އިންސާނާގެ ރީތިކަން ފެށެނީ އޭނާގެ އަހްލާގާއި ހިސާބުންނެވެ. އަހްލާގު ރަނގަޅު ވެފައި ރިވެތި ވެއްޖެނަމަ އޭނާއަކީ ރީތި މީހެއް ކަމަށް ނިންމިދާނެއެވެ.

ހެދިހުރި އަންހެންވަންތަ ފުރިހަމަ ހަށިގަނޑެކެވެ. އިސްކޮޅާއި ރޫފަ ހަށިގަނޑުގެ ބައްޓަމާއި އެހާމެ ގުޅެއެވެ. ގައިގެ ކުލަ އަލިވެފައި ހަންގަނޑު އޮމާނެވެ. ހިތިފަތު ބުމައާއި ކުރަނގި ދެލޮލެވެ. މޫނުމަތީގެ އުޖާލާކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ހީލުމުން ކޮލުން ފާޅުވާ އަޑިކޮޅާއި އަންނާރު އޮއްތަކެއްފަދަ ހުދު ދަތްތަކެވެ. އަނެކުނަށް ހިނިތުން ވެލައި ހިނިތުން ވެލުމެވެ. ވާހަކަ ދެއްކުމުގައި ގެންގުޅޭ ރިވެތި ބަސްމަގާއި އިހުތިރާމް ކުރުމެވެ.

ޒުވާން ފިރިހެނުންގެ ލޯތައް ފަތޯނާއަށް އަމާޒުވިއެވެ. ކަޅިޖަހައިލަން ހަނދާން ނެތިފައި ތިބި އެތައް ބަޔަކު ފެނުނެވެ. މެދު ނުކެނޑި ލިބެމުންދިޔަ ލޯބީގެ ހުށަހެޅުންތަކާއި އެފަދަ ދަޢުވަތުތަކަށް ފަތޯނާ ބީރު ކަންފަތެއް ދިނީ ސަބަބުތަކެއް އޮވެގެންނެވެ. އޭނާއަށް ލޯބީގެ ހުށަހެޅުން އަންނަން ޖެހޭނެކަމަށް އޭނާ އިންތިޒާރުކުރާ ފަދަ ހުށަހެޅުމެއް އަންނާނެކަން އޭނާއަށް ޔަގީންވާ ކަހަލައެވެ.

ދުވަހުގެ އެންމެ ހިތްގައިމު ވަގުތު ކަމުގައިވި އިރު އަރައިގެންއައި ވަގުތެވެ. މަދަރުސާއަށް ދާން ތައްޔާރުވެގެން ފަތޯނާ ގެއިން ނުކުތްއިރު ހައެއް ޖަހަނީއެވެ. މަދަރުސާއާއި ދިމާއަށް ހިނގަމުންދިޔަ ފަތޯނާގެ ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއް އައިސް، އަތުން ފޮތްތައް ވެރުނީ ނުބަލައި ގޯޅިން ނުކުތް ސައިކަލުން ސަލާމަތްވާން އުޅުނު ވަގުތުއެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އެޒުވާނާ ދިޔަގޮތަށް ދިޔައީއެވެ.

” މިތަން މިއޮތީ ނުބައިކޮށް ….. މިތަނުގައި އޮންނާނީ ފަންސާސްތިނެއް ޕޮއިންޓް ހައެއްފަހެއް. ” ފޮތްތައް ނެގުމުގައި ފަތޯނާއަށް އެހީތެރިވި ޒުވާނާ އޭނާގެ އަތުގައި އޮތް ފޮތުން ފެނުނު ފިލާވަޅަށް އިޝާރާތްކޮށް ބުނެލިއެވެ.

