ދުވަސްވަރަކީ ކޮލެޖުގެ ކިޔެވުން ނިމި ގުރޭޖުއޭޝަނަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. ކޮލެޖުގައި ދާދާ ހެދިލާފައި އުޅުނެއް ކަމަކު ކޮލެޖުން ވަކިވާން ޖެހޭތީ އެ ހިތާމަ އަހަރެންގެ ހިތުގައިވެސް ނިކަން ގަދައަށް އޮތެވެ. ހޭލަމޭލައަށް މީހުންތައް އެކި ކަންކަމުގައި މަސްއޫލުވެގެން އުޅުނު އިރު އަހަރެން އިނީ ބޮޑުވެފައި މީހުނަށް އަމުރު ކުރުމުގައެވެ.

ކުއްލިއަކަށް ފަހަތުން މީހަކު ފޮޅާލި ފައިފުހީގެ ހިރަފުސްތައް އައީ އަހަރެންގެ ގަޔަށެވެ. އަޑުގެ ނެތް ތަނަށް ހަޅޭއްލަވައިގަތީމެވެ.

“ވަޓް ދަ ހެލް. ދެލޯ ކަނު އާލާތުންތަ އުޅެނީ ؟”

އެކޮޅުން ނިކަން މަޑުމައިތިރި ލަދުރަކި އަޑަކުން ބުނި އަޑު އިވުނެވެ.

“ސޮރީ. ނޭނގުނީ.”

އެހެން ބުނި ގޮތުންވެސް އަހަންނަށް އެއީ މިއުޅޭ ކަޓު އަންހެން ގޮލައެއްކަން އެނގުނެވެ. އޭނާއާ ނިކަން ރަނގަޅަށް ފޮށިލާ އެންމެންތެރޭ ލަދުގަންނަވާލާ ހިތްވިއެވެ. ވަގުތުން އެނބުރިލާފައި ކައިރީ ހުރި ހަޑި ފެން ބާލިދީ އެކުއްޖާގެ ގަޔަށް ޖެހީމެވެ. ތަނުގެ އަދިރި ކަމާއެކުވެސް އެކުއްޖާގެ އެހެރަ ރީތި ފަން އިސްތަށިގަނޑު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ފެން އެތި ޖެހުމުން ކުރިއަށް ހިނގަހިނގާ ހުރި އެ ކުއްޖާ ހުއްޓުނެވެ. އަދި އަހަންނާވީ ފަރާތަށް އެނބުރި އަހަންނާއި ދިމާއަށް އަންނަން ފެށިއެވެ. އަހަރެން ހީކުރިގޮތާއި ޚިލާފަށް ފަހަތަށް ޖެހެވުނީ އަހަންނަށެވެ. ވާނީވެސް އެހެންތާއެވެ. އަންހެން ކުއްޖަކު އެހާ ޖެހިލުމެއްނެތި އަހަންނާއި ދިމާއަށް އައި މިއީ ފުރަތަމަ ފަހަރު ވިއްޔާއެވެ.

އެ ކުއްޖާ އައި ގޮތަށް އައިސް އަަހަރެންގެ ބޮލުގެ ދެފަރާތުގައި ހިފަހައްޓާލުމަށްފަހު ތުންފަތާއި ތުންފަތް ޖައްސާ ކިސް ކޮށްލިއެވެ. އަހަންނަކީ އެތައް ބައިވަރު އަންހެން ކުދިންނާއި އެކު އެކަން ކޮށްފައިވާ މީހަކަށް ވީނަމަވެސް އެހާ މަޑު އޮމާން ދުންފަތެއްގައި އަދި ނުޖެހެމެވެ. އެހެރަ ލީ މީރު ރަހަ ބަޔާން ކޮށްދޭނީ ކިހިނަކުން ހެއްޔެވެ. އަހަންނަށް ހޭވެރިކަން ވީ އަހަރެންގެ ގޭންގު އައިސް އަހަރެންގެ ގައިގައި ޖަހާލުމުންނެވެ. އޭރު އެ ކުއްޖާ ފެންނަންވެސް ނެތެވެ. ހުވަފެނެއްބާއޭ ހިތާ ތުންފަތް ހަފާލީމެވެ. ހުވަފެނެއް ނޫނެވެ. ގޭންގުގެ ދިމާކުރުމުގެ ބަސްތައް އަހަންނަށް ރައްދުވާން ފެއްޓިއެވެ.

