަޙަލް” އަކީ، ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަންމުތެއް ކަމަށާއި މިއީ، ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ދިވެއްސަކު އެންމެ ފުރަތަމަ ލިޔުއްވި ފޮތް ކަމަށްވާތީ، ޤައުމީ ތަރިކައެއްގެ ގޮތުންވެސް، މި ފޮތުގެ މަޤާމާއި ދަރަޖަ އެތައް ގުނައެއް އުފުލިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅު މިތަނުގައި ނަކަލުކޮށްލާނަމެވެ.

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ، އަޅުގަނޑުމެންގެ މުޝީރު މުޙައްމަދު ވަޙީދު، އަދި ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤު، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން، ޙަސަން ތާޖުއްދީން ލިޔުއްވި މި ފޮތް، “ތާރީޚު އިސްލާމި ދީބާ މަޙަލް” އަކީ، ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަންމުތެއް. މިއީ، ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ދިވެއްސަކު އެންމެ ފުރަތަމަ ލިޔުއްވި ފޮތް ކަމަށްވާތީ، ޤައުމީ ތަރިކައެއްގެ ގޮތުންވެސް، މި ފޮތުގެ މަޤާމާއި ދަރަޖަ އެތައް ގުނައެއް އުފުލިގެންދާނެ.

މި ފޮތުގެ އަޞްލު ލިޔުއްވާފައި އޮތީ ޢަރަބިބަހުން ކަމަށްވާތީ، މި ޒަމާނުގެ ސާފު ދިވެހިބަހަށް މި ފޮތް ތަރުޖަމާކުރައްވައި ޗާޕުކުރައްވައިގެން ނެރުއްވުމަކީ، ރާއްޖޭގެ ކިޔަވާ ކުދިންނަށް ލިބުނު ވަރަށް އަގުހުރި ޢިލްމީ ހަދިޔާއެއް. އަދި ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ލިބުނު، ވަރަށް އިތުބާރު ހުރި މަޞްދަރަކަށްވެސް މި ފޮތް ވާނެކަން އަޅުގަނޑަށް ޔަޤީން.

އެހެންކަމުން، މި ފޮތް ދިވެހިބަހަށް ތަރުޖަމާކުރައްވައި ނެރުއްވުމުގައި، ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ކުރެއްވި ބުރަ، އަދި އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް، މި މަސައްކަތުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެ ތެރެއިން ބައެއް ބޭފުޅުން މި ދުނިޔެ ދޫކުރައްވާފައިވާތީ، އެ ބޭފުޅުންނަށް ދަރުމައާއި ޘަވާބު ދެއްވުން އެދި ދުޢާކުރަން.

މި ފޮތުގައި ހުރި ވާހަކަތަކަށް ބަލާއިރު، މިއީ ހަމައެކަނި ތާރީޚު ފޮތެއްވެސް ނޫން. މިއީ ދުނިޔަވީ ކަންކަމުގައި ހެޔޮ އިރުޝާދު ބޭނުންވާ މީހަކަށް ވަރަށް ބޭނުންތެރި އަގުހުރި ނަޞޭޙަތްތަކެއް. އިންސާނީ ތާރީޚުގެ ފަތްފުށްތަކުން ޢިބްރަތް ޙާޞިލުކުރަން އެދޭ މީހަކަށްވެސް، އެތައް ދަރުސްތަކެއް ލިއްބައިދޭނެ ފޮތެއް.

ވަކިން ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ އޮއިވަރު، އެނބުރެމުން ބަދަލުވަމުން އައި ގޮތުގެ، ވަރަށް ރީތި ކުލަ ތަޞްވީރެއް، މި ފޮތުން ފެނިގެން ދޭ. ބައެއް ރަހުންނާއި ރަނިންގެ ރަސްކަން ފުރޮޅިގެން ދިޔުމަށް މެދުވެރިވި ސަބަބުތަކާއި، ވެރިންނާއި ރައްޔިތުންނާ ދެމެދުގެ ގުޅުންތަކުން، ރަސްކަމަށް އަސަރުކުރި ގޮތާއި، އޭގެ ނަތީޖާވެސް މި ފޮތުން އަޅުގަނޑުމެންނަށް ދައްކައިދޭ.

ރަސްކަމުގެ ކޮއިލު ތެރޭގައި ހިނގި ޢާއިލީ ގަޑުބަޑުތަކުގެ ސަބަބުން، ދިވެހި ދައުލަތަށް ލިބުނު ގެއްލުންތަކާއި، އެ ގެއްލުންތަކުން ރައްޔިތުންނަށް ކުރި އަސަރުތައްވެސް، މި ފޮތުން ކޮންމެވެސްވަރަކަށް ސިފަވެގެންދޭ. ހަމައެފަދައިން، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު، އެ ޒަމާނުގައި އޮތްގޮތްވެސް، މި ފޮތުން ކޮންމެވެސްވަރަކަށް ޚިޔާލަށް ގެންނެވޭނެ.