ބައިމަތިފުޅާ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑެކެވެ. ހެޔޮވަރުގެ ދިގު އިސްކޮޅާއި ހަށިގަނޑުގެ ރޫފަ ގުޅެއެވެ. ކޮނޑާއި ހަމައަށް އިސްތަށިގަނޑު ދިގުކޮށްލާފައި ހުރިއިރު ތުނބުޅި ވެސް ކުރެއް ނޫނެވެ. ބޮލުގައި ކޮންމެ ވެސް ވަރަކަށް ކުލަ ވެސް ޖައްސާއިފައި ހުއްޓެވެ. ޒަމާނީ ގޮތްތަކަށް ލޯބިކުރާ ޒަމާނީ ޒުވާނެކެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ! ” އެޒުވާނާއަށް ޝުކުރު އަދާކުރަމުން ފަތޯނާ އަވަސް އަވަހަށް މަދަރުސާއާއި ދިމާއަށް ހިނގައިގަތެވެ. ގަޑި ޖެހުމުގެ ކުރިން މަދަރުސާއަށް ދިއުމަކީ މިވަގުތަށް އޭނާއަށް އެންމެ މުހިންމު ކަންތަކެވެ.

މަސައްކަތްތެރި ހީވާގި ކަނބަލުން މަގުތަކާއި ގޯޅިތައް ކުނިކަހައި ސާފުކުރުމާއިގެން އުޅެމުން ދިޔައިރު މަސްވެރިންތައް މަހަށް ފުރުމާއިގެން ހަރަކާތްތެރިވަމުން ދިޔައެވެ. އުމުރުން ދުވަސްވީ ދެތިން މީހަކާއި ޒުވާން ފުރައިގެ އަންހެން ކުދިންކޮޅެއް ކަސްރަތަށް ނުކުމެ އަތިރިމަތީގައި ހަރަކާތްތެރިވަމުން ދިޔައެވެ. ހޮޓާތަކާއި ދިމާއަށް މިސްރާބު ޖަހާފައިވާ މީހުން ވެސް މަދެއް ނޫނެވެ.

” އަހްމަދު ! ހާދަ ލަސްވީ … އަލިބެ މިހުންނަނީ އަހްމަދު ނާއްނާތީ ކޮފީއަށް ވެސް ނުދެވިފަ. ހިނގާދާން. ” އަހްމަދު ގޮސް ގެއާއި ހަމަވި ވަގުތު ގޯތިތެރެއިން ނުކުތް އަލީ ނަޒީރު ވާހަކަ ވާހަކަދެއްކީ އަހްމަދަށް ގޮވައިލަމުންނެވެ.

އަހްމަދާއި އަލީ ނަޒީރު ވާހަކަ ދައްކަމުން ދައްކަމުން ހޮޓަލާއި ދިމާއަށް މިސްރާބު ޖެހިއެވެ.

މުދައްރިސް ކިޔަވައި ދެއްވަމުން ގެންދެވި ފިލާވަޅަށް ނަޒަރު ހުއްޓާލައިގެން އިން ފަތޯނާ ސިއްސައިގެން ދިޔައީ މުދައްރިސް ދެއްވި ޖަވާބާއި އެކުއެވެ. ފަތޯނާގެ ފޮތުގައިވާ ޖަވާބު ނުބައިކަމަށް މުދައްރިސް ބުނުމާއިއެކު ފަތޯނާގެ ހަނދާނަށް އައީ މިއަދު ދިމާވި ޒުވާނާއެވެ.

މީގެ ކުރިން ދުވަހަކު ވެސް ދެކެފައިނުވާ އެޒުވާނާގެ މަތިން ހަނދާންވިއެވެ. އެޒުވާނާ ބުނިހެން ފަތޯނާގެ ފޮތުގައިވާ ޖަވާބު ރަނގަޅެއް ނޫނެވެ. މުދައްރިސް ދެއްކި ޖަވާބާއި އެޒުވާނާ ދިން ޖަވާބު ދިމާވިއެވެ. އޭނާއަކީ ތަޢުލީމީ ޒުވާނެއްކަމަށް ނިންމީ ފަތޯނާ އަމިއްލައަށެވެ.

އާމްދަނީއެއް ލިބޭ ކަހަލަ މަސައްކަތެއް ކުރުމަކީ އަހްމަދު އަބަދު ވެސް ބޭނުންވާ ގޮތެވެ. އަލީ ނަޒީރާއިއެކު ވަޑާން ކުރުމުގެ މަސައްކަތަށް އަހްމަދު ދާން ފެށީ އޭނާ އަމިއްލައަށް އެގޮތް ބޭނުން ވެގެންނެވެ. އަތުން ފައިން މަސައްކަތެއް ނުކޮށް ހުރުމަކީ އަހްމަދު ބޭނުންވާ ގޮތެއް ނޫނެވެ. ބަޔަކު މީހުން ކައިރީ ހުންނައިރު އެމީހުނަށް އެހީވުމުގެ އިތުރުން އޭނާއަށް ޓަކައި އެމީހުން ކުރަމުންދާ ހަރަދު ނަމަވެސް އެމީހުނަށް ދެވޭނެވަރު ކުރަން އަހްމަދު ބޭނުންވިއެވެ.

