ޖުމްލަ75 ފަރާތަކުން ބައިވެރިވުމަށް ރެޖިސްޓަރކޮށްފައިވާ “މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1″ ޤުރުއާން ތަރުޖަމާގެ ވީޑިއޯ ފޮނުއްވޭނެ ސުންގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 00:00ގެ ކުރިންނެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިވެލެއްވި ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑުނުކުރައްވާ، ދީފައިވާ ގައިޑްލައިން އާ އެއްގޮތަށް ވީޑިއޯ ކުރެއްވުމަށްފަހު މުނިއަވަސްގެ ޓެލެގްރާމް ނަންބަރު 7419078 އަށް ޓެލެގްރާމް މެދުވެރިކޮށް ވީޑިއޯ ފޮނުއްވަމުން ގެންދެވުން އެދެމެވެ.

އުމުރުން 07 އަހަރާއި 65 އަހަރާއި ދެމެދުގެ ބޭފުޅުންނަށް ޚާއްޞަކޮށްގެން މުނިއަވަސް އާއި ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން ގެނެސްދޭ މި މުބާރާތަށް ވީޑިއޯޯ ފޮނުއްވަން ޖެހެނީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއިން އެބޭފުޅަކު ބޭނުން ސޫރަތަކުން 08 އާޔަތުގެ ދިވެހި ތަރުޖަމާ އެވެ.

❂ ތަަރުޖަމާ ހުށައަޅަން ޖެހެނީ އާޔަތްތަކުގެ ތަރުޖަމާ އެކަންޏެވެ. މާނައަކީ އާޔަތްތައް ކިޔަވާކަށް ނުޖެހޭނެއެވެ. ތަރުޖަމާ ކިޔަން ފެށުމުގެ ކުރިން ތަރުޖަމާ ކިޔަނީ ކޮން ސޫރަތެއްގެ ކިތައްވަނަ އާޔަތުން ކިތައްވަނަ އާޔަތަށްކަން ވިދާޅުވުމަށްފަހު، بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ ކިޔައި ބިސްމިނުގެ ތަރުޖަމާ ކިޔައި އާޔަތްތަކުގެ ތަރުޖަމާ ކިޔަން ފަށާނީ އެވެ. ނިންމަން ވާނީ صدق الله العظيم ކިޔަމުންނެވެ.

❂ އާޔަތް ގުނުމުގައި ބިސްމި އާއި ޞަދަޤަﷲ ނުހިމެނޭނެއެވެ.

❂ މުބާރާތުގައި މާކްސް ދިނުމުގައި ބަލާނީ ތަރުޖަމާ ހުށައަޅައިދިނުމަށެވެ.

❂ ވީޑިއޯ ރެކޯޑްކުރުން
ޤުރުއާން ތަރުޖަމާ ވީޑިއޯ ރެކޯޑްކުރަން ޖެހެނީ ބެލެނިވެރިން އަމިއްލަފުޅަށެވެ. ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންއަކީ ’ވަން ޓޭކުން‘ ހެދިފައިވާ ރެކޯޑިންއަކަށް ވާން ޖެހޭނެއެވެ. ވީޑިއޯ އާއި އޯޑިއާއަށް އެއްވެސް އިފެކްޓެއް ގެނެސްފައިވާނަމަ، އެ ވީޑިއޯއެއް މުބާރާތުގައި ނުހިމެނޭނެއެވެ.

– ޤުރުއާން ތަރުޖަމާ ވީޑިއޯ ރެކޯޑްކުރާއިރު ކިޔަވާ ބޭފުޅެއްގެ އަޑު ވީހާވެސް ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ. ރެކޯޑްކުރައްވާ ވީޑިއޯގައި މަންޒަރާއި އަޑު ސާފުވާން ވާނެއެވެ. މާހައުލުގެ އަޑުތައް ވީޑިއޯގައި ހުރެގެން ނުވާނެއެވެ.

– ވީޑިއޯ ކުރަންވާނީ ލޭންޑުސްކޭޕްކޮށް 16:9 ފްރޭމްކޮށެވެ. ތިރީގައި އެވަނީ ވީޑިއޯ ހުންނަން ޖެހޭނެ ގޮތުގެ ނަމޫނާއެކެވެ. ވީޑިއޯ ނަންގަވާއިރު، ތަރުޖަމާ ކިޔުއްވާާ ބައިވެރިޔާ އިށީންދެ އިންނެވުމަކީ ވީޑިއޯ ރީތިވާނެ ކަމެކެވެ.

ހަމަ އެހެންމެ ވީޑިއޯ ކުރައްވާއިރު، ތަރުޖަމާ ކިޔުއްވާ ބައިވެރިޔާ އާއި ބެކްގްރައުންޑާއި ދެމެދުގައި6 އިންޗި އާއި12 އިންޗި އާއި ދެމެދުގެ ދުރުމިނެއް ބެހެއްޓެވުމަށްވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.

– ވީޑިއޯ ރެކޯޑިން ހަދަން ޖެހެނީ ސާފު ހުދު (ޕިޔޯ ވައިޓް) ބެކްގްރައުންޑެއްގައެވެ.

ވީޑިއޯ ރެކޯޑްކުރެއްވުމަށް މިގޮތަށް ފޯނު ނުވަތަ ކެމެރާ ހިފަހައްޓަވައި 16:9 ފްރޭމްގައި ލޭންޑްސްކޭޕްކޮށް ރެކޯޑްކުރައްވާށެވެ. މި ނޫން ގޮތަކަށް ނުވަތަ ޕޯޓްރެއިޓްކޮށް ކޮށްފައިވާ ވީޑިއޯވެސް މުބާރާތުގައި ބައިވެރިއެއް ނުކުރެވޭނެއެވެ.

– ވީޑިއޯ ރީތިކުރުމަށްޓަކައި ފަސްމަންޒަރާއި އެއްކުލަ ނުވަތަ ކުލަ މެޗުވާ ކުލައެއްގެ ހެދުން ނޭޅުން އެދެވިގެން ވެއެވެ. ވީޑިއޯގައި ބައިވެރިޔާ ހުންނަން ވާނީ ބައިވެރިޔާގެ އުނގަނޑާއި ހަމައިން މަތިން ފެންނަގޮތަށެވެ. ވީޑިއޯ ކުރުމުގައި ބައިވެރިޔާގެ ބޮލުން މައްޗަށް ސްކްރީނުން ’ހަތަރު އިންޗި‘ ވަރު ބަހައްޓަވަން ވާނެއެވެ.

❂ ”މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1“ ގައި މާކްސް ދިނުމުގައި ބަލާނީ އަންނަނިވި ކަންތައްތަކަށެވެ.

1) ކިޔުންތެރިކަން %70
2) ހުށައެޅުން %10
3) ރާގައި ސްޓައިލް %10
4) އަކުރު އަދާކުރުން %10

❂ މި މުބާރާތް ސްޕޮންސަރ ކުރެއްވުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވައިލެވިފައެވެ. ސްޕޮންސަރ ކުރެއްވުމާއި މުބާރާތުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9957171 ގުޅުއްވުން އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.