ރާއްޖޭގެ ތާރީޚަކީ، މީލާދީ ސަނަތު ގުނަން ފެށުމުގެ، 500 ވަރަކަށް އަހަރަށް ވުރެވެސް ދޮށީ ތާރީޚެއް. ނަމަވެސް، ރާއްޖޭގެ ތާރީޚު އަޅުގަނޑުމެންނަށް ކިޔައިދޭ ލިޔުންތައް ލިޔަން ފެށިފައި މިއޮތީ، ރާއްޖެ އިސްލާމްވުމާ ހަމައިން. މި ދެންނެވީ، މީލާދީން 1195 ވަނަ އަހަރާއި 1196 ވަނަ އަހަރާ ދެމެދު ލިޔެފައިވާ އިސްދޫ ލޯމާފާނާއި ގަމު ލޯމާފާނު ވާހަކަ.

އަދި 1196 ވަނަ އަހަރާއި 1197 ވަނަ އަހަރާ ދެމެދު ލިޔެފައިވާ ދަނބިދޫ ލޯމާނާއި، މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައި ލިޔެފައިވާ ހައްދުންމަތީ ލޯމާފާނު. މިއީ މި ރާއްޖޭގެ އެންމެ އެވޭލާ ތާރީޚީ ލިޔުންތަކުގެ ގޮތުގައި ފެންނަން ހުރި ތަކެއްޗަކީ.

ލޯމާފާނުތައް ލިޔެވުނު ދުވަސްވަރާއި، ރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށި ދުވަސްވަރަށް ބަލާއިރު، ރާއްޖޭގެ ތާރީޚުގެ ވަރަށް ބޮޑު ބައެއް މިއޮތީ، މާޒީގެ އަނދިރިކަމުގެ ތެރެއަށް ގެއްލިފައި. ރާއްޖެ އިސްލާމްވި ހިސާބުން ފެށިގެން، ރާއްޖޭގެ ތާރީޚު ލިޔަމުން އައި ކަމުގައިވިޔަސް، އެކަން ކޮށްފައި އޮތީވެސް މާ ހަރުދަނާ ގޮތެއްގައި ކަމަށް ދެންނެވޭކަށް ނެތް.

މިހެން މި ދެންނެވީ، ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ލިޔެވިފައި ހުރި ލިޔުންތައް މަދުކަމުން. ވަކިން ޚާއްޞަކޮށް، ޢިލްމީ ގޮތެއްގައި ދިރާސާކޮށްގެން ލިޔެވިފައި ހުރި ލިޔުންތައް މާބޮޑަށްވެސް މަދު. ރާއްޖޭގެ އިހުގެ ތާރީޚު ލިޔެފައި ހުރި މަދު ލިޔުންތަކުގައިވެސް، ރަސްރަސްކަލުންގެ ނަންފުޅުތަކާއި، އެ ބޭފުޅުންގެ ރަސްކަމުގެ ކަންކަން ހިނގައިދިޔަ ގޮތްތައް ލިޔެވިފައި ހުރީ، އެކި މީހުންގެ ތުންތުންމަތިން ވާރުތަވަމުން އައިގޮތަށް.

މި ދެންނެވީ ރަސްމީ އެއްވެސް ސިފައެއްގައި، ރާއްޖޭގެ އެންމެ އިހުގެ ތާރީޚު ލިޔެ ރައްކާކުރެވިފައި ނެތް ވާހަކަ. ރާއްޖެ އިސްލާމްވުމަށް ފަހުގައި ހިނގި ބައެއް ކަންކަން ލިޔެވިފައި ހުއްޓަސް، ޤައުމެއްގެ ނިސްބަތުން ބަލާއިރު އެއީވެސް ވަރަށް މަދު، އަދި ވަރަށް ހަނި ދާއިރާއެއްގައި ލިޔެފައި ހުރި ވާހަކަތަކެއް.

އޭގެ ތެރެއިންވެސް މި ފޮތަކީ، ރާއްޖޭގެ ތާރީޚުގެ ވަރަށް މުހިންމު ފޮތެއްކަމަށް އަޅުގަނޑު ދެކެން. ނަމަވެސް، މި ފޮތް ދިވެހިބަހަށް ތަރުޖަމާކޮށްގެން ނެރުމަކީ، މުހިންމު މަސައްކަތެއް ފުރިހަމަވީ ކަމަށް ދެކެވަޑައިނުގަތުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މިއީ ފެށުމެއް ކަމަށް ބައްލަވައިގެން، ދެން މަސައްކަތް ކުރައްވަންވީ، ޢިލްމީ ގޮތެއްގައި ރާއްޖޭގެ ތާރީޚު ދިރާސާކުރައްވަން.