އަހްމަދަކީ ހަށިގަނޑުގައި އާރާއިބާރު ހުރި ހިތްވަރުގަދަ ޒުވާނެކެވެ. މަސައްކަތްތަކަށް ބޭނުންވާ ހުނަރު އެންމެ އެކަށީގެންވާ ވަރަށް ނެތް ނަމަވެސް، ބުނާ ގޮތަށް ކަންތައް ކުރުމުގައި އޭނާގެ ކުޅަދާނަކަން އަލީ ނަޒީރަށް ފާހަގަ ކުރެވުނެވެ. އެފަދަ މަސައްކަތްތައް އަހްމަދަށް ކުރެވިދާނެކަން ޔަގީންވިއެވެ.

މަދަރުސާއިން ނުކުމެގެން ގެއަށް އައި މަގުމަތީ އެޒުވާނާއާއިމެދު ފަތޯނާއަށް ވިސްނައިލެވުނެވެ. އެއީ ކާކުބާއެވެ؟ އެޒުވާނާ މި ރަށުގައި ކުރަނީ ކީއްބާއެވެ؟ އޭނާ އުޅެނީ ކޮންތާކުބާއެވެ؟ އޭނާ ފުރައިގެން ދިޔައީބާއެވެ؟

ހުކުރު ދުވަހުގެ ހެނދުނު ވަގުތެވެ. ތެލިދޮންނަން އަތިރިއަށް ދިޔަ ފަތޯނާއަށް އެޒުވާނާ ފެނުނީ އަތިރިމަތީ ހުރި ޖޯލިފަތިތަކުން ޖޯއްޔެއްގައި އޮށޯވެލައިގެން އޮއްވައެވެ. އެސަރަހައްދުގައި އެހެން އެއްވެސް މީހަކު ނެތެވެ. އޭނާ އޮތީ ކޮންމެ ވެސް ޚިޔާލަކަށް ގެއްލިފައި ކަހަލަ ގޮތަކަށެވެ.

ހިސާބު މާއްދައަކީ ފަތޯނާއަށް އެންމެ އުނދަގޫ މާއްދާއެވެ. ޓިއުޝަން ނަގައިގެން ވެސް ކުރިއެރުމެއް ނުހޯދުނު މާއްދާއެވެ. އެކަމާއި ބެހޭގޮތުން އެޒުވާނާއާއި ވާހަކަ ދައްކައިލަން ފަތޯނާގެ ހިތަށް އެރިއެވެ.

ކޮންތާކުން އައި ކާކުކަން ނުވެސް އެނގޭ މީހަކާއި އިސްވެ ވާހަކަ ދެއްކުމަކީ ރަނގަޅުކަމަކަށް ނުވެދާނެއެވެ. ކޮންމެފަދަ ގޮތަކަށް ވެސް އޭނާ މާނަކޮށްފާނެއެވެ. މީހަކަށް ފެނިއްޖެނަމަ ކޮންމެފަދަ ވާހަކައެއް ވެސް ދައްކައިފާނެއެވެ.

ތެލިތައް ހިފައިގެން ގޮނޑުދޮށާއި ދިމާއަށް ދިޔަ ފަތޯނާ ސިއްރު ސިއްރުން އެޒުވާނާއަށް ބަލަމުން ދިޔައެވެ. ފަތޯނާއަށް އެޒުވާނާ ގޮވައިލާފާނެހެން އޭނާއަށް ހީވާ ކަހަލައެވެ.

