’އެސް ޕްރޮޑަކްޝަންސް‘ އިން އުފައްދައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އަސަރުގަދަ ލޯބީގެ ފީޗާ ފިލްމް “ލޯބިވެވިއްޖެ“ގެ އޯޑިއޯ އަލްބަމް ރިލީޒްކޮށްފިއެވެ. އަލްބަމް ރިލީޒްކޮށްފައިވަނީ އެސްޕްރޮޑަކްޝަންގެ ސައުންޑްކްލައުޑް ޗެނަލްގައެވެ.

ފިލްމް “ލޯބިވެވިއްޖެ“ގެ އޯޑިއޯ އަލްބަމް ރިލީޒްކޮށްފައިވަނީ އަލްބަމްގެ ފައިނަލް ޕޯސްޓަރާވެސް އެކުގައެވެ. މި އަލްބަމްގައި ޖުމްލަ 09 ލަވަ ހިމެނޭއިރު، އޭގެ ތެރޭގައި ލިޖެންޑަރީ ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސާދީދީ ކިޔާފައިވާ ‘މިސްވެޔޭ’ ލަވަ، ބޯނަސް ލަވައެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

މަޝްހޫރު ގިނަ ލަވަކިޔުންތެރިންތަކެއްގެ ހިތްގައިމު ލަވަތަކެއް މި އަލްބަމްގައި ހިމެނެއެވެ. އެގޮތުން މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، ރާފިޔަތު ރަމީޒާ، އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރިޔަމް އަޝްފާ، މޯލްޑިވިއަން އައިޑަލް ޖަޖުކަންވެސް ކޮށްފައިވާ އައްމަޑޭ، މުމްތާޒު މޫސާ، ޙަސަން ޖަލާލް، މޯލްޑިވިއަން އައިޑޯލް ސީޒަން އެކެއްގެ “ރޮކްސްޓާރ”ގެ ގޮތުގައި މަޝްހޫރުވި މުޙައްމަދު މުއައްޒިން ނައީމް، އުއްމީދީ ލަވަކިޔުންތެރިޔާ އަލީފް ޢަލީ އާއި މަރިޔަމް ނަފްހާ ހިމެނެއެވެ.

ފިލްމް “ލޯބިވެވިއްޖެ“ގެ އޯޑިއޯ އަލްބަމްގެ ފައިނަލް ކަވަރ ޕޯސްޓަރު ތައްޔާރުކޮށްފައިވަނީ ޒަމާނީ ސްޓައިލަކަށް ވަރަށް ހިތްގައިމު ގޮތަކަށެވެ. އަލްބަމްގެ ހިތްގައިމުކަން ބަލައިލުމަށް އަލްބަމް އަޑުއަހައިލަން ހަމަ ކޮންމެހެންވެސް ޖެހެއެވެ.

ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ.

ފިލްމް ”ލޯބިވެވިއްޖެ”ޝޫޓްކޮށްފައި ވަނީ ގދ. ތިނަދޫ، މާލެ އަދި ސްރީލަންކާގަ އެވެ.

’އެސް ޕްރޮޑަކްޝަންސް‘ގެ ސިއްކައިގެ ދަށުން ގެނެސްދޭ ”ލޯބިވެވިއްޖެ”ގެ ޕްރޮޑިއުސަރުންނަކީ ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް އެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.