ރާއްޖޭގެ ޢުމުރުގެ ދޮށީކަމަށް ބަލާއިރު، ދިވެހިންގެ އާސާރީ ތަރިކަތައްވެސް، އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައި ހުރީ ވަރަށް މަދުން. އަދި އެ ތަކެތީގެ މައްޗަށް ކުރެވިފައި ހުރި ޢިލްމީ ދިރާސާތައް އެއަށްވުރެ މާ މަދު. ޙަސަން ތާޖުއްދީންގެ މި ފޮތަކީވެސް، އިތުރަށް ދިރާސާކޮށް، ރާއްޖޭގެ އިހުގެ ތާރީޚާ ބެހޭގޮތުން، އިތުރު ހޯދުންތަކަށް މަގުފަހިކޮށްދޭނެ ފޮތެއް ކަމަށް އަޅުގަނޑު ދެކެން.

ތާރީޚު ލިޔުމާއި ދިރާސާކުރުމަކީ އަޅުގަނޑުމެން އަބަދުވެސް ކުރަންޖެހޭ ކަމެއް. އެއީ، ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް މުހިންމު ޤައުމީ މަސައްކަތެއް.

އަޅުގަނޑުމެން ދިރާސާކުރަންވީ، ހަމައެކަނި އިހުގެ ތާރީޚެއް ނޫން. ޙަޤީޤަތުގައި ތާރީޚު ލިޔުމަކީ، އެއިރެއްގައި އެކަމެއް ހިނގިގޮތަށް، އެއްވެސް ތަޢައްޞުބެއް ނެތި، ތެދު ބަހުން ހާމަކޮށްދިނުން. އެކަން ކުރެވޭނީ، އެކަންކަން ލޮލުން ދެކި އަތުން ހިފި ބަޔަކަށް. އަދި ލިޔަންވީވެސް، އެ ކަމެއް ހިނގަމުންދާ ދުވަސްވަރެއްގައި.

މާފަހުން އަންނަ ބަޔަކު، ދޫދޫ މަތިން އަޑުއަހާ ވާހަކަތަކެއްގެ މައްޗަށް، އެ ޤައުމެއްގެ ތާރީޚު ބިނާކުރަންވެއްޖެނަމަ، ތާރީޚު އޮޅުންބޮޅުން ވެގެން ދިޔުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެ. އެކަމަށް ފުރުޞަތު ނުދިނުމަށްޓަކައި، އެއިރެއްގެ ޙާލަތާ ބެހޭގޮތުން ޢިލްމީ ލިޔުންތައް ލިޔަމުން ދިޔުމަކީ ވަރަށް މުހިންމު ކަމެއް.

ރާއްޖޭގެ މި ފަހުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރަސްކަމުން ޖުމްހޫރިއްޔަތަށް، އަދި އަނެއްކާ ރަސްކަމަކަށް ބަދަލުވެ، އޭގެފަހުން މިހާރު މި އޮތް ޖުމްހޫރީ ނިޒާމަށް ބަދަލުވެގެން އައިގޮތުގެ ތާރީޚު ލިޔެފައި އެބަހުރި. ނަމަވެސް ދެވަނަ ޖުމްހޫރިއްޔާގެ ކުރީކޮޅުގެ ތާރީޚުން އަޅުގަނޑުމެންނަށް މާގިނަ އެއްޗެއް ފެންނާކަށް ނެތް.

އެގޮތަށް މެދުވެރިވަނީ، އެއިރެއްގެ ތާރީޚު އެއިރެއްގައި ލިޔުމަށް ސަމާލުކަން ނުދިނުމުން. އެހެންވީމާ، މިހާރުގެ ތާރީޚު އަޅުގަނޑުމެން ލިޔަމުން ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ފަހުން އަންނަ ބަޔަކު ކުރުމަށް ދޫކޮށްލަންވީ ކަމެއް ނޫން. ނަމަވެސް ތާރީޚު ލިޔުމަކީ، ވަރަށް އަމާނާތްތެރިކަމާއި ވަރަށް ތެދުވެރިކަމާ އެކުގައި ކުރަންޖެހޭ ކަމެއް. އަދި އެއީ ޢިލްމީ އުޞޫލުތަކާ އެއްގޮތަށް ކުރަންޖެހޭ ކަމެއް.

އަޅުގަނޑު އުންމީދު ކުރަނީ، ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ކަމާގުޅޭ ފެކަލްޓީތަކުން، ރާއްޖޭގެ ތާރީޚާމެދު މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި، ދިރާސާތައް ކުރައްވަން ފަށްޓަވާނެ ކަމަށް. އެކަމަށް ދަރިވަރުންނަށް ހިތްވަރު ދެއްވައި، ދިވެހިބަހުގެ އެކެޑަމީގެ އެހީތެރިކަމާއެކު، އެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރައްވުމަކީ ވަރަށް މުހިންމު ކަމެއް.

އެކަމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވައި، ރާއްޖޭގެ ތާރީޚު އަމާނާތްތެރިކަމާއެކު، ފަހުގެ ޖީލުތަކާ ހަމައަށް ގެންދިޔުމުގައި ކާމިޔާބު ދެއްވާށި. ދިވެހިބަހާއި، ދިވެހި ތާރީޚާއި ސަގާފަތް ދިރުވައި އާލާކުރުމަށް، ދިވެހިބަހުގެ އެކެޑަމީން ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވާށި! އާމީން.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.