” އޭތް! ތި ގޮލާ ކިހިނެއް ތި ހެދީ؟”

” އަތަށް ގޮވީ ދޯ؟”

އެމީހުން އެކިޔަމުން ދިޔަ އެއްވެސް އެއްޗަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ބަޔަކަށް ރައްދު ނުދީ ދިޔަ ފަހަރަށްވާނެއެވެ. އަހަންނަށް މުހިންމުވީ އެކުއްޖާ ހޯދުމެވެ. އެއީ ކޮންކުއްޖެއްތޯ އަހަރެން ބަލަން ބޭނުމެވެ. އަހަންނަށް މިކުރުވި އާދަޔާ ޚިލާފު ގޮތުގެ އަސްލު ބަލަން އަހަރެން ބޭނުމެވެ.

މުޅި ކެމްޕަސް ހޯދި އިރުވެސް އަހަންނަކަށް އެ ލޫޅާފަތި ފަން ދިގު އިސްތަށިގަނޑުގެ ވެރިޔާ ފެންނަގޮތެއް ނުވިއެވެ. މޮޔަ ގަނޑެއްހެން ދެފަރާތަށް ބޯ ހޫރަމުން އަހަންނަށް ދުވެވުނު ވަރެއްވެސް ނޭގެއެވެ. އަޑަށް ބާރުލާ އަހަރެންގެ ގޭންގަށް އެ އަންހެން ކުއްޖާ ހޯދުމަށް އަންގާ ފަހުގެ ކޮމާންޑް ދިނީމެވެ. އެކި މީހުން އެކި ދިމާއަށް ފޮނުވާލައިގެންވެސް އެ ކުއްޖާގެ އެއްވެސް ޚަބަރެއް އަހަންނާއި ހަމައަށް ލިބޭގޮތެއްވެސް ނުވިއެވެ.

މިޖެހުނީ ކިހާ ދެރަ ކަމެއް ހެއްޔެވެ. އަހަރެން ކަހަލަ ކެރޭ، ޖެހިލުމެއް ނުވާ ދާދާ އަކާ އެހެން ޖެހިގަންނަން ކެރޭ ވަރު ކުއްޖަކު އުފަންވީ ކޮންތާކުން ހެއްޔެވެ. ނުވާނެއެވެ. އެއީ މިހިސާބުގެ ކުއްޖެއް ނޫނެވެ. އެހެންނަމަ އަހަންނާ އެގޮތަށް ޖެހިގަންނަން ކެރޭނެ ހެއްޔެވެ.

ކޮންމެއަކަސް އެރޭ ވެގެން ދިޔައީ އަހަރެންގެ ހަޔާތުގައި ނިދިން މަހުރޫމުވެ މީހަކާ ދެތެރޭ ވިސްނި ފުރަތަމަ ރެއަށެވެ. އެމޫނުކޮޅަށް އަހަރެންގެ ނަޒަރު އޭރު ނުހުއްޓުނީ ކީއްވެ ހެއްޔެވެ. މުހިންމު ވަގުތު ތަކުގައި އަބަދު އޭގެ އެންމެ މުހިންމުވާ ބައި ދޫކޮށްލެވެނީ ކީއްވެ ހެއްޔެވެ.

އޭގެ ފަހުން އިރު އަރާ އިރު އޮއްސޭ ކޮންމެ ދުވަހެއް ދަނީ އެކުއްޖާގެ ޚިޔާލުގައި އެކުއްޖާ ހޯދުމުގެ މަސައްކަތުގައެވެ. އަހަރެންގެ މީހުން ފޮނުވާ ރަށުގެ ހުރިހާ ގެއެއްގެ ކުދިން އިސްތަށިގަނޑު ބެލީމެވެ. ނަަމަވެސް ކޮންމެ ދުވަހަކުވެސް އަހަންނަށް ލިބެނީ މާޔޫސްކަމެވެ. ކޮލެޖު ނިމި ބައްޕަގެ ވިޔަފާރިއާއި ހަވާލު ވާންވީ ދުވަހު ޚުދު އަހަންނަށްވެސް އަހަރެން ކޮބައިކަން ނޭނގެއެވެ. އެއްވެސް ކަމެއް ކުރާހިތް ނެތި ކޮޓަރި ތެރޭ އަމިއްލަ ނަފުސު ބަންދު ކުރީ އެނޫން އެއްވެސް ގޮތެއް އަހަންނަށް ނެތިގެންނެވެ.

