މި އަހަރު ފަހުކޮޅު ރިލީޒްކުރާނެ ކަމަކުގެ އިޝާރާތެއް ލިބިފައިވާ ‘އެސް ޕްރޮޑަކްޝަން’ގެ ފިލްމު “ލޯބިވެވިއްޖެ“ގެ ފަސްޓް ލުކް އަދި ރަސްމީ ޕޯސްޓަރު ރިލީޒްކޮށްފިއެވެ.

ފިލްމު “ލޯބިވެވިއްޖެ“ގެ ފަސްޓް ލުކް އަދި ރަސްމީ ޕޯސްޓަރު މިރޭ ރިލީޒްކުރީ ޓެލެވިޒަން މޯލްޑިވްސްގެ ފިލްމީ އުދަރެސް ޕްރޮގްރާމްގައެވެ. މިރޭގެ ޕްރޮގްރާމަކީ އެ ފިލްމަށް ޚާއްޞަކޮށްގެން ގެނެސްދިން ޕްރޮގްރާމެކެވެ. މި ފިލްމަކީ ސީޒަންގެ އެހެން ފިލްމުތަކާ ވަރަށް ބޮޑަށް ތަފާތުވާނެ ފިލްމަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ސީޒަން ބުނެފައިވެއެވެ.

މި ފިލްމުގައި ސީޒަން ފެނިގެންދާނެ ކެރެކްޓާ އާމެދު ސީޒަން ބުނީ ލޯބިވުމަށް ވަކި މިންވަރެއް، ވަކި ހައްދެއް ނޯންނާނެ ކަމަށާ ލޯތްބަކީ އެނގިގެންވެސް ވާ އެއްޗެއް ނޫންކަމަށާ، ނުވެސް އެނގި މީހެއް ދެކެ ވަރަށް ބޮޑަށް ލޯބިވެވިދާނެ ކަމަށެވެ. އަދި އެ މީހަކާ ނުލައި އެންމެ ސިކުންތެއްގަވެސް ނޫޅެވޭ ވަރަށް ވެސް ލޯބިވެވިދާނެ ކަމަށާ ސީޒަން ކުޅޭ ކެރެކްޓަރ އަކީ އެއީ ކަމަށްވެސް ބުންޏެވެ.

މި ފިލްމުގައި ރިޝްފާ ފެނިގެންދާނީ ލަންކާ އަންހެން ކުއްޖެއްގެ ގޮތުގައެވެ. އައްޒަަ ފެނިގެންދާނީ މަޑުމައިތި އަންބެއްގެ ގޮތުގައެވެ. ރިލީޒްކޮށްފައިވާ ޕޯސްޓަރުން ދޭހަވަނީ މިއީ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށެވެ. މި ގޮތަށް ދޭހަވިޔަސް، ފިލްމުގެ ތަފާތު އަދި މޮޅު ޓްރެއިލާ އިނ ތަފާތު ގިނަ މަންޒަރުތަކެއް ފެނިގެންދެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ ސީޒަން، ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)، އާމިނަތު ރިޝްފާ ގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.

ލޯބިވެވިއްޖެ“ގެ ޕްރޮޑިއުރަސަރުންނަކީ ސީޒަންގެ އަންހެނުން އައިމިނަތު ޝަނާޒްގެ އިތުރުން ޝާނިޒް އަލީ އެވެ.

މި ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ ތިނަދޫ އާއި އަވަށްޓެރި ސްރީ ލަންކާގައެވެ. މީގެ އިތުރުން މާލޭގައިވެސް މި ފިލްމުގެ މަންޒަރުތައް ނަގާފައިވެއެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.