ޖޯލިފަތީގައި އޮށޯވެލައިގެން އޮތް އަހުމަދަށް ފަތޯނާ ފެނުނީ ތެލިތައް ދޮވެގެން އެއްގަމާއި ދިމާއަށް އަންނަނިކޮށެވެ. އެ މޫނު ފެނުމާއިއެކު އަހްމަދުގެ ހަނދާނަށް އައީ މީގެ ދެދުވަހެއް ކުރިއެވެ. އެ ދެމީހުން އެންމެ ފުރަތަމަ ދިމާވި ދުވަހެވެ.

ފަތޯނާއަށް ގޮވައިލުމަށް އަހްމަދުގެ ހިތް އެދުނެވެ. އޭނާއާއި ވާހަކަ ދައްކައިލަން ބޭނުންވިއެވެ.

ބީރައްޓެހި ރަށެއްގައި އެފަދަ އެކަހެރި މާހައުލެއްގައި އަންހެން ކުއްޖަކަށް ގޮވައިލުމަކީ ގޯހެކަށް ވެދާނެއޭ އަހްމަދުގެ ހިތަށް އެރިއެވެ. ނުވެސް ދަންނަ އެއަންހެން ކުއްޖާއަށް ގޮވައިލުމުން އަހްމަދާއިމެދު އޭނާ ދެކެފާނެ ގޮތަކާއިމެދު ވެސް ވިސްނައިލެވުނެވެ. ރަށުތެރެއަށް ފެތުރިދާނެ އަޑަކާއިމެދު ވެސް ވިސްނައިލެވުނެވެ.

” އައްސަލާމް އަލައިކުމް! ” ފަތޯނާ އައިސް ޖޯލިފައްޗާއި ހަމަވުމުން އަހްމަދު ގޮވައިލިއެވެ. އިހްތިޔާރުން ބޭރުގައި ނަމަވެސް އެކަން ކުރެވުނެވެ.

” ވައަލައިކުމުއް ސަލާމް. ” އަހްމަދަށް ހިނިތުން ވެލަމުން ފަތޯނާ ސަލާން ބަލައިގަތެވެ. ސަލާމަށް ޖަވާބު ދިނުމުގެ މުހިންމުކަން އަބަދު ވެސް އޭނާގެ ހިތުގައި އޮވެއެވެ.

ސަލާން ގޮވައިލުމާއި ހާލު އަހައިލުމުން ފެށުނު ވާހަކަތައް ދެމީހުންގެ ތަޢާރަފާއި ހަމައަށް ދިޔައެވެ. އެދެމެދުގައި ރަހުމަތްތެރިކަން އުފެދޭން ހޭދަވީ ކުޑަ ވަގުތުކޮޅެކެވެ. ދެމީހުން ވެސް ތިބީ އެކަމަށް ބޭނުންވެފައި ކަހަލައެވެ. ދެހިތުގެ އެދުމަކީ އަދި ގޮވުމަކީ ވެސް އެއީ ކަހަލައެވެ.

އަހްމަދު ވެގެން ދިޔައީ އަލީ ނިޒާރު ބޭނުންވި ފަދަ ޒުވާނަކަށެވެ. ގަޑިން ގަޑިއަށް ބަރާބަރަށް ނަމާދު ކުރުމަށާއި ޤުރުއާން ކިޔެވުމަށް ބުނާކަށް ހަނދާން ކޮށްދޭކަށް ނުޖެހެއެވެ. މަސައްކަތް ދަސްކުރުމުގައި ހިތް އަލިވެފައި ތޫނުފިއްޔެވެ. ހިސާބު އިލްމަށް ކުރިއަރައިފައި ހުރީތީ މިންތައް ބެލުމާއި މިންތައް ޖެހުންފަދަ ކަންކަމުގައި ފިސާރަ ކުޅަދާނައެވެ. މަސައްކަތްތައް އަވަސްވެފައި އިތުރު މަސައްކަތްތައް ކުރުމަށް ފުރުސަތުތައް ތަނަވަސް ވެގެން ދިޔައެވެ. އަހްމަދާއިމެދު އަލީ ނިޒާރު ފަހުރުވެރި ވެއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު ފަތޯނާ އާއި އަހްމަދުގެ މެދުގައިވާ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ދިޔައެވެ. އެގުޅުމާއިމެދު ދެމީހުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

” އާދެވޭވަރު ވެއްޖެދޯ ؟ މިހާރު ގޮސް އެގާރަ ޖެހީވިއްޔަ. ކޮބާ ފިރިހެންދަރި ؟ އޭނާ ގޮވައިގެން ހޮޓަލަށް ގޮސް ދެބަފައިން ކޮފީ ބޮއިގެންދޯ ތިއައީ ؟ ” އަލީ ނަޒީރު އައިސް ކޮޓަރިއަށް ވަނުމާއިއެކު އޭނާގެ އަންހެނުން ބާސިރާ ދޮޅައިގަތެވެ. އަންނާނެއިރެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ.