އާއިލާއިން އަހަންނަށް ވެގެން އުޅޭގޮތް ހޯދުމަށް ކުރި މަސައްކަތް ބޭކާރު ކޮށްލީ އަހަރެންގެ ހުރި ރުންކުރު ގޮތާއި ގޮތްދޫނުކުރުމެވެ. ވެގެން އުޅޭގޮތް ނޭނގޭ ހާލު އެމީހުނަށް މަޖުބޫރުވީ އަހަރެން ބޭނުން ގޮތަށް އަހަރެން ދޫކޮށްލާށެވެ. އަހަރެންގެ ހިތާއި ސިކުނޑި އެކުއްޖާއަށް އެދޭވަރު މީހަކަށް ކިޔާދޭނީ ކިހިނެއް ހެއްޔެވެ. އެ ހޭދަވި ވަގުތު ކޮޅުގެ އިހުސާސް އަހަރެން ދޫކޮށް އެންމެ ހިނދުކޮޅަކަށްވެސް ނުދެއެވެ. އެބީހުމަށް އަހަރެންގެ ހިތް އެދި ގޮވަނީއެވެ. އެންމެ ފަހަރަކަށް ނޫނެވެ. މުޅި އުމުރަށެވެ. ގޭންގު ތެރޭގައި އަހަރެންގެ އަގު ވެއްޓި އެންމެން ސަމާސާކޮށް މަލާމާތް ކުރާ މީހަކަށް އަހަރެން ވެގެން ދިޔައީއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ތިން އަހަރުވެގެން ދިޔައީ އަހަރެން އެހާލުގައި އުޅެނިކޮށެވެ. ވަރަށް ހިތްވަރުކޮށް އަމިއްލަ ދިރިއުޅުން ކޮޅަށް ޖެހުމަށްޓަކައި އަހަރެން ނިކުތީމެވެ. އެއީ ފެނުނު ލޯބި ހުވަފެނެއް ކަމުގައި ނިންމާ އަހަރެން ބައްޕަގެ ވިޔަފާރިއާއި ގުޅުނީމެވެ. މިކަމާ މުޅި އާއިލާ އުފާކުރިއެވެ. އިސާހިތަކު އެ ޚިޔާލުތަކާއި ކޮންމެވެސް ވަރަކަށް ދުރުވެވި މަސައްކަތުގައި ކާމިޔާބީތައް ހޯދެންފެށުނެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ކޮފީތަށްޓެއް ހިފައިގެން ގޭ ގޯތި ތެރޭ ހުރި ބަނބުކެޔޮ ގަހުގައި އެލުވާފައި އޮތް ޖޯއްޔެއްގައެވެ. ކުއްލިއަކަށް އަހަރެންގެ ކަންފަތުގައި އެ ޖެހުނީ މީގެ އަހަރުތަކެއް ކުރިން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އަޑެވެ.

“އޭތް. ފަހުން އަންނާނަން އިނގޭ” އެ އަޑުގައި އެހުރި މަޑުމައިތިރި ކަމާއި ލަދުވެތިކަން އަހަންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. އެއީ ހަމަ އެ އަޑެވެ. އަތުގައި ހުރި ކޮފީތަށި އެއްލާލާ މަގުމައްޗަށް އަހަރެން ދުވެ ނިކުތްއިރު މީހެއްގެ ހިލަމެއްވެސް ނެތެވެ. އަހަންނަށް ހީވި ގޮތެއްބާވައެވެ. އަހަރެން އެހާ ހިތްވަރުން ކުރި މަސައްކަތް ބޭކާރުވީބާވައެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އެ މަންމަން ދުނިޔެ އަލުން އަހަންނެއް ބޭނުމެއް ނޫނެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. އަހަރެން އޮފީސް ނިންމާ ގެއަށް ވަންނަނިކޮށް އަހަރެން ގައިގައި އަޅައިގަތީ ކޮއްކޮގެ އެންމެ ގާތް އެކުވެރިއާ އަހަރުމެންގެ އަވައްޓެރިއެކެވެ. އޭނަގެ ބީހުން އަހަންނަށް ހަނދާން ކޮށްދިނީ މިހާ ދުވަހު އަހަރެން ހޯދަމުން މިދާ ކުއްޖާއެވެ. ނަމަވެސް އެހެންވާނީ ކިހިނެއް ހެއްޔެވެ. މިއީ އެންމެ ކުޑަ އިރުއްސުރެ މިގެއަށް އައިސް އުޅޭ ގެ ކައިރި ކުއްޖެކެވެ. އަނެއްކޮޅުން އެހާ މަޑުމައިތިރި މިކުއްޖާއަށް އަހަރެންމީ ކާކުކަން އެނގި ހުރެ އެކަހަލަ ކަމެއް ކުރަން ކެރޭނެ ހެއްޔެވެ. ނުވާނެއެވެ. މިއީ އަދިވެސް އަހަރެންގެ ހިތުގައިވާ އެ އިހުސާސް ތަކުގެ ސަބަބުން ހީވާ ހީވުމެކެވެ.