” ބާސިރާއަށް ހަމަ ސާބަސް. އަހްމަދު ފެންނައިރަށް ކަލެއަށް ކިހިނެތްތަ ތިވަނީ ؟ އަހަރެން ހަމަ ހައިރާންވެއްޖެ. މީހުންނާއި ދިމާއަށް ހިތުހުރި އެއްޗެއް ކިޔާލާއިރު އެންމެ ފަހަރަކު ވެސް ވިސްނާލީމުތަ ؟ ….. އަހްމަދުގެ ސަބަބުން އަހަރެންނަށް ހާދަ ފަސޭހައެކޭ ވަނީ. މަސައްކަތްތައް ނިންމަން ހާދަބޮޑު އެހީތެރިކަމެކޭ އޭނަ އެދެނީ. ޝުކުރުކޮށްބަލަ ހިލޭ ސާބަހަށް އެވަރުގެ ބޮޑު އެހީތެރިކަމެއް ދޭތީ. ” ބާސިރާގެ ވާހަކަތަކުގެ ސަބަބުން އަލީ ނަޒީރު ހިތްހަމަ ނުޖެހުނެވެ. ބާސިރާއަށް ވިސްނައި ދެވޭތޯ މަސައްކަތްކުރިއެވެ.

” އާން. ގޯސްވާނީ އަހަރެން. އަހަރުން ދިނީމާ ކައިގެން އަހަރުން ދިނީމާ ނިދައިގެން …. އެއީ އެއްވެސް ހަރަދެއް ނޫން. އެހީތެރިކަމެއް ވެސް ނޫން. ” ބާސިރާ ހުރީ ހުއްޓާކަށް ނޫނެވެ.

އިތުރަށް ވާހަކަ ދައްކަން މަސައްކަތް ކޮށްފިނަމަ ހިތްހަމަ ނުޖެހުން އިތުރުވެގެން ހިނގައިދާނެކަން ވިސްނުމުން އަލީ ނަޒީރު ނުކުތީ ބޭރަށެވެ. ޒުވާބުކޮށް އަޑުގަދަ ކުރުމަކީ އަލީ ނަޒީރު ބޭނުންވާ ގޮތެއް ނޫނެވެ. ދައްކަންޏާއި ދައްކާނެ ވާހަކަތައް ބައިވަރެވެ. އެގޭގައި އަހްމަދު ބަހައްޓައިދިނީތީ އެ ޢާއިލާގެ ފަރާތުން ފޮނުވަމުންދާ ފައިސާގެ ވާހަކަ ވެސް ދައްކަންވީއެވެ.

މަދަރުސާއިން ނުކުމެގެން ނިހާރާ އާއި ވާހަކަ ދައްކަމުން ދައްކަމުން އައި ފަތޯނާއަށް އަހްމަދު ފެނުނީ ނިހާރާމެން ގެއަށް ވަންނަނިކޮށެވެ. އަހްމަދު ފެނުމާއިއެކު ފަތޯނާގެ މޫނުމަތިން ފާޅުވި ހިތްހަމަ ޖެހުން ނިހާރާއަށް ފާހަގަވިއެވެ.

” ތި ދެ މީހުންނޭ ކިޔައިގެން ރަށުތެރޭގައި ދެކެވެމުންދާ ވާހަކަތައް އެއީ ތެދެއްހެން ހާދަ ހީވެޔޭ. ” ފަތޯނާއަށް ބަލައިލަމުން ނިހާރާ ބުނެލިއެވެ.

” ނިހާރާ ދައްކާ ވާހަކަ. އެއީ ހަމަ ރައްޓެއްސެއް. އޭނާ ވަރަށް މޮޅު ހިސާބު މާއްދާއަށް. ” ހިނިތުން ވެލަމުން ފަތޯނާ ބުނެލި ޖުމްލައާއިއެކު ނިހާރާގާތަށް އައީ ނުލަފާ ހިންޏެކެވެ.

” ކޮންތާކުން … އެއީ ބޮޑު ޕާޓޭއެއް. ތިމާއަށް ވުރެ ބޮޑެތި އަންހެނުން ގަޔަށް އަރަން އުޅޭ މީހެއް. ބޮޑު ވަގެއް. ވަރެއް ވެފަތާ ކަލޭ ތިހުރީ. ” ހިތްހަމަ ނުޖެހުމާއިއެކު އަވަސް އަވަހަށް ނިހާރާ ކިޔައިލިއެވެ. އެވާހަކަތައް ގޮވައިލާނެ ވަގުތެއްގެ އިންތިޒާރުގައި އޭނާ ހުރި ކަހަލައެވެ.

އިތުރަށް އަހްމަދުގެ ވާހަކަ ދައްކާކަށް ފަތޯނާ ބޭނުމެއް ނުވިއެވެ. އަހްމަދާއި ބެހޭގޮތުން ފަތޯނާއަށް އެނގެނީ އޭނާ ކިޔައިދީފައިވާ ވާހަކަތަކެވެ. އަހްމަދުގެ ކިބައިން އޭނާއަށް ފެންނަ ކަންކަމެވެ. ނިހާރާއަކީ އަހްމަދު ގެންގުޅޭ އަލީ ނަޒީރުގެ ހުރި ހަމައެކަނި ދަރިއެވެ. އެއް ފުރާޅެއްގެ ދަށުގައި ނިދައި އެއްތަށިމަތިން ކައިބޮއި އުޅޭ މީހެކެވެ. އަހްމަދުގެ ޙަޤީޤަތް ބޮޑަށް އެނގޭނީ އޭނާ އަށެވެ.

ނިހާރާގެ ވާހަކަތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ފަތޯނާއަށް ގަބޫލު ނުކުރެވުނު ބައެއް ކަންކަން ހުއްޓެވެ. އަހްމަދަކީ ވަގުތަށް ނަމާދަށް ދިއުމަށާއި ޤުރުއާން ކިޔެވުމަށް ސަމާލުކަންދޭ ޒުވާނެކެވެ. އަލީ ނަޒީރާއިއެކު ދުވާލު ހަތަރުދަމު ކަހަލަ ގޮތަކަށް މަސައްކަތު އުޅެއެވެ. ގުރޫޕް ހަދާފައި ރަށުތެރެއަށް ނުކުމެއެއް ނޫޅެއެވެ. ރަށުގައި އުޅޭ ވިޔާނުދާ ގުރޫޕްތަކާއި ގުޅުމެއް ނޯވެއެވެ. އެއްވެސް އަންހެން ކުއްޖަކާއި އެއްވެސް ގުޅުމެއް އޮންނަ ކަމަކަށް އަޑެއް ނީވެއެވެ.

އަހްމަދަކީ ނިހާރާ އެބުނާ ފަދަ ޒުވާނެއްނަމަ އޭނާގެ ފަރާތުން އެކަހަލަ ކޮންމެ ވެސް ޢަމަލެއް ފެންނާނެއެވެ. އެކަހަލަ ކޮންމެ ވެސް ވާހަކައެއް ރަށުތެރޭގައި ދެކެވޭނެއެވެ. އެފަދަ ގުރޫޕްތަކާއި ކޮންމެ ވެސް ގުޅުމެއް އޮންނާނެއެވެ.

ހަވީރު ހައެއް ޖަހައިކަން ހާއިރެވެ. ކުޅެން ގޮސްފައި ފަތޯނާ އައިސް ގޯތިތެރެއަށް ވަތްއިރު އޭނާގެ މަންމަ ޝާލޫ ޖޯލިފަތީގައި އޮށޯވެލައިގެން އޮތެވެ. މަންމައަށް ހިނިތުން ވެލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތް ފަތޯނާ ހުއްޓުނީ ޝާލޫ ގޮވައިލުމުންނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.