ރުންކުރު ގޮތަކަށް ބަލާލުމަށްފަހު އަހަރެން ހިނގައި ގަތީމެވެ. ފަހަތުން ވަރަށް އަދަބު ވެރިކަމާއެކު “ސޮރީ” އޭ ބުނި އަޑު އިވިގެން ދިޔަ ވަގުތަކީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ވަގުތެވެ. އަހަރެންގެ ހަށިގަނޑުގައި އަސަރު ނުކުރާ ހަމަ އެންމެ ލޯލި އެއްވެސް ނުހުންނާނެކަން ގައިމެވެ. އެއީ އެ އަޑެވެ. އަހަރެންގެ ހަޔާތަށް އިންގިލާބު ގެނައި އަހަރެން އެއަޑެއް ހޯދުމަށް މިއަށް ހުރިހާ ދުވަހު މަސައްކަތް ކުރި އަޑެވެ. އަހަންނަށް ހޭވެރިކަންވެ ފަހަތް ބަލައިލި އިރު އެކުއްޖާ އަހަރެންގެ ކޮއްކޮއާއި އެކު ގެއިން ބޭރަށް ނިކުންނަނީއެވެ. ދުވެ ގޮސް އެހިމަ ތޮޅި އަތުގައި ހިފާ ހުއްޓުވީމެވެ. އަދި އަބަދުވެސް އައްސާ ހުޅި ޖަހާފައި އޮންނަ އެ އިސްތަށިގަނޑުގައި ލަތްކެއް ޖެހި ބޮޑިން މިނިވަންކަމާއި އެކު އެ އިސްތަށިގަނޑު ދޫވެގެން ދިޔައެވެ. އަހަންނަށް ލެވުނީ ފުން ނޭވާއެކެވެ. އާނއެކެވެ. އެއީ އެ އިސްތަށި ގަނޑެވެ. އެއީ އެ އަޑެވެ. އެއީ އޭނާއެވެ. ކައިރީ ހުރީ ކާކުތޯވެސް ބަލާނުލާ ތުންފަތާއި ތުންފަތް ޖައްސާލީ ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. ބާރަށް ބައްދާލީ ދުވަހަކުވެސް ދެން ނުދެވޭނޭ ބުނާ ހާލުގައެވެ.

މިއަށް ހުރިހާ ދުވަހު އަހަރެން ހޯދި އެ ރަންގަނޑު އެހާ ކައިރީ އުޅުނު އިރު އަހަންނަށް ނޭގުނީ ކީއްވެ ހެއްޔެވެ. އަހަރެން ހާދަ ހޯދީމެވެ. ފިރިހެނެއް ކަމަކު އަހަންނަށް ހަމަ ރަނގަޅަށްވެސް ރޮވެން ފެށުނެވެ. އަދި ޝަކުވާތައް ބަންޑުން ޖަހަންފެށީމެވެ.

“ކީއްވެ ނުބުނީ ތިމަންނައޭ މީ. ކީއްވެ އަހަންނާ ވާހަކަ ނުދެއްކީ. މިއަށް ހުރިހާ އަހަރު ހޯދަން މިކުރި މަސައްކަތް….. ކީއްވެ.”

“އަހަރެން” ލަދުރަކިވެ ހުރެ އޭނަ ބުނެލިއެވެ.

“ދޮންބެ މީނައާއި ހެދިތަ މޮޔަ ވެގެން ތިއުޅުނީ. ކުރިން ބުނި ނަމައެއްނު” ކޮއްކޮ ގާތަށް އައީ ލާނެއް ހިންޏެކެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް